ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

މިއީ މުޅިދުނިޔޭގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ބޮޑުއީދުގެ ބޮޑުއުފަލުގެ ދުވަސްވަރެވެ. މުޅިދުނިޔޭގައާއި ދިވެހިރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރީގެ ދުވަސްވަރެވެ. ދުނިޔޭގެ އެންމެބޮޑު ފުޓުބޯޅަ މުބާރާތް ބެލުމުގެ އުފާވެރިކަމުގެ ޖޯޝާއި ފޯރިއެވެ. ދުނިޔޭގައި، އަދި ދިވެހިރާއްޖޭގައިވެސް އެންމެ ތަރުހީބު ބޮޑު، އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓުބޯޅައެވެ. މިފަހަރު ވޯލްޑްކަޕް އޮތީ އޭޝިޔާގެ ގަތަރުގައެވެ. އަރަބި، މުއްސަނދި އެހެނަސް ކުޑަގައުމެކެެވެ. އެހެންކަމުން ތަފާތު ތަޖުރިބާއެކެވެ. އިންތިޒާމުތައް ހަމަޖެއްސުމުގައި ގޮންޖެހުންތަކެވެ. އެހެނަސް ފޯރި އެންމެ ގަދައެވެ. ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް އަދި ސައްތައެއްވެސް ނުވެއެވެ. ވޯލްްޑްކަޕް ފެށުނީ 1930ގައެވެ. ވީމާ މިވީ 92 އަހަރެވެ. 5 ފަހަރު ދުނިޔޭގެ ޗެންޕިއަންކަމުގެ ރިކޯޑާއެކު، ވޯލްޑްކަޕުގެ އެންމެ ޝަރަފުވެރި ރިކޯޑު އޮތީ ދެކުނު އެމެރިކާގެ ބްރެޒިލަށެވެ. 2ވަނައިގައި 2ގައުމެވެ. 4 ފަހަރު ވޯލްޑްކަޕް ލިބުމުގެ ރެކޯޑު ޔޫރަޕުގެ ޖަރުމަނުވިލާތާއި، ޔޫރަޕުގެ އިޓަލީވިލާތެވެ. 3ވަނައިގައި 3ގައުމެވެ. ދެކުނުއެމެރިކާގެ އާޖެންޓީނާ، ދެކުނުއެމެރިކާގެ އުރުގުއޭ އަދި ޔޫރަޕުގެ ފަރަންސޭސިވިލާތެވެ. މިއީ 2ފަހަރު ވޯލްޑްކަޕް ކާމިޔާބުކުރި 3ގައުމެވެ. ދެން 1 ފަހަރު ވޯލްޑްކަޕް ލިބުނު 2ގައުމެވެ. ޔޫރަޕުގެ 2ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި، އިސްޕޭންވިލާތެވެ. ވީމާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެންމެ ކާމިޔާބު 2 ބާރަކީ ޔޫރަޕާއި ދެކުނުއެމެރިކާއެވެ.

ދިވެހިރާއްޖެއަށް ވަގުތުން ފެނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ވޯލްޑްކަޕަކީ މެކްސިކޯގައި 1986ގައި ބޭއްވުނު "މެކްސިކޯ86"އެވެ. އެއީ އާޖެންޓީނާގެ ފަހަރެވެ. މަރަޑޯނާގެ ރަންޒަމާނެވެ. އެއިގެ ފަހުން މިވީ 36 އަހަރު ހުރިހާ ވޯލްޑުކަޕެއް ދިވެހީންނަށްވެސް ވަގުތުން ފެނުނެވެ. ފަހަރެއް ފަހަރަކަށްވުރެ ފަސޭހަ، ފުރިހަމަ ގޮތެއްގައެވެ. ސަޕޯޓުކުރުމުގެ އެންމެ ފޯރިއާއި ޖޯޝް ދިވެހީންގެ ކިބައިގައި ވެއެވެ. ބްރެޒިލް، އާޖެންޓީނާ، އިޓަލީ، ޖަރުމަނު، ފްރާންސް، ސްޕެއިން އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި ހިމެނެއެވެ. މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ، ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށް ވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި އެކުވެރިވުމުގެ މަތިވެރި ސިފަވެސް އިތުރުވެއެވެ. ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވިތާ 75 އަހަރު (އަލިމަސްޔޫބީލް) ފަހަނައަޅައިފިއެވެ. އެއީ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން ދިވެހިރާއްޖެ ސަލާމަތްވެ، ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓް ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ. ސިލޯނުގެ ތަޖުރިބާކާރު މާހިރެއް ކަމުގައިވި މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ، ފުރަތަމަ މުބާރާތް އޮތީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން އަވަށު ކުލަބުތައް އުފެދި، އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. އަދި އަމީނީ ދައުރު ނިމުނުއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓުބޯޅަ ދަނޑެއް ހެދިފައިވިއެވެ. މުޅިރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެފައެވެ.

"ކުޅިވަރަކީ، ޒުވާނުންގައި އެކުވެރިކަން އުފެއްދުމުގެ އެންމެވަރުގަދަ އެއްބާރެވެ. ގައުމިއްޔަތަކީ، އެބައިމީހުންގެ ރޫހު އެއިން ދިރުވަންވީ އަގުހުރި ޖައުހަރެވެ. މިދެބައި އެކުވެގެން އުފައްދާނީ ގައުމުގެ މުސްތަގުބަލުގެ ބާއްޖަވެރިކަމެވެ. ގައުމުގައި ކުޅިވަރުގެ މަގާމަކީ އެކުވެރިކަމާއި ފުރިހަަމަ ތަރުބިއްޔަތެއްގެ މަތިވެރި މަގާމެވެ. އޭގެސަބަބުން އިއްތިހާދެއްގެ ހުރިހާ މޮޅުސިފަތަކެއް އެބައެއްގައި އަށަގަންނަމުން އަންނާނެއެވެ. ޒުވާނުންގެ ހިތްތައް އެކުވެރިވުމުގެ ސަަބަބުން ހަރަކާތްތަކުގައި އެއުފައްދާ ހަލުވިކަމާއި އެއްބާރުލުމުގެ އަމާޒަކީ، އުފެދޭ އިޚުލާސްތެރި ލޯތްބެވެ. އިންސާނިއްޔަތުކަމުގެ މުޅި ޝަރަފު ހޯދުމަށް ގަދައަޅާ ވަރުގަދަ ލޯތްބެވެ. ޝައްކެއްނެތެވެ. ގައުމުގެ މުސްތަގުބަލަކީ ޒުވާނުންގެ މެދުގައި އުފެދެމުންދާ ދިރުމުގެ ހަރަކާތްތަކެވެ. އެކަމުގެ ރޫހަކީ އެކުވެރިކަމުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ މަތިވެރި ކުޅިވަރެވެ." (އަލްއުސްތާޒު އިބްރާހީމް ޝިހާބު ރަހިމަހުﷲ) 26 ޖުލައި 1974ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.

0%
0%
0%
0%
33%
67%