މަޖީދިއްޔާއަށް އެންމެބޮޑު ބަދަލުތަކާއި ޒަމާނީ ކުރިއެރުން ގެނެސްދެއްވީ ނާޞިރު

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި މެދުނުކެނޑި މިހާތަނަށް 450 އަހަރު ދެމިގެން އައި އިލްމީ ސިލްސިލާގެ ތެރެއިން އަލިވެ އުޖާލާވި އިލްމީ ދަންމަރެވެ. ރާއްޖޭގެ އެންމެ ފަޚުރުވެރި ޝަރަފުވެރި މަދުރަސާއެވެ. މަޖީދިއްޔާ ނުވަތަ ސަނިއްޔާގެ ފެށުމަކީ 17 ޝައްވާލު 1345 ބުދަ ދުވަހު ހެނދުނު 7 ޖެހިއިރު ފަނޑިޔާރުގޭ ފެންޑާގައި އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ނާޒިރުކަމުގައި ރަސްމީގޮތުން ކިޔަވައިދެއްވަން ފެށްޓެވި ފެށްޓެވުމެވެ. އެއީ މަދުރަސަތުއް ޞަލާޙިއްޔާއެވެ. (ފަހުން މަދުރަސަތުއް ސަނިއްޔާއެވެ. މަދުރަސަތުއް މަޖީދިއްޔާއެވެ. އަދި މަޖީދިއްޔާ ސްކޫލެވެ.) މިދުވަހަކީ މީލާދީ ތާރީޚުން 20 އޭޕުރީލު 1927އެވެ. އެހެންނަމަވެސް ހިޖުރީ ތާރީޚު މީލާދީ ތާރީޚަށާ ބަދަލުކުރުމުގެ ތެރޭގަައި 1958ގައި އޮޅުމުގެ ތެރެއިން މަޖީދިއްޔާގެ އަހަރީ ދުވަސް 19 އޭޕުރީލުގައި ފާހަގަކުރާތާ 65 އަހަރު ވަނީއެވެ.

މީލާދީގޮތުން މަޖީދިއްޔާއަށް 95 އަހަރުފުރި 100 އަހަރު ފާހަގަކުރުމުގެ އިހުތިފާލުތައްވެސް ހިނގަމުންދަނީއެވެ. ހިޖުރީގޮތުން 98 އަހަރުވެ ހިނގަމުން މިދަނީ 99ވަނަ އަހަރެވެ. މިއަހަރުގެ 17 ޝައްވާލުގައި ހިޖުރީގޮތުން މަޖީދިއްޔާއަށް 99 އަހަރު ފުރި 100ވަނަ އަހަރު ފެށޭނެވެސްމެއެވެ. މަޖީދިއްޔާއަށް 100 އަހަރުފުރުމުގެ އިހުތިފާލުތައް ހިނގަމުންދާއިރު "އިހުމާލު ކުރެވިފަައިވާ ކަމަށް މިކަންކަން އެނގިވަޑައިގަންނަވާ ފަރާތްތަކުން ފާހަގަކުރައްވާ ކަންކަމަށް މިމުނާސަބަތުގައި ބަލާލުމަކީ އެކަށޭނަ ކަމެކެވެ. 1960ގެ އަހަރުތަކުގައި ރާއްޖޭގައި ރަސްމީގޮތުން އިނގިރޭސި ތަޢުލީމު ފެށުން ހިމެނުނީ ރާއްޖޭގެ ތަޢުލީމީ ތަރައްޤީގެ އެންމެ ބޮޑު އިންޤިލާބީ ކުރިއެރުން ކަމުގައެވެ. އެއިގެ ފަހުން ރާއްޖެއަށް ލިބުނު ހުރިހާ ކުރިއެރުމެއް އަދި މެދުފަންތީގެ މީހުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސިޔާސީ އިޖުތިމާއީ އިގުތިސާދީ މައިދާނުގައި ކުރިއަށް ދިއުމުގެ މަގުފަހިވީ މިކަމުގެ ސަބަބުން ކަމުގައެވެ. ބޮޑުވަޒީރު އަދި ވަޒީރުލްމަޢާރިފް ޞާޙިބުއްދައުލަތު (ދައުލަތުގެ މަތިވެރި ސާހިބު) ޞ.ދ. ނާޞިރުގެ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯ ލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށެވެ. އަންހެން ދަރިވަރުންނަށެވެ. އެއީ ޖަނަވަރީ 1967ގައެވެ.

އެ ފަޚުރުވެރި ދަރިވަރުން

  • ލަޠީފާ އަޙްމަދު / ގ. ގުލްދަސްތާގެ
  • އަނީސާ އަޙްމަދު / މ. އުނިމާގެ
  • ޙައްވާ ޤާސިމް / ހ. ސަންރޭ
  • ފާޠިމަތް ދީދީ / ހ. ހަރުމަލުގެ

ހުރިހާ މާއްދާއަކުން ލަޠީފާ އަޙްމަދު ފާސްވިއެވެ. މަޖީދިއްޔާ ދަރިވަރުން ފިރިހެން ކުދިން ޖީ.ސީ.އީ. އޯލެވެލް ހެދީ އެއަހަރުގެ ޖޫންގައެވެ. ޖޫން 1967ގައެވެ.

އެންމެ ފުރަތަމަ ޖީ.ސީ.އީ. އޯލެވެލް ހެދީ މަޖީދިއްޔާ ދަރިވަރުން

  • އިބްރާހީމް މޫސާ ފުޅު / ހ. ރޭލައިޓް
  • މައިޒާން އާދަމް މަނިކު / ހ. މައިޒާންދޮށުގެ
  • ޢަބްދުއްރަޝީދު ޙުސައިން / ހ. ގިރިތެރޭގެ
  • އާދަމް އިބްރާހީމް / މ. އަސްރަފީގެ
  • އަޙްމަދު އިސްމާޢީލް މަނިކު / ހ. ރޯނުގެ
  • ޝަހީމް ރާޟީ / މއ. ސަތަރުގެ
  • ޢަލީ އާދަމް މަނިކު / ހ. ކީރަންމާގެ

ވީމާ، މަޖީދިއްޔާއާއި އަމީނިއްޔާގެ ތައުލީމަށް އެންމެ ބޮޑު އިންގިލާބީ ބަދަލުތަކާއި ޒަމާނީ ކުރިއެރުން ގެނެސްދެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ބޮޑުވަޒީރު ކަމުގައެވެ. ސީދާ އެމަނިކުފާނުގެ މޭސްތިރިކަމާއި ބެއްލެވުމުގެ ދަށުންނެވެ. މިހަގީގަތްތައް އެނގިފާޅުވެގެންވެއެވެ. މިކަންކަން ފެނިވަޑައިގެންނެވި ދެކެވަޑަައިގެންނެވި ގިނަ ބޭފުޅުން އެބަތިއްބެވިވެސްމެއެވެ.

0%
0%
0%
0%
0%
0%
31 އޮކްޓޯބަރ 2022 | ހޯމަ 01:29
އ
މަޖީދިއްޔާ އިސްކޫލަށް މަރުހޫމު ނާސިރު ވ ރަނގަޅު ޚިދުމަތްތަކެއް ކުރެއްވި. އިސްކޫލުގެ ނިޒާމު ޒަމާނީ ކުރައްވައި އަދި ވަރަށް ގާބިލު ނާޒިރުންނާއި މުދައްރިސުން ގެންނެވި. ނަމަވެސް، 1977ގެ ފަހުން، މަޖީދިއްޔާގެ ކިޔެވުން ހީނަރުވި. އެންމެ ބޮޑު އެއް ސަބަބަކީ ޓީޗަރުން ނެތުން. ޚާއްސަކޮށް އެ ދުވަސްވަރުގެ މަތީ ކިލާސްތަކުގައި ބައެއް މާއްދާތައް ކިޔަވައިދޭނޭ ޓީޗަރުން ނެތުން. މިސާލަކަށް، ޗެމިސްޓްރީ، ޖިއޮގްރަފީ އަދި ފިޒިކްސް ވެސް ކިޔަވައިދޭނޭ ޓީޗަރުން ނެތުން. ދެން، މަޖީދިއްޔާގެ ޓެކްޓްސްޓް ފޮތްތަކާއި އަދި ވެސް އެހެން ބައިސާމާނުތައް ގެއްލުނު ގޯލްޑަން ޖުބިލީ ތެރޭގައި. މިކަން ހިނގަން ދިމާވީ، އެ ދުވަސް ވަރު، އެއެއްޗެހި ރަނގަޅަށް ރައްކާނުކުރެވި، ބޭނުން މީހަކަށް އެއެއްޗެހި ހުރި ތަނަކަށް ވަދެ، ނެގޭ ގޮތަށް ހުރުމުން. މިއީ އެކަން ކުރަން ތިބި މީހުންގެ އިހުމާލުންވީ ކަމެއް.