ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިދާރީގޮތުން އެންމެ ގިނަގުނަ ޚިދުމަތްތައް ކުރެއްވީ ޓޫރިޒަމް ޑިޕާޓްމަންޓްގެ ވެރިޔާ (ޑިރެކްޓަރ އަދި ޑިރެކްޓަރ ޖެނެރަލް) އޮނަރަބަލް އަޙްމަދު ޒާހިރު ކަން ކަމާބެހޭ އެންމެންނަށް އެނގެއެވެ. 1978 އިން 1989 އަށް 11 އަހަރު އެމަނިކުފާނު ކުރެއްވި ގައުމީ ޚިދުމަތްތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ފަޚުރުވެރި ތާރީޚުގައި ރަން އަކުރުން ލިޔެވެން ޖެހެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވެސް ވަޒީރަކަށް ނުކުރެއްވޭ ވަރުގެ ބިނާކުރަނިވި ދެމެހެއްޓެނިވި ތަރައްގީތަކާއި ކުރިއެރުންތަައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޮނަރަބަލް އަޙްމަދު ޒާހިރުގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަމާއި މޭސްތިރިކަމުގައި ގެނެސްދެއްވި ކަމަށް ބެލެވެއެވެ. ފެންނަން ހުރި ކަންކަމާއި ހެކިތަކުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ރާއްޖޭގެ އެންމެ ބޮޑު އިގުތިސާދު ކަމުގައިވެސްވީ އެމަނިކުފާނު ޓޫރިޒަމް ހިންގެވިއިރުއެވެ. އެހެންވިޔަސް އޮނަރަބަލް އަޙްމަދު ޒާހިރުގެ ފަތުރުވެރިކަމުގެ ގައުމީ ޚިދުމަތްތައް އެކަށީގެންވާ ގޮތެެއްގައި ފާހަގަނުުކުރެވި އިހުމާލުކުރެވިފައެވެ. އޮނަރަބަލް އަޙްމަދު ޒާހިރުގެ ފަތުރުވެރިކަމުގެ ގައުމީ ޚިދުމަތްތަކުގެ ތެރެއިން, ޒަމާނީ ހިންގުންތެރިކަން, ޓޫރިޒަމް މާކެޓިންގ އެންޑް ޕްރޮމޯޝަން, ޓޫރިޒަމް ޓްރޭޑް ސްޓޭންޑެޓް އެންޑް ލީގަލް އެފެއާޒް, ޓޫރިޒަމް ސްޓެޓިސްޓިކްސް, ޓޫރިޒަމް ޕްލޭނިންގ އެންޑް ޑެވެލޮމަންޓް, ހޮޓެލް ސްކޫލް ހިމެނެއެވެ. އަދި ފަތުރުވެރިކަމުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ރިސޯޓުތަކުގެ އިމާރާތްތައް ގަސްކަރައަށްވުރެ މަތިވިޔަ ނުދިނުން، ރިސޯޓު ރަށްރަށުގެ ރުއްގަސް ކަނޑާނަމަ ހުއްދަ ނަގަންޖެހުން، ޑައިވިންގ ކަންކަން ހަރުދަނާކުރުން ކަނޑުގެ މާހައުލު ރައްކާތެރި ކުރުން، ފަތުރުވެރިކަމުގެ ލޭބަރ ކަންކަން ހަރުދަނާކުރުން، ރިސޯޓުތަކާއި ހޮޓެލްތައް ހިންގާނެ ގޮތްތަކުގެ ހަރުދަނާ އެންމެހައި މިންގަނޑުތައް އެކަށައަޅަައި ތަންފީޒުކުރުން ހިމެނެއެވެ. އެހެންކަމުން މިކަންކަން ފާހަގަކުރެވެން ޖެހެއެވެ.