ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން މެންދުރުފަހު 3 ޖެހުމާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ހުރިހައި ފަރާތްތަކުން ވެސް، ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.