ދުނިޔޭގައި މިހާރު ކޮވިޑް ޖެހެމުންދާ ކޮންމެ ތިން މީހަކުން އެކަކީ އިންޑިޔާއިން ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުންދާ މީހެކެވެ. ދުވަހަކަށްވުރެ ދުވަހެއް އަދަދުތައް އަންނަނީ މަތިވަމުންނެވެ. ކޮވިޑް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތަކުން ކޮންމެ ދުވަހަކު އެގައުމު އަންނަނީ ރިކޯޑް ހަދަމުންނެވެ.
އިންޑިޔާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަން ފަހަނަޅާ ގޮސްފައެވެ. އަނެއްކޮޅުން ކޮވިޑްގެ ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަނާއި ސިއްހީ އެހެނިހެން ސާމާނު ނެތުމުގެ ސަބަބުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. މާހިރުން ގަބޫލުކުރާގޮތުގައި ރަސްމީކޮށް ހާމަކުރަމުންދާ އަދަދުތަކަށް ވުރެ އަސްލު އަދަދު މާ ބޮޑަށްވެސް މަތިވާނެއެވެ.
ނުރައްކާތެރި ދެވަނަ ރާޅު:
އިންޑިޔާއަށް ކުރިމަތިވި ކޮވިޑްގެ ދެ ވަނަ ރާޅާއެކު ދުވާލަކު އެވްރެޖްކޮށް ތިންލައްކައަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ފާއިތުވި ހަފުތާގައި އެގައުމުގައި ދުވާލެއްގެ މައްޗަށް ތިންލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަން ބަލި މީހުންނާއިގެން ވަނީ ފުރިފައެވެ. އެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަވަސް އެހީތެރިކަމެއް އެގައުމަށް ދޭން ފަށާފައެވެ.
ރޮއިޓަރސް އިން ހާމަކުރާގޮތުގައި އިންޑިޔާގެ ހާލަތު އެންމެ ގޯސް ވެރިރަށް ނިއުދިއްލީގައި ކޮންމެ ހަތަރު މިނަޓަކުން ކޮވިޑް ޖެހިގެން މީހަކު އަންނަނީ މަރުވަމުންނެވެ.
ދިއްލީގައި ހުންނަ ރެޑިކްސް ހެލްތު ކެއަރ ގައި މަސައްކަތްކުރައްވާ ޑރ ރިތޭޝް މާލިކް އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިޔާއަށް މިހާރު ކުރިމަތިވެފައިވަނީ 1947 ވަނަ އަހަރު އިންޑިޔާއިން އިނގިރޭސިން ފައިބައި މިނިވަންކަން ލިބުނު ފަހުން އިންޑިޔާގެ ވަކި ސަރަހައްދެއް ޕާކިސްތާންގެ ގޮތުގައި އުފެދި ހިނގާދިޔަ ކަންތައްތަކުގެ ފަހުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާއެވެ.
އިންޑިޔާގެ ފަގީރު އާބާދީތަކަށް އޮކްސިޖަން ހޯދަން ޖެހިފައިވުމާއި ހޮސްޕިޓަލްގައި އެނދު ނެތުމުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަނެއްކޮޅުން އަދި ކޮވިޑްގެ ދެވަނަ ރާޅުގެ ޕީކާ ހިސާބަކަށް ނުދެއެވެ. މާލިކް ވިދާޅުވާ ގޮތުން ކޮވިޑްގެ ދެވަނަ ރާޅުގެ ޕީކާ ހިސާބަށް އެގައުމު ދާނީ ކުރިޔަށް އޮތް ހަފުތާގައި ނުވަތަ ދިހަވަރަށް ދުވަސްފަހުންނެވެ.
އެންމެ ހާލަތު ގޯސް ސަރަހައްދުތައް:
އިންޑިޔާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ މަހާރަޝްތުރާ ސްޓޭޓްގައެވެ. އެއީ އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ މުމްބާއީ ހިމެނޭ ސަރަހައްދެވެ.
އެންމެ ބޮޑަށް ކޮވިޑް ފެތުރެމުން އަންނަނީ އެންމެ އާބާދީ ބޮޑު މީހުން ތޮއްޖެހިގެން އުޅޭ ސަރަހައްދުތަކުގައެވެ.
ނިއުދިއްލީގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ޕޫނޭފައި ހަތް ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އެއަށްފަހު އެންމެ ހާލަތު ގޯހީ ބެންގަލޫރުގައެވެ. އެއީ ހަލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެންނެވެ.
ވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށީ ކޮންއިރަކު؟
ފާއިތުވި މަސްދުވަހުގެ ތެރޭގައި އިންޑިޔާގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވަނީ 4.2 އިންސައްތައިން 18.4 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
ނިއުދިއްލީ ކަހަލަ ސަރަހައްދުތަކުގައި އެރޭޓް ހުރީ 30 އިންސައްތައާ ގާތުގައެވެ. ޕޮޒިޓިވިޓީ ރޭޓް ކަނޑައަޅާނީ ޓެސްޓް ކުރެވޭ ރޭޓުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކް ފޯހުގެ ބައްދަލުވުމެއް ފެބްރުއަރީ އަދި މާރޗް މަހު އެއްގޮތަކަށްވެސް ބާއްވާފައެއްނުވެއެވެ. ބައްދަލުވުމެއް ޖެނުއަރީ މަހު ބޭއްވުމަށްފަހު ދެން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި 21 ވަނަ ދުވަހުއެވެ. އޭރު ހާލަތު ވަނީ ކޮންޓްރޯލު ނުކުރެވޭ ހިސާބަށް ގޮސްފައެވެ.
އޮކްސިޖަން ލިބުމުގައި އިންތިހާއަށް ދަތިކަން:
ކޭސްތައް އިތުރުވަމުން ދިޔުމާއެކު ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނަށް އިންތިހާއަށް ބާރުބޮޑުވާން ފެށިއެވެ. ބަލި މީހުން ބަލާނެ ޑޮކްޓަރެއް އާދޭތޯ ބަލި މީހުންގެ އާއިލާތަކުން ހޮސްޕިޓަލްތަކުގެ ބޭރުގައި ތިބެގެން އެތައް އިރެއްވަންދެން އާދޭސްކުރަންޖެހޭ ހާލަތަށް ދިޔައެވެ.
ބަލި މީހުންނާގެން ފުރިބާރު ވަމުންދިޔަ ހޮސްޕިޓަލްތަކުގައި ބަލި މީހުންގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި އޮކްސިޖަނެއް ނެތެވެ.
ސަރުކާރުން މިހާރު ވަނީ ބޭރު ގައުމުތަކުން އެގައުމަށް ލިބޭ އޮކްސިޖަނާއި އެގައުމުގެ އެހެން ސަރަހައްދުތަކުން ލިބޭ އޮކްސިޖަން އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް ރޭލެއް ޚާއްސަކޮށް އަސްކަރިއްޔާ މިމަސައްކަތަށް ނެރެފައެވެ.
މަރުވާ މީހުން ވަޅުލައި އަންދާ ގަބުރުސްތާން ފަދަ ތަންތަން ފުރިގެން މަރުވާ މީހުންގެ ހަށިތަކަށް ގޮތެއް ނުހެދި މަޑުކޮށްލައިގެން ތިބުމަށް އެމީހުންގެ އާއިލާތަކަށް އަންނަނީ އަންގަމުންނެވެ.
ސްކްރޯލް ވެބްސައިޓުން އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާ ސަރުކާރުން އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށް ބުނި 50 އޮކްސިޖަން ޕްލާންޓްގެ ތެރެއިން އެދުވަހާ ހަަމައަށް ގާއިމުކުރެވިފައިވަނީ 11 ޕްލާންޓެވެ. އެކަމަށް ޖަވާބު ދެމުން ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެފަދަ 162 ޕްލާންޓް ގާއިމުކުރުމަށް ޕްލޭން ކުރެވިފައިވާކަމަށާއި އެތަނުން 32 ޕްލާންޓް ގާއިމުކުރެވިފައިވާ ކަމަށެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމް:
މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް އައިއިރު އިންޑިޔާއިން ވަނީ 138 މިލިއަން މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ނަމަވެސް އާބާދީގައި 1.4 ބިލިއަން މީހުން ތިބިއިރު އެގައުމުގެ އާބާދީގެ 10 އިންސައްތަ މީހުންނަށްވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެނުއަރީ މަހާ ހަމައަށް ލިބިފައިނުވެއެވެ.
އިންޑިޔާއިން ވަނީ 193 މިލިއަން ވެކްސިން ޑޯޒް އުފައްދާފައެވެ. އެއީ ދުނިޔޭގައި އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 21 އިންސައްތައެވެ. އިންޑިޔާއިން ވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން 95ށް ވުރެ ގިނަ ގައުމަށް 66 މިލިއަން ޑޯޒް ފޯރުކޮށްދީފައެވެ.
އިންޑިޔާއިން އަންނަނީ ދެ ވެކްސިނެއް އުފައްދަމުންނެވެ. އެއީ ސިރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނާއި ބަހާރަތު ބައޯޓެކުން އުފައްދަމުން އަންނަ ކޮވެކްސިންއެވެ.
މާރޗް މަހު އިންޑިޔާއިން ވަނީ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުން މެދުކަނޑާލާފައެވެ. އެއީ އެގައުމުގައި ވެކްސިންގެ ދަތިކަން ކުރިމަތިވާން ފެށުމުންނެވެ.
އަމިއްލަ ފަރާތްތަކަށް ވެކްސިން އެތެރެކުރުމުގެ ފުރުސަތު ދީ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އިންޑިޔާއިން އުފައްދަމުން އައި ވެކްސިން ޖެހުމުގެ ފުރުސަތު ދިނެވެ.
އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ފަންޑުކުރާ އެސްއައިއައި އިން ވަނީ އިންޑިޔާއަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފައެވެ. އެކަމަށް އެސްއައިއައި އަދި ބަހާރަތު ބައޯޓެކަށް 400 މިލިއަން ޑޮލަރާއި 210 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން ދޭނެއެވެ.
އިންޑިޔާ އަށް ސިއްހީ ސާމާނު އުފެއްދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހުއްޓާލާފައިވާ އެމެރިކާއިން އާދިއްތަ ދުވަހު ބުނެފައިވަނީ ވެކްސިން އުފެއްދުން ހަލުވި ކުރުމަށްޓަކައި އެގައުމުން އެތަކެތި ފޯރުކޮށްދޭން އަލުން ފަށާނެކަމަށެވެ.