ކ. މާލެ
|
31 މާރޗް 2021 | ބުދަ 16:39
އިލެކްޓޯރިއަލް ކޮމިޓީގެ ޗެއާމަން މުޙައްމަދު ރިޔާޒާއި ރައީސް ކަމަށް ވާދަކުރައްވާ އިލްޔާސް ވަހީދު (އިއްލަ) އެކުގައި
އިލެކްޓޯރިއަލް ކޮމިޓީގެ ޗެއާމަން މުޙައްމަދު ރިޔާޒާއި ރައީސް ކަމަށް ވާދަކުރައްވާ އިލްޔާސް ވަހީދު (އިއްލަ) އެކުގައި
މިހާރު
ވީއޭއެމުގެ އިންތިޚާބު
އުއްމީދުތަކާ ގުޅިފައިވާ ވީއޭއެމުގެ އިންތިޚާބު މާދަމާ
 
ވީއޭއެމުގެ ރައީސްކަމަށް ވާދަކުރައްވަނީ ރަނޭ އާއި އިއްލަ
 
އިންތިޚާބު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައި

އުއްމީދުތަކާ ގުޅިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

ވީއޭއެމުގެ މައްސަލަ ބޮޑުވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ވީއޭއެމުގެ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިން ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ހަވާލުކުރި ހިސާބުންނެނެވެ. އެގޮތުން އެންމެ ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ. އެކަމަކު އެއަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމުގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގާފައެވެ. އެއާއެކު އެ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ ވީއޭއެމުގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިން ކޮމިޓީއެއް އެކުލަވާލާފައެވެ.

އެކަމަކު ވީއޭއެމުގެ މައްސަލަ ދިގުލައިގެންދިޔައިރު، މި މައްސަލަ ބެލުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ "އެޑްހޮކް ކޮމިޝަން" އެއް އުފެއްދިއެވެ. އަދި ދާދި ފަހުން އެ ކޮމިޝަނުން ވަނީ އޭއެމުގެ މައްސަލަ ނިންމައި، އައު އިންތިޚާބަކަށް ދިޔުމަށް ގައިޑްލައިނެއް އެކުލަވާލާފައެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ ހަވީރު ވީއޭއެމުގެ އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ވީއޭއެމުގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު، ވީއޭއެމުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ މުޙައްމަދު ރަނޭޝް (ރަނޭ) އާއި އިލްޔާސް ވަހީދު (އިއްލަ) އެވެ. ވީއޭއެމުގެ ރައީސްގެ މަޤާމަށް ރަނޭ ކުރިމަތިލެއްވިއިރު، އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގައި ރައީސަކަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ލަތީފުގެ ޓީމުގައި ރަނޭ ހިމެނުނެވެ. އެގޮތުން ރަނޭ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޚަޒާންދާރެއްގެ ގޮތުގައެވެ. އެކަމަކު ފަހުން ސީނިއާ ނައިބު ރައީސަކަށް ރަނޭ ހަމަޖެއްސި ނަމަވެސް، 2018 ވަނަ އަހަރު ރަނޭ ވަނީ އިސްތިއުފާދެއްވާފައެވެ.

ދެން މި އިންތިޚާބުގައި ރައީސްގެ މަޤާމަށް ކުރިމަތިލެއްވި އިއްލަ ވަނީ މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ވީއޭއެމުގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި މީގެ ކުރިން ނިއު ރޭޑިއަންޓާއި ވިޗެންޒާއަށްވެސް ކުޅެފައިވާ އިއްލަ އޭރު ހިމެނިފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިންގެ ތެރޭގައެވެ. އެގޮތުން ސްކޫލުތަކުގެ މެދުގައި ވޮލީބޯޅައިގެ ފޯރި ގަދަވެގެންދިޔައިރު، އީޕީއެސް ސްކޫލުން ވޮލީބޯޅައިގެ ތަށި މިލްކުރިކުރި ޓީމުގެ ލިބަރޯއަކީވެސް އިއްލައެވެ. މީގެ އިތުރުން އެންއެސްއޭ ވޮލީބޯޅަ ޕޫލުން ފެށިގެން ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އިއްލައަކީ ވޮލީބޯޅައިގެ ރެފުރީއެއްގެ އިތުރުން ވޮލީބޯޅަ ކޯޗެއްވެސް މެއެވެ.

މި ފަހަރުގެ ވީއޭއެމުގެ އިންތިޚާބު ބާއްވަން ކުލަބުތަކުން ނިންމާފައިވަނީ 2015 ވަަނަ އަހަރުގެ އަސާސީ ގަވާއިދުގައިވާ ގޮތަށެވެ. އެހެންކަމުން މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ ރައީސާއި، ނައިބު ރައީސާއި، ޚަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ.

އިންތިޚާބުގެ ކަންކަން ބެލުމަށް ވީއޭއެމުން ވަނީ އިލެކްޓޯރިއަލް ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް ވީއޭއެމުގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒް ހަމަޖައްސާފައިވާއިރު، ދެން މި ކޮމިޓީގައި ހިމެނެނީ އަޙްމަދު އަބީރް އިސްމާޢީލާއި، އަބްދުﷲ ޒުހައިރެވެ.

ވީއޭއެމުން ހާމަކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދައުރަށް އިންތިޚާބުކުރެވޭ ހިންގާ ކޮމިޓީ މެމްބަރުންނާއި އިންތިޚާބު ކުރެވޭ ކޮމިޝަން މެންބަރުން ހޮވުމައްޓަކައި ބާއްވާ ޖެނެރަލް އިލެކްޓޯރަލް އެސެމްބްލީ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮންނެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، އެކަން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި، އިލެކްޓޯރިއަލް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ވީއޭއެމުގެ އިންތިޚާބު ބާއްވަން އެފްއައިވީބީން ގައިޑްލައިނެއް އެކުލަވާލިއިރު، މި އިންތިޚާބުގައި ވޯޓުލެވޭނީ ނުވަ ކުލބަކަށް ކަމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް