ރާއްޖޭގެ ފަތުރުވެރިކަން
އަދިވެސް ރާއްޖެ އޮތީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި "ޕެރެޑައިޒް"ގެ ގޮތުގައި
 
ފަތުރުވެރިންނަށް ޚިދުމަތްދޭން އޮޕަރޭޓްކުރާ އެނދުތަކުގެ ބޮޑު އިންސައްތައެއް މިހާރު ދަނީ އޮޕަރޭޓް ކުރަމުން
 
ރާއްޖެ އަންނަ ފަތުރުވެރިން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމުގެ ހެކި ތަފާސްހިސާބުތަކުން ފެނޭ
 
ރާއްޖެ އަންނަ ފަތުރުވެރިންގެ އެއް އިންސައްތަ ފަތުރުވެރިންވެސް ކޮވިޑަށް ޕޮޒިޓިވް ނުވޭ
ކ. މާލެ |
މާޗު މަހުގެ އެއް ލައްކަ ވަނަ ފަތުރުވެރިޔާ
ރާއްޖެއެމްވީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމާއި އެކު 2020 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ހިތްދަތި އަހަރަށް ކަމަށް ހީކުރެވުނެވެ. ހުރިހާ ވިޔަފާރިތަކެއް ހުއްޓި ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލިގެން ދިޔައެވެ. އަހަރު ނިމޭއިރު، ސިނާއަތް އަލުން ފެށޭނެ ކަމުގެ އުންމީދު ގެއްލުނެވެ. ނަމަވެސް ސަރުކާރާއި، ސިނާއަތުގެ ހިއްސާދާރުންގެ ބުރަ މަސައްކަތާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދުރު ވިސްނުންފުޅުގެ ސަބަބުން 2020 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ އަލުން ފެށިފައެވެ. ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުވާލި ބޮޑު ބަލިމަޑުކަމާއިއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު އެއް އަހަރަށް 2020 ވަނަ އަހަރު ވެގެން ދިޔައެވެ. އަހަރު ނިންމާލި އިރު، ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށް، އައު ގިނަ މާކެޓްތަކެއް ފަތުރުވެރިކަމަށް ތައާރަފްވެގެންދިޔައެވެ.

ފަތުރުވެރިކަން ކުރިން ހުރި ހިސާބަށް ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ދެގޮތެއް ނުވެ ފަތުރުވެރިންގެ އިތުބާރު ރާއްޖެއަށް އޮތް އިރު، ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ފަތުރުވެރިން ބަލައިގަނެއެވެ. ދަތުރުފަތުރުކުރުމުގައި ގޮންޖެހުންތައް ގިނަ ނަމަވެސް ރާއްޖެއަށް އައުމަށް ފަތުރުވެރިން ތިބީ ކެތްމަދުވެފައެވެ. ގައުމުތަކުން ދަތުރުފަތުރަށް ކިތަންމެ ކުޑަ ލުޔެއް ދިނަސް، ފޮށިތަންމަތި ހިފައިގެން ރާއްޖެއަށް އައުމުގެ ދަތުރު ފަތުރުވެރިން ފަށައެވެ. މީގެ އެންމެ ބޮޑު އެއް ހެއްކަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކުރަމުންދާ ތަފާސްހިސާބުތަކެވެ.

އެގޮތުން އަހަރުގެ ފުރަތަމަ މަސް ނިމުނު އިރު، 92,103 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2020 ވަނަ އަހަރު ރާއްޖެ އައި 173,347 ފަތުރުވެރިންނާއި އަޅާބަލާއިރު، މިއީ ދަށް އަދަދެއް ނަަމަވެސް، އަހަރުގެ ދެ ވަނަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހު 96,882 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން އެއް މަހުގެތެރޭގައި ލައްކަ އަކަށް ވުނެ ގިނަ ފަތުރުވެރިން ފުރަތަމަ ފަހަރަށް ރާއްޖެ އައިސްފައި ވަނީ މިއަހަރުގެ މާޗު މަހުއެވެ. މާޗު މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް 103,219 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ މި މުއްދަތަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ ތިން ލައްކަ އާއި ގާތް ކޮށްފައެވެ. އެގޮތުން މާޗް 29ގެ ނިޔަލަށް 292,204 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. މިތަފާސްހިސާބުތަކަށް ބަލާލުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތަން ވަރަށް ސާފުކޮށް ފެނެއެވެ.

ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ފަތުރުވެރިކަމުގެ މާކެޓަށް ބޮޑު ބަދަލުތަކެއް އައިސްފައިވިޔަސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން މިދަނީ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓްކަމަށްވާ ޗައިނާގެ މާކެޓާ ނުލައެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އަވައްޓެރި އިންޑިއާ ދައްކާއިރު، އެގައުމުން ހިއްސާ ކުރަނީ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 23.4 އިންސައްތައެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އޮތް ރަޝިއާ އަކީ މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ މާކެޓެވެ. އެގައުމު ފަތުރުވެރިން 21.4 އިންސައްތަ ހިއްސާކުރެއެވެ.

މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 23 ވަނަ ގައި އޮތް ޔޫކްރެއިން މިހާރު އޮތީ ލިސްޓުގެ ތިން ވަނައިގައެވެ. ބަލިމަޑުކަމުގެ ކުރިން ހަތަރު ވަނައިގައި އޮތް ޖަރުމަނުވިލާތް އަދިވެސް ހަތަރު ވަނައިގައި އޮތް އިރު، ލިސްޓުގެ ފަސް ވަނައިގައި މިހާރު އޮތީ ބަލިމަޑުކަމުގެ ކުރިން މިލިސްޓުގެ 46 ވަނައިގައި އޮތް ކަޒަކްސްތާނެވެ. އަދި 31 ވަނައިގައި އޮތް ރުމޭނިއާ ލިސްޓުގެ ހަ ވަނަ އަށް ޖެހިލާފައިވާއިރު، އަށް ވަނައިގައި އޮތް އެމެރިކާ ވަނީ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އަދި ފަސް ވަނައިގައި އޮތް އިނގިރޭސިވިލާތް ވަނީ ގިނަ ގޮންޖެހުންތަކެއްގެ ސަބަބުން ލިސްޓުގެ އަށް ވަނަ އަށް ޖެހިފައެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ނުވަ ވަނައިގައި އޮތީ ކުރިން ލިސްޓުގެ 22 ވަނައިގައި އޮތް ޗެކް ރިޕަބްލިކެވެ. މި ލިސްޓުގެ ދިހަ ވަނައިގައި އޮތީ، ލިސްޓުގެ ހަތް ވަނައިގައި ކުރިން އޮތް ފްރާންސެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 52,860 އެނދުގެ 1,017 ފެސިލިޓީގެ ކެޕޭސިޓީ ރާއްޖޭގައި ހުރި އިރު، މި ފެސިލިޓީތަކުގެ ތެރެއިން 693 ފެސިލިޓީއެއްގެ 46,023 އެނދު ދަނީ މިހާރު އޮޕަރޭޓް ކުރަމުންނެވެ. އެއީ 150 ރިސޯޓެއްގައި އޮޕަރޭޓްކުރަމުންދާ 34,656 އެނދާއި 395 ގެސްޓް ހައުސެއްގައި އޮޕަރޭޓް ކުރަމުންދާ 7,210 އެނދުގެ އިތުރުން 137 ސަފާރީއެއްގައި އޮޕަރޭޓްކުރަމުންދާ 2,699 އެނދު އަދި 11 ހޮޓަލެއްގައި އޮޕަރޭޓް ކުރަމުންދާ 1,458 އެނދެވެ. މިއީ 2020 ވަނަ އަހަރު ސިނާއަތުގެ ވިޔަފާރިތައް ހުއްޓުމަށްފަހު އަލުން ހިނގަން ފަށާފައިވާ ކަމުގެ ހެއްކެކެވެ.

ރިސޯޓްތަކާއި ގެސްޓް ހައުސްތައް ގިނަ މަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުން މަޖުބޫރުވެގެންދިޔައިރު، ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާމްދަނީ ނުލިބި އެތައް ދުވަހެއް ވަންދެން ގޭގައި މަޑުކުރަން ޖެހުނެވެ. ނަމަވެސް މިހާރު ހުރިހާ ވިޔަފާރިތައް ދާދި އަވަހަށް ފެށި މުވައްޒަފުންގެ ވަޒީފާތައް އަނބުރާ ލިބޭނެކަމުގެ އުންމީދު ވަނީ ލިބިފައެވެ.

ފާއިތުވި އަހަރު ރާއްޖޭގެ މައި އެއަރޕޯޓް މަސްތަކެއް ވަންދެން ފަޅުވެގެން ދިޔަ ނަމަވެސް 2020 ވަނަ އަހަރުގެ ފަހު ދުވަސްތައް ވެގެން ގޮސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އެއަރ ޓްރެފިކް އެންމެ ބޮޑުވެގެން ދިޔަ އެއް އަހަރަށެވެ. އެއަރޕޯޓްގެ ރަންވޭ ތޮއްޖެހުނު އިރު، ރާއްޖެއަށް ޖެއްސި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަނީ އެތައް ތަނެއް އިތުރުވެފައެވެ.

ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވަމުން ދިއުމުގެ ސަބަބުން ރާއްޖެއަށް ދަތުކުރާ ބޮޑެތި އެއަރލައިންތަކުން ވަނީ އެކި ފަހަރު މަތިން އެއެއަރލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. މިހާރުވެސް ރާއްޖެއަށް 29 އެއަރލައިނަކުން ދަތުރުކުރަމުން އަންނަ އިރު، އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް އެއަރލައިނެއް ހިމެނެއެވެ.

ރާއްޖެއަކީ ދުނިޔެ މަތީގެ "ޕެރެޑައިޒް"ގެ ގޮތުގައި މަޝްހޫރު ގައުމަކަށްވާއިރު، ބަލިމަޑުކަމުން ރާއްޖޭގެ މިނަމަށް ގެއްލުން ވެފައެއް ނުވެއެވެ. އެބައްޔަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ފިލަމުންދާ ބަލިން ސަލާމަތްވުމަށްވެސް އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުންނެވެ. ބަލިމަޑުކަމާއި އެކު ފަތުރުވެރިންނާއި އެފަތުރުވެރިންނަށް ޚިދުމަތްދޭން ތިބި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިން އެންމެ އިންސައްތައެއް ވެސް ހިއްސާނުކުރެއެވެ.

މިއަހަރު ނިމޭ އިރު، ރާއްޖޭގެ ފަތުރުވެރިކަން އަލުން އަނބުރާ ހަމަ އިސްކޮޅަށް ދެމިލާނެ ކަމަށް ކަމުގެ މާހިރުން ބުނެއެވެ. ެެ އޭރުވެސް މިހާރުވެސް ރާއްޖެ އޮތީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި "ޕެރެޑައިޒް"ގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved