ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 18:06
ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެޓީވީން ހުޅުވާލި އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ
ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެޓީވީން ހުޅުވާލި އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ
މުހައްމަދު ޝަރުހާން
އަބުރުގެ ޖޫރިމަނާ
ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
 
މިހާތަނަށް ރާއްޖޭގެ މީޑިއާއެއް ކުރި އެންމެ ބޮޑު ޖޫރިމަނާ
 
ޖަލްސާއެއްގައި ދެއްކި ވާހަކަ ބްރޯޑްކާސްޓް ކުރުމުން
 
ރައީސް ޔާމީނުގެ އަބުރާއި އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބުނު ކަމަށް

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައިގައި ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި އެވެ.

ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރިއިރު، އޭގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދެއްކީ ހަމަ އެ ދުވަހު އެވެ.

އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށްފަހު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކޮށްފައިމިވަނީ މިދިޔަ އަަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހުގެ ރޭ ބޭއްވި އިދިކޮޅު ފަރާތްތަކުގެ ހަރުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި  ކަމަށް ބުނެ އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. 

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަސް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައިވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާއި މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.

ރާއްޖެޓީވީން ބުރާސްފަތި ދުވަހު ވަނީ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދައްކާފަ އެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ނުހައްގުން ރާއްޖެޓީވީ ކުރި ޖޫރިމަނާ ދެއްކީ ހެޔޮ އެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ. ފިޔާޒް ވަނީ ރާއްޖެޓީވީއަށް ހެޔޮ އެދޭ ފަރާތްތަކުން ވެވަޑައިގެންނެވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފިޔާޒް ވިދާޅުވީ އެ ޖޫރިމަނާއަކީ ކުރެވިގެންވާނެ ޖޫރިމަނާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިއީ އިސްލާމީ ޝަރީއަތުންނާއި ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ވެސް ކުރެވިދާނެ ޖޫރިމަނާއެއް ކަމަށް ރާއްޖެޓީވީން ގަބޫލުނުކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމަށް އައި ބަނަ ދުވަހެއްގެ ގޮތުގައި ރާއްޖެޓީވީން ގަބޫލުކުރާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. ފިޔާޒް ވިދާޅުވީ މި ޖޫރިމަނާއަކީ ރާއްޖެޓީވީއާއި މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

ދެ ލައްކަ ރުފިޔާގެ ޖޫރިމަނާގެ މައްސަލަ ސިވިލް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ މައްސަލަ ވެސް އިސްތިއުނާފް ކުރުމަށް ރާއްޖެޓީވީން ވަނީ ނިންމާފަ އެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް