ކ. މާލެ
|
15 މާރޗް 2021 | ހޯމަ 18:00
އަނދިރީގައި ޕްރޮގްރާމުގެ ޕޯސްޓަރ
އަނދިރީގައި ޕްރޮގްރާމުގެ ޕޯސްޓަރ
އަހުމަދު ސިރާޖް
ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް
އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
 
މި ޕްރޮގްރާމް އުފައްދާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅުވައިގެން
 
މި ޕްރޮގްރާމުގައި ޖުމްލަ ހަތަރު އެޕިސޯޑް ގެނެސްދެވޭނެ
 
މި ޕްރޮގްރާމުގައި ގެނަސްދެވޭނީ ހަގީގީ ހާދިސާތައް

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ރާއްޖެޓީވީން "އަނދިރީގައި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ގެނަސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން "އަނދިރީގައި" ޕްރޮގްރާމުގެ ޕްރޮޑިއުސަރ، ރާއްޖެޓީވީގެ އެސިސްޓަންޓް ކްރިއޭޓިވް ޑިރެކްޓަރ، އަޙްމަދު ސިރާޖް ވަނީ މި ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅުވައިގެން ތައްޔާރުކުރާ ޕްރޮގްރާމެއްކަން ފާހަގަކޮށްފައެވެ. ސިރާޖް ބުނީ މި ޕްރޮގްރާމުގައި ހަތަރު އެޕިސޯޑެއް ގެނަސްދެވޭނެ ކަމަށާއި، މިއިން ކޮންމެ އެޕިސޯޑެއްގައި ގެނަސްދޭނީ އައު ހާދިސާއެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ޒަރިއްޔާއިން މި މައްސަލަތައް ހައްލުކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށްވެސް ސިރާޖް ބުންޏެވެ.

މިކަންކަމުގެ މައުލޫމާތު ބެލުންތެރިންނަށް ގެނަސްދޭނީ، މިދާއިރާއިން ބައިނަލްއަގުވާމީ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށްވާ އަލީ އަދީބުއެވެ. އަދީބަކީ އިންޓަނޭޝަނަލީ ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރެކެވެ.

ގިނަ އަދަދެއްގެ ޓިކްޓޮކް ސްޓާރުން މި ޕްރޮގްރާމުން ފެނިގެންދާއިރު، ސިރާޖް ބުނީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން މި ފަންނާނުންނަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށްދީ، އެ ފަންނާނުންގެ ހުނަރު ބެލުންތެރިންނަށް ދައްކައިދިނުން އެއީ އަމާޒެއް ކަމަށެވެ. އަދި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކުންވެސް ކުޅަދާނަ، ހުނަރުވެރި ފަންނާނުން ފެނިގެންދާނެ ކަމަށްވެސް ސިރާޖް ބުންޏެވެ.

"އަނދިރީގައި" ޕްރޮގްރާމުގެ ކޯ ޕްރޮޑިއުސަރ، ރާއްޖެޓީވީގެ ގްރެފިކް ޑިޒައިނަރ، އިބްރާހީމް ވިޝާލް ވަނީ މިއީ މި އަހަރުގެ ރަމަޟާން މަހު ރާއްޖެޓީވީން ގެނަސްދެވޭ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ޕްރޮގްރާމުކަމަށް ފާހަގަކޮށްފައެވެ. ވިޝާލް ބުނީ ޕްރޮގްރާމް އުފެއްދުމުގެ ހިޔާލު އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އޮފީސް ލޮކްޑައުންކުރި ދުވަސްވަރު ކަމަށާއި، ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތް ރާވަން ފަށާފައި ވަނީ ލޮކްޑައުންގެ ތެރޭގައި ކަމަށެވެ. އަދި ޕްރޮގްރާމުގެ ޝޫޓިން މި އަހަރުގެ ޖެނުއަރީ މަހު ފަށައި، މިހާރު ބޮޑުބައެއް ނިންމާލެވިފައިވާއިރު، ޝޫޓިންއަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަކުރެވޭނެ ކަމަށާއި، ޕްރޮގްރާމުގެ ހުރިހާ މަސައްކަތްތަކަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށްވެސް ވިޝާލް ބުންޏެވެ. އަދި ވިޝާލް ވަނީ މާޗު މަސް ނިމެންވާއިރަށް ޕްރޮގްރާމުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށްވެސް ބުނެފައެވެ.

މި ޕްރޮގްރާމް ހުށަހަޅައިދެނީ ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސް އަމްނާ އިމާދެވެ. އަމްނާ ބުނީ މި ޕްރޮގްރާމަކީ ކުރެވެނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ވަރަށް ގިނަ ކަންތައްތައް ޕްރޮގްރާމުގެ ޒަރިއްޔާއިން އެނގިގެންގޮސްފި ކަމަށެވެ. އަދި އުންމީދަކީ މި ޕްރޮގްރާމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ކިހާ ބޮޑު މައްސަލައެއް ކަމާއި، މި މައްސަލަ ހައްލުކުރަން ރަނގުޅު ފިޔަވަޅުތައް އެޅިފައި ނުވާކަން ފާހަގަވެ، އެކަންކަން ހައްލުކުރުމަށް ސަރުކާރާއި، ކަމާބެހޭ އިދާރާތަކާއި، އާންމު ފަރުދުން ގުޅިގެން އެކުގައި މަސައްކަތްކުރަން ފެށުން ކަމަށްވެސް އަމްނާ ބުންޏެވެ. އަދި މި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކީ އިބްރަތެއް ހާސިލްވާނެ ފިލާވަޅެއް ކަމަށްވެސް އަމްނާ ބުނެފައެވެ.

މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ރާއްޖެޓީވީން ދަނީ ތަފާތު ޕްރޮގްރާމުތައް ތައްޔާރުކުރަމުންނެއެވެ. އޭގެ ތެރޭގައި އިޖުތިމާއީ ކަންކަމާ ގުޅޭ ޕްރޮގްރާމާއި، މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމުތަކުގެ އިތުރުން ދީނީ ޕްރޮގްރާމުތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
7%
63%
7%
4%
7%
11%
ކޮމެންޓް