ރާއްޖޭގެ އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތު އެކިފަހަރުމަތިން ގެއްލުނެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދީނާއި މިނިވަންކަން ގެއްލިގެން ދިޔައީ ދިވެހިންގެ ތެރެއިން ގައުމަށް ޚިޔާނާތްތެރިވި ބައެއްގެ ސަބަބުންނެވެ. މިކަން ރާއްޖޭ ތާރީޚުން ފެންނަން އެބައޮތެވެ. މިއިން ކޮންމެ ފަހަރަކީ ދީނާއި ގައުމަށްޓަކައި ދިވެހި އަބްޠާލުންތަކެއް، ލެޔާއި ފުރާނައިން ގުރުބާންވެ ޝަހީދުވެގެން ދިޔަފަހަރެކެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަމުން ގެންދަނީ މިފަދަ އަބްޠާލުންގެ ޒިކްރާ އާކޮށް އެހާދިސާ ތަކުން ޢިބްރަތް ހާސިލުކުރުމަށްޓަކެވެ. ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން އަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ.
ޝަޢުބާންމަހުގެ 1 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ޝަޢުބާންމަހެއްގެ 1 ވަނަ ދުވަހުގައި ކަމަށްވާތީއެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މޭމަހުގެ 19ވީ ހޯމަ ދުވަހެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރެއްވީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980ވީ ހޮނިހިރު ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތާއި ދިވެހިރައްޔިތުންގެ ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށް ޝަހީދުވެވަޑައިގެންނެވި އަބުޠާލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށެވެ.
ޢަލީ ރަސްގެފާނުގެ ރަސްކަމަށް ދެ މަސްވީތަނާ އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޒުން ރާއްޖެ ހިފުމަށް ފޮނުވި ތިންވަނަ ގުރާބު، އަދި ޕޯޗްގީޒުން ފޮނުވި އެންމެ ބޮޑު ލަޝްކަރު ރާއްޖެއައިސް ހަމަލާ ދޭންފެށިއެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ އަނދިރިއަނދިރިއެވެ. ޕޯޗްގީޒުންގެ ރެކޯޑުތަކުގައި ވާގޮތުގައި އެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ "ކެޕްޓަން މެނުއަލް ޑާ ސިލްވޭރާ ޑިއަރައު ރޯ" އެވެ. މާލޭ ބަނދަރުގައި ތިބި ދުޝްމަނުންނާ ދިވެހީންނާ ފުރަތަމަ ހަމަލާ ބަދަލުކުރަމުން ދިޔައީ ބޮޑުބަޑިންނެވެ. އެގޮތުގައި ގިނަ ދުވަސް ވާންފެށުމުން ދުޝްމަނުންގެ އަތުގައި ހުރި ވަޒަނާއި ކާބޯތަކެތި މަދުވެ ހަނގުރާމައިގެ ފޯރި ދިޔައީ ކުޑަވަމުންނެވެ. ހަމަ އެގޮތަށް ދުޝްމަނުންނާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަކުރަން ޖެހުމުން ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ހަމަނުޖެހުމާއި ޚިޔާލުތަފާތުވުންތައް ދިޔައީ އުފެދެމުންނެވެ. އެގޮތުން އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓާލާފައި އަމާންދިނުމަށެވެ.
އެ ދުވަސްވަރަކީ މާލެ ތެރޭގައި ވެސް ފިތުނައާއި ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރުންތަކެއްގެ ސަބަބުން ދުޝްމަނުންނަށް މާލެ ފައިބާން ފުރުސަތު ލިބިގެން ދިޔައެވެ. އެއްރެއެއްގެ ފަތިހު ބަޑިތަކާއި ސިލޭހަތައް ހިފައިގެން ދުޝްމަނުން މާލެފޭބީ މާލޭގެ ހުޅަނގުފަރާތަށެވެ. ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރައްވަން ޢަލީ ރަސްގެފާނު ލަޝްކަރާއިގެން ނިކުމެވަޑައިގެންނެވިއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެންފައި ފަހަތް ބައްލަވާލެއްވިއިރު ބޮޑުވަޒީރާއި ޚާދިމެއް ފިޔަވައި އެންމެން ފިލައިގެން ހިނގައްޖެއެވެ. ދުޝްމަނުންގެ ބިޔަ ބޮޑު ލަޝްރަކާ ދެކޮޅަށް ކަނޑި އައްޑަނަ ހިއްޕަވައިގެން އޭގެ ތިން ބޭފުޅުން ހިތްވަރާއެކު ޖިހާދަށް ނިކުމެވަޑައިގެން ކުރިމަތި ލެއްވިއެވެ. ދުޝްމަނުންގެ ހަމަލާތަކުން އޭގެ ތިންކަލުން ވެސް ޝަހީދުވެވަޑައިގެންނެވީއެވެ.
ޝަހީދުންގެ ދުވަހަކީ އިބުރަތުން ފުރިގެންވާ ދުވަހެއް ނަމަވެސް އެދުވަހުގެ ޒިކުރާ އާލާކޮށް އެކަމުން އިބުރަތް ހާސިލް ކުރުމުގެ ބަދަލުގައި މިހާރު ފެނިގެންދަނީ ސިޔާސީ މަންފާއަކަށް ކޮންމެވެސް ބޭރުގެ ބަޔަކާއި ވަކި ގުޅުމެއް ބާއްވައި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫ އެރުވުމަށް ބަޔަކު ކުރާ މަސައްކަތެވެ. ދިވެހިރާއްޖެ އަކީ އަބަދުވެސް އެތެރޭގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަމުން އަންނަ ގައުމެކެވެ. އެއީ ގައުމަށް ދިވާމާ ހިތާމަވެރި ހާދިސާއެއް ނަމަވެސް ކާރިސާއެއް ނަމަވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ އެއެއް ނޫނެވެ.
މިއަދު ފެނިގެންދަނީ ސިޔާސީ މަންފާއަށްޓަކައި ވަކިބަޔަކު ވަކި ގައުމުތަކާއި ގުޅުން ބާއްވަން މަސައްކަތް ކުރާތަނެވެ. އަދި އެ ގައުމެއްގެ ހިޔާގައި ބައިނަލް އަގުވާމީ ދުނިޔެއާއި ގުޅުން ކަނޑާލާ ގައުމު ނާޒުކު ހާލަތަށް ވެއްޓޭ ހިނދު އެކަތިގަނޑެއްގެ ގޮތުގައި ތިބި ދިވެހިން ސިޔާސީ ގޮތުން ބައިބައި ކޮށްލެވޭ މަންޒަރެވެ. މިކަން ކުރުމަށް ސިޔާސީ އެވެރިންގެ ދުލަށް އެންމެ ފުރަތަމަ އަންނަ އެއް ބަހަކީ އަލި ރަސްގެފާނު ފަދައިން ގައުމަށްޓަކައި ޝަހީދުވާން ތައްޔާރަށް ތިބި ވާހަކައެވެ.
ހަގީގަތުގައި ވެސް އެފަދަ ހާލަތެއް އަތުވެއްޖެތޯ ކުރެވޭ ސުވާލު ތަކުރާރުކުރަން ޖެހިއްޖެއެވެ. ކަން އޮތީ އެހެނެއް ނޫނެވެ. އަލިރަސްގެފާނު ފަދަ މާތް ބޭފުޅެއްގެ ނަން ބޭނުންކޮށްގެން ހަގީގަތުގައި ހާސިލް ކުރަން ބޭނުންވަނީ އެހެން ކަމެކެވެ. މިއަދު މިފެންނަ ސިޔާސީ މަސްރަހަކީ ހަމަގައިމު އަލި ރަސްގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާނެ ހާލަތެއް ނޫނެވެ. އެމަނިކުފާނުގެ ގުރުބާނީގެ އަގުން ސިޔާސީ ކަންކަމުގެ ނާޖާއިޒު ފައިދާ ހޯދަން ބޭނުންފުޅެއް ވެސް ނުވާނެއެވެ.
ދިވެހި އަބްތާލުންގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ނެރެން ސިޔާސީ ވެރިން އަބަދުވެސް މަސައްކަތް ކުރެއެވެ. ހަގީގަތުގައި އެގޮތަށް ކަންކަން ކުރަނީ ގައުމަށްޓަކައި ދިވެހިން މޭ އައްޑަނައަކަށް ނަގާނެކަމުގެ ޔަގީންކަން އޮތުމާއެކު އެކަމުގެ ފައިދާ ނަގާށެވެ. ސިޔާސީ ވެރިން މިގޮތަށް ކަންތައް ކުރި ނަމަވެސް ދިވެހިން މިއަދު އެއަށްވުރެ ހޭލުންތެރިއެވެ. ސިޔާސީ ކަންކަމަށް ވުރެ މިއަދު ގައުމު ބޭނުންވާ އެހެން ކަންތައްތަކެއް އެބަހުއްޓެވެ. އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތީ ބޭރުގެ ބަޔަކު ގައުމަށް ވެރިވެގަންނަން މަސައްކަތް ކުރެއްވުމުން އެކަމާއި ދެކޮޅަށް ހަނގުރާމަ ކުރައްވައެވެ. އެއިރުގެ ހާލަތު ތަފާތެވެ. އެއިރު ރާއްޖެއާއި ބައިނަލް އަގުވާމީ މަސްރަހާއި ގުޅުން ކުޑައެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެކަމުގެ އަޑީގައިވެސް ތިއްބެވެ.
މިއަދު އެކަމުން މިސާލު ނަގާ އަލިރަސްގެފާނުގެ މަތިވެރި ގުރުބާނީގެ އަގުވަޒަން ކުރެވިދާނެ ގޮތްތަކެއް އެބައޮތެވެ. އެ ޒަމާނުގައި ދިވެހިންނާއި ބައިނަލް އަގުވާމީ ދުނިޔެއާއި ގުޅުން ކުޑަވިޔަސް މިހާރު އެގުޅުން ބަދަހީ ކުރެވިދާނެއެވެ. ރާއްޖެއަކީ އިންސާނީ ވަސީލަތްތަކާއި އަސްކަރީ ވަސީލަތްތައް ވެސް މަދު ގައުމެއް ކަމުން ބައިނަލް އަގުވާމީ މުޖްތަމައުގެ އެހީތެރިކަމާއެކީގައި ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަން ހޯދިދާނެއެވެ. އެކަން ކުރެވޭނެ ގޮތަކީ ބައިނަލް އަގުވާމީ ގުޅުންތައް ބަދަހި ކުރުމެވެ.