ބަލިމަޑުކަމެއްގައި އުޅޭ އިރު، ރައްކާތެރިވުމަށް މަސައްކަތް ކުރުމަކީ ވާޖިބެއް: ޚުތުބާ
19 ފެބުރުއަރީ 2021 | ހުކުރު 07:57މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ ނުތަނަވަސްކަމުގެ ޙާލަތެއް

އިސްލާމީ މަރުކަޒުގައި މީހަކު ނަމާދު ކުރަނީ،
ކޮވިޑް-19ގެ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ތިމާއާއި އަނެކުންގެ މަސްލަހަތަށް ރައްކާތެރިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ޙާލަތެއް ކަމަށެވެ.
ޚުތުބާގައި ބުނީ ފެތުރެމުން މިދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށްޓަކައި، ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ ޙާލު، އަޅުކަން ކުރުމާއި، ބޭނުންޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބެން ޖެހޭ ކަމަށާއި، މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށެވެ.
ކޮންމެ މީހަކު ވެސް ނަމާދަށާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް އަންނަ އިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން އައުމަށް އިލްތިމާސްކޮށް ޚުތުބާގައި ބުނީ މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދުކުރެވޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ހަލުވިކަމާއެކު ފެތުރެމުން މިދާ ވަބާގެ ސަބަބުން، އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބުތަކުގައި ހިފައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މާތް މުއުމިނުންނާ ކުރިމަތިވާ ބަލިމަޑުކަމަކީ، ކުދިކުދި ފާފަތަކަކަށްވާ ކައްފާރާއެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް އުންމީދާއެކު މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.





