ރާއްޖޭގައި އޭއެފްސީ ކަޕް ބޭއްވުމަށް ބިޑް ކުރެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޔަގީންކަން ދިނުމުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމާފައެވެ. ސެންޓްރަލައިޒްކޮށްގެން އޭއެފްސީ ކަޕް ކުރިއަށްގެންދަން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށްގެން ބާއްވާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މި ފަހަރުވެސް އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ ކަމަށާއި، އެކަމަކު މި ހާލަތުގައި އެކަމަށް ބިޑް ކުރެވޭނީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭއިން ދިނުމުން ކަމަށެވެ. އެގޮތުން އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވާނަމަ، ވަކި ހިސާބަކުން މުބާރާތް ހުއްޓާލަން ޖެހުން ފަސޭހަނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ މުބާރާތް ރާއްޖޭގައި ބާއްވާނަމަ، ރާއްޖޭގެ ދެ ކުލަބުގެ ތެރެއިން އެއް ކުލަބު މި މުބާރާތުގެ ވަރަށް ދުރަށް ދާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެހެންކަމުން އެ މަގުފަހިކޮށްދިނުމަކީ އެފްއޭއެމުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.
ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.
މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވާއިރު، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގ މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމިއެވެ. އެއާއެކު ދެކުނު އޭޝިއާ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅުމަށް ނިންމި ނަމަވެސް، ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.