ޕޮޒިޓިވް މީހަކު ވޯޓުލާން ބޭނުންވާނަމަ ވޯޓުލާ މަރުކަޒަށްގެން ދިއުމަކީ އެޗްޕީއޭގެ ޒިންމާއެއް: ޝަރީފް
11 ފެބުރުއަރީ 2021 | ބުރާސްފަތި 18:03ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ


އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވެފައިވޭ
ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ވޯޓުލާން ބޭނުންވާނަމަ ވޯޓުލާ މަރުކަޒަށް އެމީހަކު ގެންދިއުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޒިންމާއެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެކަން ވަނީ އިއުލާންކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް އެބަހުރިކަން އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އެގޮތުން އިންތިޚާބު ބޭއްވޭނެ އުސޫލުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާއިރު އެ އުސޫލުތަކުގައި ވެސް ވަރަށް ބޮޑެތި ދަތިތައް އެ ކޮމިޝަނަށް ކުރިމަތިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
އިންތިޚާބާއި ބެހޭ ގޮތުން ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ހައްގުން މަހުރޫމް ނުކުރެވޭނެ ކަމަށާއި، ކޮވިޑަށް ޕޮޒިޓިވްވުމަކީ އެމީހާއަށް ވޯޓުލުމުން މަހުރޫމްވާ ސަބަބެއް ނޫން ކަމަށެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަނުން ރާއްޖޭގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކަށްވެސް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށާއި، ވޯޓުލުން ފަސޭހަކޮށްދޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހަކު ވޯޓުލާން ގެންދިއުމަކީ ކޮމިޝަންގެ ޒިންމާއެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރުމަށް ތައްޔާރު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފެންވަރަށް ތައްޔާރުވުމަށް އެކެޕޭސިޓީ ނެތް ކަމަށެވެ.
އެޗްޕީއޭއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ރައްޔިތެއް ޕޮޒިޓިވްވެގެން އެކަހެރި ކޮށްފައި ހުންނަނީ އެޗްޕީއޭގެ ގަވާއިދެއްގެ ދަށުން ކަމަށާއި، އޭނާގެ އެކަންކަން ބަލަހައްޓަން ޖެހޭނީ އެޗްޕީއޭއިން ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕޮޒިޓިވް މީހަކު ވޯޓުލާން އެދިއްޖެކަމުގައިވާނަމަ ވޯޓުލާން ގެންދިއުމަށް އެޗްޕީއޭއަށް ލާޒިމްވާނެ ކަމަށާއި، އެހައްގުން އެމީހަކު މަހުރޫމް ނުކުރެވޭނެ ކަމަށެވެ. އެފަދަ ހާލަތެއްގައި އެކަން ކޮމިޝަނުން ފެސިލިޓޭޓް ކޮށްދޭނެ ކަމަށާއި، ވޯޓުލާން ހަމަޖެހިފައިވާ މަރުކަޒުގައި ވޯޓުލުމުގެ އިންތިޒާމް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހަމަޖައްސައިދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.






