ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 13:48
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް (ވ)، އެމްޓީސީސީއާއެކު 2018ގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް (ވ)، އެމްޓީސީސީއާއެކު 2018ގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި
އަވަސް
ޓްރާންސްޕޯޓް މިނިސްޓްރީ/ ސާމީ އަޤީލް
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑީޖީ ސާމީ އަގީލްއާ ގުޅޭ ގިނަ ޝަކުވާތަކެއް ސީއެސްސީއަށް ހުށަހަޅައިފި
 
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ސާމީ އަޤީލް މުވައްޒަފުންނަށް ބިރު ދައްކަމުންދާކަމުގެ ތުހުމަތުވެސް ކުރައްވާފައިވޭ
 
ސާމީ އަޤީލަކީ މީގެކުރިންވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވޭ ބޭފުޅެއްކަމަށް ސީއެސްސީއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވޭ
 
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ސާމީ އަޤީލް އައްޔަން ކުރެއްވުމަށް ސީއެސްސީއަށް ލަފާ ދެއްވާފައި

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލްއާ ގުޅޭ ގިނަ ޝަކުވާތަކެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ 28 މުވައްޒަފަކު ސޮއިކުރައްވާ ސީއެސްސީއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި މައިގަނޑު ކަންބޮޑުވުމަކީ ސާމީ އަޤީލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ބަދަލު ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ސީއެސްސީގައި އެދިވަޑައިގަންނަވާފައިވާތީ، އެމަސައްކަތް ކުރެވެމުންދާތީ އެވެ.

ސާމީ އަޤީލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގަންނަވާފައި މިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހު ރަޢީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން "ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމާއި ގުޅިގެން، ކުރީގެ ރީޖަނަލް އެއަރޕޯޓްސްގައި މަސައްކަތް ކުރެއްވި ސިވިލް ސަރވިސްގެ މުވައްޒަފުން ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުވުމަށް ދެއްވި ފުރުސަތުގައެވެ.

ސާމީ އަޤީލާ ގުޅޭގޮތުން ސީއެސްސީއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވާގޮތުން، ކޮރަޕްޝަނާއި ފަސާދައިގެ އެތައް އަމަލެއް، އޭނާ މީގެ ކުރިން މަސައްކަތްކުރެއްވި ތަންތަނުގައި ހިންގަވާފައިވާ ބޭފުޅެއްގެ ގޮތުގައި ތުހުމަތުކޮށްފައިވެއެވެ. އެގޮތުން، ސާމީ އަޤީލާ ގުޅުންހުރި އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަޙުޤީގުކޮށް، ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މީގެއިތުރުން، ސާމީ އަޤީލްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައި، ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ފިޅަވަޅު އަޅާފައިވާކަންވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ 28 މުވައްޒަފުން ސޮއިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ސާމީ އަޤީލަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތައް:

1. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ހުންނަވައިގެން، 2010 ވަނަ އަހަރު ދައުލަތުގެ ބޭނުމަށް 5 ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދުމުގެ ކުށުގައި ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ.

2. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ “ބޯޑަރ ކޮންޓްރޯލް ސިސްޓަމް” ގެ ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާޢިޒު ފައިދާ ހޯދާދިނުމަށް އަމަލުކޮށްފައިވާ މައްސަލައިގައި ސާމީ އަޤީލް ޝާމިލުވާތީ، އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ.

3. މިނިސްޓްރީ އޮފް ފިނޭންސްގައި ސާމީ އަޤީލް މަސައްކަތްކުރެއްވިއިރު ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އޭނާ އެހެން އޮފީހަކަށް ބަދަލުކުރެއްވުމަށް އޭސީސީން ސީއެސްސީގައި އެދިފައިވެއެވެ.

4. ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން މަސްވެރިންގެ ޕާކްގައި ފެރީ ޓަރމިނަލެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ކުރި އިޢުލާނާގުޅޭ ބިޑްތައް އިވެލުއޭޓްކުރުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އިވެލުއޭޝަން ހަދާފައިވާ މައްސަލައިގައި ސާމީ އަޤީލް ޝާމިލުވާތީ، އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ.

5. ސިވިލް ސާވިސްގެ އިހްތިސާސް ހިނގާ އެއްވެސް އިދާރާއެއްގެ އެއްވެސް ބީލަމެއް އިވެލުއޭޓްކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އޭރުގެ ޑިރެކްޓަރ ސާމީ އަޤީލް ބައިވެރި ނުކުރުމަށް އޭސީސީން 20 މެއި 2014 ގައި ސީއެސްސީގައި އެދިފައިވެއެވެ.

6. 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތް ކުރަމުންގެންދިޔަ 6 މުވައްޒަފަކު، ކަނޑައެޅިފައިވާ އުސޫލުތަކުން ބޭރުން ވަޒީފާއިން ވަކިކުރި މައްސަލައިގައި، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސާމީ އަޤީލްކަން ހާމަވެފައި ވެއެވެ.

7. 2020 ވަނަ އަހަރު ހދ. ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓަށް ބޭނުންކުރުމަށް ބަސް ހޯދުމުގައި، އެއްބަސްވުމާއި ޚިލާފަށް ބާ ބަސްތަކެއް އެތެރެކުރުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ސާމީ އަޤީލުގެ މައްޗަށް ކުރެވިފައި ވެއެވެ.

ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެފަރާތްތަކުން މީގެކުރިން ތިން ފަހަރެއްގެ މަތިން ސާމީ އަޤީލްގެ މައްސަލަތައް ސީއެސްސީއަށް ހުށަހެޅުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް، މައްސަލަ ހުށަހަޅަން މަސައްކަތްކުރާ މުވައްޒަފުންނާއި ޒާތީ ގޮތުން ޖައްސާލައި، ދޮގު ތުހުމަތުތަކެއްކޮށް، ޤަވާއިދާއި ޚިލާފަށް އިދާރީ ފިޔަވަޅު އަޅާފައިވާކަމުގެ ތުހުމަތު އެފަރާތްތަކުން ކޮށްފައިވެއެވެ.

އެ ޕެޓިޝަން ނިންމާލަމުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ، ސީއެސްސީއަށް ފޮނުއްވާފައިވާ އެ ސިޓީއާއެއްގޮތަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްއަކަށް ސާމީ އަޤީލް އައްޔަން ކުރުމަކީ، އެ މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ތުރާލާއި އުނދަގޫ ކުރިމަތިވާނޭ ކަމެއްކަމުގައި ވެފައި، އަދި މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނޭކަމަށް ޤަބޫލުކުރެވޭތީ، މިކަމުގައި ސީއެސްސީން ދެވަނަ ވިސްނުމަކަށް ދިޔުމަށްއެދި ދަންނަވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
30%
10%
60%
0%
0%
ކޮމެންޓް
13 ޖެނުއަރީ 2021 | ބުދަ 22:28
ނަސް
ކާށިދޫ އާއި ގާފަރު އަދި މާލެ އާއި ދޭތެރޭ ޓިކެޓަށް 50ރ ދީގެން ދަތުރު ކުރުމަށް ހަމަޖައްސާފއިވާ އެމްޓީސީސީގެ ފެރީ ކޮވިޑް19 ގެ ސަ ބަ ބުން ވަނީ ހުއްޓާލާފައެވެ. ފެރީ ނެތުމުގެ ސަ ބަ ބުން މާލެއާއި ދޭތެރޭ ދަތުރު ކުރުމަށް ބޮޑެތި ޙަރަދު ތަކެއް ކުރަން ޖެހޭ. މިކަމަށް ހައްލެއް ލި ބެން އޮތީ މި ފެރީ ދަތުރު ކުރުމުގެ ހުއްދަ ދީގެން. މިކަމަށް ހައްލެއް ގެނެސްދެއްވާ. މި އީ ކާށިދޫ އަދި ގާފަރު ރައްޔިތުނަގެ ބޮޑު އެދުމެއް. މިހާރު ލޯންޗް ގައި ސާމްޕަލް ގެންދިއުމުގެ ބަދަލުގައި ފެރީން ގެންގޮސް، ސަރުކާރަށް ޙަރަދު ކުޑަ ވާނެ ގޮތެކެވެ.