ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 17:40
އިބްތިޙާލުގެ މަންމަ އާފިޔާ މުޙައްމަދު: އާފިޔާ އިބްތިޙާލަށް އެތައް ފަހަރަކު އަނިޔާ ކޮށްފައިވާކަން ހެކިވެރިން ފާހަގަކޮށްފައިވޭ
އިބްތިޙާލުގެ މަންމަ އާފިޔާ މުޙައްމަދު: އާފިޔާ އިބްތިޙާލަށް އެތައް ފަހަރަކު އަނިޔާ ކޮށްފައިވާކަން ހެކިވެރިން ފާހަގަކޮށްފައިވޭ
މުހައްމަދު ޝަރުހާން
އިބްތިޙާލުގެ މަރުގެ މައްސަލަ
5 އަހަރަށްފަހު އިބްތިޙާލުގެ މަންމަ އާފިޔާއަށް ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް!
 
ދަޢުލަތުގެ ފަރާތުން އާފިޔާގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާއެއް
 
އިބްތިޙާލް މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު
 
އާފިޔާއަށް ޤާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ކުރިން ވަނީ އެދިފައި

ވ. ރަކީދޫ ތިން އަހަރުގެ މުޙައްމަދު އިބްތިޙާލް މަރާލި މައްސަލަައިގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަ، އާފިޔާ މުޙައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުވެ، 20 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުންނާއި އާފިޔާގެ ފަރާތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އެއާއެކު ހޯމަ ދުވަހު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ މައްސަލައިގައި ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އާފިޔާ ދައުވާއަށް އިއުތިރާފު ވެފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ މައްޗަށް ދައުލަތުން ދައުވާކުރާ ޤަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އަޅުގަނޑަށް ސާފުވެއްޖެ، އަޅުގަނޑު ދައުވާއަށް އެއްބަސްވަން، ދައުވާގައި އެ ވާ ގޮތަށް އަޅުގަނޑު އިބްތިޙާލުގެ ކަރުގައި ހިފިން، އަދި ފައިން ޖެހިން
2015 ވަނަ އަހަރު އާފިޔާ ކޯޓުގައި ވެފައިވާ އިއުތިރާފް

އަދި އެއަށްފަހު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މި މައްސަލައިގައި ވަކީލަކު ބޭނުން ނުވާކަން ފާހަގަކޮށް، ކުރިން ވެފައިވާ އިއުތިރާފް އާފިޔާ އަނެއްކާވެސް ވަނީ ތަކުރާރު ކޮށްފައެއެވެ. އެހެން ނަމަވެސް، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމެއްގައި ދައުވާއަށް އިންކާރު ނުކުރާ ކަމަށް ބުނަމުން އާފިޔާ ވަނީ، ދައުވާއަށް އިންކާރު ނުކުރި ނަމަވެސް، އިބްތިޙާލަށް އަނިޔާ ނުކުރާ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވިއިރު، ޤަސްތުގައި ކުއްޖަކު ނުމަރާ ކަމަށް އާފިޔާ ބުނިކަން ގާޒީ ފާހަގަކުރެއްވިއެވެ.

"ޤަސްތުގައި ނުމަރަން، ޤަސްތުގައި އަނިޔާއެއް ނުކުރަން، ޑޮކްޓަރުގެ ރިޕޯޓު ހުސް ދޮގު" މިފަދައިން ކުރު ގޮތަކަށް އެދުވަހުގެ އަޑުއެހުމުގައި އާފިޔާ ބުނިކަން ގާޒީ ފާހަގަކުރެއްވިއެވެ.

ޝަރީއަތުން ކުށް ސާބިތުވާ ކަމަށް ނިންމުން: ސާބިތުވެފައިވަނީ ޝައްކެއް ނެތް މިންވަރަށް

ގާޒީ ވިދާޅުވީ މި މައްސަލައިގައި އާފިޔާގެ މައްޗަށް އިބްތިޙާލު މަރާލުމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ކުށް ސާބިތު ވެފައިވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އާފިޔާ ދައުވާއަށް އިއުތިރާފް ވެފައިވަނީ އެއްވެސް ކަހަލަ ބިރުދެއްކުމެއް ނުވަތަ މަޖުބޫރު ކުރުމެއް އޮވެގެންކަން ޝަރީއަތަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވެފައެވެ.

އަދި އާފިޔާގެ ސައިކޭޓްރިކް އެސެސްމަންޓުތައް ބަލާލުމުން އޭނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ދައުލަތުން ބުނި ކަމަށާއި، އޭނާ ކުށް ކުރިއިރު އޭނާއަކީ ވިސްނުމުގެ ނުކުޅެދުންތެރިކަން ހުރި މީހެއް ނޫންކަން ދައުލަތުން ފާހަގަކުރިކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުޑައިރުން ފެށިގެން އާފިޔާއަށް ގެވެށި އަނިޔާ އާއި، ޖިންސީ އަނިޔާ ލިބެމުން ދިޔައިރުވެސް ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ މީހުންގެ ކިބައިން އެއްވެސް ރައްކާތެރިކަމެއް ލިބިފައި ނުވާކަން ގާޒީ ތަފްސީލާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން އާފިޔާގެ މަންމަ އާއި ދޮންބައްޕަ އޭނާ ލައްވައި ތަކުރާރުކޮށް ހަށިވިއްކުވުމާއި، މަންމައަށް އެނގިގެން ތަކުރާރުކޮށް އާފިޔާއަށް ދޮންބައްޕަގެ ފަރާތުންވެސް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ހެކިވެރިންނާ ޙަވާލާދީ ގާޒީ ވިދާޅުވިއެވެ. އަދި މި މައްސަލަތައް އޭރުވެސް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވީ ނަމަވެސް، އާފިޔާއަށް އިންސާފު ލިބިފައި ނުވަނީސް އާފިޔާވެސް ކުށުގެ ވެއްޓަށް ވެއްޓިގެން ދިޔަކަން ގާޒީ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މިއީ އާފިޔާ ކުރި ކުށަށް އަދަބު ލިބެން ނުޖެހޭ ސަބަބެއް ނޫން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކާ ޙަވާލާދީ ގާޒީ ވިދާޅުވީ، އިބްތިޙާލު މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އާފިޔާ އެކަން ކުރީ މަރާލުމުގެ ނިޔަތް އޮވެގެންކަން ސާބިތުވާކަންވެސް ތަފްސީލުތައް ހިއްސާ ކުރައްވަމުން ގާޒީ ފާހަގަކުރެއްވިއެވެ. އަދި ދީނުގެ ޝަރުއުތަކާ ޙަވާލާ ދެއްވައި ގާޒީ ވިދާޅުވީ، އިބްތިޙާލަކީ އާފިޔާގެ ދަރިއެއްކަމަށް (އަސްލެއް ކަމަށް) ވުމާއެކު، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ޤިސާސް ނުހިފޭނެ ކަމަށެވެ.

އަދަބު: ދައުލަތުން އެދުނީ 20 އަހަރުގެ ޖަލު ޙުކުމަކަށް!

މި މައްސަލައިގައި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އާފިޔާ އިއުތިރާފު ވެފައިވާތީ އަދަބުގެ ދަރަޖަ ދަށްވޭތޯ ބަލާއިރު، ފަހުން އޭނާ އިއުތިރާފަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އެ ސަބަބުތަކާހުރެ، އިއުތިރާފާއެކު ލިބިދޭ ލުއި އާފިޔާއަށް ލިބެންޖެހޭކަމަށް ދައުލަތަށް ޤަބޫލު ނުކުރެވޭކަމަށް ވަކީލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، އަދަބުގެ ދަރަޖަ މަތިވާ ޙާލަތްތަކެއް މި މައްސަލައިގެ ތެރެއިން ފާހަގަ ވެފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތަކީ ކުޑަ ކުއްޖަކަށް ވުމާއި، ތަފާތު އެކި ދުވަސްމަތިން އަނިޔާ ކޮށްފައިވުމަށް ބަލާއިރު، އަދަބުގެ މިންވަރު 2 ދަރަޖަ މަތިވާނެކަމަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިއީ ޖިނާއަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްކަން ފާހަގަކޮށް ވަކީލާ ވިދާޅުވީ، އޭގެ އަސާސީ އަދަބަކީ 10 އަހަރު ކަމަށެވެ. އެހެން ނަމަވެސް، އެ ދެ ޙާލަތަށް ބަލައި އަދަބުގެ ދަރަޖަ 2 ދަރަޖައަށް މަތި ކުރުމުން 15 އަހަރުގެ ޖަލު ޙުކުމަކަށް ބަދަލުވާކަމަށް ވަކީލާ ވިދާޅުވިއެވެ. އަދި މިއީ އަދަބު މަތި ކުރެވޭ މިންވަރު 3 ދަރަޖައަށް އިތުރު ކުރެވޭ ޝަރުތުތައްވެސް ފުރިހަމަވާ ކުށަކަށް ވުމާއެކު، އަދަބު 17 އަހަރާއި 6 މަހަށް ބަދަލުވާކަމަށް ވަކީލާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް މި މައްސަލައިގައި އަދަބުގެ ދަރަޖަ މަތި ކުރެވޭ ޙާލަތްތަކެއް ހުރިކަން ބަޔާން ކުރައްވައި ވަކީލާ ވަނީ އެ ހުރިހާ ޙާލަތަކަށް ރިއާޔަތް ކުރާއިރު، އަދަބުގެ ދަރަޖަތައް މަތި ކުރުމަށްފަހު، ޖުމުލަ 20 އަހަރުގެ ޖަލު ޙުކުމެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި ދިފާއީ ވަކީލު ވަނީ އާފިޔާގެ އިއުތިރާފަށް ބަލައި އަދަބުގެ ދަރަޖަ 1 ދަރަޖައަށް ލުއިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް، ދައުލަތުން ވަނީ އިއުތިރާފާ ގުޅިގެން ފާހަގަކުރެއްވި ވާހަކަތައް ތަކުރާރު ކުރައްވައި، ލުއި ދެވޭނެ ޙާލަތެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ އާފިޔާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އާފިޔާ 20 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
43%
0%
57%
0%
0%
ކޮމެންޓް
28 ޑިސެންބަރ 2020 | ހޯމަ 19:16
ސާ ހާ
ކޮބާ ތިބުނާ އާފިޔާ އައް ދުއްތުރާދިން ފެމެލީ މެންބަރުންތައް އާފަ ހެ އެބަ ޔަކާ ހެދިޔޯ މިތުއްތު އިބްތި ހާލް މި ހާއަނިޔާކޮއް މެރީ މުޅިމައްސަލާގަ ހިމެނޭ އެންމެން 20 އަހަ ހަރައް ޖަލައް ލާންވާނެ އާފިޔާ އާ އެކީއެކުގަ އޭރުން އިންސާފް ސަރީޔައް ތެއް ގާމްވިސް