ރިސޯޓްތަކުގައި ހަޅުތާލުކުރުމުގެ ހައްޤު މުވައްޒަފުންނަށް ޤާނޫނުން ލިބިދޭ: ރައީސް ނަޝީދު
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލް ކޮމިޓީން ވަނީ ދިރާސާކޮށްފައި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޓޫރިސްޓް ރިސޯޓްތަކަކީ ހެޑްލީސްގެ ދަށުން ވަކި މުއްދަތަކަށް މީހަކަށް ދީފައި އޮންނަތަނެއް ކަމަށާއި އެހެންކަމުގައި އެތަންތަނުގައި އެއްވެ މުޒާހަރާ ކުރުމުގެ ހައްގު ލިބިގެން ނުވީ ނަމަވެސް، ރިސޯޓް މުވައްޒަފުންނަށް މަސައްކަތް ހުއްޓާލާ ހަޅުތާލުކުރުމުގެ ހައްގު ޤާނޫނުން ލިބިދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ވަނީ ހުށަހަޅާފައެވެ. އެ ޤާނޫނު އުވާލުމުގެ ބިލް ކޮމިޓީގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ބިލް ދިރާސާކުރުމަށް ފަހު ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ކޮމިޓީން ބިލަށް ގެނައި އިސްލާހުގައި ވަނީ ކުއްލި އެއްވުމެއް ކަމުގައި ބެލެވެނީ ދިމާވާ ކުއްލި ކަމަކާއި ގުޅިގެން އެކަމެއް ހިނގި ވަގުތުން ފެށިގެން 48 ގަޑިއިރު ފާއިތުނުވަނީސް ބާއްވާ އެއްވުމެއް ކަމަށެވެ. އަދި އެގޮތުން އެއްވުން ބޭއްވެވޭނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ.
ޓޫރިސްޓް ރިސޯޓްތަކުގެ ތެރެއިން އެ ރިސޯޓެއްގެ ވަޒީފާ އަދާކުރާ މުވައްޒަފުން ތިބުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކާއި ވިޔަފާރި ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގައި އެއްވުމަށް ފުލުހުންގެ ހުއްދަ ހޯދަންޖެހެއެވެ.
މި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލައްވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުއްދަ ހޯދުމަކާއި ނުލާ އެއްވާކަމަކީ ކުއްލި ކަމަކަށް ވާންޖެހޭ ކަމަށާއި އެކަމަށް ޤާނޫނުން ހުރަހެއް ނާޅާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ރިޕޯޓަށް އަންގާރަ ދުވަހުގެ ޖަލްސާގައި ބަހުސްކޮށް ނިންމާލާފައިވާއިރު ބުދަ ދުވަހުގެ ޖަލްސާގައި މި ރިޕޯޓް ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދުމަށެވެ. އަދި ކޮވިޑްގެ ހާލަތު ނެތިގެންދިޔުމުން ފުލުހުންގެ ހުއްދައަށް އެދެން ނުޖެހޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ސަރުކާރު އައިސްފައިވަނީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގުތައްދޭ ސަރުކާރެއްގެ ގޮތުގައެވެ. ނަމަވެސް މި ބިލް ކޮމިޓީގައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުން އެކަމަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެއްވެއުޅުމުގައި މިހާރު އަމަލުކުރަމުންދަނީ 2016 ވަނަ އަހަރު އެ ޤާނޫނަށް ގެނެވުނު އިސްލާހާއެއްގޮތަށެވެ. އެ އިސްލާހުގައިވަނީ މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ދީފައެވެ. ފުލުހުންގެ ހުއްދަ ކުރީބައިގައި ހޯދައިގެން ފުލުހުން ހުއްދަދޭ ވަކިތަނެއްގައި ނޫނީ އެއްވެ ނޫޅެވޭ ގޮތަށް އެ ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
މި ސަރުކާރު އައުމަށްފަހު މި ޤާނޫނު އުވާލާނެކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މިހާތަނަަށް އެ މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އޭގެ އިތުރުން، ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އާއި ފުލުހުންގެ ބައެއް އިސްބޭފުޅުން މި އިސްލާހަށް ތާއީދުކޮށް ވާހަކަ ދެއްކެވުމުންވެސް ގިނަ ބައެއް ފާޑުކިޔުން އަމާޒުވިއެވެ.



