ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 22:05
މިއަހަރުގެ ޑައިލޮގް ބާއްވާފައިވަނީ ވަރޗުއަލްކޮށް
މިއަހަރުގެ ޑައިލޮގް ބާއްވާފައިވަނީ ވަރޗުއަލްކޮށް
އޭޖީ އޮފީސް
ދިވެހިރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް
ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިއްޖެ
 
ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ބެހޭ މައުލޫމާތު އީޔޫގެ މެމްބަރު ޤައުމުތަކާ ވަނީ ހިއްސާކުރެވިފަ
 
ކޮވިޑް-19 އާ ގުޅިގެން އީޔޫއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފަ
 
މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ވަނީ ކޮށްފަ

ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީ މައާފްކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ރާއްޖެއިން އެދިއްޖެއެވެ.

ދިވެހިރާއްޖެ އާއި އީޔޫއާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރު ހޯމަ ދުވަހު ވަރޗުއަލްކޮށް ބާއްވާފައިވާއިރު ދިވެހި ކަނޑުމަހުގެ ބާވަތްތައް އީޔޫއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި އީޔޫގެ ސަފީރުން ވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް ރާއްޖޭގެ ހާރިޖިއްޔާއިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ދެމެހެއްޓެނިވި އަދި އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީ ކަށަވަރުކުރެވޭ ގޮތަށް ހެދިފައިވާ ޕްލޭންތަކާ ބެހޭ ގޮތުން މި މަޝްވަރާތަކުގައި އީޔޫގެ ސަފީރުންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި ރާއްޖެއަށް ކޮވިޑް-19 އާ ގުޅިގެން އީޔޫއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އީޔޫއިން ވަނީ 1 މިލިއަން ޔޫރޯގެ ހިލޭ ދީފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފައިވާއިރު، ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ލޯނެއް ދިވެހި ސަރުކާރަށް ވަނީ ފޯރުކޮށްދީފައެވެ.

ވިޔަފާރީގެ ދާއިރާއިން އީޔޫއާއެކު އޮންނަ ގުޅުންތައް އިތުރުކޮށް، ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމަށް މަޝްވަރާކުރެވުމާއެކު ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ އެއްބަސްވެފައެވެ.

މިމޭރުމުން މަޝްވަރާކުރައްވަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އީޔޫއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި އެ ދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އީޔޫ ސަފީރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް އީޔޫއިން ދޭ 1 މިލިއަން ޔޫރޯގެ ފަންނީ އެހީއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ޝަރުޢީ ދާއިރާ ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ރާއްޖެއާއި އީޔޫއާއި ދެމެދު ވަނީ މަޝްވަރާކޮށްފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހިރާއްޖެއިން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުންވެސް ޔޫރަޕްގެ ޤައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ ޖަރމަނީ، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާއަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ދިވެހިރާއްޖެއާއި އީޔޫއިން ވަނީ ފާހަގަކޮށްފައެވެ. މި ދާއިރާތަކުން އީޔޫގެ ގައުމުތަކުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ބެހޭ މައުލޫމާތު އީޔޫގެ މެމްބަރު ޤައުމުތަކާ ވަނީ ހިއްސާކުރެވިފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް" ތަންފީޒުކުރުމަށް 5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ރާއްޖެއާއި އީޔޫ އާ ދެމެދު ވަނީ ސޮއިކޮށްފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އީޔޫގެ މެމްބަރު ޤައުމުތަކުން ވަނީ ދީފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ތިމާވެއްޓާއި ރައްޓެހި ސިޔާސަތުތަކެއް ގެންގުޅުމަކީ މުހިއްމުކަމެއްގެ ގޮތުގައި މި މަޝްވަރާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވެސް މި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މެރިޓައިމް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އަދި ވަޔަލެންޓް އެކްސްޓްރީމިޒަމް އާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާއިރު، ރާއްޖެއާއި އީޔޫގެ މެދުގައި އޮންނަ ސަލާމަތީ އެއްބާރުލުމުގެ ތެރެއިން ކައުންޓަރ ޓެރަރިޒަމް އަދި ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް 2.5 މިލިއަން ޔޫރޯގެ ޕްރޮޖެކްޓެއް އީޔޫ އިން ވަނީ ދާދިފަހުން ލޯންޗްކޮށްފައެވެ.

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގަކީ ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ދެ ފަރާތުން އިސްވެރިންގެ ދަތުރުތަކެއް ކުރެވި، ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

އެގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅާއި، ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް އަދި އީޔޫގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ ހައި ރެޕްރެޒެންޓޭޓިވްގެ މަޤާމުގައި ކުރިން ހުންނެވި ފެޑެރިކާ މޮގެރިނީ 2019 ވަނަ އަހަރު އޮގަސްޓް މަހު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އީޔޫގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ ހައި ރެޕްރެޒެންޓޭޓިވްގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޖޮސެޕް ބޮރެލްއާއެކު 2020 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަޝްވަރާތައް ބާއްވަވާފައެވެ. އަދި ދިވެހިރާއްޖެއާ އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ސީނިއަރ އޮފިޝަލުންގެ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމައި، ފުރަތަމަ ބައްދަލުވުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު މާލޭގައި ވަނީ ބާއްވާފައެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. މިނިސްޓަރ ޝާހިދުގެ އިތުރުން، އިތުރު މިނިސްޓަރުންނާ ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް