ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 15:54
ޝަހީދު ޙުސައިން އާދަމް، ޝަހީދުވެގެން ވެއްޓުނީ، ޓާސްކްފޯސް ތަމްރީނަށްފަހު، ބަޑި ފޯރިއަށް، ފުރަތަމަ ގޮސް ހުއްޓުނު ޕޮއިންޓަށް
ޝަހީދު ޙުސައިން އާދަމް، ޝަހީދުވެގެން ވެއްޓުނީ، ޓާސްކްފޯސް ތަމްރީނަށްފަހު، ބަޑި ފޯރިއަށް، ފުރަތަމަ ގޮސް ހުއްޓުނު ޕޮއިންޓަށް
ގޫގުލް
ނޮވެމްބަރު 3 - ޝަހީދު ޙުސައިން އާދަމް
ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!
 
މިކަން އާދައިގެ ގޮތެއްގައި ނެގުމުގެ ބަދަލުގައި، އޭނާ ނެގީ ވަރަށް ސީރިއަސް ކޮށް
 
ޙުސައިން އާދަމް ޑިއުޓީގައި ހުއްޓާ، އެންމެ ފުރަތަމަ ވެސް ބަޑިއެއްގެ ވަޒަނެއްގެ އަޑު، އޭނާއަށް އިވުނީ ގާތްގަނޑަކަށް 4:15 ގައި
 
ޝަހީދުވެގެން ވެއްޓުނީ، ޓާސްކްފޯސް ތަމްރީނަށްފަހު، ބަޑި ފޯރިއަށް، ފުރަތަމަ ގޮސް ހުއްޓުނު ޕޮއިންޓަށް

އެއީ، ޙުސައިން އާދަމް، ސިފައިންގެ ޚިދުމަތާއި ގުޅުނުތާ 4 އަހަރާ 5 މަހާ 24 ވަނަ ދުވަހަށް އޮތް، ރޭގެ ފަތިހުގެ 4:00 އެވެ. އޭރު އޭނާގެ ޢުމްރުން އެންމެ ވިއްސަކަށް އަހަރެވެ. ހަތަރެއް ޖެހުމުން އޭނާ އެ ޙަވާލުވަނީ، ސިފައިންގެ މައި މަރުކަޒުގެ ގޭޓުގެ ފޯރިއަށެވެ. މިތާ ފޯރިމަރަނީ ބަޑި ހިފައިގެންނެވެ. އެހެންކަމުން އެވަގުތު އޭނާ އެހުރީ އެންމެ އުފާވާ މަޤާމުގައެވެ. އަދި އެންމެ ފަޚުރުވެރިވާ ގޮތަށެވެ. މިއީ އޭނާގެ ހަނދާންތައް، ލިޔެފައިވާ ޑައިރީ ކިޔައިފި މީހަކަށް، އާދައިގެ ވާހަކަ ތަކެއް ނޫނެވެ.

ކުޅުދުއްފުށީގައި އޭނާ ކިޔަވަމުންދިޔަ ދުވަސްވަރު އަމީރު އަމީން ސްކޫލުގައި ވަރަށް ރަނގަޅަށް ކެޑޭޓު ޙަރަކާތްތައް އޮތެވެ. މިކަން އޭރު ޑިފެންސް މިނިސްޓަރު ނައިބު، އިލްޔާސް އިބްރާހީމްވެސް ހުންނެވީ އެނގިވަޑައިގެންނެވެ. އަދި އެ ސްކޫލުން ކެޑޭޓަށް އެންމެ ރަނގަޅު ކުދިންކޮޅެއް ސިފައިންގެއަށް ޚިދުމަތާ ގުޅުމީ، އިލްޔާސް ވަރަށް ދެކެވަޑައިގަތުން އެދޭ ކަމަކަށް ވިއެވެ.

ސިފައިންގެ މައި ގޭޓުގެ ކުރިމަތީގައި 3 ނޮވެމްބަރު 1988 ގެ ފަތިހު 4:00 ގެ ފޯރި އަށް އެ ނިކުތް ޒުވާނަކީ، އިލްޔާސް އިބްރާހީމް، ކުޅުދުއްފުށިން އެ ދެކެވަޑައިގަތް، ކެޑޭޓު ޙަރަކާތުގެ ބައިވެރިއެކެވެ. ސިފައިންގެ ޚިދުމަތާ ގުޅުމަށްފަހު، ފޯރިއަށް ނިކުންނަން ފެށިހިނދު، ޙާޒިރީއާ، އަޚްލާޤަށް ބަލާއިރު، ފާހަގަ ކުރެވެމުންދިޔަ ޒުވާނެކެވެ. އޭނާގެ ރައްޓެހީންގެ ފުށުން އެނގިފައިވާ ގޮތުންނަމަ، ބަޑި ޖަހަން އޭނާ ވަރަށް ޝައުގުވެރިކަން ހުރެއެވެ. ކޮންމެއަކަސް ،މި ޝައުގުގެ ހިނިތުންވުން، އޭނާއަށް އެ ލިބެނީ، ޓާސްކްފޯސް ތަމްރީން ހަދަން ފުރުސަތު ލިބުމުންނެވެ.

މިރޭ އޭނާ ފޯރިއަށް ހުއްޓިގެން އެ ހުރި ތަނަކީ، އޭނާގެ ހަނދާންތައް ލިޔެފައިވާ ފޮތުގައި، ފާހަގަ ކޮށްފައިވާ ވަރަށް ޚާއްސަ ތަނެކެވެ. އެއީ ޓާސްކުފޯސް ތަމްރީނަށްފަހު، ފުރަތަމަ ޑިއުޓީއަށް ނުކުތް ތަނެވެ. ބަޑި ޖެހުމަކީ އޭނާ އެންމެ ޝައުގުވެރިވާ ކަމެވެ. މި ތަމްރީނަށްފަހު، އޮތް ބަޑި މުބާރާތެއްގައި ބައިވެރިވެ، 6 ވަޒަނުން 3 ވަޒަން، އަމާޒަށް ޖެހި ކަމަށް ވެއެވެ. އެހެން ކަމަށް ވާނަމަ، އޭނާގެ އަތުގައި އެ އޮތް "AK-47" ބަޑިން ދުޝްމަނުންގެ އަމާޒަށް ބަޑިޖެހުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ވެއެވެ. ނަމަވެސް ކުރިމަތީގައި އޭރު ފެންނާން ހުރީ ސަރުކާރުގެ އޮފީސްތަކެއް ހިނގަމުންދާ ބިލްޑިންގެކެވެ. އެއީ ވަށައިގެން 4 ފޫޓެއްހައި ތިރި ފާރުބުރިއެއް ލައިފައިވާ ޢިމާރާތެކެވެ. އިމާރާތާއި، މިބުނާ ފާރާ ދޭތެރެއިން އޭނާގެ ކުރިމައްޗަށް ނިކުންނަ ކޮންމެ ދުޝްމަނަކަށް ޙަމަލާދޭން، އޭނާ ކަވަރުވެގެން ހުންނާނެ ތަނެއް ނެތެވެ. އޭރު އެތާނގައި ހަދާފައިހުރީ ޑިއުޓީގައި ހުންނަ މީހަކު، ވާރެއާ އަވިން ސަލާމަތްވެގެން ހުންނަން ހަދާފައިހުރި، ވަރަށް އާދައިގެ ތަނެކެވެ. އެފާރަކީ އެތަނަށްޖަހާ ވަޒަން އެ ފާރު ފޫއަޅުވާލައިފާ އެތެރެއަށް ވަންނާނެހާ އާދައިގެ ތަނެކެވެ. އެހެންކަމުން އޭނާ އެހުރީ، ބަޑިއެއްގެ ވަޒަނުން އެއްވެސް ކަވަރެއް ނެތް ތަނެއްގައޭ ބުނެވިދާނެއެވެ.

ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑްކުއާޓަރޒް، ނޮވެންބަރު ތިނެއްގެ އުދުވާނުގައި ޝަހީދު ހުސެއިން އާދަމް ހުންނެވީ ބޭރުން އެ ފެންނަ ގޮޅިތެރޭގައި

ނޮވެމްބަރު 3 ގެ ޙާދިސާގެ ދިރާސާތައް ކުރެއްވި، އެމްއެންޑީއެފްގެ ކޮމާންޑް ސާޖެންޓު މޭޖަރ ޢަބްދުﷲ ސަޢީދު، ވިދާޅުވެ ދެއްވި ޓައިމްލައިންތަކަށް ބަލާނަމަ، މިދަންނަވާރޭގައި ޙުސައިން އާދަމް ޑިއުޓީގައި ހުއްޓާ، އެންމެ ފުރަތަމަވެސް ބަޑިއެއްގެ ވަޒަނެއްގެ އަޑު، އޭނާއަށް އިވުނީ ގާތްގަނޑަކަށް 4:15 ގައެވެ. މި ދަންނަވާ ބަޑީގެ އަޑަކީ، އެރޭ އެ ގަޑީގައި، މިހާރުގެ ބޮޑު ފާލަމާ ދިމާއިން ސްރީލަންކާގެ ޕްލޯޓް ޓެރަރިސްޓުން މާލެއަށްއެރި ވަގުތު އިވުނު އަޑެކެވެ. އެތާނގައި ކޮނެފައި އޮތް ވަޅުގަނޑެއްގެ ޚަބަރު ނޭގޭތީ، އެއިގެ ތެރެއިން ބަޔަކު، އެ ވަޅުގަނޑަށް ވެއްޓުނެވެ. އެ ހިނދު، އެ އިވުނީ، އެއިން މީހެއްގެ އަތުގައި ލޯޑުކޮށްފައި އޮތް ބަޑިއަކުން، ނިކުތް ވަޒަނެއްގެ އަޑެވެ.

ޙުސައިން އާދަމްގެ ހިނދުރީގައި މި އަޑެއް ޖެހުމާއެކު، އެތެރޭގެ ޑިއުޓީގައި އިންނެވި ބޭކަލަކަށް، އެއީ ކޮން ވަޒަނެއްގެ އަޑުތޯ؟ އޭނާ ވަގުތުން ސުވާލު ކުރި ކަމަށްވެއެވެ. އެއީ ސިފައިންގެ އެތެރެއިން އިވުނު އަޑެއް ނޫންކަން ޔަޤީން ވުމުން، އެ ވާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބަޑިފޯރިއަށްހުރި މީހެއްގެ ބަޑިން ނިކުތް ވަޒަނަކަށް ވެދާނެ ކަމަށް ބެލެވުނެވެ. އެހެން ބެލެވެނީ، އެ ސަރަޙަށްދުގައި ބަޑިފޯރިއެއް މަރާނެ ދެވަނަ ތަނެއް ނެތީތީއެވެ.

ކޮންމެއަކަސް މި އަޑަށް ޙުސައިން އާދަމް ސަމާލުކަން ދިނީ، ވަރަށް ބޮޑަށެވެ. މިކަން އާދައިގެ ގޮތެއްގައި ނެގުމުގެ ބަދަލުގައި، އޭނާ ނެގީ ވަރަށް ސީރިއަސް ކޮންނެވެ. އޭނާގެ ބަޑި ވަގުތުން ލޯޑުކޮށް، ވަށައިގެން އޮތް މަންޒަރުގައި ލޯޖަހައިގެން އޭނާ ބަލަންފެށިއެވެ. މިހެން ބަލާން ހުއްޓައި ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި، އެ އިވެނީ ބަޑިއަކުން ވަޒަންތަކެއް، އޭނާ ހުރި ދިމާއަށް ސުޕްރޭ ކޮށްލި އަޑެއެވެ. އެ އަމާޒުވަނީ ސިފައިންގެ މައި ގޭޓަށެވެ. އޭރު، ސިފައިންގެ ކުރިމަތިން އަތިރިއަށް ފޭބެން އޮތް ގޯޅި ހުރަސްކޮށް، އެ ބަޔަކު، އެޓޯލްސް މިނިސްޓްރީ ހުރި ޢިމާރާތާއި ދިމާއަށް ހުރަސްކޮށްފިއެވެ. އެހެން ކަމުން މިއީ ނުރައްކަލެއްކަން ޙުސައިން އާދަމް ޔަގީން ކޮށްފިއެވެ. އެވަގުތު އޭނާ އެ ތައްޔާރުވަނީ، ކުރިމަތިން އަތުވެދާނެ ޙަމަލާއަކަށެވެ. ކައުންޓަރ އެޓޭކަށެވެ.

ޢަބްދުﷲ ސަޢީދު، ވިދާޅުވެ ދެއްވި ޓައިމްލައިންގައިވާ ގޮތުންނަމަ، ޙުސައިން އާދަމް ދުޝްމަނުންނަށް ބަޑިޖަހަންފެށީ، ގާތްގަނޑަކަށް 4:20 ގައެވެ. އެއީ، ކުރިމަތީގައި ހުރި ޢިމާރާތުގެ ފަހަތުން ވަދެގެން، އެއްކަލަ ފާރުބުރީގެ އެތެރެއިން ބޮނދައި ތިބެގެން، ސިފައިންގެ މައި ގޭޓުން ވަންނަން އައި، ޓެރަރިސްޓުން ހުއްޓުވަން އޭނާ ބަޑިޖެހި ވަގުތެވެ. ސުވާލަކީ، އޭރު މަގު ހުރަސްކޮށް އެ ދިޔަ ބަޔަކު އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟

މިހާރު މި އޮތީ ޙަމަލާ ފެށިފައެވެ. މި އަޑަށް ސިފައިންގެ އެތެރެއިން ވަގުތުން ސަމާލުވެއްޖެއެވެ. ސިފައިންގެއަށް ދުޝްމަނުންގެ ބަޔަކު ވަދެގެންފާނެ ކަމަށް ބެލެވޭ ދިމަދިމާއަށް، ހަތިޔާރާއެކު އެތެރޭގައި ޙަރަކާތްތެރިވަމުން ގެންދިޔަ ސިފައިން އޭރު ޕޮޒިޝަން ނަގައިފިއެވެ. އެހެން ކަމުން، އެޓޯލްސް މިނިސްޓްރީ ކުރިމަތިން ލައިފައި، ރައީސް އޮފީހާއި ޣާޒީ ބިލްޑިންގާއި ދެމެދުގައި އޮތް ގޯޅިން ބަޔަކު ނިކުންނަންވާއިރަށް، ސިފައިންގޭގެ އެދިމާ މަތިން، މި ދަންނަވާ ގޯޅި ތެރެއަށް ބަޑިޖަހަން ފަށައިފިއެވެ. މިއީ މިދެންނެވި ގޯޅިން ލައިފައި އެބަޔަކަށް، ސިފައިންގޭގައި އޭރު ފުލުސް އޮފީސްހުރި ބައިގެ ތެރެއަށް ވަދެ، ސިފައިންގެ އަށް ވަދެގަންނާނެ ފުރުސަތު ހުއްޓުވި، ޙަމަލާއަށް ވިއެވެ. އެހެން ކަމުން ޙުސައިން އާދަމްގެ ބަޑިން ފުރަތަމަ ޙަމަލާފެށިތާ، ގާތްގަނޑަކަށް 5 ވަރަކަށް މިނިޓުގެ ތެރޭގައި، މިދަންނަވާ ޕޮޒިޝަނުންވެސް އެދަނީ ދުޝްމަނުންނަށް ޙަމަލާ ދެމުންނެވެ.

ޓެރަރިސްޓުން، ސިފައިންގެ މައިމަރުކަޒުގެ ފަހަތު ފާރުގެ ކަން ގޮއްވާލި ބާގަނޑު، ބާގަނޑުން ވެސް ދުޝްމަނުންނަށް ވަދެވޭނެ ގޮތެއް ނުވި

ޢަބްދުﷲ ސަޢީދު، ވިދާޅުވެ ދެއްވި ޓައިމްލައިން ތަކަށް ބަލާއިރު، ޓެރަރިސްޓުން، ޑައިނަމޭޓު އަޅައިގެން ސިފައިންގެ ފަހަތު ފާރުގެ ކަން ގޮއްވާލީ، ގާތްގަނޑަކަށް އެރޭގެ 4:40 ގައެވެ. އެހެން ކަމަށް ވާނަމަ، 4:20 ގައި، ޙުސައިން އާދަމް ދޭންފެށި ޙަމަލާ ހުއްޓުމެއްނެތި ކުރިއަށްދާތާ، އެ ހިނގަނީ، 25 މިނިޓެވެ. އޭރު އެވަނީ، ސިފައިންގެ އެތެރެއިން، މުހިންމު ހުރިހާ ދިމާއަކުންހެން ދުޝަމަނުންނަށް ޙަމަލާ ދެމުންނެވެ.

ސިފައިންގެ ފަހަތުފާރު ކަނުން އެ ގޮއްވާލި ދިމާއަށް، އަމާޒުކުރެވެން ހުރި ބަޑިއެއް އޭރުވެސް މައުންޓުކޮށްފައި އެތެރޭގައި ހުއްޓެވެ. ކަން ގޮއްވާލުމާއެކު، މިދެންނެވި ބަޑިން އެދިމާއަށް ބަޑިޖަހަން ފެށުމުން، ގޮއްވާލި ބާގަނޑުންވެސް ދުޝްމަނުންނަށް ވަދެވޭނެ ގޮތެއް ނުވިއެވެ. މާނައަކީ، ޓެރަރިސްޓުން ރާވާފައި އޮތް "ސަޕްރައިޒް އެޓޭކް" 25 މިނިޓުގެ ތެރޭގައި، އެވަނީ، ފެއިލް ވެފައެވެ.

މިދެންނެވި 25 މިނިޓުގެ ތެރޭގައި ހަމައެކަނި ފެއިލްވީ، ސަޕްރައިޒް އެޓޭކް އެކަންޏެއް ނޫނެވެ. ޓެރަރިސްޓުންގެ ކޮމާންޑަރ ވަސަންތީވެސް، ސިފައިންގެ އެތެރެއިން ދެމުންދިޔަ ޙަމަލާގައި އޭރު މަރުވެއްޖެއެވެ. އަނެއްކޮޅުން ފާރުގެ ކަން ގޮއްވާލި އައްޕިއަކީ، އެމީހުންގެ ތެރޭގައި ހުރި ތަންތަން ގޮއްވަން ދަންނަ ހަމައެކަނި އެކްސްޕާޓެވެ. އޭނާވެސް އޭރު އޮތީ، ސިފައިންދިން ޙަމަލާއެއްގައި މަރުވެފައެވެ. މާނައަކީ، އެންމެ މުހިންމު ދެމީހުން އެހާ އަވަހަށް މަރުވުމުން، ޓެރަރިސްޓުންގެ ކޮމާންޑު އެ އޮތީ ގެއްލިފައެވެ. 15 ވަރަކަށް މިނިޓުގެ ތެރޭގައި ސިފައިންގެ ހިފަން ރޭވި ރޭވުން، ތިން ޕޮއިންޓުންވެސް ނާކާމިޔާބުވީ، ވަގުތުން ސިފައިން ބަޑިޖަހަން ފެށުމުންނެވެ. އެހިނދު ޓެރަރިސްޓުން ކަވަރުވެގެން ތިބެން މަޖުބޫރުވިއެވެ. އެމީހުން ރާއްޖެ އަށް އެރީ ދިގުލައިފާނެ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމަށް ނުވެފައި، ދެން ބޭނުން ކުރަން ފެށީ އަތުގައި ހުރި ބަރު ހަތިޔާރެ އެވެ. ދުރުގައި ތިބެގެން މޯޓަރުބަޑި ބޭނުންކުރަންފެށީ އެހެންވެ އެވެ. ބޮން އުކަން މަޖުބޫރުވީވެސް އެހެންވެއެވެ.

ސަޢީދުގެ ޓައިމްލައިންގައިވާ ގޮތުންނަމަ، ޙުސައިން އާދަމް ޙަމަލާ ދެމުން ދިޔައިރު، އޭނާއަށް މެގަޒިން ފޯރުކޮށްދޭން ގޮވަމުން ދިޔައެވެ. އޭނާ އަތުގައި އޮތް 2 ވަނަ މެގަޒިން ބަޑިއަށް ލައްވަން ނެގި ވަގުތު ކޮޅުގެ ތެރޭގައި، ޓެރަރިސްޓުންގެ ޙަމަލާއެއް އޭނާގެ އަތަށް އެރިއެވެ. އެއަށްފަހު، އޭނާގެ މެޔަށްވެސް ވަޒަން އަރަމުން ދިޔައެވެ. އެތެރެއަށް ވަންނަން ގޮވުމުން، އެވަރަށް އޭނާގެ އަތުގައި ވަޒަން ނެތް ކަމަށް ބުނަމުން ގެންދިޔައެވެ.

ކޮންމެއަކަސް ޙުސައިން އާދަމްގެ އަޑު ކެނޑިފައިވަނީ، މި ޓައިމްލައިން ބުނާ ގޮތުންނަމަ، ގާތްގަނޑަކަށް 4:40 އެހާކަންހާއިރެވެ. އޭރު އޭނާ އަތުގައި އޮތް 2 މެގަޒިންގެ 60 ވަޒަނުގެ ތެރެއިން 46 ވަޒަން އެވަނީ ބޭނުން ކޮށްފައެވެ. ފަހުން ކުރި ދިރާސާއިން ދައްކާގޮތުގައި، އޭނާ ޝަހީދުވިއިރު، އެންމެ ފަހުން ލެއްވި މެގަޒިންގައި 14 ވަޒަން ބާކި އޮތެ އެވެ. އެ ވަޒަންތަކުގެ ބޭނުން އޭނާ އަށް ހިފިފައި ނުވަނީ ބަޑީގެ މެގަޒިން އަށް ދުޝްމިނުންގެ ހަމަލާ އެއް އެރުމުން، ބަޑިން ވަޒަން ލޯޑްކޮށް ނުދީގެން ކަމަށް ވެއެވެ.

އޭރު އެ އޮތީ ޓެރަރިސްޓުން ގޮއްވާލި ބާގަނޑަށްވެސް ބަޑިޖަހަން ފަށައިފައެވެ. ޓެރަރިސްޓުންގެ މުޅި ޕްލޭން ފެއިލްވެފައެވެ. ސިފައިންގެ ހިފަން ރޭވި އެއްވެސް ދިމާއަކުން ވަދެވޭގޮތް ނުވެފައެވެ. އެއިން ކޮންމެ ދިމާއަކުން، އެމީހުންނާ ދިމާއަށް، ސިފައިން އެ ގެންދަނީ ބަޑިޖަހަމުންނެވެ.

ޝަހީދު ހުސެއިން އާދަމް، އޭނާ ޝަހީދުވެ ދިޔައީ، ޙަމަލާދެމުން ހުރެ

ބަޑި ގުދަނުގެ ތަޅުދަނޑި ލިބި މައުންޓު ކޮށްގެން ޙަމަލާދޭނެ ހަތިޔާރުތައް، މުހިންމު ޕޮޒިޝަންތަކަށް ނެރެ، ހަމަލާ ވަރުގަދަ ކުރުމާއެކު، ޓެރަރިސްޓުން އެވަނީ ފަހަތަށް ސޮއްސުވާފައެވެ. އެހެން އޮތްވައި، މޫސާ ޢަލީ ޖަލީލުގެ ކޮމާންޑު ކަމުގައި އެތެރެއިން ބަޔަކު ބޭރަށް ނިކުތްތަން ފެނި މާބޮޑަށް ނުރައްކާވެއްޖެ ކަމަށް، ޓެރަރިސްޓުންނަށް ޔަގީންވިއެވެ.

ނަވާރަ ދިވެއްސަކު ޝަހީދުވެގެން ދިއަ މި ޢުދުވާނަކީ، ފަހުގެ ތާރީޚު ދުއް އެންމެ ނުރައްކާތެރި ޢުދުވާނެ އެވެ. ހ.ހާޖަރާގޭ ޢަބްފުﷲ ލުތުފީގެ ރޭވުމެއްގެ ތެރެއިން، ސްރީލަންކާގެ ޕްލޯޓު ޖަމާޢަތުގެ 80 ވަރަކަށް ޓެރަރިސްޓުން ގޮވައިގެން އައިސް، ރާއްޖެއަށް އެ ދިން ޙަމަލާ، ނާކާމިޔާބު ވެއްޖެކަމަށް ޓެރަރިސްޓުންނަށް ޔަގީންވި "ޓާރނިން ޕޮއިންޓް" އަކީ ސިފައިންގެ ފައުޖެއް ސިފައިންގެއިން ބޭރަށް އެ ނިކުތް ނިކުތުމެއެވެ. އަދި ފައުޖު އެނބުރިއައިސް އެތެރެއަށް ވަތްކަން އެމީހުން ނޭނގެއެވެ. މިހައިތަނުން، އެމީހުން ދެން ބެލީ، މީހުން ރަހީނުކޮށްގެން ރާއްޖެއިން ފުރައިގެން ދާށެވެ. ރާއްޖެއަށް ނަސުރުދޭން އައި އިންޑިއާގެ މަތިންދާބޯޓުތައް ޖެއްސި ވަގުތަކީ، ޓެރަރިސްޓުން ހުޅުލެ ފަސްދީ ދަތުރުފެށި ވަގުތެވެ. އޭރު ދިވެހި ސިފައިން އެތިބީ، ދުޝްމަނުންގެ މި ޙަމަލާ ބަލިކޮށްލައިފައެވެ. ނަސްރު ހޯދައިފައެވެ. އެހެން ނަމަވެސް ސިފައިންގެއިން ބަޑިޖެހުން ހުއްޓާލުމުގެ އަމުރު އެރޭ އައުމާއި ހަމައަށް، ސިފައިންތިބީ ހަތިޔާރު އުފުލައިގެންނެވެ.

ސިފައިންގޭގައި އެވަގުތު އެންމެ އިސްކޮށް ހުންނެވި ކޮމާންޑަރަކީ މޭޖަރ މުޙައްމަދު ޒާހިރެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނަކީ ޗީފް އޮފް ޑިފެންސް ފޯސް އެވެ. ޒާހިރު އެ ޙާދިސާ ވިދާޅުވެ ދެއްވި ގޮތުގައި، ސިފައިންގެ ވަށައިގެން ޙަމަލާދެމުން ގެންދާތީ، އެމީހުން ޙަމަލާދޭ މަޤާމުތައް ދެނެގަތުމަށް ބޭރަށް ނިކުންނަން އެންމެ ފުރަތަމަ ނިންމެވީ ޒާހިރެވެ. އެވާހަކަ ބުނުއްވުމުން އެކީގައި ނިކުންނަން ޓީމެއް އައެވެ. އެމީހުންނާއެކު، މައިގޭޓުން ނިކުންނަވަން ބަހަށް އަރުއްވައި، ކުރީސީޓުގައި އިންނަވަނިކޮށް، ޒާހިރު ނިކުންނެވުން މަނާކުރެއްވީ އޭރުގެ ކޮމާންޑަރ އިން ޗީފް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ.

"އަޅުގަނޑު އޭރު އިނީ ބަހަށް އަރާ. އެހެން އިންދާ، އަޙުމަދު ނަޢީމު އަޅުގަނޑަށް ގޮވާލައްވާފައި ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އެބަ ވިދާޅުވެއޭ މުޙައްމަދު ޒާހިރު، އެތެރޭގައި މަޑުކުރައްވަން. އަޅުގަނޑު ދެންނެވިން، މި ކުދިން އަޅުގަނޑާއެކު ވެހިކަލަށް އަރާ މިތިބީ އަޅުގަނޑު ނިކުންނާތީއޭ. ކިހިނެއްތޯއޭ މިކުދިން ދޫކޮށް ބަހުން ފައިބާނި؟ އަނެއްކާވެސް އަޙުމަދު ނަޢީމު ރައީސް މައުމޫންގެ އެ އޯޑަރު ތަކުރާރު ކުރެއްވީމަ، ދެން އަޅުގަނޑު ފޭބީ. އެހެން ނަމަވެސް މައި ދޮރު ތާށިވެފަ ހުރުމުން، ބަހަށް ނިކުމެވޭނެ ގޮތެއް ނުވި. މޫސާ ޖަލީލު އެހެން ފައުޖަކާއެކު، ފަހުން ނިކުންނެވީ ފުލުސް އޮފީސް ގޭޓުން" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

ލިޔަމުން މި އައި، ނޮވެމްބަރު 3 ގެ ބަޠަލް ޝަހީދު ޙުސައިން އާދަމް، ގެ ޓައިމްލައިނުން، ޔަޤީންވަނީ، ވަރަށް އާދައިގެ ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހުރެމެ، އެހެންނަމަވެސް އެފަދަ ޙާލަތެއްގައި ނެގޭނެ އެންމެ މުހިންމު ޑިޒިޝަން ނަގައި، ޙުސައިން އާދަމް، ވަގުތުން އެފެށި ޙަމަލާއަކީ، ޓެރަރިސްޓުންގެ މުޅި ޕްލޭން ފެއިލްކޮށްލަން، ސިފައިން އެލާޓުކޮށްދީ، ސިފައިން ޙަމަލާފަށަން ހޯދައިދިން، އަގުބޮޑު 25 މިނިޓު ކަމެވެ.

މި 25 މިނިޓުގެ ތެރޭގައި، އޭނާ ޝަހީދުވެ ދިޔައީ، ޙަމަލާދެމުން ހުރެ އެވެ. އަދި އެ 25 މިނިޓު ނިމޭއިރު، ދުޝްމަނުން ސިފައިންގެ ހިފަން ޙަމަލާދިން 3 ދިމާއިންވެސް އެއޮތީ، ފެއިލް ކޮށްލައިފައެވެ. އޭރު ސިފައިން އެވަނީ، ކައުންޓަރ އެޓޭކް ވަރުގަދަކޮށް، ޓެރަރިސްޓުން ފަހަތަށް ޖައްސައިފައި ކަމެވެ.

ޙުސައިން އާދަމް ޙަމަލާ ފެށި ވަގުތު، އޭނާއާއިއެކު، ފޯރިއަށްހުރި އާދަމް މުހައްމަދު (ގުލްބަކާ) ފުލުސް އޮފީސް ގޭޓުން އެތެރެއަށް ވަދެވޭތޯ އޭނާ ދުއްވައިގަތީ، ޙުސައިން އާދަމްވެސް އަވަހަށް އަންނަން ގޮވަމުންނެވެ. އެހެން ނަމަވެސް، މި ޚުތޫރަތްތެރި އަދި ގައުމަށް އޭނާގެ ޚިދުމަތް އެންމެ ބޭނުންވި ވަގުތު، ޙުސައިން އާދަމް ނިންމީ، ސިފައިންގެ ގޭޓު ދޫކޮށް ނުގޮސް، ޙަމަލާ ކުރިއަށް ގެންދިއުމަށެވެ.

އޭނާ ޝަހީދުވެގެން އެދިޔައީ، ޑައިރީގައި ވާ ގޮތުންނަމަ، އެންމެ ފުރަތަމަ ބަޑިފޯރިއަށް ނިކުތް ޕޮއިންޓުގައި ހުރެއެވެ. އެއީ 1 ޖެނުއަރީ 1987ގެ ރޭ 12:00 ގައި، އޭނާ އެންމެ ފުރަތަމަ ބަޑިފޯރި މަރަންފެށި ހަނދާނީ ޕޮއިންޓެވެ. އެ ޕޮއިންޓު ވެފައި އެ އޮތީ، ގައުމަށްޓަކައި ޝަހީދުވި، 3 ނޮވެމްބަރުގެ ބަޠަލް ޙުސައިން އާދަމް ޝަހީދުވެގެން ވެއްޓުނު ޕޮއިންޓަށެވެ.

ޙުސައިން އާދަމް، ޙަމަލާފެށުމާއި ޝަހީދުވުމާއި، މި ދެމެދުގައި އެ ހިނގައިދިޔަ 25 މިނިޓަކީ، ގައުމަކަށް ދަރިއަކު، ކޮށްދޭނެ އެންމެ މަތިވެރި ޚިދުމަތުގައި ހުރެ، ގުނަމުންދިޔަ 25 މިނިޓެވެ. އޭނާ ހިނެވި މީހުންގެ ލޮލަށް، އެ ހަށިގަނޑުން ފެނިފައިވި ޒަޚަމްތަކަށް ބަލާއިރު، މެއަށް އަރާފައިހުރި ވަޒަންތަކުން ހާމަވަނީ، އޭނާގެ މޭގެ އެންމެ ފަހު ވިންދު ދޫކޮށްފައި އެވަނީވެސް، ދިވެހި ގައުމުގެ ޙައްގުގައި ކަމެވެ. ވިހުރެމުންދާ ދިވެހި ދިދަޔަށް ނަސްރު ދިނުމުގައި ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
2%
63%
30%
2%
1%
3%
ކޮމެންޓް
9 ނޮވެންބަރ 2020 | ހޯމަ 21:15
😭😭😭😭😭😭😭😭😭
4 ނޮވެންބަރ 2020 | ބުދަ 07:49
ޒ
ޝަހީދުވެގެންމަރުވާ މީހުން ހިނުވާތަ؟