ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާކަމަށް ގަބޫލުކުރެވޭ: ސިރާޖު
ނަސޭހަތްދިިނުމާއި ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި ވަކިކުރަންޖެހޭ ފަރާތްތައް ވަކިކުރުމުގެ ކަންކަން ކުރިޔަށްދޭ

ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރެއްގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަންޖެހޭ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަމުންދާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ތަފާތު އެކިއެކި ތުހުމަތުކުރެވޭ ފަނޑިޔާރުން ދަށު ކޯޓުތަކަށް ބަދަލުވެ އެމީހުންނާމެދު ފިޔަވަޅު ނޭޅޭކަމަށް ދެކެވޭ ވާހަކަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ މީގެކުރިން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތައް އެހުރި ގޮތަށް ހުރިކަމުގައި ވިޔަސް މިހާރު މައްސަލަތައް ބަލަމުންދާ ކަމަށެވެ.
މިހާރު ޖޭއެސްސީގައި ތިއްބެވި މެމްބަރުން އެތަނަށް މައްސަލައެއް ހުށަހެޅުމާއެކު ވީއެންމެ އަވަހަކަށް މައްސަލަ ބައްލަވާ ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މައްސަލަ ބެލުމަށްފަހު އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރަމުންދާތަން ފެންނަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެގޮތުން ނަސޭހަތްދިިނުމާއި ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި ވަކިކުރަންޖެހޭ ފަރާތްތައް ވަކިކުރުމުގެ ކަންކަން ކުރިޔަށްދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ މިހާރު މައްސަލަ ހުންނަ ފަނޑިޔާރެއްގެ މައްސަލަ ނުބަލާ އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ފަހުން ޖޭއެސްސީއަށް އައި މެމްބަރުންނާއެކު ގިނަ އަދަދެެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. އަދި ދަށު ކޯޓުތަކުގަޔާއި މަތީ ކޯޓުތަކުގައި ތިބި ފަނޑިޔާރުންގެ މައްސަލަތައް ސާބިތުވެ އެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން ބައެއް ފަނޑިޔާރުން މަޖިލީހުން ވަކިކޮށްފައިވާއިރު އަނެއްބައި ފަނޑިޔާރުންވަނީ މަޖިލީހުން ވަކިވުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާދެއްވާފެެއެވެ.
މީގެތެރޭގައި ހިމެނޭ ފަނޑިޔާރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަފާތު އެކިއެކި ތުހުމަތުތައް ކުރެވިފައިވާ ފަނޑިޔާރުންނެވެ.




