ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 22:41
\'މޯލްޑިވްސް ބޯޑަރ މައިލްސް\' އިފްތިތާޙުކުރުން
'މޯލްޑިވްސް ބޯޑަރ މައިލްސް' އިފްތިތާޙުކުރުން
ރާއްޖެއެމްވީ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް
ދުނިޔޭގައި ފުރަތަމަ ފަހަރަށް 'މޯލްޑިވްސް ބޯޑަރ މައިލްސް' އިފްތިތާޙުކޮށްފި
 
މި ޕްރޮގްރާމަށް އަމަލުކުރާނީ 01 ޑިސެމްބަރ 2020 އިން ފެށިގެން
 
މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙު ކުރެވޭ އެންމެ ފުރަތަމަ ފަހަރު

'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ކުރިމަތިވި ހީނަރުކަމާއިއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމްއެވެ.

މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙު ކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، އިތުރަށް ފުޅާކުރުމެވެ.

މިޕްރޮގްރާމް އިފްތިތާޙު ކުރެވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ފާހަގަ ކުރެއްވި ގޮތުގައި، މިޕްރޮގްރާމާއި އެކު ރާއްޖޭގެ މަޤުބޫލުކަން އިހުނަށްވުރެން މުޅި ދުނިޔޭގައި އިތުރުވެގެން ދާނެއެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، މިއަދު މި އިފްތިތާޙު ކުރެވިގެންދިޔަ 'މޯލްޑިވްސް ބޯޑަރ މައިލްސް' އަކީ ރާއްޖޭގެ މަޤުބޫލުކަން އިތުރަށް ދުނިޔޭގައި ކުރިއަރައި އިޝްތިހާރު ކުރުމަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާ ގޮތެއްގައި ލިބިގެންދާނެ ކަމެއް ކަމަށް، ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.

މި ޕްރޮގްރާމަށް އަމަލު ކުރާނީ 01 ޑިސެމްބަރ 2020ން ފެށިގެނެވެ.

މި ޕްރޮގްރާމަކީ ފަތުރުވެރިންނަށް ޙާއްސަ، އަދި މިޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށެވެ. އަދި ޙާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޙާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލް ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލް ކުރާ ދަރަޖައަކާއި ގުޅޭ ޙާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރު ވެގެންދާނެއެވެ.

ފަތުރުވެރިންނަށް ކިޔޭ އެންމެ ފުރަތަމަ މަރުހަބާގެ މުހިންމުކަން ފާހަގަކޮށް، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސެއިން ވިދާޅުވީ، ފަތުރުވެރިޔާ އިންތިޒާރު ކުރަމުންދިޔަ ޗުއްޓީ ރާއްޖެއިން ފެށިގެން ދަނީ ބޯޑަރުގައި ތިއްބަވާ އިމިގްރޭޝަން އޮފިސަރުން ދެއްވާ މަރުހަބާގެ ހިނިތުންވުމުން ކަމަށެވެ.

އެއީ ރިޒޯޓު ނުވަތަ ގެސްޓުހައުސްގެ ރިސެޕްޝަނަކުން ނޫން. އެހެންކަމުން، މޯލްޑިވްސް ބޯޑަރ މައިލްސް ވުޖޫދަށް ގެނަސް، ފަތުރުވެރިން އުއްމީދު ނުކުރާފަދަ ދަތުރަކަށް މަރުހަބާ ކިޔުމަށް މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރަށް އެބައޮތް
ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސެއިން

ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމާއިއެކު، އެ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އަހަރަށެވެ.

މިކާމިޔާބީއާއިއެކު، ފަތުރުވެރިކަމުގެ ސިނާއަތް ދެން ޖެހިގެން އޮތް ހަރުފަތަށް ގެންގޮސް، 2020 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ގެނައުމަށް ގިނަގުނަ މާރކެޓިންގ ހަރަކާތްތައް ވެސް ފަށާފައިވެއެވެ.

ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވުމާއިއެކު ރާއްޖޭގެ ބޯޑަރު 27 މާރިޗު 2020 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވެފައި، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ.

ބޯޑަރު ބަންދު ކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވި ފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، 15 ޖުލައި 2020 ގައި ރާއްޖެ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ.

މިފަދަ ދަނޑިވަޅަކާއި ދިމާކޮށް މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ތަޢާރަފް ކުރުން ވެގެންދާނީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކޮށިގެންދާ ވަރަށް ތަނަވަސް މަގަކަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވިގެންދާ މުހިންމު ދޮރަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް