ބުދަ 21 އޮކްޓޯބަރ 2020
04 ހެއި
1442 ރަބީއުލް އައްވަލް 04
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
އާޒިމާގެ ޝަރީއަތް

ޑޮކްޓަރު އެޕޮއިންޓްމަންޓެއްގެ ސަބަބުން އާޒިމާގެ ޝަރީއަތް މިއަދުވެސް ކުރިއަށް ނުގެންދެވުނު

  • އާޒިމާއަަށް ގާނޫނީ ވަކީލެއް އައްޔަން ކުރަން މިއަހަރުގެ މާރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވި، ނަމަވެސް މިއަދުވެސް ވިދާޅުވީ، ވަކީލަށް ތައްޔާރު ވުމަށް ދުވަސް ކޮޅެއް ދެއްވުމަށް
  • އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދައުވާއެއް
  • އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މާރޗު މަހުގެ 8 ވަނަ ދުވަހު، މިއީ ވަރަށް ދިގުލާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވޭ
  • އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއާ ގުޅޭ، ދޮގު މައުލޫމާތު އޭސީސީއަށް ދީފައިވާ ކަމުގެ ތުހުމަތު

ކ. މާލެ | 27 ސެޕްޓެންބަރ 2020 | އާދީއްތަ 15:31 | 8,672

އާޒިމާގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު: އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މާރޗު މަހުގެ 8 ވަނަ ދުވަހު، މިއީ ވަރަށް ދިގުލާ މައްސަލައެއް - ޝުއައިބް މުހައްމަދު އިގްބާލް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ގިނަ ދުވަސްތަކަށްފަހު ތާވަލް ކުރި އާދިއްތަ ދުވަހުގެ އަޑުއެހުންވެސް ކުރިއަށް ނުގެންދެވި، ނިންމާލައިފިއެވެ.

ޝަރީއަތް ފެށުމުގެ ގޮތުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، އާދިއްތަ ދުވަހުގެ އަޑުއެހުމަށް ވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ، އާޒިމާގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުން ވިދާޅުވަނީ ކީކޭތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ސިޓީގައި ވާއެއްޗެއް އެނގިގެން ނޫނީ ދައުލަތަށް ޖަވާބުދޭން ދަތި ކަމަށެެވެ.

އަޑުއެހުމަކީ 13:30 ގައި އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމަކަށްވާތީ، އާޒިމާވެސް އޭނާގެ ގާނޫނީ ވަކީލުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމާ ގުޅިގެން އާޒިމާ ވިދާޅުވީ، އެ ސިޓީއަކީ ސިއްހީ ހާލަތު ހުރިގޮތުން، އާދިއްތަ ދުވަހު ދޭއް ޖަހާއިރަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަން ޖެހޭތީ އާދިއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިފައިވާ ސިޓީއެއް ކަމަށެވެ. އެ ސިޓީގައި ސިއްހީ ހާލުކޮޅުގެ ބައެއްކަން ބަޔާންކޮށްފައިވާނެ ކަމަށާއި މިއީ މީޑިއާއަށް ހުޅުވާލައިގެން ބޭއްވޭ ޝަރީއަތުގެ އަޑުއެހުމަކަށްވާތީ، ސިޓީގައިވާ މައުލޫމާތު އާންމު ނުކުރުމަށް އެދޭ ކަމަށެވެ.

ގާޒީ ވިދާޅުވީ، "ޝަރީއަތް ކުރިއަށް ގެންދާނީ އޯގާތެރިކަމާއެކު، ބާރުގެ ބޭނުން ނުކޮށް" ކަމަށެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް، ވަނީ ނިންމާލާފައެވެ. ނަމަވެސް ނިންމާލެއްވުމުގެ ކުރިން ގާޒީ ވަނީ ދެން ޝަރީއަތުގެ އަޑުއެހުމަށް ދެފަރާތުން ވެސް ތައްޔާރުވެވަޑައިގެން ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

އާޒިމާ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ އައިޝަތު ފަޒުނާ އަހުމަދު ވިދާޅުވީ، އޭނާ އާޒިމާގެ ގާނޫނީ ވަކީލުކަމާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެހެންކަމުން، ދެން ބޭއްވޭ ޝަރީއަތުގެ އަޑުހުމަށް ތައްޔާރުވުމަށް ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ ނަމަވެސް މި އަހަރުގެ މާރޗު މަހުގެ 8 ވަނަ ދުވަހު ބޭއްވި، އެންމެފަހު އަޑުއެހުމުގައި އާޒިމާއަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް، މަރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދެއްވާފައެވެ.

ގާޒީ ވިދާޅުވީ، މިހާރުވެސް މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އާޒިމާގެ ވަކީލު ފަޒްނާ ވިދާޅުވީ 15 ދުވަސް ދެއްވުން އެދޭ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ކަމަށާއި ދެފަރާތުން ވެސް ތައްޔާރުވެގެން ވަޑައިގެންނެވުމަށެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދައުވާ އެކެވެ. މިދެ ދައުވާ ކްރިމިނަލް ކޯޓަށް ބަލައިގެންފައިވަނީ 2019 ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. މިމައްސަލަ ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ގޮތެއް ނުނިންމި އޮންނަތާ 19 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދޭތެއަކުން އަޑުއެހުމެއް ތާވަލް ކުރި ނަމަވެސް އަޑުއެހުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭ ތަނެއް ނުފެނެއެވެ.

* ކުރިއަށް ގެންދެވުނު އަޑުއެހުންތަކުގެ ތެރެއިން އެންމެފަހުން ބޭއްވި އަޑުއެހުން (މިދިއަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު)

އާޒިމާގެ މައްޗަށް އުފުލާފައިވާ ދަޢުތަކުގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެފަހުން އެ މައްސަލަތަކުގެ އަޑުއެހުމެއް ބާއްވައިގެން ކުރިއަށް ގެންދެވިފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި އިބްތިދާޢީ އަޑުއެހުމުގައި ވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ. އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، ބީއެމްއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ.

އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ޔާމީނުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދަޢުވާ ލިބޭ ފަރާތް ކަމަށާއި، އެ މައްސަލާގައި ދަޢުވާ ލިބޭފަރާތްކަމުން އެ މައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.

މުއައްވިޒު އާއި ލުޠުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ. އެގޮތުން މުއައްވިޒު ވަނީ ލުޠުފީއާއެކު ޔާމީނާއި ސުވާލުކޮށްފައިކަމަށާއި އޭނާއަށް އެކައުންޓް ފްރީޒްކުރުމަށް ފުރުޞަތު ލިބި އެކަން ކޮށްފައި ނުވާތީ އޭނާގެ ހެކިބަސް ނެގިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މަޢުލޫމާތު ދީފައިވާ ފަރާތެއްކަމަށާއި، ދޮގު ހެކިބަސް ދިނުމުން އެ މައްސަލަ ފުލުހުން ބަލަމުންދާތީ އެ ހެކިބަސް ނުނެގޭނެ ކަމަށެވެ.

ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޤާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، ހެކިންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަކުރައްވާފައެވެ.

ޝަރީޢަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އެސްކްރޯ އެކައުންޓެއް ހެދުން އެއީ ޤާނޫނާއި ޚިލާފު ކަމެއްތޯ އާއި، އެސްކްރޯ އެކައުންޓް ހެދުމަށް ލަފާ ދީފައިވަނީ އާޒިމާ އެކަނިތޯއާއި، ލަފާ ދިނުމަކީ ކުށެއްތޯ ދަޢުލަތާއި ސުވާލު ކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓް ހެދުން އެއީ ޤާނޫނާއި ޚިލާފު ކުށެއްކަމެއް ދައުލަތުން ޤަބޫލު ނުކުރާކަމަށެވެ. ނަމަވެސް މައްސަލައިގެ ޙާލަތައް ބަލާނަމަ އެއީ ކުށެއް ކަމަށާއި، މަނީ ލޯންޑްރިންގެ ޤާނޫނުގައިވާ ގޮތުން އެކަން ފޮރުވަން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށް ދަޢުލަތުން ދެކޭ ކަމަށެވެ.

މިއަޑުއެހުން ކުރިއަށް ގެންދިޔައީ އޭރު މިމައްސަލަ ބެއްލި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް އެވެ.

* އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލުން (8 މަރޗް 2020)

އެއަޑުއެހުން ނިންމާލެއްވީ، މިހާރު އާޒިމާގެ ޤާނޫނީ ވަކީލެއް ނެތުމުން ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމުގެ ފުރުޞަތު މާރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެއްވާފައެވެ. އަދި އެ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން އެ ދުވަހުގެ އަޑުއެހުން ބާއްވާފައެއް ނުވެއެވެ.

މީގެކުރިން އާޒިމާގެ މި ދެ ދަޢުވާ ވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި، އޭނާ ގާޒީ ކަމުން ވަކިކުރަން ނިންމުމާ ގުޅިގެން ހައިލަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެހެންކަމުން، އެންމެފަހުން ބޭއްވި އަޑުއެހުމުން ފެށިގެން އާޒިމާގެ މި ދެ ދަޢުވާ ކުރިއަށް ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.