ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 08:35
ޗައިނާގެ ކުންފުންޏަކުން ކޮވިޑް19އަށް އުފެއްދި ވެކްސިނެއް، ޖުލައިމަހުގެ ތެރޭގައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންނަށް ޖަހަންފަށާފައި
ޗައިނާގެ ކުންފުންޏަކުން ކޮވިޑް19އަށް އުފެއްދި ވެކްސިނެއް، ޖުލައިމަހުގެ ތެރޭގައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންނަށް ޖަހަންފަށާފައި
ރޮއިޓަރސް
ކޮވިޑް19 ވެކްސިން
ކޮވިޑް ވެކްސިނަށް ފެންބޮވައިގެން ދުނިޔޭގެ ދޫ ނިކުމެފައި!
 
ވެކްސިން އުފެއްދުމުގެ މަރުޙަލާގައި، ދުނިޔޭގެ އެންމެ ކުރީސަފުގައި ހިމެނޭ ކުންފުނި ތަކުގެ ދެބައިކުޅަ އެއްބަޔަކީ، ޗައިނާގެ ކުންފުނިތައް
 
ކޮވިޑް19 އަށް ވެކްސިން އުފެއްދުމުގައި، އެމެރިކާގެ ކުންފުނިތަކުގެ މެދުގައި އޮތް، ވެކްސިން އުފެއްދުމުގެ ވާދަވެރި ރޭސް، ބައެއް ކުންފުނިތަކުން މިހާރު ގެންދަނީ، ނިންމަމުން
 
އެންމެން އުންމީދުކުރި އޮކްސްފޯޑު ވެކްސިނަށް މިވީ ކީއްކަމާމެދު މި ވަނީ ސުވާލު އުފެދިފަ

ކޮވިޑް19ގައި، ދުނިޔެ ދޫކުރަމުންގެންދާ މީހުންގެ ޢަދަދު، މިލިއަނަކާ ގާތްކުރަނީއެވެ! މިހިނގާ 24 ގަޑީއިރުގެ ތެރޭގައިވެސް، ދުނިޔެ އޮތީ، މި ރޯގާގެ ހުމުގައި ރަޖާލައިގެންނެވެ. ހުން ގަދަވެފައި އޮތީ، ހަމައެކަނި އެތައް މިލިއަން އިންސާނުންގެ އެތެރެހައްޓަކަށް ނޫނެވެ. ދުނިޔޭގެ އިގްތިސާދުވެސް އޮތީ ހުމައެވެ. ކުޅިވަރާއި، އިޖުތިމާޢީ ހޭލަމޭލަކަންވެސް އޮތީ ރަޖާ ލައިގެންނެވެ. ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި، ނާސަރީ އަދި ޕްރައިމަރީއާއި، ސެކަންޑަރީ ތަޢުލީމުގެ ޙާލަކީވެސް މިއެވެ. އެހެންކަމުން، ކޮވިޑު19ގެ ވެކްސިނަށް، ދުނިޔޭގެ ދޫ، ފެން ބޮވައިގެންފައި އޮތްވައި، އެންމެން އުންމީދުކުރި އޮކްސްފޯޑު ވެކްސިނަށް މިވީ ކީއްހެއްޔެވެ؟

އިނގިރޭސިވިލާތާއި، ސައުތް އެފްރިކާއާއި، އެމެރިކާއާއި ބްރެޒީލުގެ 30 ހާސް މީހުން ބޭނުންކޮށްގެން، އޮކްސްފޯޑު ޔުނިވަރސިޓީއާއި "އަސްޓްރަ ޒެނެކާ" އިން އުފެއްދި ވެކްސިންގެ ފަހުގެ މަރުޙަލާ އަޖުމަ ބަލަމުން ގެންދަނިކޮށް، ވެކްސިން ދިން މީހަކަށް ދިމާވި މައްސަލަކުން، މިހާރު އޮތީ، އަޖުމަ ބަލަމުން ގެންދިއުމުގެ މަސައްކަތް މުޅީންހެން ހުއްޓިފައެވެ. އަޖުމަ ބެލުމުގެ ގޮތުން އެތަންމިތާނގައި، މި ވެކްސިން ދިނުމުގެ މަސައްކަތް، ހިނގަހިނގާ އޮތް ހުރިހާ ސެންޓަރަކުންވެސް އަޖުމަބެލުން އޮތީ ހުއްޓާލައިފައެވެ.

މިއީ، މި މަރުޙަލާގައި އޮކްސްފޯޑަށް މިފަދަ މައްސަލައެއް ދިމާވި ދެވަނަ ފަހަރެވެ. އެހެން ކަމުން، މި ވީ ގޮތް ބަލަން އިންސާފުވެރި ބަޔަކާއި، އެކަމުގެ ތަޙުގީގު އޮތީ ޙަވާލުވެސް ކޮށްފައެވެ. ހުކުރު ދުވަހުގެ އިރަށް ދޮންވެގެން އައި އިރުވެސް، ދުނިޔެ އިންތިޒާރު ކުރަމުން ދިޔައީ، މި ތަޙުގީގުގެ ނަތީޖާއަށެވެ. މި ދިމާވި މައްސަލަ، ކެތް މަދުވެފައިވާ ދުނިޔެއަށް އެނގެން އޮތީ، ކުރެވެމުންއެދާ، މިނިވަން ތަޙުގީގަށް ފަހުގައެވެ.

ކޮންމެއަކަސް، މި ވެކްސިންގެ ފުރަތަމަ ފޭހާއި ދެވަނަ ފޭސް ކާމިޔާބުވި ހިސާބުން، މިއީ ކޮވިޑް 19އަށް ދެވޭނެ އެންމެ ކާމިޔާބު ވެކްސިނަށް ވެގެންދާނެ ކަމުގެ އުންމީދު އޮތީ، ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި އައުވެފައެވެ. މި އުންމީދީ ހުޅުކޮޅާމެދު، ފިކުރާވެވެން ފެށުނީ، 3 ވަނަ މަރުޙަލާގެ ތެރޭގައި މި ދިމާވި ކުއްލި ޙާދިސާއިންނެވެ. ދުނިޔެއަށް މިކަމުން އުފަންވި ޙައިރާންމާކާއި ސުވާލުމާކު، މައްސަލަ ތަޙުގީގުކޮށް ނިމުމުން، ހާމަވެގެން އަންނާނެއެވެ. އެހައިތަނުން، މި އުންމީދުގެ ހުޅުކޮޅު ދިއްލޭނީތޯ؟ ނޫނީ ނިވޭނީތޯ؟ ކުރެވޭ ސުވާލުގެ ޖަވާބު ގެނެސްދޭނީ، މި ތަޙުގީގުގެ ނަތީޖާއެވެ.

މި ދެންނެވި ސުވާލުގެ ސާފު ޖަވާބަކަށް، ދުނިޔެ އިންތިޒާރު ކުރަމުން ގެންދާހިނދު، އަނެއްކޮޅުން، އިންޑިއާގެ ކުންފުންޏަކާއި ޙަވާލު ކޮށްގެން، މި ވެކްސިން ގިނަޢަދަދަކަށް މިހާރު ގެންދަނީ، އުފައްދަމުންވެސް މެއެވެ. އެއީ، ޢާންމުކޮށް، މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބެންވާއިރަށް، ދުރާލާ ތައްޔާރު ވުމުގެ ގޮތުންނެވެ.

ކޮވިޑް19 އަށް ވެކްސިން އުފެއްދުމުގައި، އެމެރިކާގެ ކުންފުނި ތަކުގެ މެދުގައި އޮތް، ވެކްސިން އުފެއްދުމުގެ ވާދަވެރި ރޭސް، ބައެއް ކުންފުނިތަކުން މިހާރު ގެންދަނީ، ނިންމަމުން

އަނެއްކޮޅުން، ޗައިނާގެ ކުންފުންޏަކުން، ކޮވިޑް19އަށް އުފެއްދި ވެކްސިނެއް، ޖުލައިމަހުގެ ތެރޭގައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންނަށް ޖަހަންފަށައިފައެވެ. ނަމަވެސް އެގައުމުގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނެފައިވަނީ، އެއީ އިމަރޖެންސީ ހުއްދައެއް ކަމަށެވެ. މާނައަކީ، މިއީ އަދި ރަސްމީ ހުއްދައެއް ނޫނެވެ. އެހެން ނަމަވެސް، ސަރުކާރުގެ ބައެއް އިސްފަރާތްތާއި ގިނަ ބަޔަކަށް މި ވެސްކިން އެވަނީ ދީ ނިންމައިފައެވެ.

ވެކްސިން އުފެއްދުމުގެ މަރުޙަލާގައި، ދުނިޔޭގެ އެންމެ ކުރީސަފުގައި ހިމެނޭ ކުންފުނި ތަކުގެ ދެބައިކުޅަ އެއްބަޔަކީ، މިއަދުވެސް ޗައިނާގެ ކުންފުނި ތަކެވެ. ޗައިނާގައި ވެކްސިން އުފައްދާ "ސިނޯފާމް" ކުންފުނިން ބުނެފައިވަނީ، ޑިސެމްބަރުމަހު، އެ ކުންފުނީގެ ވެކްސިން ބާޒާރަށް ނެރޭނެކަމަށެވެ. އެ ގައުމުގެ ވެކްސިން ރޭހުގެ ކުރީގައިތިބި ބައެއް އެހެން ކުންފުނިތަކުން ބުނާ ގޮތުގައި، ނޮވެމްބަރު މަހު، އެ ކުންފުނި ތަކުގެ ވެކްސިންވެސް ބާޒާރަށް ނެރޭނެއެވެ. ޗައިނާގެ " މޮޑާނާއާއި، ޖޯންސަން އެންޑް ޖޯންސަން" ކުންފުނިވެސް، މިވަގުތު، ވެކްސިންގެ އުފެއްދުމުގެ ރޭހުގައި ދުނިޔޭގައި އެންމެ ކުރީގައި އޮތް 9 ފަރާތުގެ ތެރޭގައި ހިމެނެއެވެ.

ރަޝިޔާއަށް ބަލާއިރު، އެގައުމުގެ "ސްޕުޓްނިކް-ވީ" އަށް މިދިޔަ މަހު، ހުއްދަ ދިންފަހުން، އަޖުމަ ބެލުމުގެ މަރުޙަލާގައި، އިންސާނުންނަށް ވެކްސިން ދެމުންގެންދާއިރު، ސައެންސްވެރިން ކަންބޮޑުވެފައިވަނީ، މި ވެކްސިންގެ ޓްރަޔަލް ނުވަތަ އަޖުމަބެލުމުގެ މުއްދަތު ކުރު ކަމުންނެވެ. މި މަރުޙަލާގައި، މިދެންނެވި ވެކްސިން، 38 މީހުންނަށް ދީގެން، ދެ ހޮސްޕިޓަލެއްގައި އަޖުމަ ބަލައިފިއެވެ. ފޭސް 2 ގައި ވެކްސިންދިން 48 މީހެއްގެ ހަށިގަނޑުން އެނޓިބޮޑީސް ފެނިފައިވެއެވެ. އެއީ، މި ވެކްސިން ދެވުނު 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ހަށިގަނޑުންނެވެ. އެހެން ނަމަވެސް އެއަށްވުރެން ދުވަސްވީ މީހުންނަށް، މި ވެކްސިންގެ ހެޔޮ އަސަރު ކުރަމުން އަންނަ މިންވަރު އަދި ހާމަވެފައެއް ނުވެއެވެ.

ކޮވިޑް19 އަށް ވެކްސިން އުފެއްދުމުގައި، އެމެރިކާގެ ކުންފުނި ތަކުގެ މެދުގައި އޮތް، ވެކްސިން އުފެއްދުމުގެ ވާދަވެރި ރޭސް، ބައެއް ކުންފުނިތަކުން މިހާރު ގެންދަނީ، ނިންމަމުންނެވެ. އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) ން، އެ ގައުމުގެ ސްޓޭޓުތަކަށް އަންގާ ގޮތުގައި، 1 ނޮވެމްބަރުގައި ކޮވިޑް19ގެ ވެކްސިން، އެމެރިކާގެ ރައްޔިތުންނަށް ދޭން، ސްޓޭޓްތަކުން، ތައްޔާރު ވުމަށެވެ.

މާނައަކީ، މި އުޅެނީ، ނޮވެމްބަރު 1 ވަނަ ދުވަހު، އެމެރިކާ ރައްޔިތުންގެ ކޮނޑަށް، ކޮވިޑް19ގެ ވެކްސިންގެ ކަށި، ވަންނަން ހެއްޔެވެ؟ އޮގަސްޓު 27 ގައި، ސީޑީސީން ދިން، މި ފެހި ސިގްނަލާއެކު، ކޮންމެ މީހަކަށްވެސް، އެމީހެއްގެ ކޮނޑުގައި، އުންމީދާއެކު ފިރުމާލެވެން ފަށައިފިއެވެ. އެ އުޅެނީ، ވެކްސިންގެ ކަށި ކޮނޑަށް ވަންނަންކަން، ޔަގީންކުރެވެން ފަށައިފިއެވެ. އެހެން ކަމަށް ވާނަމަ، ކޯމާއެއްގައި އޮތް އިގްތިސާދު ހޭ އަރާނެއެވެ. އަތުން ބީވެފައިވާ ވަޒީފާގެ ގުމްރީ އަލުން އުދުހިފައި އަންނާނެއެވެ. ކިޔެވުން މެދުކެނޑިފައިތިބި، ކުދިންގެ ކިއެވުން ފެށޭނެއެވެ. އިޖުތިމާޢީ ހޭލަމޭލަކަން ލިބި، ދުނިޔޭގައި ދަތުރުކޮށް އުޅުމުގެ ފުރުސަތު ފަހިވާނެއެވެ.

ވެކްސިންގެ މި އުފާވެރި ޚަބަރު "ނިވްޔޯކް ޓައިމްސް"ން، ގެނެސްދިން ގޮތުގައި، ސިއްޙީދާއިރާގެ މީހުންނަށާއި ވައިރަހަށް އެންމެ ނުރައްކާބޮޑު އުމުރު ފުރައިގެ ކޮނޑުތަކަކީ، އެންމެ ފުރަތަމަ، ވެކްސިންކަށި ވަންނާނެ ގިންތީގެ ކޮނޑުތަކެވެ. ނޮވެމްބަރު 1ގައި، އެމެރިކާގެ ރައްޔިތުންނަށް، ކޮވިޑް19ގެ ވެކްސިން ދިނުމުގެ ރޫޙުގައި، ކާމިޔާބު ވެކްސިނެއް ބާޒާރަށް ނެރުމުގެ ރޭހުގައި ތިބި، އެމެރިކާގެ ގިނަ ކުންފުނިތަކުން ގެންދަނީ، އަޖުމަ ބެލުންތައްވެސް، މިވަގުތު ބާރަށް ކުރިއަށް ގެންދަމުންނެވެ. މިކަމުގައި މިހާ ވަގުތު ކައިރިވެފައި އޮތް އިރުވެސް، ތިންވަނަ ފޭހުގެ ނަތީޖާ ފެންނަން، މަސްތަކެއް ނަގާނެކަމަށް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.

މިކަން މިހެން އޮތްވައި، އެމެރިކާގެ "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް" ގެ ޑިރެކްޓަރ ޑރ. އެންތަނީ ފައުޗީ، ގެންދަވަނީ، އަވަސް އަރުވާލައިގެން ވެކްސިނެއް ނުނެރެން، ބާރު އަޅުއްވަމުންނެވެ. ޓްރަޔަލް ތަކުގެ ކުރިން ވެކްސިނެއް ނެރެވޭނީ އޭގެ ނަތީޖާ ކާމިޔާބު ނަމަ، ކަމަށްވެސް، ވިދާޅުވަމުންނެވެ.

އެންމެ ބޮޑު އުންމީދެއް، ގެނުވީ، އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި ބޭސް އުފެއްދުމުގައި މަޝްހޫރު، "އަސްޓްރަ ޒެނެކަ" ގުޅިގެން އުފެއްދި ވެކްސިން

ޑރ. ފައުޗީ، މިހެން ވިދާޅުވެފައި ވީނަމަވެސް، 1 ނޮވެމްބަރު އަރާ ހަމަކުރާއިރު، ވެކްސިންޖަހަންޖެހޭ ގިންތި ތަކުގެ ކޮނޑުތައް އެވަނީ، ވެކްސިން ކަށްޓަށް، މަރުޙަބާ ކިޔަން ތައްޔާރުވެފައެވެ. ރައީސް ޓްރަމްޕްގެ ސަރުކާރު އޮތީ، ނޮވެމްބަރު 3 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުގެ 2 ދުވަސްކުރިން، ރައްޔިތުންނަށް، ވެކްސިން ޖަހައިދޭން ބޭނުންވެފައެވެ. އެއީ ސީޑީސީއަށް އޮތް ސިޔާސީ ޕްރެޝަރެއްވެސް މެއެވެ.

ކޮންމެއަކަސް، މި ފެންނަނީ، ކޮވިޑް19ގެ ވެކްސިން އުފެއްދުމުގެ ރޭހުގައި 180ށް ވުރެ، ގިނަ ފަރާތް ތަކުން މަސައްކަތް ކުރަމުން ގެންދާއިރު، މީގެ ތެރެއިން 34 ވެކްސިނެއް، އިންސާނުން ބޭނުންކޮށްގެން އަޖުމަބަލަން ފަށައިފައި އޮތް މަންޒަރާއި، އަދި އޭގެ ތެރެއިންވެސް، އަށެއްކަ ކުންފުންޏަކުން، ވެކްސިންގެ 3 ވަނަ ސްޓޭޖުގައި އޮވެ، ރޭސް ނިންމަން މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ. މީގެ ތެރެއިން، އެންމެ ފުރަތަމަ ރޭސް ނިންމައި ވެކްސިންގެ ޗެމްޕިއަނުން، ކަށަވަރުކުރަން އެނގޭނީ، ރޭސް ނިންމާ ބަޔަކު، ކަށަވަރުވާ ހަމައިންނެވެ.

އެނގޭ ކަމަކީ، އެންމެ ބޮޑު އުންމީދެއް، ދުނިޔެއަށް މިކަމުގައި ގެނުވި، އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި ބޭސް އުފެއްދުމުގައި މަޝްހޫރު، "އަސްޓްރަ ޒެނެކަ" ގުޅިގެން އުފެއްދި ވެކްސިން، އޭގެ އެންމެ ފުރަތަމަ އެކެއް އަދި ދެވަނަ މަރުޙަލާ ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކުގައި ކަމެވެ. އެންމެ ފަހު މަރުޙަލާގެ އަޖުމަބެލުމުގެ މަސައްކަތް މެދުކެނޑުނީ، 3 ވަނަ މަރުޙަލާގެ އަޖުމަބެލުމުގެ ތެރޭގައި، ވެކްސިން ދެވުނު މީހަކަށް މިދިމާވި މައްސަލައަކުން ކަމެވެ. މި މައްސަލަ ތަޙުގީގުކޮށް، މި ވީގޮތް ދެނެގަނެވެންދެން، އަޖުމަ ބެލުމުގެ މަރުޙަލާ، މިހިނދަށް ހުއްޓިފައި އޮތް ކަމެވެ.

އެހެން ނަމަވެސް، މި ކަމުގައި އޮކްސްފޯޑުގެ އުންމީދު، ކަނޑައެއް ނުލައެވެ. އޮކްސްފޯޑުން ދެކޭގޮތުގައި، ދުނިޔޭގައި ވެކްސިން އުފެއްދުމުގެ މާޒީއަށް ބަލާއިރުވެސް، ވެކްސިން އަޖުމަ ބެލުމުގެ މަރުޙަލާގައި، މިއީ އަލަށް ކުރެވޭ ތަޖުރިބާއެއް ނޫނެވެ. މި ތަޖުރިބާއަކީ، މިނިވަން ކަމާއެކު، ކުރެވޭ ތަޙުގީގުގެ ނަތީޖާއިން ދެނެގަނެވޭ ކަންކަމުގެ އަލީގައި، ވެކްސިނާމެދު، އިތުރު ޔަޤީންކަމެއް، އަނެއްކާވެސް ދުނިޔެއަށް ގެނުވާނެ ޖާގަ ލިބިގެންދާނެ ތަޖުރިބާއަކަށް ވެގެންދާނެއެވެ.

ކޮވިޑް ވެކްސިނަކަށް، ފެންބޮވައިގެންފައި އޮތް، ދުނިޔޭގެ ދޫ، ތަންމިނަށް ނިކުމެފައި އޮތް އިރު، އެންމެން އުންމީދުކުރި އޮކްސްފޯޑު ވެކްސިނަށް މިވީ ކީއްކަން، ކުރެވެމުންދާ ތަޙުގީގުން އެނގުމަކީ، އިތުބާރު ކުރެވޭ ކާމިޔާބު ވެކްސިނަކަށް، ދުނިޔެ ކަރު ހިއްކަވައިގެންފައި އޮތް އޮތުމަށް، ލިބިގެންދާނެ ތަސައްލީއަކަށް ވާނެކަމެކެވެ. ކަރުހިއްކުން ފިލުމަކަށްވެސް ވެގެން އަންނާނެކަމެކެވެ. ހަމަ އެހެންމެ މި ކަމަކީ، ވެކްސިން އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި ވާދަކުރާ ކުންފުނިތަކުގެ ތެރެއިން، ވެކްސިންރޭސް ދެން ނިންމާނީ، އަދި މީގެ ޙަގީގީ ޗެމްޕިއަނުންނަކީ، ކޮން ބައެއްކަން، ކަށަވަރުވެގެން ދިއުމަށްވެސް، ކޮންމެހެން އެނގެންޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް