ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ އެއްޗެއް، މައްސަލައާ ގުޅޭ ގޮތުން ނޯކޮމެންޓް:މައުސޫމް
27 އޯގަސްޓު 2020 | ބުރާސްފަތި 01:57ފޭސްބުކްއަށް ބަލާލިއަސް ކުރަމުންދާ ހުރިހާ މަސައްކަތެއް ވަރަށް ސާފުކޮށް ފެންނާނެ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ
އަޅުގަނޑުގެ ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ ސީވީއެއް ކަމަށާއި، މަގާމުގެ ހުވާ އަލުން ކުރަން ޖެހޭ މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ ސީވީއެއް ކަމަށާއި، މިހާރު ވެސް ލިންކްޑިން ބަލާލިޔަސް ފޭސްބުކް ބަލާލިޔަސް ސީވީ އާއި ކުރަމުންދާ ހުރިހާ މަސައްކަތެއްގެ ތަފްސީލް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ކަމާ ހަވާލުވި އިރު، އެހެން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވިންތޯ އެސުވާލަށް އެއްވެސް ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މަގާމުގެ ހުވާ އަލުން ކުރަން ޖެހޭ މައްސަލައިގައި މިނިސްޓަރު މައުސޫމް ހަނު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މައުސޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ގާނޫނީ ސުވާލުތަކެއް އުފެދޭތީ އަލުން ހުވާކުރަން ޖެހޭކަމަށް ނިންމާފައެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މިނިސްޓަރުކަމުގެ ހުވާ މައުސޫމް އަލުން ކުރައްވަން ޖެހެނީ އޭނާ މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވުމުން ޤާނޫނީ ސުވާލުތަކެއް އުފެދުމުންނެވެ. އެހެންކަމުން، މައުސޫމްއަށް ރުހުންދިނުމަށް ނިންމި ނިންމުން އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުނެވެ.
މިކަމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވީ މައުސޫމްއަށް ރުހުންދިނުމަށް ފުރަތަމަ ކޮމިޓީން ބެލިބެލުމުގައި އޭނާ މިނިސްޓަރކަމުގެ ހުވާކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުން ވަނީ ވަކިވެވަޑައިގެންފައިކަމަށެވެ.







