އައިޖީއެމްއެޗްއިން ސަރޖަރީއެއް ނުކުރެވި އެއްއަހަރު ދުވަހު ހުންނާކަށް ނުޖެހޭނެ: ޑރ. ލަތީފް
13 އޯގަސްޓު 2020 | ބުރާސްފަތި 14:09ޚިދުމަތްތަކަށް ލަސްތަކެއް ކުރިމަތިވެގެން ދިޔަ


ކޮވިޑް-19އާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ޚިދުމަތް ދޭ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސަރޖަރީއެއް ނުކުރެވި އެއްއަހަރު ދުވަހު ހުންނަން ނުޖެހޭނެ ކަމަށާއި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގައި ޑރ. ލަތީފް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޚިދުމަތްތަކަށް ލަސްތަކެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ. ނަމަވެސް އެއް އަހަރު ދެ އަހަރު އައިޖީއެމްއެޗުގައި ހަދަން ޖެހޭ ސަރޖަރީއެއް ނުހެދި ލަސްވެގެން ނުދާނެ ކަަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ އައިޖީއެމްއެޗް އަކީ ހަމައެކަނި މާލެސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްދޭން ހުންނަ ހޮސްޕިޓަލެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހުންނަ ހޮސްޕިޓަލެއް ކަމަށެވެ. އައިޖީއެމްއެޗް އަކީ 100 ޕަސެންޓް އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ޓާޝިއަރީ ހޮސްޕިޓަލަކަށް ވާތީ ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްއެޗުން ޚިދުމަތް ހޯދަން ބޭނުންވާ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ އައިޖީއެމްއެޗުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ފަރުވާ ހޯދަމުންދާއިރު، ބައެއް ސަރޖަރީތައް ހެދުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި އޮޕަރޭޝަންތަކަށް ޚާއްސަ ތިއޭޓަރތައް ހުޅުވުމުން މި މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން އާންމުން ހޮސްޕިޓަލްއަށް ގޮސްގެން ފަރުވާ ހޯދުމަށް ގިނަ ދަތިތަކެއް ކުރިމަތިވި މައްސަލަ އަށް އަލިއަޅުއްވާލައްވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް އައު ނިޒާމުތަކެއް ތައާރަފު ކުރެވިގެން ޚިދުމަތްތައް ދެމުންދާ ކަމަށެވެ.
އެގޮތުން މެޑިކަލް ރެސްޕޮންސް ޓީމެއް ކަނޑައަޅާގެން މަސައްކަތްތަކެއް ކުރާ ކަމަށާއި، މި ނިޒާމަކީ ލޮކްޑައުންގެ ހާލަތުގައި އުފަން ކުރުވި ނިޒާމެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލަށް އައުމަށް ދަތިވާ ފަރާތްތަކުގެ ގެތަކަށް ގޮސްގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ޕޭޝަންޓު ގެންގޮސްގެން ކޮންމެހެން ދޭން ޖެހޭ ފަރުވާ ވެސް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސި ކަމަށެވެ.
މިވަގުތު ވެސް ހޮސްޕިޓަލްތަކުން ޚިދުމަތް ދިން ނަމަވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ހޮސްޕިޓަލްތަކުގައި ޚިދުމަތް ފޯރުކޮށްދޭ ޑޮކްޓަރުންނާއި ޚިދުމަތްތެރިން ކޮވިޑްގެ ކަންކަމުގައި މަސައްކަތް ކުރާ ކަމަށެވެ. ލަސްތަކެއް ކުރިމަތިވާތީ ''ހާލު ބެލުން ނިޒާމް'' ތައާރަފު ކުރި ކަމަށާއި ހާލު ބެލުމުގެ ނިޒާމުގެ ތެރެއިން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވުނު ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މި ނިޒާމުގެ ތެރެއިން ބަލި މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ބަލި މީހުންގެ ހާލު ބެލުމާއި ބޭސް ހޯދައިދިނުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.






