މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެ މަތިވެރި ކަމެއް: ޚުތުބާ
7 އޯގަސްޓު 2020 | ހުކުރު 08:17މާތް ﷲގެ ރުހުން އެދޭކަމަށް ވަނީ ނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހޭ


އިސްލާމީ މަރުކަޒު، ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއަކީ \'\'މައިންބަފައިންނަށް އިހުސާންތެރިވެ ހެޔޮކޮށް ހިތުން\'\'
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެން މަތިވެރިވެގެންވާ ކަމެއްކަން ބަޔާންކޮށް، އެދެމީހުންނަށް ހެޔޮކޮށް ޚިތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މައިންބަފައިންނަށް އިހުސާންތެރިވެ ހެޔޮކޮށް ހިތުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މާތް ﷲގެ ރުހުން އެދޭ ކަމަށް ވަނީ ނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހޭ ކަމަށާއި، ބާއްޖަވެރި އަކީ މާތްﷲ އަށް ތަގްވާވެރިވުމަށްފަހު އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރާ މީހާ ކަމަށެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެ ހެޔޮކޮށް ނުހިތާ މީހަކީ އަބާއްޖަވެރިއެއް ކަމަށް ޚުތުބާގައިވެއެވެ.
ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭ ހިތުމީ މުސީބާތްތަކުން ސަލާމާތްވެވޭ ބަރަކާތް ހާސިލުކޮށްދޭ އަދި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބެއް ކަމަށެވެ. އެކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބިގެންދާއިރު ދިރިއުޅުން ރަނގަޅު ކޮށްދޭ ކަމަށް ޚުތުބާގައިވެއެވެ.
މާތް ﷲގެ ރަހްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުން ވަނީ ދެމިގެންވާ ކަމެއްގެ ގޮތުގައި ލައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެދެމީހުން ކުރެ މީހަކު ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހު ވެސް ހެޔޮކޮށް ހިތޭނެ މަގު މާތް ﷲ ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
އެގޮތުން އެމީހުންނަށްޓަކައި ހެޔޮ ދުއާކޮށްދީ އެ އެ ދެމީހުންގެ މަތިން ސަދަގާތްކޮށް އެމީހުންގެ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް، ރަހިމުގެ ގުޅުން ދަމަހައްޓައި، އެމީހުންގެ ގާތް ރަހްމަތެރިންނަށް ހެޔޮކޮށް ހިތުމަށް ޚުތުބާގައި ގޮވާލިއެވެ.
ޚުތުބާގައި ބުނީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި އިހްސާންތެރިވެ އޯގާތެރިވުމަކީ ﷲ ތައާލާގެ ހަސްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަމަލެއް ކަމަށާއި، އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ މަތިވެރިވެގެންވާ ކަމެކެވެ.
ޚުތުބާގައި ބުނީ މައިންބަފައިންގެ ހައްގު ނުހަނު މަތިވެރި ކަމަށާއި، އެ ދެމީހުންގެ ހެޔޮކަމުގެ ބަދަލެއް ނުދެވޭނެ ކަމަށެވެެ. ޚަލްގުތަކުން އެންމެހާ ރިވެތިކަމުގެ މައްޗަށް އެދެމީހުން ކޮށްދީފައިވާ ހެޔޮކަން ގިނަގުނަވެގެންވާ ކަމަށާއި، އިހްސާންތެރިކަމާއި މާތްކަމުގައި މައިންބަފައިން ވަރުގެ ބައެއް ނުވާ ކަމަށް ޚުތުބާގައިވެއެވެ.










