އަންގާރަ 04 އޯގަސްޓު 2020
07 އަހުލިހަ
1441 ޒުލްޙައްޖު 14
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:23
އިޝާ 19:38
މިނިވަން 55

ވިހުރެމުން އެދަނީ، ދިވެހީންގެ މިނިވަން ދިދަ، ފެންނާން އެ އޮތީ، ޚާދިމުންގެ ބިސްތާނަ ތަކެވެ!

  • ކޮންމެ ލީޑަރެއްގެ ހިމޭން މަޤުބަރާއިން، ފެންނާން އެ އޮތީ، މިނިވަންކަމަށް، ދިވެހީން ވެފައިވި، ގުރުބާނީތަކުގެ އެތައް ސަފުޙާ ތަކެއް
  • މިނިވަންކަން މި ފަސްގަނޑުގައި ފެންނާން މި އޮތީ، ދިވެހީންގެ ލޭގެ ކޯރުތަކުން ދިރުން ދީގެން

ކ. މާލެ | 25 ޖުލައި 2020 | ހޮނިހިރު 22:18 | 4,437

މާޒީވި ދިވެހި ތަޚުތު ފަޅުފިލުވައި ދެއްވި، ރަހުންނާއި ރަނީންގެ ޒިޔާރަތްތަކާއި، ބިސްތާނަތަކުން ފުރިފައިވި، ހުކުރު މިސްކިތު ސަރަހައްދު - ރާއްޖެއެމްވީ

މާލެއަކީ، ދުނިޔޭން މިއަދު ފެންނާން އޮތް، އެންމެ ދުވަސްވީ، އެއް "ކެޕިޓަލް ސިޓީ" އެވެ. މިއީ، ދިވެހީންގެ ވެރިކަން، އެ ފަސްގަނޑެއްގައި ކުރަމުން އަންނަތާ، އެތައް ޤަރުނެއް ވެފައިއޮތް، ދިވެހިންގެ ފަޚުރުވެރި ރަށެވެ. އެ ދިގު މާޒީގައި ވެރިކަން ކުރުމުގެ ނަސީބު، މި ފަސްގަނޑަށް ލިބިފައިވަނީ، ކޮންފަދަ މަތިވެރި ލޯތްބަކާ ކުލުނެއް، އިސްވެދިޔަ ރަހުންނާއި ރަނިންގެ ހިތްޕުޅުގައި، މި ފަސްގަނޑަށް އޮވެގެން ހެއްޔެވެ؟ އަދި މި ފަޚުރުވެރި ފަސްގަނޑުގައި ހިނގަމުން އައި ވެރިކަން، ދަމަހައްޓަން، ދިވެހި ރައްޔިތުން ވެފައިއޮތީ، ކިހާ މަތިވެރި ޤުރުބާނެއް ހެއްޔެވެ؟ މިނިވަންކަން މި ފަސްގަނޑުގައި ފެންނާން މި އޮތީ، ދިވެހީންގެ ލޭގެ ކޯރުތަކުން ދިރުން ދީގެންނެވެ. އެ ހަނގުރާމަ ތަކުގައި، ބޮލާ ކަނދުރާ ދެތަންވަންދެން ހިތްވަރުކުރި ދަރީންގެ ގަދަ ހިތްވަރުންނެވެ. މި އާދަޔާ ޚިލާފު ލޯބީގެ ދިފާޢުގައި، އުފުލި ކަނޑިތަކާ، ޖެހި އުންޑަވެސް އެހާމެ ގިނައެވެ. ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ، މިއަދުވެސް ވިހުރެމުން ދާހިނދު، މިއީ މާޒީއަށް ލޯ ދީ، ބަލައިލަން މުނާސަބު ވަގުތެކެވެ.

މި ފަސްގަނޑުގައި، އެންމެ ފަޚުރުވެރި ކަމާއެކު ވިހުރޭތީ، ފެންނާންހުރި މަޝްހޫރު ބޮޑުދިދަ، ޖޫން ޖުލައިގެ ބާރު ވައިގެ ތެރޭގައި، މިއަދުވެސް ވިހުރޭ އަޑާއި، ވިހުރޭ މަންޒަރާއި އިންވެފައި އޮތީ "ހުކުރުމިސްކިތު ސަހަރާ"އެވެ. މިތަނުން ފެންނާން އެ އޮތީ، މިނިވަން ދިދަ، މި ފަސްގަނޑުގައި ވިހުރުވައި ދެއްވި، ޤައުމީ ބަޠަލުންގެ ހިމޭން ބިސްތާނަ ތަކެވެ. ޒިޔާރަތްތަކެވެ. މަޤުބަރާތަކެވެ.

މާޒީއަށް ލޯ ދީ، ބަލަމުން، ޚިޔާލީ ގޮތުން، މި ދެންނެވި ސަހަރާއަށް، މާފަންނާއި ވީ ދިމާލުން ހިނގައިލަން އެބަ ޖެހެއެވެ. މާލޭގެ ހުޅަނގު ފަރާތުގައި ޔަޙުޔާ ތުނިޑިއޭ ކިއޭ، ދިމާއިން ހިނގާލައިފައި އަންނައިރު، ފަހަތަށް އެ އެޅެނީ، އެންމެ ފިޔަވަޅެއް، ދެ ފިޔަވަޅެއް ނޫނެވެ. އޭރު ފަހަތަށް އެދަނީ މާޒީގެ ހަނދާންތަކެވެ. ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވި ޢަލިރަސްގެ ފާނުގެ ޒިޔާރަތެވެ. ފަހަތަށް ސޮހެމުން އެދާ މާޒީގެ ފިޔަވަޅު ތަކުން، މިއަދުގެ ކުރިމައްޗަށް ލައިދޭ އެއް ތަޖުރިބާއަކީ، ހޮޅިން ރާއްޖެ ހިފަން ދަޢުވަތުދީގެން ގެނުވި، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލް ޚަޠީބު އަޙްމަދު މުޙްޔިއްދީނަށް، އަނިޔާކޮށް، ހޮޅިން އެ ދެމީހުން ކަނޑުފެއްތި ޙާދިސާއާއި، އޭގެ ޢިބްރަތެވެ. ހަމަ އެދުވަހު، މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ތުނިޑީގެ ގަހެއްގައި އެލުވައި އަނިޔާކޮށް، ޔަޙުޔާއޭ ކިއުނު މީހަކު މަރާލި މަރާލުމެވެ. މި ދެންނެވި ތުނޑިއަށް ޔަޙުޔާ ތުނޑިއޭ ކިއިފައި އޮތީ، ޔަޙުޔާ ޤަތުލުކުރި ތުނޑިއަށް އެ ތުނޑި ވެފައި ވީތީއެވެ.

ޕޯޗުގީޒުން ރާއްޖެ ހިފީ، އައްސުލްޠާން ޢަލީ (6) ޝަހީދު ކޮށްފައެވެ. އެއަށް ފަހު، ހިނގާދިޔަ، 15 އަހަރުގެ އަޅުވެތި ކަމުން، ރާއްޖެ މިނިވަން ކޮށްދެއްވި އަލްއުސްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޟަމް (ބޮޑުތަކުރުފާނު) ފަސްދާނު ލެވިފައިވި، ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތިތެރޭގައެވެ. މިހިސާބަށް ޚިޔާލީ މި ހިނގުމުގައި އާދެވޭހިނދު، ފެންނާން އޮތީ، މިއަދުގެ ސީ.އެޗް.އެސް.ސީގެ ފުރަގަހުން އުތުރަށް ނިކުމެވޭން އޮތް ގޯޅިއެވެ. މި ގޯޅިން، ނިކުމެވެނީ، މިއަދުގެ ސަލްޓަންޕާކާއި ދިމާއަށެވެ. އެހެން ނަމަވެސް މި ޕާކު މިއަދު ފެންނާން އޮތް ބިމަކީ، އިހުގެ ބޮޑުގަނޑުވަރު ހުރި ތަނެވެ.

މި ގަނޑުވަރަކީ، ދިވެހި ރައްޔިތުންގެ ވެރިކަމުގެ އަމާނާތް އެތައް ޖީލަކަށް ދަމަހައްޓައިދިން، ރަސްކަމުގެ އޭރުގެ ދަރުބާރެވެ. ދިވެހިރާއްޖޭގެ މިނިވަންކަން، މިހައިތަނަށް ރައްކައުތެރި ކުރުވި ކިއްލާއެވެ. ގައުމުގެ ތަރައްޤީއަށް އެކި ޒަމާންތަކުގައި، ކުރެވިފައިހުރި ކަންކަމުގެ މަޝްވަރާތައް، ހިނގައިދިޔަ ތަނެވެ. ޤައުމީ ތަރައްޤީގެ ބިންގައުތައް އެޅުމުގެ އިޢުލާންތައް ކުރަމުން އައި ތަނެވެ. ޙިޖުރައިން 742ން 781ށް، ހިނގައިދިޔަ ރެހެންދި ޚަދީޖާގެ ރަނިކަމާއި ހަމައިން، އޭގެ ފަހަތަށް ހިނގި ކޮންމެ ރަސްކަމެއްގެ ދަރުބާރަކީ މިއީއެވެ.

އިހުގެ މުލީގެ ހުރި ބިން، މިހާރުގެ ނަމުންނަމަ މުލިއާގެ - ރާއްޖެ އިސްލާމްކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ، ފަސްދާނަ ލެވިފައި އޮތީ މެދުޒިޔާރަތުގައި

މިއަދު ސަލްޓަންޕާކުގެ ނަމުން މަޝްހޫރު ޕާކެއް، އެ ބިމަކުން ފެންނާން އޮތް، އިހުގެ ބޮޑުގަނޑުވަރުގެ އިރުމަތީފަރާތު ގޯޅިން އުތުރަށް ނިކުމެ، އިރުމަތީ ފަރާތަށް ލަނބާލާއިރު، މޫނުޖެހޭނީ، މިދެންނެވި ގަނޑުވަރުގައި، މާޒީވި ދިވެހި ތަޚުތު ފަޅުފިލުވައި ދެއްވި، ރަހުންނާއި ރަނީންގެ ޒިޔާރަތްތަކާއި، ބިސްތާނަތަކުން ފުރިފައިވި، ހުކުރު މިސްކިތުގެ ސަހަރާއެވެ.

މި ސަހަރާގެ ދެކުނު ފަރާތުން ފެންނާން ހުރި އެއްތަނަކީ، މުލީގޭ ދޮން ޙަސަންމަނިކުފާނު (ދޮންބަންޑާރައިން) ދިރިއުޅުއްވި ގެކޮޅު، އިހުގެ މުލީގެ ހުރި ބިމުގައި، މިއަދު ފެންނާންހުރި މިއަދުގެ ރިޔާސީ ގަނޑު "މުލީއާގެ"އެވެ. ހުކުރުމިސްކިތު ގަބުރުސްތާނުގައި ދޮންބަންޑާރައިން ފަސްދާނަ ލެވިފައިވަނީ، މުލީއާގޭ ރަސްމީ ދޮރާށްޓާއި ދިމާގައިހުރި ޒިޔާރަތެއްގައެވެ. މި ސަރަޙައްދުން ދެން ފެންނާން އެހުރީ، ރާއްޖެ އިސްލާމްކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ، ފަސްދާނަ ލެވިފައި އޮތް މެދުޒިޔާރަތާއި، ސިފައިންގެ ދިފާޢީ މައިމަރުކަޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުހިންމު މިނިސްޓްރީތަކާއި އޮފީސްތައް، އެ ބިލްޑިންގެއްގައި ހިންގާ، ވެލާނާ ބިލްޑިންގެވެ.

ވެލާނާ ބިލްޑިންގު، އެ ބިމެއްގައި އެހުރި ބިމަކީ، އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އިބްރާހިމް ނާސިރުގެ ކުރީގެ ގެކޮޅު، ވެލާނާގެ ހުރި ބިމެވެ. ނާސިރު ފަސްދާނަ ލެވިފައި އޮތީ، ހުކުރު މިސްކިތުގެ ސަހަރާގައި، ވެލާނާގެއާވީ ފަޅީފައެވެ. ދޮންބަންޑާރައިން، އެމަނިކުފާނުގެ ގެކޮޅާއިވީ ފަޅީގައެވެ.

މިހިސާބުން މި ފެންނަ ކޮންމެ ތަނަކީ، އެތަނަކާ ގުޅިފައިވި ތާރީޚެއް އޮތް، އަދި އެ ތަންތަނުން، ދިވެހިރާއްޖޭގެ މާޒީގެ ވާހަކަތައް ކިޔައިދޭ ތަންތަނެވެ. ހުކުރު މިސްކިތުގެ ސަހަރާ ފެންނާން އޮތީ، މިދެންނެވި ވާހަކަ ތަކުގެ މެދުގައެވެ. މި ސަހަރާ ތެރެއިން ފެންނާން އޮތީ، ހުކުރު މިސްކިތް ބިނާކުރެއްވި، އަދި ޢަލީރާޖާގެ ބާރުގެ ދަށުގައި އޮތް އަންދުރޯތަށް ޙަމަލާދެއްވައި، މަލިކުވެސް ރާއްޖޭގެ ބާރުގެދަށަށް ގެންނެވި، އައްސުލްޠާން އިބްރާހިމް އިސްކަންދަރު (އިސްކަންދަރު ރަސްގެފާން) ގެ ޒިޔާރަތެވެ. ހަމަ އެހެންމެ މާލެއަކީ، ދުޝްމިނުންނަށް ވައިވެސް ނޭޅޭހާ ވަރުގަދަ ދިފާޢީ ބާރަކަށް ހެއްދެވި، އައްސުލްޠާން މުހައްމަދު ޢިމާދުއްދީން (1) ބޮޑުރަސްގެފާނާއި، އިބްރާހިމް ރަސްގެފާނާއި، ކުޑަ މުޙައްމަދު ރަސްގެފާނާއި، ހޮޅީންގެ އަތުން ރާއްޖޭގެ ރަސްކަން އަލުން އަނބުރާ ހޯދައިދެއްވި، އައްސުލްޠާނުއް ޣާޒީ ހަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ނާއި، 26 ޖޫން 1965ގައި، އިނގިރޭސިންގެ އަތުން، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، އަލް މަރުޙޫމް އިބްރާހިމް ނާސިރު ފަދަ، ދިވެހިރާއްޖޭގެ މިނިވަންކަމަށް، ނުހަނު މަތިވެރި ޚިދުމަތް ކުރެއްވި، ދިވެހީންގެ އިހު ކާބަފައިންނެވެ.

ހުކުރު މިސްކުތު ގަބުރުސްތާނު - ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، އަލް މަރުޙޫމް އިބްރާހިމް ނާސިރު ފަދަ، ނުހަނު މަތިވެރި ޚިދުމަތް ކުރެއްވި، އެތައް ބޭފުޅެއްގެ މަގުބަރާ ވަނީ މި ސަހަރާގައި

އެހެން ކަމުން، މިއިން ކޮންމެ ލީޑަރެއްގެ ހިމޭން މަޤުބަރާއިން، ފެންނާން އެ އޮތީ، މިނިވަންކަމަށް، ދިވެހީން ވެފައިވި، ގުރުބާނީތަކުގެ އެތައް ސަފުޙާ ތަކެކެވެ. މިއިން ކޮންމެ ސަފުޙާއަކުން، އެތައް ސުވާލެއްގެ ޖަވާބު ލިބޭން އޮތް ވާހަކަ ތަކެކެވެ. ހިނގަހިނގާ އޮތް ދިވެހިރާއްޖޭގެ މިނިވަން ވެރިކަމަށް، ކަންނަންނޫރު ރާޖާއިންނަށް ނުފޫޒު ފޯރުވެން ފެށުނީ، ކީއްވެ ކޮން ސަބަބަކާ ލައިގެން ހެއްޔެވެ؟

ކަޅު މުޙަންމަދު ރަސްގެފާނު، ރަސްކަމުގެ ދަހިވެތި ކަމުގައި، ކަންނަންނޫރު ރާޖާއިންގެ މަދަދު ނުހޯއްދެވި ނަމަ، މަލިކު އަތޮޅު، ދިވެހީންގެ އަތުން ގެއްލުނީސް ހެއްޔެވެ؟ އެހެން ނޫންނަމަ، ބޮޑު ކަރައިގެ ރާޖާއިންނަށް ރާއްޖެއާއި ތޮޅުމުގެ ސިލްސިލާއެއް ހިނގަން ފެށުނީސް ހެއްޔެވެ؟

ނުވަވަނަ ހަސަން ރަސްގެފާނު، ޕޯޗުގީޒުންގެ އެހީ ހޯއްދަވައިގެން، ގަދަބާރުން ތަޚުތު ހޯއްދަވަން ނޫޅުއްވި ނަމަ، ޕޯޗުގީޒުންނަށް، ރާއްޖެއަށް އަރައިގަނެވުނީސް ހެއްޔެވެ؟ އަލި ރަސްގެފާނުގެ ރަސްކަމަށް އެހާ ފަސޭހައިން ނިމުން ގެނެވުނީސް ހެއްޔެވެ؟

އޭގެ ފަހަތުން އުކެމުންދިޔަ ސަފުޙާ ތަކަށް ބަލާއިރު، ހޮޅިންނަށް މާލެ ހިފުނީ، ދިވެހީންގެ ދެ ޚާއިނެއްގެ ދަޢުވަތަކަށް އައި އައުމެއްގައެވެ. މިއީވެސް ރަސްކަމުގެ ދަހިވެތި ކަމުގައި ދިން ދަޢުވަތެކެވެ. ނަމަވެސް އެންމެ ފަހުން އެ ދެމީހުން ކަނޑުފައްތައި މަރާލުމަށްފަހު، ހޮޅިން ރާއްޖޭގެ މައްޗަށް އަތްގަދަކުރީއެވެ. މިދެންނެވި ދުވަހު، މުލީގޭ ދޮން ހަސަން މަނިކުފާނު، ހޮޅީންނާއި ދެކޮޅަށް، ޖިހާދަށް ނުނިކުންނެވި ނަމަ، ހޮޅީންގެ އަތުން ރާއްޖެ ސަލާމަތް ކުރެވުނީސް ހެއްޔެވެ؟

"ދެން، ކުރާނޭ ކަމަކާއިމެދު ފިކުރު ޖަމަޢުކޮށް، ރަށުން ކަންތަކަށް ފަހިވެ ފާގަތިވެ ހުންނެވި، ރަދުންގެ އަރިހުގައި ދުރުވި، މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ޙަސަން މަނިކުފާނާއި، ބަނޑޭރި ހަސަންގެ ހިރިހަމައިދި ކަލޭގެފާނާއި (މިކަލޭގެފާނީ ލޮންސި ކޮސްޓެއްގެ އެދުރުބޭކަލެއް)، ޙުސައިން ގަދަ ހަމާދި މަނިކުފާނާއި، މޭނާ ބަނޑޭރި ފަޑިއަތް ތަކުރުފާނާއި، އެނާއާއި އެއްބަފައި ޢުމަރު މަނިކާއި، މި މީސް މީހުންނާއި ތަބަޢުވީ މީހުންނާއެކު، 200 އެއްހައި ހިތްވަރުގަދަ މީހުން، ފިކުރު ޖަމަޢުކޮށް، ހޮޅިންގެ އަތުން ރަސްކަން އަތުލަން އެއްބަސްވެއްޖައޫ އެވެ". - ދިވެހިތާރީޚުގެ 171 ވަނަ ސަފުޙާގައި، ޙަސަން ތާޖުއްދީން ލިޔުއްވާފައި ވެއެވެ.

ހުކުރު މިސްކިތުގެ ސަހަރާ - އަލްމަރުޙޫމް އިބްރާހިމް ނާސިރުގެ ބިސްތާން ވަނީ މި ސަހަރާގައި

ހުކުރު މިސްކިތުގެ ސަހަރާއިން، ދެން ފެންނާން އެ އޮތީ، ރާއްޖޭގެ މިނިވަން ދުވަސް، އެބޭފުޅަކަށް ޚާއްސަވާ، އަލްމަރުޙޫމް އިބްރާހިމް ނާސިރުގެ ބިސްތާނެވެ. ނާސިރުގެ ބިސްތާނައިން، އައު ކޮށްދެނީ، އެންމެ ހަނދާނެއް، ދެ ހަނދާނެއް ނޫނެވެ. އުފަން ކުރުވަނީ، އެންމެ ސުވާލެއް ދެ ސުވާލެއް ނޫނެވެ. ތަޢުރީފު އޮހެވެނީވެސް އެއްކަމަކަށް ދެކަމަކަށް ނޫނެވެ.

ނާސިރުގެ ބިސްތާނާ ފެނުމުން އުފެދޭ އެއް ސުވާލަކީ، ހުވަދުއަތޮޅު ތިނަދޫ ފަޅުކުރެއްވި ދުވަހު، މައުސޫމް އެތައް ރައްޔިތަކަށް، އެހާބޮޑު އަނިޔާއަކާއި ހާނީއްކައެއް ލިބެނި ގޮތަކަށް، އަމަލް ކުރެއްވީ ކީއްވެތޯއެވެ؟ އެއީ އެ އާބާދީގައި އޮތް މައުސޫމް ރައްޔިތުންގެ ކޮންކުށެއް އޮވެގެން ކޮން ސަބަބަކާ ލައިގެންތޯއެވެ؟

ދިވެހީންގެ ތަރިކައިގައި ހިމެނޭ މަޝްހޫރު ބޮޑު ގަނޑުވަރާއި، ކޯއްޓޭތަކާއި ބުރުޒުތައް، އަބަދަށްޓަކައި ނައްތާލެއްވީ، ކޮން މަގްސަދެއް، ޙާސިލް ކުރަން ހެއްޔެވެ؟ އެއީ ރަސްކަމުގެ ސަޤާފަތު، މި ފަސްގަނޑުގައި އަބަދަށްޓަކައި ކަފުން ކުރެއްވުން ކަމަށް ވަނީނަމަ، އަންނާން އޮތް ޖީލު، އެ ތަރިކަ ތަކެއް ދަމަހައްޓަން އެދޭނެ، މި ތާރީޚީ ތަރިކަ ތަކުގެ ކުށަކީ ކޮބައި ހެއްޔެވެ؟

މިދެންނެވި ސުވާލުތައް، އުފެދިގެން އަންނަ އިރު، ރާއްޖޭގެ ވިޔަފާރިއާ އިގްތިސާދުގައި ވަކި ހިއްޕާފައިތިބި، ވޯރާ ވިޔަފާރިވެރިން ބޭރުކޮށް، ވައިގެ ބަނދަރު ހައްދަވައި، އިގްތިސާދު މިނިވަންކޮށް، މިއަދު މިދެކޭ މިނިވަންކަމަށް، ކެހިކަނޑުލުގެ ހިތި ފިލުވައި ދެއްވީތީ، ނާސިރަށް ތަޢުރީފުވެސް އޮހެއެވެ. އިނގިރޭސި މީޑިއަމްގެ ތަޢުލީމު ތަޢާރަފު ކުރެއްވީތީއާއި، ސެޓެލައިޓު ކޮމިއުނިކޭޝަންގެ ޒަމާނަށް ރާއްޖެ ވައްދައި ދެއްވީތީއާއި، ފަތުރުވެރި ކަމުގެ ޒަމާނި ސިނާޢަތު، ތަޢާރަފު ކުރެއްވީތީ، ޝުކުރުވެސް އޮހެއެވެ.

ޚާއްސަ ގޮތެއްގައި ފަޚުރުވެރި މިނިވަންދުވަސް މި ފާހަގަކުރާ 26 ޖުލައިއަކީ، ދިވެހި ތާރީޚުން އިބްރާހިމް ނާސިރު، މިލްކު ކުރެއްވި، ފަޚުރުވެރި ދުވަހެކެވެ. 100 އަހަރަށް، އައްޑޫ ގަން، އިނގިރޭސިންނަށް ދިނުމާބެހޭ ޑްރާފްޓް އެގްރިމަންޓާ ދެކޮޅަށް، ތެދުވެވަޑައި ނުގެން، އެދުވަހު ނާސިރު ހަނުހިމޭންކަން އިސްކުރެއްވި ނަމަ، މިނިވަންކަމުގެ އެގްރިމަންޓުގެ ވާހަކައިގެ ބާބުގެ ތެރެއަށް، ނާސިރަށް ވެންނެވުނީސް ހެއްޔެވެ؟ މިނިވަންކަމުގެ އެގްރީމަންޓުގައި 1965ގެ ޖުލައި 26 ގައި ސޮއިކުރެވުނީސް ހެއްޔެވެ؟ އެހާމެ އަވަހަށް، އދ. ގެ މެންބަރު ގައުމަކަށް ރާއްޖެއަށް ވެވުނީސް ހެއްޔެވެ؟ މި ހުރިހާ ސުވާލު ތަކާއި އޭގެ ޖަވާބު ލިބޭ ތަނަކީ، ހުކުރު މިސްކިތުގެ ސަހަރާގެ ތެރޭގައި އޮތް، ނާސިރުގެ ހިމޭން ބިސްތާނެވެ.

ދިވެހީންގެ ފަޚުރުވެރި މިނިވަން ދުވަހަށް، އިރު އަރައިގެން އައިރު، މިއަދުވެސް އޮތް އެންމެ ބޮޑު ސުވާލަކީ، ރާއްޖޭގެ ބޯޑަރު ތަކަށް ފާރަވެރި ވުމުގެ ޒިންމާއާއި މަތިވެފައިތިބި ބައެއް ފަރާތްތަކަށް، އެ ޒިންމާ އުފުލުނުތޯ؟ އުފެދޭ ސުވާލެވެ. ގަވާއިދާޚިލާފަށް އެތެރެވެފައިވާ ބިދޭސީންގެ އާބާދިއެއް، މި ފަސްގަނޑުގައި، ހާމަކަން ބޮޑު ގޮތެއްގައި މި އޮތީ ކީއްވެތޯ އުފެދޭ ސުވާލެވެ. އޭގެ ސަބަބުން އުފަންވަމުން އަންނަ ޙައްސާސް މައްސަލަތަކުގެ ކަންބޮޑުވުން، ފެންނާން މި އޮތީ، ވޯރާއިން ތިބި ދުވަހުވެސް އިޙުސާސް ކުރެވު ފަދައިންނެވެ. މިއަދުވެސް، ގަވާއިދާ ޚިލާފަށް، ބިދޭސީން ދިވެހި ވިޔަފާރިއާ އިގްތިސާދުގައި ވަކި ހިއްޕާފައި އެބަ އޮތެވެ.

މިނިވަން ދުވަހު، ވިހުރެމުން މިދާ، ދިވެހި ދިދައަކީ، ހަގީގީ މާނައިގެ މިނިވަންކަން، ނެގެހެއްޓި، ކާބަފައިންގެ ފަޚުރެވެ. އެ ވާހަކަތައް، އިންކިޝާފު ކޮށްދޭ ބިސްތާނަތަކުގެ ވަށައިގެން، ހަމައެކަނި ހިނގާބިނގާވެ އުޅޭ ބަޔަކަށް ވުމުގެ ބަދަލުގައި، އިންސްޕަޔަރވާ ބަޔަކަށް، ވާން އެބަ ޖެހެއެވެ. އެ ހިތްވަރު މިއަދުވެސް ނެރެ، ރާއްޖޭގެ ވިޔަފާރިއާ އިގްތިސާދު، ޙަގިގީ މިނިވަން ކަމުގައި ކުރިއެރުވުމަށެވެ. ދިވެހީންގެ ބޯޑަރުތަކަށް، ސަހަރޯވެ، އެހެން ނަސްލެއްގެ އާބާދީއެއް، މި ބިމުގައި ކުރިފަޅައި ހެދި ބޮޑުވެ، ދިވެހީންގެ އަތް ނުފޯރާ ފަށަށް، އެ ގަސްތައް އޮފިވެ، ބިޔަވެ ނުދަނީހެވެ. މިކަންކަމަށް ސަހަރޯވެރި ނުވެވޭނަމަ، މި ފެންނަ ބިސްތާނު ތަކުން އެ ކިޔައިދޭ ވާހަކަތަކުން، ޖީލަކަށްފަހު ޖީލެއް، ވަމުން އައި އިންކިޝާފު، މިއަދު ކޮބައި ހެއްޔެވެ؟!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.