އެމްޓީސީސީގައި ހަރުދަނާ ނިޒާމެއް ނެތުމުން ޖެހޭ މައްސަލަތައް ވަރަށް ގިނަ: އާޒިމް
21 ޖުލައި 2020 | އަންގާރަ 18:05ކޮންމެ ކުންފުންޏެއްގައި އުސޫލާ ގަވާއިދަކީ ވަރަށް މުހިންމު އެއްޗެއް

އެމްޓީސީސީގެ މަސައްކަތްތަކަކީ ވަރަށް ޗެލެންޖިންގ މަސައްކަތްތަކެއްގެ ގޮތުގައި ސީއީއޯ އާދަމް އާޒިމް ސިފަކުރެއްވި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގައި ހަރުދަނާ ނިޒާމެއް ނެތުމުން ޖެހޭ މައްސަލަތައް ގިނަ ކަމަށާއި، މަސައްކަތްކުރަމުން ދަނީ ނިޒާމު ހަރުދަނާކުރުމަށްކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ކޮންމެ ކުންފުންޏެއްގައި އުސޫލާ ގަވާއިދަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން އެކުންފުންޏެއްގެ އުސޫލާ ގަވާއިދާ ހިލާފަށް އުޅޭ މުވައްޒަފުންނަށް ވަޒީފާގައި ތިބެވިގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޚާއްސަކޮށް ސީނިއަރ ބޭފުޅުން ކުންފުނީގައި ހެދިފައި ހުންނަ އުސޫލުތަކާ ގަވާއިދާ ނުހިފަހައްޓާކަމަށްވާނަމަ ދަށުގައި ތިބޭ މުވައްޒަފުން އުސޫލުތަކުގައި ނުހިފަހައްޓާނެ ކަމަށެވެ. އެކަހަލަ އެތައް ކަމެއް އެމްޓީސީސީގެ ތެރޭގައި ހިނގަމުންދާ ކަމަށާއި، އެކަންތައްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ކުންފުނިތަކުގައި ބޮޑަށް ޖެހޭ މައްސަލަތަކަށް އަލިއަޅުވާލައްވާ އާޒިމް ވިދާޅުވީ ގިނަ ފަހަރު ފިޔަވަޅު އަޅަނީ ދަށު މުވައްޒަފުންނަށް ކަމަށާއި، މަތީ މަގާމުގައި ތަކުގައި ތިބޭ މުވައްޒަފުންނަށް ފިޔަވަޅު ނާޅާ ކަމަށެވެ. މަތީ މަގާމުތަކުގައި ތިބޭ މީހުން ކުށެއް ނުކުރާ ކަމަށް ގިނަ މީހުން ގަބޫލު ކުރާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަތީ މަގާމެއްގައި ހުންނަ މުވައްޒަފުގެ އިތުރުން އާދައިގެ މުވައްޒަފުން ވެސް ކުށެއް ކޮށްފިނަމަ ނުވަތަ އުސޫލާ ހިލާފުވެއްޖެ ކަމުގައިވާނަމަ ހަމަހަމަ އުސޫލުގެ ތެރެއިން ނަސޭހަތްދީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
މީގެއިތުރުން އާޒިމް ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތި ކުންފުނިތައް ހިންގުމުގެ ބާރު މިހާރު ދީފައިވާއިރު، ކުންފުނިތައް ވަރަށް ފުރިހަމައަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އެގޮތުން ކުންފުނީގެ އުސޫލުތައް ދަމަހައްޓަން ހުރިހާ އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ބޮޑަށް ބޮއްސުންލާފަ އޮންނަ ތަންތަނުގައި ގިނަ ކަންކަން ހިނގާފައި ހުންނާނެކަން ގަބޫލުކޮށް އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ހަރުދަނާ ނިޒާމެއް ނެތުމުން ޖެހޭ އެތައް މައްސަލައެއް އެބަހުރި ކަމަށާއި، މަސައްކަތްތައް ކުރަމުންދަނީ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި އެމްޓީސީސީގެ މައްސަކަތްތައް ބޮއްސުންލާފައި އޮތުމާއެކު މިއީ ޗެލެންޖިންގ މަސައްކަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުންފުނި ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުން ހަރުދަނާ ކުރާނެ ކަމަށާއި، ތެދުވެރި އަހުލާގު ރަނގަޅު މުވައްޒަފުން ލީޑްކުރެވޭ ފެންވަރަށް ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ. އަދި މިމަސައްކަތް ނުކުރެވިއްޖެކަމުގައިވާނަމަ ފެއިލްވުން ކަމުގައި ގަބޫލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީއަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން އާޒިމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުދާ ގެނައުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި ފޮރެންކަރަންސީގެ ދަތިކަން ކުރިމަތިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ގާތުން ކަންކަން ބަލާ މައްސަލަތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.







