އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ރާއްޖެއިން ރަސްމީކޮށް ބިޑް ކޮށްފި
13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެ


އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ރަސްމީކޮށް ބިޑް ކޮށްފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ.
މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، ހުކުރު ދުވަހު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލި ފުރުސަތު ހަމަވެފައެވެ.
އޭއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބޭއްވުމަށް ރަސްމީކޮށް ބިޑް ކޮށްފައިވާ ކަމަށާއި، މެޗުތައް ރާއްޖޭގައި ބޭއްވުމަށް ބިޑް ކުރުމުގެ މަސައްކަތުގައި ސަރުކާރާއި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރާއްޖޭޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ވިދާޅުވީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިއްޖެ ނަމަ، އެކަން ކުރަން މާކަ ބޮޑު ޚަރަދެއް ނުހިނގާނެ ކަމަށެވެ. އެގޮތުން މިކަމުގައި އޭއެފްސީގެ އެހީތެރިކަން ލިބޭނެ ކަމަށާއި، ރާއްޖެއަށް އަންނަ ޓީމުތަކުން ހުރުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމުން މިކަމަށް ކުރަން ޖެހޭ ޚަރަދު ވަރަށް ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.
އޭއެފްސީން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމޭނެއެވެ. ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު، ރާއްޖޭގައި މެޗުތައް ބާއްވާނަމަ ގައުމީ ފުޓްބޯޅަ ދަނޑުގެ އިތުރުން އައްޑޫ ސިޓީ ފުޓްބޯޅަ ދަނޑުވެސް ބޭނުންކުރަން ޖެހޭނެއެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފައެވެ.






