ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 09:46
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް - މަދަރުސާއަށް ހާޒިރުނުވެވުމަކީ ދަރިވަރުންނަށް ވަރަށް ގިނަ ގޮތްގޮތުން ނޭދެވޭ އަސަރު ކުރާކަމެއް
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް - މަދަރުސާއަށް ހާޒިރުނުވެވުމަކީ ދަރިވަރުންނަށް ވަރަށް ގިނަ ގޮތްގޮތުން ނޭދެވޭ އަސަރު ކުރާކަމެއް
ޔޫސުފް ސޮފްވާން ރަޝީދު
ތަޢުލީމު: އުނގެނުމުގެ ފަގީރުކަން
"އުނގެނުމަށް ލިބޭ ގެއްލުމުގެ" އަގަކީ ކޮބާ؟
 
އެކަށީގެންވާ ރެމީޑިއަލް މަސައްކަތްތައް ނުކުރެވިއްޖެނަމަ، މިޖީލުގެ ދަރިވަރުންނަށް ލިބޭ އާމްދަނީގެ ގެއްލުުމުގެ އަގު 10 ޓްރިލިއަން ޑޮލަރަށް އަރާނެ
 
ކޯވިޑް-19ގެ ވަބާ އެންމެ މައްޗަށް ދިޔައިރު، މުޅި ދުނިޔޭގައި 1.6 ބިލިއަން ދަރިވަރުންނަށް ވަނީ ސްކޫލުތަކަށް ނުދެވިފައި

ކޯވިޑް-19ގެ ސަބަބުން އުނގެނުމުގެ ދާއިމީ ގެއްލުމަކަށް މަގުފަހިވެ، އާމްދަނީގެ ގެއްލުުމުގެ އަގު އެތައް ޓްރިލިއަން ޑޮލަރަކަށްއަރާފާނެ ކަމަށް ވާރލްޑް ބޭންކުން ބުނެފިއެވެ.

ކޯވިޑް-19ގެ ސަބަބުން މަދަރުސާތައް ބަންދުކުރަން ޖެހުމާ ގުޅިގެން، ދުނިޔޭގެ ގިނަ ކުދިން ކިޔަވަން ދިއުމުން ވަނީ މަހްރޫމުވެފައެވެ. އޭޕްރީލް 2020ގައި ކޯވިޑް-19ގެ ވަބާ އެންމެ މައްޗަށް (ޕީކަށް) ދިޔައިރު، މުޅި ދުނިޔޭގައި 1.6 ބިލިއަން ދަރިވަރުންނަށް ވަނީ ސްކޫލުތަކަށް ނުދެވިފައެވެ. ހުރިހާ ގައުމެއްގެ ތަޢުލީމީ ނިޒާމުތަކަށްވެސް ކުރިމަތިވި މި ޢާލަމީ ސިހުމާ (ޝޮކް އާ) ގުޅިގެން ދެން އައި ތަން ފެނުނީ ފުން އިޤްތިޞާދީ ހީނަރުކަމެކެވެ. ވާރލޑް ބޭންކުން ޖޫން 2020ގައި ޝާޢިއު ކުރި ރިޕޯޓެއްގައި އަންދާޒާ ކޮށްފައި އޮތްގޮތުން ދަރިވަރުން ސްކޫލުތަކަށް އެނބުރި އަންނަން ފަށާއިރު، އެކަށީގެންވާ ރެމީޑިއަލް މަސައްކަތްތައް ނުކުރެވިއްޖެނަމަ، މިޖީލުގެ ދަރިވަރުންނަށް ލިބޭ އާމްދަނީގެ ގެއްލުުމުގެ އަގު 10 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މިކަމުގެ ސަބަބުން ގައުމު ތަކުން ހާސިލް ކުރަން ކަޑައަޅާފައިވާ "އުނގެނުމުގެ ފަގީރުކަމުގެ" ލަނޑުދަނޑިތައް ހާސިލް ކުރުމުގެ މަގުން ކައްސާލައިގެން ދާނެއެވެ.

އުނގެނުމުގެ ފަގީރުކަން ނުވަތަަ "ލަރނިންގ ޕަވަރޓީ" އަކީ ފަހަކަށް އައިސް ބައިނަލް އަޤްވާމީ ދާއިރާގައި ތަޢުލީމުގެ ފެންވަރާ ގުޅުވައިގެން އުފައްދާފައިވާ މަފްހޫމެކެވެ. އުނގެނުމުގެ ފަގީރުކަމުގެ މާނައަކީ ޢުމުރުން 10 އަހަރު ވާއިރު އާދައިގެ ލިޔުމެއް (ސައިންޓިފިކު ނުވަތަ ފަންނީ ލިޔުމަކާ ޚިލާފަށް) ކިޔާލައިގެން އޭގައި ބުނާ އެއްޗެއް ފަހުމު ނުވުމެވެ. އަދި ފަހުމު ނުވާ ކުދިންގެ ނިސްބަތަކީ އެ ތަޢުލީމީ ނިޒާމެއްގެ 'އުނގެނުމުގެ ފަގީރު ކަމުގެ' ނިސްބަތެވެ. މި ނިސްބަތް ގައުމު ތަކުގައި އިތުރުވަމުން އަންނަކަމުގެ އަލާމާތްތައް ފެންނަކަމަށް ބައިނަލް އަޤްވާމީ ފަރާތްތަކުން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކި ގައުމު ތަކުން އެއްކޮށްފައިވާ ތަޢުލީމާބެހޭ އެކި އެކި ތަަަފާސް ހިސާބު ތަކާއި މިންގަޑު ތަކަށް ބަލައި، ވާރލްޑް ބޭންކުން ވަނީ 2019 ވަނައަހަރު ގައުމު ތަކުގެ އުނގެނުމުގެ ފަގީރުކަން ދަށް ކުރުމުގެ ލަނޑުދަނޑިއެއް ވެސް ތަޢާރަފު ކޮށްފައެވެ. އަދި 2030 އަންނަންވާއިރަށްްް މިނިސްބަތް ދެބައިކުޅަ އެއްބަޔަށް ދަށްކުުރުމަށް ވެސް ދުނިޔޭގެ ފެންވަރުގައި ގޮވާލާފައިވެއެވެ. މިކަމާބެހޭ ލަނޑުދަނޑިތަކެއް ވެސް ކަޑައަޅާފައި އެބަހުއްޓެވެ.

މަދަރުސާއަށް ހާޒިރުނުވެވުމަކީ ދަރިވަރުންނަށް ވަރަށް ގިނަ ގޮތްގޮތުން ނޭދެވޭ އަސަރު ކުރާކަމެއް ކަމަށް، ވާރލްޑް ބޭންކުގެ އިންސާނީ ތަރައްޤީގެ ކަންތައްތައް ބަލަހައްޓަވާ އެ ބޭންކުގެ ނައިބު ރައީސާ އެނެޓް ޑިކްސަން ވެސް ވަނީ ވިދާޅުވެފައެވެ. އެންމެ ފުރަތަމަ ކަމަކީ ބައެއް ކުދިންނަށް ކިޔެވުމުގެ ފުރުސަތު ނެތުމެވެ. އަނެއް ބައި ކުދިންނަށް ދުވަހެއްގެ ތެރޭގައި ލިބޭ އެންމެ ފައިދާ ހުރި ހަމައެކަނި ކެއުން ނުލިބި ދިއުމަކީވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކުރާކަމެކެވެ. ތަޢުލީމުގެ މަރުހަލާ ނިންމާލުމުގެ ފުރުސަތުން ވެސް ބައެއް ކުދިން، އަދި ވަކިން ޚާއްޞަކޮށް އަންހެން ކުދިން މަހްރޫމްވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން އެކުދީންނަށް ލިބިފައިވާ ތަބަޢީ ހުނަރުވެރިކަން ހާސިލް ކުރުމަށްވެސް ހުރަސް އެޅިގެން ދެއެެވެ. އަދި ގުޅިގެން އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް، ވަރަށް އަވަަހަށް ސާބިތުކަމާއެކު ނޭޅިއްޖެނަމަ، މިހާރުގެ ކާރިސާ (ކްރައިސިސް) އިން އެތަށް އަހަރު ތަކެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ "އިންސާނީ ރައުސްމާލު" (ނުވަތަ ހިއުމަން ކެޕިޓަލް) ގެ ކާމިޔާބުތައް ފަހަތަށް ޖައްސާލަފާނެއެވެ. އަދި އެތަށް މިލިއަން ކުޑަކުދިންތަކަކަށް ދުނިޔަވީ ހަޔާތުގެ ފަހި ފުުރުސަތުތަކުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިގެން ހިގައިދާނެ ކަމަށްވެސް ވާރލްޑް ބޭންކުގެ ނައިބު ރައީސާ ވިދާޅުވެއެވެ.

ކުދިންތަކެއް ސްކޫލަށްދަނީ- އުނގެނުމަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށްދާދެން ލިބެން ޖެހޭ ހައްގެއް

ކޯވިޑް-19 ގެކުރިން އެވަރެޖް ގޮތެއްގައި ކުދިން ފުރިހަމަ ކުރަމުން ދިޔައީ އެކުދީންގެ މަދަރުސީ ޢުމުުރު ފުރާގެ 11.2 އަހަރުގެ ކިޔެވުމެވެ. ނަމަވެސް މި ކުދީންނަށް ލިބޭ ތަޢުލީމުގެ ފެންވަރަށް ބަލާފައި މި އަދަދަކީ ހަޤީގަތުގައި މިއަށް ވުރެ މަދު ދުވަސްތަކެއް ކަމަށް ވެސް ލަފާކުރެއެވެ. އެއީ 7.9 އަހަރުގެ ކިޔެވުން ކަމަށް ވާރލްޑް ބޭންކުން ދެކެއެވެ. މިހާރު އަންދާޒާ ކޮށްފައިވާ ގޮތުން (ސިމިއުލޭޝަން މޮޑެލްތައް ބޭނުންކޮށްގެން)، ދައްކަނީ 5 މަސް ދުވަހު މަދަރުސާތައް ބަންދުކޮށްފާ ބަހައްޓައިފިނަމަ، ދަރިވަރުންނަށް 0.6 އަހަރުގެ މަދަރުސީ ހަޔާތުގެ އުނގެނުން ގެއްލިގެންދާނެ ކަމަށެވެ. މީގެ މާނައަކީ ކުރިން ދެންނެވި 7.9 އަހަރުގެ މަދަރުސީ ހަޔާތް، 7.3 އަހަރަށް މަދުވެގެެން ދިއުމެވެ.

ކޯވިޑް-19ގެ ވަބާގެ ކުރިން ވެސް، ވަރަށްް ގިނަ ގައުުމު ތަކުގައި އުނގެނުމުގެ ކާރިސާ ތަޖްރިބާކުރެވެމުން ދާކަން ވާރލްޑް ބޭންކުން ފާހަގަ ކުރިއެެވެ. އެގޮތުން އެންމެ ދަށް އަދި މެދު އާމްދަނީގެ ގަައުމު ތަކުގައި %53 ދަރިވަރުން ދިރިއުޅެމުން ދިޔައީ 'އުނގެނުމުގެ ފަގީރު" ކަމުގައެވެ. 2030 އަންނަންވާއިރަށް ދެބައިކުޅަ އެއްބަޔަށް ދަށް ކުރަން ކަޑައެޅި "އުނގެނުމުގެ ފަގީރުކަން" ހާސިލް ކުުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް، ދިރާސާތަކާ ހަަވާލާ ދެއްވާ ވާރލްޑް ބޭންކުގެ ގްލޯބަލް ޑިރެކްޓަރ ފޮރ އެޑިޔުކޭޝަން ޖޭމީ ސާވެދްރާ ފާހަގަ ކުރައްވައެވެ. އަދި އެއީ ވަރަށް ރަގަޅު ރެމީޑިއަލް ޕްރޮގްރާމް ތަކެއް ނުގެންދެވިއްޖެ ނަމަ ކަން ވެސް އޭނާ ފާހަގަ ކުރައްވައެެވެ. މި ޢާލަމީ ވަބާގެ ކުރިންވެސް އުނގެނުމުގެ ކާރިސާއެއް ގައި އުޅެމުން ދިޔަކަން ފާހަގަ ކުރައްވާ، އޭނާ ވިދާޅުވި، ކޯވިޑް-19 ފެތުރިގެން ދިއުމާއެކު، އުނގެނުމުގެ ކްރައިސިސް އިތުރަށް ފުންވެގެންދާނެ ކަމަށެވެ. އަދި އުނގެނުން ކުރިއަރުވަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ފަށައިގަންނަންޖެހޭ ފަށާ ރޮގުވެސް މިހާރު މިއޮތީ މާބޮޑު ގޮންޖެހުމެއްގެ ތެރޭގައެވެ.

މީގެ އިތުރުން ފާހަގަ ކުރަން ޖެހޭ އަނެއްކަމަކީ އިންސާނުން ދިރުއުޅެމުން މިދަނީ ފުރުސަތުތައް ހަމަހަމަ ނޫން ދުނިޔެއެއްގާ ކަމެވެ. އަދި މި ފަހަރުގެ ޢާއްމު ޞިއްހަތުގެ ކާރިސާއިން ތަފާތުތައް އިތުރަށް ފާޅުވެގެން ހިނގައްޖެއެވެ. އެއީ އުނގެނުމުގައި ބައިވެރިވެ ދެމިތިބުމުގެ ފުރުސްތު ފަގީރު ކުދިންނަށް މަދުވާތީއެވެ.

ސްކޫލުތައް ބަންދު ކުރުމުގެ ނޭދެވޭ އަސަރު އުނގެނުމުގެ މުޅި ނިޒާމަށްވެސް ކުރާތީއެވެ. މިކަމުގެ ފުރަތަމަ ޝޮކުން ވެސް %40 އާއި %50 އާ ދެމުދުގެ ދަށުސާނަވީ މަރުހަލާގެ ދަރިވަރުންނަށް އަސަރު ކުރިއެވެ. އެހެންކަމުން، މިއުމުރު ފުރާގެ ކުދިންނަށް އެންމެދަށްމިނުން ހާސިލުވެފައި ހުންނަށް ޖެހޭކަމަށް ކަޑައަޅާފައި ހުންނަ ޤާބިލިއްޔަތުތައް (މިނިމަމް ކޮންޕިޓަންސީތައް) ހާސިލު ނުކުރެވިދާނެއެވެ.

ސައުދީ އަރަބިއްޔާގެ ސްކޫލެއްގެ ދަރިވަރުން ތަކެއް ފިލާވަޅު ހަދަނީ

މިހާތަނަށް ޝާޢިއުކޮށްފައި ހުރި ގައުމު ތަކުގެ ޖީޑީޕީ ގެ އަންދާޒާތަކަށް ބަލާ، ވާރލްޑު ބޭންކުން ލަފާކުރަނީ ގާތްގަޑަކަށް 7 މިލިއަން ޕްރައިމަރީ އަދި ސާނަވީ ދަރިވަރުން ކޯވިޑް-19 ގެ ސަބަބުން އަދި އާމްދަނީ ގެ ޝޮކްގެ ސަަބަބުން މަދަރުސާތަކުން ވަކިވެދާނެ ކަމަށެވެ. ޖީޑީޕީ އަށް ކުރާ އަސަރުތަކާއި ލަފާ ކުރާ އާމްދަނީގެ ނިސްބަތްތަށް މުރާޖަޢާކޮށް ރަގަޅަށް ވަޒަން ކުރެވި ހިސާބުތަކަށް ބަދަލު އަންނަމުން ދާ ގޮތުން، މަދަރުސާއިން ވަކިވާނެ ކަމަށް ލަފާކުރާ ޢަދަދު ކުރިން ދެންނެވި 7 މިލިއަނަށްވުރެވެސް މަތިވާނެ ކަމަށް ބެލެވެއެވެ.

ވާރލްޑް ބޭންކުގެ ރިޕޯޓް ބުނާ ގޮތުން ސްކޫލަށްނުދެވުމާ ޢާއިލީ އާމްދަނީ ގެއްލި ދިއުމުގެ ދެ ސަބަބު އެކުވެގެން، ވަކިން ޚާއްޞަގޮތެއްގައި އަންހެން ކުދިން ދަތިހާލަތަށް ހުށަހެޅިގެންދިއުން ކައިރިއެވެ. އަދި އަންހެން ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެހެނިހެން ސަބަބުތަކަށް އެކަހެރި ކުރެވިފައިވާ ކުދިންނަށް ދިމާވެފައި އޮންނަ ޝާމިލް ނުކުރުމާއި ހަމަހަމަ ފުުރުސަތު ނުދިނުމުގެ އާދަ އިތުރަށް ބޮޑުވެެގެން ހިގައިދާނެއެވެ. އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ޕްރޮގްރާމް ތަކެއް ނެތްނަމަ، 5 މަސްދުވަހުގެ ސްކޫލު ބަންދުގެ ސަބަަބުންނާއި އިޤްތިޞާދީ ދަތި ހާލަތުގެ ސަބަބުން، އެވަރެޖް ގޮތެއްގައި އަހަރީ އާމްދަނީ އިން ކޮންމެ ދަރިވަރެއްގެ އަތުން 872 ޑޮލަރު ގެއްލޭނެއެވެ. މިހާރު ޕްރަައިމަރީ އަދި ސާނަވީގައި ތިބި ކުދިންނަށް ބަލާއިރު މިއީ މިހާރުގެ އަގުން ނަމަ، ދަރިވަރުންގެ މުޅި މަސައްކަތު ހަޔާތުގެ އާމްދަނީ އިން ގާތްގަޑަކަށް 16،000 ޑޮލަރު ގެއްލިގެންދާ އާމްދަނީއެކެވެ.

އުނގެނުމަށް ލިބޭ ގެއްލުމުގެ އަގު މުޅި ދުނިޔޭގެ އިޤްތިޞާދުގައި ގެއްލިގެންދާ އާމްދަނީގެ އަގު 10 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވާރލްޑް ބޭންކުން ލަފާކުރަނީ މައިގަޑު ތިން ސަބަބަކާ ހެދިއެވެ. އެއީ (1) އުނގެނުމުގެ މިންވަރު ދަށްވުން، (2) ފުރަބަންދު ތަކާއެކު ގެއްލުނު މަދަރުސީ މަސްތައް، އަދި (3) ކުރިއަށް އޮތް ތާނގައި މަދަރުސާތަކުން ބައެއް ކުދިން ވަކިވެެދާނެތީ އެވެ. ގެއްލިގެން މިދާ އަދަދަކީ މި ދަރިވަރުންނަށް ފަށާތަޢުލީމު ދިނުމަށް ކުރާ ހޭދައިގެ %16 އެވެ.

ކޯވިޑް-19ގެ ވަބާގެ ސަބަބުން ތަޢުލީމީ ނިޒާމަށް ވާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުތަކުން ވަރަށް ތަފާތު ގޮތްތައް ބޭނުން ކުރަމުން ދެއެވެ. ރިޕޯޓްތައް ދައްކާ ގޮތުން 130 ހަކަށް ގައުމުން ދުރުންދޭ ތަޢުލީމުގެ ކޮންމެވެސް ނިޒާމަކަށް ނުވަތަ ޕްލެޓްފޯމަކަށް ދަނީ ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންެނެވެ. އަދި މިދުވަސްކޮޅުގެ ބޭނުން ކުރަމުން ދިޔައީ މަދަރުސާތައް ހުޅުވެންވާއިރަށް ތައްޔާރުވުމަށެވެ. ހަޤީގަތުގައި މި ދިޔަ ފުރަބަންދުގެ ދުވަސް ތަކަކީ މިފަދަ ސިހުންތަކަށް ރަގަޅަށް ތައްޔާރު ވެފައިވާ އަދި ދަރިވަރުންގެ ބޭނުންތަކަށް އަޅާލެވޭ، އެންމެންނަށް ހަމަހަމަ، ޝާމިލް ތަޢުލީމީ ނިޒާމަކަށް ތައްޔާރުވާން ލިބުނު ވަރަށް ރަގަޅު ފުރުސަތެކެވެ. މުދައްރިސުން ތަމްރީނުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑުކުރެވޭނެ ފުރުސަތުވެސް ލިބިގެންދިޔަ ކަމެކެވެ. އަދި ސްކޫލާއި ގެއާއި ދެ ފަރާތުގެ ބައިވެރިވުމާއެކު ދަރިވަރުންގެ އުނގެނުން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތް ރޭވުމަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެކެވެ.

ކުރިމަތިވި ސިއްޚީ ކާރިސާ ބޭކާރު ކޮށްލެވިގެން ނުވާނެކަމަށް ވާރލްޑް ބޭންކުގެ ޑިރެކްޓަރ ސާވެދްރާ ވިދާޅުވެއެވެ. ކުރިމަތިވި ސިހުމުގެ ނުރަގަޅު އަސަރު އެތަށް އަހަރުތަކަށް ހުރެދޭނެއެވެ. އެކަމަކު މިއީ ކުރީގައި ތިބި އާއްމު ހާލަތަށް އެނބުރިދިއުމުގެ ބަދަލުގައި، މާ ބާރަށް ކުރިއަށް ދިއުމުށް ލިބުނު ފުރުސަތެއް ކަމަށް ބަލަންޖެހޭނެއެވެ. އާ އާއްމު ހާލަތަށް ދާންވާނީ ބެލެނިވެރިންނާ ޓީޗަރުންނާއި ޓެކްނޮލޮޖީ އަށް އޮތް އާ ދައުރުގެ ވިސްނުމާއެކުއެވެ. އެއީ ހުރިހާ ކުދިން ޝާނިލްވާ، ހަމަހަމަކަން ބޮޑު، ކުރިއަށްވުރެ ރެސިލިއަންޓް އަދި ކުރިއަށްވުރެ ނަތީޖާ ރަގަޅު ކުރެވޭނެ އާ އާއްމު ހާލަތެކެވެ. އަޅުގަޑުމެންގެ ދަރިންނަށްޓަކައިވެސް މި އާ އާއްމު ހާލަތު އެކުދީންނަށް އަޅުގަޑުމެން ރައްދު ކޮށްދޭން ޖެހެއެވެ.

ތިން މަސްދުވަހު ބަންދުކޮށްފައި ހުރުމަށްފަހު ދިވެހިރާއްޖޭގެ މަދަރުސާތައް ހުޅުވާއިރު، ދިވެހި ދަރިވަރުންގެ އުނގެނުމަށް ލިބުނު ގެއްލުމަކީ ކޮބައިބާއެވެ؟ އަދި އެ ގެއްލުމުގެ އަންދާޒާ އަގަކީ ކިހާ ވަރެއްބާއެެވެ؟ އަދި ދަރިވަރުން މަދަރުސާތަކަށް ނިކުންނައިރު ރަގަޅު ރެމީޑިއަލް ޕްރޮގްރާމް ތަކެއް ހިންގަން ރޭވިފައި އެބަހުރިބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
50%
50%
0%
0%
0%
ކޮމެންޓް
6 ޖުލައި 2020 | ހޯމަ 20:02
ޙަޒާ
ވަރަށް ރަގަޅަށް ދިރާސާ ކުރައްވާ ލިއުއްވާފައިވާ ލިއުމެއް ކަމަށް ދެކެން. ރާއްޖޭގެ ތަޢުލީމީ ހާލަތު އަދި ތަންކޮޅެއް ތަފްސީލްކޮށްލާ ދިރާސާއެއް އެބަ ބޭނުންވޭ. ފުރަބަންދުގައި ވެސް ޕްރައިވެޓް ސްކޫލްތަކާއި ކޮލެޖްތައްވެސް ޓީޗިންގް ގެ ބައިކުރިއަށް ގެންދެވިކަން އުފަލާއެކު ފާ ހަގަ ކޮށްލަން.