ސަރުކާރުގެ ވިސްނުމަކީ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަޅު ރަށްރަށުން ހިލޭ ހޯދައިދިނުން: މެމްބަރު މުމްތާޒު
27 ޖޫން 2020 | ހޮނިހިރު 10:39މިސަރުކާރުން ދަނޑުވެރިން އުފައްދާނެ

ކަރާވެލަކަށް ފެން ދިނުމުގެ މަސައްކަތް ކުރަނީ
ސަރުކާރުގެ ވިސްނުމަކީ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަޅު ރަށްރަށުން ހިލޭ ހޯދައިދިނުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ފުޑް އެންޑް ސެކިއުރިޓީގެ މުހިންމުކަން ވަރަށް ބޮޑު ހާމަވެގެންދިޔަ ކަމަށާއި، ދަނޑުވެރިކަމަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މިސަރުކާރަކީ ދަނޑުވެރިން އުފައްދާ ދަނޑުވެރިކަން ކުރިއަރުވާނެ ސަރުކާރެއްކަން ފާހަގަކުރައްވައި މެމްބަރު މުންތާޒު ވިދާޅުވީ މިހާރުގެ ވިސްނުމަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަޅު ރަށްރަށުން ހިލޭ ހޯދައިދިނުން ކަމަށެވެ. އަދި ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބެލުމާއި، ދަނޑުވެރިންނަށް ދަނޑު ހެއްދުމަށް ދިމާވާ ދަތިތައް ހައްލުކޮށްދީ ފަހި ފުރުސަތުތަކެއް މިސަރުކާރުން ހޯދައިދޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުތަކުން ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކަށް އަލިއަޅުއްވާލައްވާ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ އެރަށްރަށުގައި މިހާރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައި ދަނޑު ހައްދާފައިނުވާ ކަމަށެވެ. އަދި ދަނޑު ހެއްދުމަށްފަހު، މިހާރު ދަނޑުވެރިކަން ނުކޮށް ދޫކޮށްލާފައިވާ ރަށްތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިސިނާއަތް ކުރިއެރުވުމަށް ވަކި ކަހަލަ ޕްލޭންތަކެއްގެ ތެރެއިން މަސައްކަތްތައް ކުރުމަށް މިހާރު ވަނީ ލާޒިމްކޮށްފައެވެ.
އެގޮތުން ދަނޑުވެރިން ހައްދާ ބާވަތްތައް މުޅި ރާއްޖެއަށް މާކެޓްކުރުމަށް ތިން ޒޯނަކަށް ބަހާލައި ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް މީގެ ކުރިން އެގްރޯ ނޭޝަނަލް ކޯޕްރޭޝަނުން ވަނީ ބުނެފައެވެ.
ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން އަތޮޅުތެރޭ ގިނަ ރަށްރަށުގައި ބިމު ކުއްޔާ ނުލާ ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތައްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ދަނޑުބިމުގެ ކުލިން 50 އިންސައްތަ އުނިކޮށްފައިވެއެވެ. އަދި އަލަށް ދަނޑުވެރިކަން ކުރުމަށް ނުކުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއްދީ އެފުރުސަތު ފަހިކޮށްދޭނެކަމަށް ކައުންސިލްތަކުން ބުނެއެވެ.





