ކ. މާލެ
|
26 ޖޫން 2020 | ހުކުރު 13:17
މެއި 22، 2020 ގައި ޕީއައިއޭގެ ބޯޓު ވެއްޓުނު ސަރަހައްދުގައި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ
މެއި 22، 2020 ގައި ޕީއައިއޭގެ ބޯޓު ވެއްޓުނު ސަރަހައްދުގައި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ
އޭއެފްޕީ
މަތިންދާ ބޯޓު ވެއްޓުން
ޕާކިސްތާނު ބޯޓު ވެއްޓުނު އިރު ޕައިލެޓުން ތިބީ ކޮރޯނާ ވާހަކައިގައި
 
ބޯޓަކީ ޓެކްނިކްލް އެއްވެސް މައްސަލައެއް ހުރި ބޯޓެއް ނޫން
 
ޕައިލެޓުންވެސް، އެއަރ ޓްރެފިކް ކޮންޓްރޯލަރވެސް ވަނީ ފަރުވާ ކުޑަކޮށްފައި
 
ހާދިސާގައި 97 މީހުން މަރުވެފައިވޭ

ހުސްވި މެއި މަހުގެ 22 ވަނަ ދުވަހު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރވޭޒް (ޕީއައިއޭ) ގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރު ކުރި ދެ މީހުން ފިޔަވާ އެހެން އެންމެން މަރުވި ހާދިސާ ހިނގިއިރު ބޯޓުގެ ޕައިލެޓާއި ކޯޕައިލެޓް ތިބީ ކޮރޯނާ ވާހަކައިގެ ތެރެއަށް ގެއްލިފައިކަން، މި ހާދިސާ އާ ގުޅިގެން ހިންގި ތަހުގީގުން ހާމަވެއްޖެއެވެ.

މި ހިތާމެވެރި ހާދިސާގައި 97 މީހުން މަރުވެފައިވެއެވެ.

ބޯޓު ވެއްޓުނީ ކަރާޗީ އެއަރޕޯޓުގައި ޖެއްސުމަށް އަންނަނި ކޮށް ބޯޓުގެ ދެ އިންޖީނު ފެއިލް ވެގެންނެވެ.

ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުން ހާމަވައިވާ ބައެއް މައުލޫމާތު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ވިދާޅުވެދެއްވަމުން، ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރ ގުލާމް ސަރުވާރު ޚާން މިދިޔަ ބުދަ ދުވަހު ވިދާޅުވީ، އޭ-320 ގެ ބޯޓަށް ނުރައްކާ ކުރިމަތިވި އިރު ޕައިލެޓުން ތިބީ މަސައްކަތަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކޮރޯނާ ވައިރަސްގެ ވާހަކައިގެ ތެރެއަށް ގެއްލިފައިކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

ތަހުގީގު ރިޕޯޓުން ހާމަވާ ގޮތުގައި، ބޯޓު ވެއްޓުނު އިރު، ބޯޓު ދަތުރު ކުރަމުން އައީ، އެ ވަގުތު ބޯޓު ހުންނަން ޖެހޭ އުސްމިނަށް ވުރެ ދެ ގުނަ އުހުންނެވެ. އޭގެ އިތުރުން، ޕައިލެޓާއި، އެއަރ ޓްރެފިކް ކޮންޓްރޯލަރ، މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް އަޅާލާފައި ނުވާ ކަމާއި، އޭގެ ސަބަބުން ކުއްލިއަކަށް ބޯޓު ޖައްސަން ޖެހުމާއެކު، ބޯޓުގެ އިންޖީނަށް ވަރަށް ބޮޑަށް ގެއްލުން ލިބި ދެ އިންޖީނުވެސް ފެއިލްވީ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ ބޯޓު ވެއްޓުނު އިރު ދެ ފަހަރެއްގެ މަތިން ރަންވޭގައި ޖެއްސުމަށް މަސައްކަތް ކޮށްފައިވެއެވެ.

ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ޕާކިސްތާނުގެ އޮފިޝަލުންގެ އިތުރުން، ފަރަންސޭސި ސަރުކާރުގެ ތަޖުރިބާކާރުން ބައިވެރިވެރިފައި ވެއެވެ. އަދި ތަހުގީގުގައި، ކޮކްޕިޓް ޑާޓާ އާއި ވޮއިސް ރެކޯޑަރުގައި ހުރި މައުލޫމާތު ދިރާސާކޮށްފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ، ވެއްޓުނު ބޯޓަކީ އުދުހުމަށް ސަތޭކަ އިން ސައްތަ ފިޓް ބޯޓެއް ކަމުގައެވެ. ބޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތް ކަމަށްވެސް ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިބޯޓު ވެއްޓުނީ ބައިބޯ ސަރަހައްދަކަށް ކަމަށް ވުމާއެކު 29 ގެއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، ބޯޓުން ދަތުރުކުރި މީހުން ނޫން އެހެން މީހަކު ނުހިމެނެއެވެ.

ބޯޓުގައި ތިބި ގިނަ މީހުންނަކީ، އާއިލާ އާ އެކު ފިތުރު އީދު ފާހަގަ ކުރުމަށް ދަތުރު ކުރި މީހުން ކަމަށް ވެއެވެ.

މިހާދިސާ މިހެން ހިނގާފައިވާ އިރު، ވައިގެ ދަތުރުފަތުރުގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައިވުމުގެ އެތައް ރެކޯޑެއް ޕާކިސްތާނުގައި އޮތްކަން ފާހަގަކުރެވެއެވެ.

2016 ވަނަ އަހަރު ޕީއައިއޭ ގެ ބޯޓެއް އިސްލާމް އާބާދުގެ އުތުރު ސަރަހައްދަކުން ދަތުރު ކުރަމުންދަނިކޮށް ބޯޓުގައި ރޯވެ 40ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

2010 ވަނަ އަހަރު، ޕާކިސްތާނުގެ އެއަރބްލޫ އިން އޮޕަރޭޓް ކުރި އެއަރބަސް އޭ-321 ގެ ބޯޓެއް އިސްލާމް އާބާދުގެ ފަރުބަދަތަކުގެ މައްޗަށް ވެއްޓި އެ ބޯޓުން ދަތުރު ކުރި 152 މީހުން މަރުވެފައިވެއެވެ.

2013 ވަނަ އަހަރު ޕާކިސްތާނުގެ ޕައިލެޓަކު މަސްތުވެގެން ހުރިކަމަށް ތުހުމަތު ކޮށް އިނގިރޭސިވިލާތުގައި ޖަލަށް ލާފައި ވެއެވެ.

1970ގެ އަހަރު ތަކުގައި ޕީއައިއޭ އަކީ ދުނިޔޭގައި އެންމެ ނަން ހިނގާ އެއް އެއަރލައިންގެ ގޮތުގައި ފާހަގަ ކުރެވުނު އެއަރލައިންއެކެވެ. ނަމަވެސް، ފްލައިޓްތައް ކެންސަލް ވުމާއި، ދަތުރުތައް ލަސްވުމާއި، އެކްސިޑެންޓުތަކުގެ ސަބަބުން އެއަރލައިންގެ އަގު ވަރަށް ބޮޑަށް މިހާރު ވެއްޓިފައިވާ ކަން ފާހަގަ ކުރެވެއެވެ. އެއަރލައިން އަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ފައިސާގެ މައްސަލަތަކާއި ކަރަޕްޝަންގެ މައްސަލަތައްވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
21%
0%
79%
0%
0%
0%
ކޮމެންޓް