ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 23:24
2012 ވަނަ އަހަރުގެ އިރުކޭތައިގެ މަންޒަރެއް
2012 ވަނަ އަހަރުގެ އިރުކޭތައިގެ މަންޒަރެއް
ވިކިޕީޑިއާ
އިރު ކޭތަ ހިފުން
އާދީއްތަ ދުވަހުގެ "އަނގޮޓި ކޭތަ" - މަދުން ނޫނީ ނުފެންނާނެ މަންޒަރެއް!
 
ކޭތައިގެ ހިޔަނި ރާއްޖެއަށް އަރަން ފަށާނީ ގާތްގަނޑަކަށް 9:30ހާއިރު
 
ރާއްޖެއަށް ކޭތަ ފެންނާނީ ފަޅި ކޭތައެއް ގޮތުގައި
 
މިފަދަ އަނގޮޓި ކޭތައެއް ދެން ފެންނާނެ ކަމަށް ބެލެނީ 2032ގައި

މާދަމާ 21 ޖޫން 2020 ވާ އާދީއްތަ އަކީ އިރު ކޭތައެއް ހިފާ ދުވަހެކެވެ. "ރިންގް އޮފް ފަޔަރ" ގެ ނަން ދެވިފައިވާ މި ކޭތައަކީ މިއަހަރު ހިފާ ފުރަތަމަ އިރުކޭތައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނަ ވަގުތު، ކޭތަ އެންމެ ރީތިކޮށް ފެންނަން ހުންނައިރު ވެސް މުޅި އިރު އެއްކޮށް ނުގެއްލި، އިރުގެ ކާރިފަށް އަލިގަދަކޮށް ފެންނަން ހުންނަ މިކޭތައަށް އަނގޮޓި ކޭތަ އޭ ކިއިދާނެއެވެ.

އާދިއްތަ ދުވަހު ހިފާ ކޭތައަކީ "އެނިއުލަރ އިކްލިޕްސް" ގެ ގޮތުގައި ބެލޭ ކޭތައެކެވެ. މިބާވަތުގެ ކޭތަ ހިފާއިރު، ދުނިޔެއާއި، ހަނދާއި، އިރު ހުންނާނީ އެއް ރޮނގަކަށެވެ. ހަނދު ހުންނާނީ އިރާއި ދުނިޔެއާއި ދެމެދުގައެވެ. އޭގެ ސަބަބުން އިރުން ދުނިޔެއަށް އަންނަ އަލި ބްލޮކްވެ، އުޑުމަތި ބަނަވެ، ހަނދުގެ ހިޔަނި ދުނިޔެއަށް އެޅި، އިރު ދުނިޔެއަށް ފެންނަ އިރު، އިރުގެ މެދުތެރެ ފެންނާނީ އަނދިރިގުޅައެއް ގޮތަށެވެ.

އެއް ރޮނގަކަށް އިރާއި ހަނދު އަދި ދުނިޔެ އެތުރިފައި ހުންނަ އިރު، ހަނދަކީ އިރަށްވުރެ ކުޑަ އެއްޗަކަށް ވެފައި، ކޭތަ ހިފާއިރު ހަނދު ހުންނަނީ ދުނިޔެއާ އެންމެ ދުރަށް ދަތުރުކުރާ ހިސާބަށް ވާސިލްވެފައި ކަމަށް ވުމާއެކު، ހަނދުން މުޅި އިރު ނިވާވާގޮތް ނުވެ، ދުނިޔެއަށް އިރު ފެންނަ އިރު، އިރު ފެންނާނީ ރިންގެއް ނުވަތަ އަނގޮޓިއެއްގެ ސިފައަށެވެ. އަނގޮޓީގެ ސިފައަށް އިރު ފެންނަ އިރު، އިރުގެ ބޭރު ކައިރި އަލިފާންގަނޑެއްހާ އަލިގަދަކޮށް ހުންނާތީ، "ރިންގް އޮފް ފަޔަރ" މިކޭތައަށް ކިޔައެވެ.

ކޭތަ އެންމެ ފުރިހަމަވެފައި ހުންނާނީ މަދު ވަގުތުކޮޅަކަށެވެ. ހަނދަކީ ގަޑިއަކު ގާތްގަނޑަކަށް 1700 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރާ އެއްޗެއް ކަމަށް ވުމާއެކު، ކޭތަ ފުރިހަމައަށް ހުންނާނީ ގާތްގަނޑަކަށް ތިރީހަކަށް ސިކުންތު ކަމަށް ސައިންސްވެރިން ބުނެއެވެ. ކޭތަ އެންމެ ފުރިހަމަވާ ވަގުތު އިރުގެ 99.4 އިންސައްތަ ހުންނާނީ ބްލޮކްވެފައި ކަމަށްވެއެވެ. ކޭތަ ހިފުމާ މުޅިން ވީއްލުމާ ދެމެދު ގާތްގަނޑަކަށް 3.75 ގަޑީއިރުވާނެ ކަމަށް ލަފާކުރެވެއެވެ.

ކޭތަ ފުރަތަމަ ފެންނާނީ އެފްރިކާގެ ކޮންގޯއަށެވެ. ކޮންކޯއިން ކޭތަ ދަތުރު ކުރާނީ ދެކުނު ސޫދާނާ ދިމާލަށެވެ. ދެން އިތިއޮޕިއާ އިން ޔަމަނުން، އޮމާނުން، ސައުދީ އަރަބިއްޔާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށެވެ. އޭގެ ފަހުން ކޭތަ ދަތުރުކުރަމުން ދާނީ، ޓިބެޓް، ޗައިނާ އަދި ތައިވާނާ ދިމާލަށެވެ. އެންމެ ފަހުން ކޭތަ ފެންނަ ސަރަހައްދަކަށް ވާނީ ޕެސިފިކް ސަރަހައްދެވެ.

އާދީއްތަ ދުވަހުގެ އިރު ކޭތަ ރާއްޖެއަށް ފެންނާނެއެވެ. ނަމަވެސް ރާއްޖެ އަށް އަނގޮޓި ކޭތައިގެ ގޮތުގައި މަންޒަރެއް ނުފެންނާނެއެވެ. ރާއްޖެއަށް މިކޭތަ ފެންނާނީ ކުޑަ މިންވަރަކަށެވެ. އެއީ ފަޅި ކޭތައެއްގެ ގޮތަށެވެ. ރާއްޖެއަށް ކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން ހެނދުނު 8:45 އެއްހާއިރު ނަމަވެސް ރާއްޖެއިން ކޭތަ ބަލާއިރު، ކޭތައިގެ ހިޔަނި ރާއްޖެއަށް އަރަން ފަށާނީ އޭގެ 45 ވަރަކަށް މިނިޓް ފަހުން ގާތްގަނޑަކަށް 9:30 ހާއިރުއެވެ. މިކޭތައިގެ ހިޔަނި އެފްރިކާ މަތިން ފެށިގެން އިރު އުތުރަށް ކަހަލަ ގޮތަކަށް ދިޔަނަމަވެސް ހިޔަނި ފެތުރެމުން އަންނަތަން ރާއްޖެ އަށް ފެންނަމުންދާނީ ހުޅަނގު އުތުރުން ކަހަލަ ގޮތަކަށް ކަމަށްވާތީވެ، އުތުރަށް ވުރެ ދެކުނަށް ހިޔަނި އަރާނީ ފަހުންނެވެ. އަދި ދެކުނަށްވުރެ އުތުރުގައި ކޭތައިގެ ހިޔަނި ގިނަ ވަގުތު ހުންނާނެއެވެ. އެންމެ އުތުރުގެ އަތޮޅުތަކުން 12:15 ހާއިރު ހިޔަނި ކައްސާލާނެއެވެ. ދެކުނުގެ އަތޮޅުތަކުގެ މަތިން އެއަށްވުރެ ކުރިން ހިޔަނި ގެއްލޭނެއެވެ. ރާއްޖޭގައި ކޭތަ އެންމެ ބޮޑަށް ހިފާފަ ހުންނާނީ 11 ޖެހުމުގެ 10 ވަރަކަށް މިނިޓް ކުރިންނެވެ. އެއަށްފަހުން ކޭތަ ދާނީ ވީއްލެމުންނެވެ.

އިރު އުތުރު އެފްރިކާ އާއި ޔަމަން އިންޑިއާގެ އުތުރާއި ދެކުނު ޗައިނާ ހިސާބަށް އަނގޮޓި ކޭތައިގެ ގޮތުގައި މިކޭތަ ފެންނާނެއެވެ.

މިއަހަރުގެ ދެވަނަ އަދި ފަހު އިރުކޭތަ ހިފާނެކަމަށް ސައިންސްވެރިން ބުނެފައިވަނީ ޑިސެމްބަރު މަހުގެ ސާދަ ވަނަ ދުވަހުއެވެ. އެ ކޭތަ ވާނީ ފުރިހަމަ އިރުކޭތަ އެކެވެ.

އާދިއްތަ ދުވަހު ފެންނަ ފަދަ ކޭތައިގެ މަންޒަރަކީ އާއްމުކޮށް ފެންނާނެ މަންޒަރެއް ނޫނެވެ. މިފަދަ އަނގޮޓި ކޭތައެއް ދެން ފެންނާނެ ކަމަށް ބެލެނީ 2032 ގައެވެ.

އާއްމު އުސޫލަކީ ހަނދުކޭތަ އެއް ހިފުގެ ދެހަފްތާ ކުރިން ނުވަތަ ހަނދުކޭތަ ހިފާތާ ދެ ހަފްތާ ފަހުން އިރުކޭތަ ހިފުމެވެ. މިގޮތުން މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ހަނދުކޭތަ ވަނީ ހިފާފައެވެ. އަންނަ މަހު ޖުލައި 5 ގައި ހަނދުކޭތަ ހިފާނެ ކަމަށް ބެލިވިފައިވެއެވެ.

އިރުކޭތަ ބެލުމަށް ގިނަބަޔަކު ޝައުގުވެރިވާ އިރު، ހަމަލޮލުން ސީދާ އިރަށް ބެލުމަކީ، ލޮލަށް ގެއްލުންވާނެ ކަމެއް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ. ކޭތަ ހިފައިފައި ހުންނަ އިރުވެސް އިރަށް ބަލަން ޖެހޭނީ، ޚާއްސަ ފިލްޓަރެއް ނުވަތަ ޓެލެސްކޯޕެއް ނުވަތަ ދުރުމީއެއް ބޭނުންކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
29%
43%
14%
14%
0%
0%
ކޮމެންޓް