ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
އެންމެ މާތް ސާހިބާ

އެންމެ ތާހިރު ނަސަބުފުޅުން އެންމެ މާތް ސާހިބާ

  • ކީރިތި ރަސޫލާ ވަޑައިގަތީ އިސްމާޢީލުގެފާނުންގެ ނަސަބުފުޅުން ޠާހިރު ނަސްލުން
  • ރަސޫލާގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނު ތަރުބިޔަތުކުރެއްވީ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާން

ކ. މާލެ | 30 މެއި 2020 | ހޮނިހިރު 20:59 | 3,889

މައްކާގެ ހަރަމްފުޅު ސަރަހައްދުގެ މަންޒަރެއް - ރޮއިޓަރސް

މާތް ﷲ ދުނިޔެއަށް ފޮނުއްވެވީ 1,2400 (އެއްލައްކަ ސައުވީސް ހާސް) ނަބިއްޔުންނެވެ. އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ސަތޭކަ ތޭރަ ނުވަތަ ސަތޭކަ ފަނަރަ ރަސޫލުންނެވެ. މިގޮތުން ދުނިޔޭގައި ﷲ ލެއްވި އެންމެ ފުރަތަމަ އިންސާނަކީ އެންމެހައި އިންސާނުންގެ ބައްޕާފުޅު ސައްޔިދިނާ އާދަމްގެފާނެވެ. އަދި އެންމެ ފުރަތަމަ ނަބީބޭކަލަކީވެސް އެކަލޭގެފާނެވެ. އެންމެ ފަހުގެ ނަބިއްޔަކީ ޢާލަމްތަކަށް ކައުކުރެއްވި ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު އެވެ. އެކަލޭގެފާނަކީ ޤިޔާމަތާ ހަމައަށް އައިހާ އާދަމުގެ ދަރިންތަކުގެ ސާހިބާއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އެކަލޭގެފާނަށްފަހު ދެނެއް ނަބިއްޔަކު ވިއަސް އަދި ރަސޫލަކު ވިއަސް ދުނިޔެއަކަށް ނުފޮނުއްވާނެއެވެ.

ކީރިތި ރަސޫލާ ޙަދީޘު ކުރައްވާފައި ވެއެވެ. [أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ] ތިމަން ކަލޭގެފާނަކީ ޤިޔާމަތާ ހަމައަށް އައިހާ އާދަމުގެ ދަރިންތަކުގެ ސާހިބާއީމެވެ. އިމާމު އިބްނި ކަޘީރު ރިވާކުރަށްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިިއެވެ. [بُعِثْتُ عَلَى إِثْرِ مِنْ ثَلَاثَةِ آلَافِ نَبِيٍّ مِنْ بَنِي إِسْرَائِيلَ] މާނައީ: ތިމަން ކަލޭގެފާނު ނަބީ ކަމާއިގެން ފޮނުއްވެވުނީ ބަނީ އިސްރާއީލުންގެ ތެރެއިން ތިން ހާސް ނަބީ ބޭކަލުން ވަޑައިގަތުމަށް ފަހުގައެވެ.

މިއެންމެހައި ނަބިއްޔުންނަކީ އެއް ނަސްލެކެވެ. ވަޑައިގަތީ ޠާހިރު ނަސްލުންނެވެ. އާދަމުގެފާނުން ފެށިގެން ކީރިތި ރަސޫލާއާ ޖެހެންދެންނެވެ. ތާރީޚު ޢިލްމުވެރިންނާއި ނަސަބު ބަލަހައްޓަވާ މާހިރުންވަނީ ނަބީބޭކަލުންގެ ނަސްލު މިގޮތަށް ބަޔާން ކުރައްވާފައެވެ. އެހެނަސް އެރިވާޔަތްތަކުގެ ސަނަދު ޞައްޙަ މަގުން ސާބިތު ނުވާތީ މިތާގައި އެނަސްލުތައް އަޅުގަނޑު ބަޔާން ނުކުރީއެވެ. ކޮންމެއަކަސް އަބުލް އަންބިޔާ އިބްރާހީމުގެފާނުން ފެށިގެން އެންމެހައި ނަބިއްޔުން ވަޑައިގަތީ އިސްރާއީލުގެ ދަރިފަސްކޮޅުންނެވެ. އެއީ އިސްޙާޤުގެފާނުންގެ ދަރިކަލުން ޔަޢުޤޫބުގެފާނު ނުވަތަ އިސްރާއީލުގެ ދަރިފަސްކޮޅެވެ. ބަނީ އިސްރާއީލުގެ އެންމެ ފަހުގެ ނަބިއްޔަކީ ޢީސާގެފާނެވެ. އެކަލޭގެފާނުންގެ ނަސަބުފުޅު ނިސްބަތްވަނީ މަންމާފުޅު މަރްޔަމަށެވެ. އެއަށްފަހު ބަނީއިސްރާއީލުން ވަޑައިގަތް ނަބީކަމުގެ ސިލްސިލާގައި ސިއްކަޖެހުނީއެވެ. ދެން ދުނިޔެ އިންތިޒާރުކޮށްގެން އޮތީ ޚާތަމުއްނަބިއްޔީން ވަޑައިގަންނަވާނެ އިރަކަށެވެ.

ސައްޔިދުނާ އިސްމާޢީލުގެފާނުގެ ނަސަބުފުޅުން އެކަލޭގެފާނު ފިޔަވައި ނަބީބޭކަލަކު ވަޑައިގެންފައި ނުވެއެވެ. ޚާތަމުން ނަބިއްޔީން ވަޑައިގަތުމަށް ﷲ އިރާދަކުރަށްވާފައި ވަނީ އިސްމާޢީލުގެފާނުންގެ ބުރަކަށިފުޅުންނެވެ. އެހެންކަމުން އެއްޖީލުން އަނެއް ޖީލަށް އެއް ނަސްލުން އަނެއް ނަސްލަށް އެއް ޤަރުނުން އަނެއް ޤަރުނަށް ސާފު ޠާހިރު ބުރިކަށިފުޅުތަކުން ޢާލަމުތަކަށް ކައުކުރެއްވި ނަބިއްޔާ ނަގުލުވަމުން ވަޑައިގަތެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުން އިމާމު ބުޚާރީ އަންނަނިވި ޙަދީޘު ބަސްފުޅު ރިވާ ކުރައްވާފައިވެއެެވެ. [بُعِثْتُ مِنْ خَيْرِ قُرُونِ بَنِي آدَمَ قَرْنًا فَقَرْنًا حَتَّى كُنْتُ مِنَ الْقَرْنِ الَّذِي كُنْتُ فِيهِ] މާނައީ: ތިމަން ކަލޭގެފާނު ވަޑައިގަތީ އާދަމްގެފާނުންގެ ދަރި ނަސްލުން ފެށިގެން އެއް ޤަރުނުން އަނެއް ޤަރުނުން އެއްބޭކަލެއްގެ ބުރިކަށިފުޅުން އަނެއް ބޭކަލެއްގެ ބުރިކަށިފުޅުންނެވެ. އެންމެ ފަހުން ތިމަންކަލޭގެފާނުންގެ މިއަދުގެ ނަސަބުފުޅާ ހަމަައަށް ވާޞިލުވެވުނީއެވެ.

ކީރިތި ރަސޫލާ ވަޑައިގަތީ އިސްމާޢީލުގެފާނުންގެ ނަސަބުފުޅުން ޠާހިރު ނަސްލުންނެވެ. ރަސޫލާގެ ބައްޕާފުޅުން ފެށިގެން ކިނާނަތާ ހަމަައަށް އިތުރު އެކަލޭގެފާނުންގެ ނަސަބުފުޅު ޔަޤީން ކަމާއެކު ނަސަބު ލިއުއްވާ ބޭކަލުން ބަޔާން ކުރައްވައެވެ. އެހެންނަމަވެސް އޭގެ ކުރިއަށް ވަނީ ކޮންމެވެސް ވަރެއްގެ ޚިލާފުތަކެއްގެ އުފެދިފައެވެ. އެއީ ކިނާނަތާ އިސްމާޢީލުގެފާނާ ދެމެދު ވަނީ ކިތައް ބޭކަލުންނެއްތޯއެވެ. ބައެއް ލިއުންތެރިން ނުވަ ބޭކަލުން ކަމުގައި ވިދާޅުވެއެވެ. އަނެއްބައި ބޭކަލުން ހަތް ބޭކަލުން ކަމުގައިވެސް ވިދާޅުވެއެވެ. އަދި އަނެއްބައި ބޭކަލުން ފަނަރަ ބޭކަލުން ކަމުގައިވެސް ވިދާޅުވެފައި ވެއެވެ. މިޢާއިލީ ގަސް ވަނީ ބަލިކަށި ސަނަދުތަކުން ނަމަވެސް ކިނާނަތާ ހަމައަށް ލިޔެވި ކުރެހިފައިވެއެވެ.

އިމާމު ޝާފިޢީއާއި މުސްލިމާއި ތިރްމިޛީ ލޮބުވެތި ކީރިތި ރަސޫލާ އަރިހުން އަންނަނިވި ޙަދީޘު ރިވާކުރަށްވާފައި ވެއެވެ. [إِنَّ اللَّهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَعِيلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ وَاصْطَفَانِي مِنْ بَنِي هَاشِمٍ - إِنَّ اللَّهَ اصْطَفَى مِنْ وَلَدِ إِبْرَاهِيمَ إِسْمَاعِيلَ] މާނައީ: މާތް ﷲ އިބްރާހީމުގެފާނުންގެ ދަރިކަލުން އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅުން ކިނާނަތުދަރިކޮޅު ހޮއްވެވިއެވެ. އަދި ކިނާނަަތު ދަރިކޮޅުގެ ތެރެއިން ޤުރައިޝު ވަންހަ އިޚްތިޔާރު ކުރެއްވެވިއެވެ. ޤުރައިޝު ވަންހައިން ހާޝިމުވަންހަ ހޮއްވެވިއެވެ. އަދި ހާޝިމު ވަންހަގެ ތެރެއިން ތިމަން ކަލޭގެފާނު އިޚްތިޔާރު ކުރެއްވެވިއެވެ.

އިސްމާޢީލުގެފާނުންގެ މަންމާފުޅު ހާޖަރު

ސައްޔިދިނާ އިސްމާޢިލުގެފާނަކީ ސަލާމާއި ޞަލަވާތް ލެއްވި އިބްރާހީމުފާނުންގެ ދެދަރިކަލުންގެ ތެރެއިން ދޮށީ ދަރިކަލުންނެވެ. އެކަލޭގެފާނުންގެ މަންމާފުޅަކީ ހާޖަރުއެވެ. ހާޖަރުގެ މާނައަކީ ޤިބުޠީ ބަހުން ބުނާނަމަ ލޮޓަސް މަލެވެ. އިބްނި ހިޝާމު ވިދާޅުވާ ގޮތުގައި އެކަމަނާ އުފަންވެ ވަޑައިގަތީ މިޞުރުގެ ބޫރުސަޢީދު ކައިރީގައި އޮންނަ އަލްފުރްމާކިޔާ ޝަހަރަކަށެވެ. އެކަމަނާއަކީ މިޞްރަށް ފިރުޢައުނުން ވެރިވެގަތުމުގެ ކުރިން މިޞްރުގެ އެހިސާބުގަނޑަށް ވެރިކަން ކުރެއްވި ރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ދަރިކަނބަލެކެވެ. އޭރުގެ މިޞުރުގެ ގިނަ ހިސާބުތަކަށް ވެރިކަން ކުރަމުން އައީ ކަންޢާނީ ދަރިކޮޅުގެ އެކި ޤަބީލާތަކުގެ މީހުންނެވެ. ހާޖަރަކީ ޢަމާލިޤާ ދަރިކޮޅުގެ ޢަރަބިންގެ ތެރެއިިން ރަސްކަލެއްގެ ދަރިކަނބަލެކެވެ. މިޞުރުގައި ފިރުޢައުުނުގެ ވެރިކަން އައީ މިޢާއިލާއާ ހަނގުރާމަކޮށް ވެރިކަން ވައްޓާލުމަށް ފަހުގައެވެ. ދެން ހާޖަަރު ތުއްޕުޅުއިރު އުޅުއްވަން ޖެހިވަޑައިގަތީ ފިރުޢައުނުގެ ޖާރިޔާއެއްގެ ގޮތުގައެވެ. މިދެންނެވި ޢަމާލިޤާއިންނަކީ ނޫޙުގެފާނުންގެ ހަތަރުވަނަ ކާފަ ދަރިކަލުން ޢިމްލީޤުގެ ދަރިފަސްކޮޅެވެ. މިބައިމީހުން ދިރިއުޅުނު މައިގަނޑު ވަޒަނަކީ ޙިޖާޒުކަރައެވެ.

ހާޖަރަކީ އިބްރާހީމުގެފާނުންގެ އަނބިކަނބަލުން ސާރާއާއި ފިރުޢައުނާ ދެމެދު ހިނގި ޙާދިޘާއެއްގެ ނަތީޖާއެއްގެ ގޮތުން ފިރުޢައުނު ސާރާއަށް ވެދުމަކަށް އެރުވި ޖާރިޔާއެކެވެ. ސާރާގެ ޢުމުފުޅު ދޮށިވިހިނދުވެސް ސާރާގެ ދެމެފިރި ކަނބަލުންނަށް ބޭފުޅަކު ލިބިވަޑައި ނުގަންނަވާތީވެ، ދަރިކަލެއްގެ އެދުންފުޅު ބޮޑުވެ އެއުއްމީދުގައި ހާޖަރު ފުރާފުރިހަމަވުމުން ސާރާގެ ފަރާތްޕުޅުން އިބްރާހީމުގެފާނުގެ ކައިވެނިފުޅަށް ހާޖަރު އަރުވައިފިއެވެ. މިގޮތުން އިބްރާހީމުގެފާނާއި ހާޖަރާއި ކައިވެނި ބެއްލެވިތަނާހެން ދަރިކަަލަކު ލިބިވަޑައިގެންފިއެވެ. އޭރު އިބްރާހީމުގެފާނުންގެ ޢުމުރުފުޅަކީ 86 އަހަރުފުޅެވެ. މިދަރިކަލުންނަށް ނަންފުޅަކަށް ކަނޑައެޅުނީ އިސްމާޢީލެވެ. އިސްމާޢީލު ރައްކައުވުމަށްފަހު މާދުވަސްތަކެއް ނުވެ އިބްރާހީމުގެފާނު ހާޖަރާއި އިސްމާޢީލާއި ދެމައިކަނބަލުންނާއިގެން މައްކާއަށް ވަޑައިގެންފިއެވެ. ދެން ﷲގެ އަމުރުފުޅަށް އެދެކަނބަލުން މައްކާއަށް ދޫކޮށްލައްވާފައި އިބްރާހީމުގެފާނު އެނބުރި ވަޑައިގެންފިއެވެ. ހާޖަރުގެ ދެކަނބަލުންނަށް ޖެހިވަޑައިގަތީ ގިނިކަންޏާ މައްކާގައި ދިރިއުޅުއްވުމަށެވެ. އިސްމާޢީލުގެފާނު ބޮޑުފުޅުވެ ވަޑައިގަތީ ހާޖަރުގެ އަރިިހުގައެވެ. އެހެނަސް ދޭތެރެދޭތެރޭން އިބްރާހީމުގެފާނު މައްކާއަށް ވަޑައިގަތް ކަމުގައި ވިއަސް، ހާޖަރު ދިރިއުޅުއްވީ ގިނިކަންޏާއެވެ. ބުނެވޭގޮތުން ހާޖަރު އަވަހާރަވީ ޢުމުރުފުޅުން 90 އަހަރުގައެވެ. ފަސްދާނު ލެއްވީ އިސްމާޢީލުގެފާނުންގެ އަތްޕުޅުން ކަޢުބަތު ﷲ ގެފުޅު ދޮށުގައެވެ. ބައެއް ރިވާޔަތްތަކުގައި އަންނަގޮތުގައި ގެފުޅުގެ ބައެއް ކަމުގައިވާ އަލްޙަޠީމު ނުވަތަ ޙިޖްރު އިސްމާޢީލަކީ ހާޖަރާއި އިސްމާޢީލުގެފާނު ފަސްދާނުވެޑުވިފައި ތިއްބެވި ތަނެވެ. (އިބްނިކަޘީރު، އިބްނި ހިޝާމު، ވިކިޕީޑިޔާ)

އިބްރާހީމުގެފާނު

އިބްރާހީމުގެފާނަކީ، ﷲގެ ނަބިއްޔާ ނޫޙުގެފާނުންގެ ފުތް ސާމުގެ ފުތް އުރްފަޚްޝަޛްގެ ފުތް ޤީނާންގެ ފުތް ޝާލިޚުގެ ފުތް ޣާބިރްގެ ފުތް ފާލިޣުގެ ފުތް އުރްޣޫގެ ފުތް ސާރޫޣުގެ ފުތް ނާޚޫރުގެ ފުތް ތާރިހުގެ ފުތް އިބްރާހީމެވެ. އެކަލޭގެފާނަކީ ﷲގެޚަލީލެވެ. އުލުލްޢަޒްމި ފަސް ރަސޫލު ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންގެ ބައްޕާފުޅެވެ. އެބަހީ އެކަލޭގެފާނަށްފަހު ނަބީކަމާއި ރަސޫލުކަން މެދުކެނޑުމެއްނެތި އައިސްފައިވަނީ އެކަލޭގެފާނުންގެ ދަރިކަލުން އިސްޙާޤުގެފާނުންގެ ދަރިފަސްކޮޅުންނެވެ. އެދަރިފަސްކޮޅުގެ އެންމެފަހުގެ ނަބިއްޔަކީ ޢީސާގެފާނެވެ. ޢީސާގެފަނަށް ފަހު ދެންއޮތީ ޚާތަމުއްނަބިއްޔީން ވަޑައިގަތުމެވެ. މިކަމަށް ﷲ ކަނޑައަޅުއްވާފައިނީ މުޙައްމަދުގެފާނެވެ. އެހެންކަމުން އިސްޙާޤުގެފާނުންގެ ޢާއިލާއަށް ނުވަތަ ބަނީ އިސްރާއީލުގެ ދަރިފަސްކޮޅަކުން ނަބީކަން އެނބުރިގޮސް އިބްރާހީމުގެފާނުންގެ ޢާއިލީ ގަހުގެ އެހެން ގޮތްޕަކަށް ވާޞިލުވެއްޖެއެވެ. އިސްމާޢީލުގެފާނުންގެ ބުރިކަށިފުޅުން އެއްޖީލުން އަނެއްޖީލަށް ދަތުރުކުރަން ފަށައިފިއެވެ. އެހެންކަމުން އިބްރާހީމުގެފާނަށް ފަހު އެންމެހައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންވަޑައިގަތީ އިބްރާހީމުގެފާނުންގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނުން ރައްކާވެ ވަޑައިގަތީ ޢިރާޤުގެ ބާބިލްކިއުނު ރަށަށެވެ. މަޝްހޫރު ނަމްރޫދުގެ ދުވަސްވަރުގައެވެ.

އިބްރާހީމުގެފާނުން ކުރެއްވި ކައިވެނިތަކަށް ބަލައިލާއިރު އެކަލޭގެފާނު ކައިވެނި ބެއްލެވީ ހަތަރު ބޭކަނބަލުންނާއެވެ. ފުރަތަމަ އަނބިކަނބަލަކީ އެކަލޭގެފާނުންގެ ބޮޑުބޭބެ ދަރިކަނބަލުން ސާރާ ބިންތި ހާރާނެވެ. ދެވަނަ އަނބިކަނބަލުންނަކީ ސާރާއަށް މިޞުރުގެ ފިރުޢައުނު ވެދުމަކަށް އެރުވި ކަންޢާނީ ރަސްކަލެއްގެ ދަރިކަނބަލުން ހާޖަރެވެ. މިއީ އިސްމާޢީލުގެފާނުންގެ މައިކަނބަލުންނެވެ. ތިންވަނަ އަނބިކަނބަލަކީ ޤުންޠޫރާ ބިންތި ޔަޤްޠާންއެވެ. މިކަމަނާގެ ފަރާތްޕުޅުން އިބްރާހީމުގެފާނަށް ހަބޭފުޅުން ލިބިވަޑައިގަތެވެ. މިއީވެސް ކަންޢާނީ ދަރިކޮޅުގެ ބޭކަނބަލެކެވެ. އެކަމަނާއާ ކައިވެނި ބެއްލެވީ ސާރާ އަވަހާރަ ވުމަށް ފަހުގައެވެ. ޤުންޠޫރާ އަވަހާރަވުމުން ދެން އިބްރާހީމުގެފާނު ކައިވެނި ބެއްލެވީ ޙުޖޫން ބިންތި އަމީންއާއެވެ. އިބްރާހީމުގެފާނުންގެ ވަރަށް ގިނަ ބޭފުޅުން ތިއްބެވިކަން ތާރީޚުން ސާބިތުވެފައި ވެއެވެ. އެބޭފުޅުންގެ ތެރެއިން މަޝްހޫރު ވެފައިވަނީ ދެބޭފުޅުންނެވެ. އެއީ އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނެވެ. އިސްޙާޤުގެފާނުންގެ މައިކަނބަލަކީ ސާރާއެވެ. އިސްޙާޤުގެފާނު ރައްކައުވީ އިސްމާޢީލުގެފާނުން ރައްކައުވިތާ ސާދަ އަހަރު ފަހުންނެވެ. އޭރު ސާރާގެ ޢުމުރުފުޅަކީ ނުވަދިހަ އަހަރުފުޅެވެ. އިބްރާހީމުގެފާނުންގެ ޢުމުރުފުޅަކީ ސަތޭކަ އަހަރުފުޅެވެ.

އިބްރާހީމުގެފާނު އަވަހާރަވީ ފަލަސްޠީނުގެ ޙަބްރޫން ޝަހަރަށެވެ. މިހާރުގައި ނަމަ ޚަލީލު ޝަހަރަށެވެ. ފަސްދާނު ލެވުނީ ޙަބްރޫނުގައި ހުރި ޚާއްޞަ ބަގީޗާއެއްގައި ސާރާގެ އަރިހުގައެވެ. މިއީ ސާރާ އަވަހާރަވުމުން އެކަމަނާ ފަސްދާނު ލެއްވުމަށްޓަކައި އިބްރާހީމުގެފާނު ބައްލަވައިގަތް ބަގީޗާއެކެވެ. އެކަލޭގެފާނުންގެ ޢާއިލާގެ ގިނަ ބޭކަލުން ފަސްދާނު ލެއްވިފައި ތިއްބެވީ މިޤަބުރުސްތާނުގައެވެ. އެއީ ސާރާގެ އިތުރުން ދަރިކަލުން އިސްޙާޤާއި އެކަލޭގެފާނުންގެ އަނބިކަނބަލުން ރިފްޤާއާއި އިސްޙާޤުގެފާނުންގެ ދަރިކަލުން ޔަޢްޤޫބުގެފާނާއި އެކަލޭގެފާނުންގެ އަނބިކަނބަލުން ރާޙީލާއި ޔޫސުފުގެފާނާއި އެނޫންވެސް ޢާއިލާގެ ބޭކަލުންނެވެ.

އިސްމާޢީލުގެފާނު

އިސްމާޢީލުގެފާނަކީ އިބްރާހީމުގެފާނުންގެ ދޮށީދަރިކަލުންނެވެ. މަންމާފުޅަކީ ހާޖަރުއެވެ. އުފަންވެވަޑައިގަތީ ފަލަސްޠީނުގެ ޙަބްރޫނަށެވެ. ތުއްޕުޅު އިރުގައި މަންމާފުޅާއެކު ބައްޕާފުޅުގެ އަރިހު މައްކާއަށް ވަޑައިގަތީއެވެ. ދިރިއުޅުއްވީ ދެމައިކަނބަލުން ގިނިކަންޏާއެވެ. އޭރު އެއީ ހަނަފަސް ވާދީއެކެވެ. މަޑުކުރެއްވީ ކަޢުބަތު ﷲ ގެފުޅުގެ ބިނާވެފައި ހުރި ހިސާބުގައެވެ. އެ ވާދީއަކީ އެބޭކަލުން ވަޑައިގެންނެވިއިރު އެއްވެސް އިންސިއެއް ޖިންނިއެއް ދޫންޏެއްހައި މިންވަރު އުޅޭ ތަނެއްނޫނެވެ. ފެހިކަމެއްހައި މިންވަރު ނެތެވެ. ދެން ﷲގެ އިރާދަފުޅުން އެދެކަނބަލުންނަށް ޓަކައި ޒަމްޒަމް ވަޅުކޮޅު ދެއްކެވިއެވެ. އިބްރާހީމުގެފާނު ވަޑައިގެން ދެބަފައިކަލުން ވެގެން ﷲގެ އަމުރުފުޅަށް ކަޢުބާ ﷲ ގެފުޅު އިހުނަސްހުރި ބިންގާކޮޅު މަތީ އަލުން ބިނާ ކުރެއްވިއެވެ.

އިސްމާޢީލުގެފާނާއި ހާޖަރު ދިރިއުޅުއްވަން ފެއްޓެވުމުންނާއި ﷲގެ އިރާދަފުޅުން ޒަމްޒަމް ވަޅުކޮޅުން ފެންލިބެން ފެށުމާއެކު މީސްތަކުން މިތަނަށް އައިސް ހާޖަރުގެ އިޛުނަފުޅާއެކު މިވާދީ އާބާދު ކުރަން ފަށައިފިއެވެ. މިހިސާބުން މައްކާ އާބާދުވާން ފެށީއެވެ. އެންމެ ފުރަތަމަ މައްކާއަށް ވަޒަންވެރިވުމަށް އައިބަޔަކީ ޔަމަނު ކަރައިގެ ޢަރަބި ޤަބީލާއެއް ކަމުގައިވާ ޖުރުހުމް ވަންހައިގެ މީހުންނެވެ. ހާޖަރުގެފާނުންގެ ދެކަނބަލުންނަށް ޙިމާޔަތް ދޭނެކަމުގެ ޝަރުޠާއެކު އެމީހުން އެތާ ދިރިއުޅެން ފެށިއެވެ. އިސްމާޢީލުގެފާނާއި ހާޖަރުވެސް އުފަލާއެކު ދިރިއުޅުއްވަން ފައްޓަވައިފިއެވެ. ޖުރުހުމްގެ މީހުން މިދެމައި ކަނބަލުން ދިރިއުޅުއްވުމަށް ރީތި މޮޅު ފޭލިގެކޮޅެއް ޤާއިމުކޮށް ދިނެވެ. އަދި އިސްމާޢީލުގެފާނަށް ވެދުމެއްގެގޮތުން ބަކަރިތަކެއް އެރުވިއެވެ. ދެމައިކަނބަލުން ވަރަށް އުފަލާއި އަރާމާއިއެކު ﷲގެ އިނާޔަތާއި ބެއްލެވުމުގެ ދަށުން ދިރިއުޅުއްވަން ފައްޓަވައިފިއެވެ.

އިސްމާޢީލުގެފާނު ބޮޑުފުޅު ވެއްޖެއެވެ. ޔަމަނުކަރައިގެ މޮޅު ޢަރަބި ބަސް އެނގިވަޑައިގެންފިއެވެ. ޢަރަބިންގެ ރީތި އާދަކާދައާއި ދީލަތިކަމާއި ބަސްމޮށުން ތެރިކަމާއި ހެވިކަމާއި އަސްވާރުކަން ދަސްފުޅު ކުރައްވައިފިއެވެ. އެއަށްފަހު ޖުރުހުމް ޤަބީލާގެ މީހުން އެމީހުންގެ ކުއްޖަކާ އިސްމާޢީލުގެފާނާ ކައިވެނިކޮށް ދިނެވެ. ދުވަސްކޮޅެއް ފަހުން އިބްރާހީމުގެފާނުންގެ އިޝާރަތަކަށް އިސްމާޢީލުގެފާނުން އެކަލޭގެފާނުންގެ އަނބިކަނބަލުން ވަރިކުރެއްވުމަށް ފަހު ދެންވެސް ޖުރްހުމް ޤަބީލާގެ ބޭކަނބަލަކާ ކަައިވެނި ބެއްލެވިއެވެ. އެއީ ޖުރްހުމް ވަންހައިގެ މުޟާޟް އިބްނި ޢަމްރު ނަމަކަށް ކިއުނު ބޭކަލެއްގެ ދަރިކަނބަލެކެވެ. ނަންފުޅަކީ ސައްޔިދާ މާންޝޫސް ބިންތި މުޟާޟް އެވެ. ބުނެވޭ ގޮތުގައި ފުރަތަމަ އަނބިކަނބަލުންނަށް ދަރިކަލަކު ލިބިވަޑައި ނުގަންނަވައެވެ. މާންޝޫސްގެ ބަނޑުފުޅުން އިސްމާޢީލުގެފާނަށް ބާރަ ބޭފުޅުން ލިބިިވަޑައިގަތެވެ. މިހިސާބުން މައްކާ އާބާދުވީއެވެ. ޙިޖާޒުކަރައިގައި އަޞްލު ޢަރަބިން އުފެދުނީއެވެ. ކަންޢާނީވަންހަ އާއި ޖުރުހުމް ވަންހައާއި ގުޅިގެންނެވެ. ޙިޖާރު ކަަރައިގެ މީހުންނަކީ ޢިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅެވެ.

ޢާލަމްތަކަށް ކައުކުރެއްވި ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު ވަޑައިގަތީ މާތް ﷲގެ ނަބިއްޔާ ސައްޔިދިނާ އިސްމާޢީލު ޢަލައިހިއް ސަލާމުގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނުންގެ ބާރަ ބޭފުޅުންގެ ފަރާތުން ބާރަ ދަރިކޮޅު އުފެދުނެވެ. ބުނެވޭގޮތުން ޙިޖާޒުގެ ޢަރަބިން އުފެދުނީ އިސްމާޢީލްގެފާނުންގެ ދެދަރިކަލުން ނާބިތުއާއި ޤީދާރާއި ދެބޭކަލުންގެ ދަރިފަސްކޮޅުންނެވެ.

އިމާމު އިބްނި ކަޘީރު ވިދާޅުވެފައިވަނީ [جَمِيعُ عَرَبِ الْحِجَازِ عَلَى اِخْتِلاَفِ قَبَائِلِهِمْ يَرْجِعُونَ فِي أَنْسَابِهِمْ إِلَى وَلَدَيْهِ نَابِتَ وِقِيدَارَ] މާނައީ: ޢަރަބި ޙިޖާޒީން އެބައިމީހުންގެ ތަފާތު ޤަބީލާތަކާއެކު އެއެންމެން ނިސްބަތްވަނީ އިސްމާޢީލުގެފާނުންގެ ދެދަރިކަލުން ކަމުގައިވާ ނާބިތާއި ޤީދާރަށެވެ. އިމާމު ޠަބަރީއާއި އަޒްރަޤީއާއި ފާކިހީ ވިދާޅުވެފައި ވެއެވެ. [فَمِنْ نَابِتَ وَقِيدَارَ نَشَرَ اللهُ الْعَرَبَ] (މާތް ﷲ ޙިޖާޒު ކަރައިގައި ޢަރަބިން ފެތުރުއްވެވީ ނާބިތާއި ޤީދާރުގެ ޒަރީޢާއިންނެވެ.) މިގޮތުން މާތް ﷲ އެއިލާހުގެ ނަބީކަމުގެ ސިއްކަ ޖައްސެވުމަށްޓަކައި އިސްމާޢީލުގެފާނުންގެ ދަރިފަސްކޮޅުން ކިނާނަތު ދަރިކޮޅު ބޭކަލަކު ހޮއްވަވަން އިރާދަ ކުރައްވައިފިއެވެ. ކިނާނަަތު ދަރިކޮޅުގެ ތެރެއިން ޤުރައިޝު ވަންހަ ހޮއްވަވައި ޤުރައިޝު ވަންހައިން ހާޝިމު ވަންހަ ހޮއްވަވައި، ހާޝިމު ވަންހައިން މުއްޠަލިބު ވަންހަ އިޚްތިޔާރު ކުރެއްވީއެވެ. ޢަބްދުލް މުއްޠަލިބުގެ ބޭފުޅުންގެ ތެރެއިން އެންމެ މަތިވެރި އެންމެ އަރާހުންނެވި ބޭކަލަކު ކަމުގައިވާ ޢަބްދުﷲގެފާނުންގެ ބުރިކަށިފުޅުން ޢާލަމް ތަކަށް ކައުކުރެއްވި ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު ދުނިޔޭގެ އެންމެ ބަރަކާތްތެރި ބިމަށް ރައްކައުވެ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމަށް އިރާދަ ކުރެއްވިއެވެ. ކައުއިތު ރަސޫލާ މުޙައްމަދުގެފާނަކީ ޢަބްދުލް މުއްޠަލިބުފާނުގެ ދަރިކަލުން ޢަބްދު ﷲގެފާނާއި ވަހަބުގެ ދަރިކަނބަލުން އާމިނަތުގެފާނާއި ދެކަނބަލުންނަށް ލިބިވަޑައިގަތް ހަމައެކަނި ދަރިކަލުންނެވެ.

އިސްމާޢީލުގެފާނުންގެ މުޅި ޢުމުރުފުޅު ވެއަތު ކުރެއްވީ މައްކާގައެވެ. ޢުމުރުފުޅުން 137 އަހަރުފުޅުގައި ދުނިޔެ ދޫކުރެއްވީއެވެ. ފަސްދާނުލެވުނު ކަމަށްބުނެވެނީ އެކަލޭގެފާނުންގެ މަންމާފުޅުގެ އަރިހުގައި ޙިޖްރު އިސްމާޢީލުގައެވެ. وَاللَّهُ أَعْلَمُ !

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ފަހުގެ ނަބިއްޔާ

ޢާލަމްތަކަށް ކައު ކުރެއްވި ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާއެކު މުޅިދުނިޔެއަށް އައު އިންޤިލާބެއް އައެވެ.

(ހ) ބައްޕާފުޅު:

އެކަލޭގެފާނުންގެ ބައްޕާފުޅަކީ، ސައްޔިދިނާ ޢިސްމާޢީލްގެފާނުންގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ޢަދްނާނުގެ ފުތް މަޢައްދުގެ ފުތް ނިޒާރުގެ ފުތް މުޟަަރުގެ ފުތް އިލްޔާސްގެ ފުތް މުދްރިކަތުގެ ފުތް ޚުޒައިމަތުގެ ފުތް ކިނާނަތުގެ ފުތް ނަޟްރުގެ ފުތް މާލިކުގެ ފުތް ފިހްރުގެ ފުތް ޣާލިބުގެ ފުތް ލުވައްޔުގެ ފުތް ކަޢުބުގެ ފުތް މުއްރަތުގެ ފުތްކިލާބުގެ ފުތް ޤުޞައްޔުގެފުތް ޢަބްދު މަނާފުގެ ފުތް ހާޝިމުގެ ފުތް ޢަބްދުލް މުއްޠަލިބުގެ ފުތް ޢަބްދު ﷲގެ ދަރިކަލުން މުޙައްމަދުގެފާނެއެވެ.

(ށ) މަންމާފުޅު:

އިތުރު އެކަލޭގެފާނުންގެ މައިކަނބަލަކީ، ސައްޔިދިނާ ޢިސްމާޢީލްގެފާނުންގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ޢަދްނާނުގެ ފުތް މަޢައްދުގެ ފުތް ނިޒާރުގެ ފުތް މުޟަަރުގެ ފުތް އިލްޔާސްގެ ފުތް މުދްރިކަތުގެ ފުތް ޚުޒައިމަތުގެ ފުތް ކިނާނަތުގެ ފުތް ނަޟްރުގެ ފުތް މާލިކުގެ ފުތް ފިހްރުގެ ފުތް ޣާލިބުގެ ފުތް ލުވައްޔުގެ ފުތް ކަޢުބުގެ ފުތް މުއްރަތުގެ ފުތްކިލާބުގެ ފުތް ޒުހްރަތުގެ ފުތް ޢަބްދު މަނާފުގެ ފުތް ވަހަބުގެ ދި އާމިނަަތުގެފާނެވެ. ޢަބްދު ﷲގެފާނާއި އާމިނަތުގެފާނާއި ދެބޭކަލުންމެ ވަޑައިގެންފައިވަނި ކިނާނަތުގެ ދަރިކޮޅުން ނަޟަރުގެ ދަރިކޮޅުންނެވެ. ޤުރައިޝަކީ އެއީއެވެ. ދެން މާލިކުގެ ފުތް ފިހްރުގެ ފުތް ޣާލިބުގެ ފުތް ލުވައްޔުގެ ފުތް ކަޢުބުގެ ފުތް މުއްރަތުގެ ފުތް ކިލާބުގެ ދަރިކޮޅުން ދެބޭކަލުންގެ ޢާއިލީ ގަހުގެ ގޮފި ވަކިވަނީއެވެ. ކިލާބާއި ހަމައަށް އައިސްފައިވަނީ އެއް ނަސަބުފުޅެކެވެ. ޢަބްދު ﷲގެފާނުންގެ ނަސަބުފުޅު ދެމިގެންއައީ ކިލާބުގެ ފުތް ޤުޞައްޔުންނެވެ. އާމިނަތުގެފާނުންގެ ނަސަބުފުޅު ދެމިގެން އައީ ކިލާބުގެ ފުތް ޒުހުރަތުންނެވެ.

ކީރިތި ރަސޫލާއަކީ ދެ ޤުރްބާނީގެ ދަރިކަލެކެވެ

ކީރިތި ރަސޫލާގެ މަންމާފުޅާއި ބައްޕާފުޅު ކައިވެނި ބެއްލެެވިއިރު ޢަބްދު ﷲގެފާނުންގެ ޢުމުރުފުޅަކީ 15 އަހަރުފުޅެވެ. އާމިނަތުގެފާނުންގެ ޢުމުރުފުޅަކީ 14 އަހަރުފުޅެވެ. ކީރިތި ރަސޫލާއަކީ ދެޤުރްބާނީގެ ދަރިކަލެކެވެ. އިބްރާހީމުގެފާނު ޤުރުބާން ކުރެއްވީ ދަރިކަލުން އިސްމާޢީލުގެފާނެވެ. ޢަބްދުލް މުއްޠަލިބުގެފާނު ޤުރުބާންކުރެއްވީ އެންމެ ލޮބުވެެތި ދަރިކަލުން ޢަބްދު ﷲގެފާނެވެ. އިސްމާޢީލުގެފާނުންގެ ބަދަލުގައި އިބްރާހީމުގެފާނު ކަތިލުއްވެވީ ސުވަރުގެއިން ﷲ ފޮނުއްވެވި ކަންބަޅިއެކެވެ. ޢަބްދު ﷲގެފާނުންގެ ބަދަލުގައި ޢަބްދުލް މުއްޠަލިބުގެފާނު ކަތިލުއްވެވީ އެބޭކަލުން ބެއްލެވި ފާލުތަކުން ދެއްކި ސަތޭކަ ޖަމަލެވެ.

ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޔަތީމު ބޭކަލެއްގެ ގޮތުގައެވެ. އޭރު ބައްޕާފުޅު ޢަބްދު ﷲގެފާނުވަނީ ކީރިތި ރަސޫލާގެ މަންމާފުޅު އެކަލޭގެފާނަށް އާލާސްވެއިންނެވިތާ ހަތްމަހުން އަވަހާރަވެފައެވެ. އެކަލޭގެފާނު އަވަހާރަވީ ޢުމުރުފުޅުން 16 އަހަރުފުޅުގައެވެ. އެއީ ފީލުބާގައިގެ އަހަަރެވެ. ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފީލުބާގައިގެ އަހަރު ހަނދުމަހުން ރަބީޢުލް އައްވަލު މަހުގައެވެ. ބޮޑަށް ބުރަވެވޭ ގޮތުން އެމަހުގެ ބާރަވީ ހޯމަ ދުވަހު ހެނދުނުގައެވެ. މުއައްރިޚުން ވިދާޅުވާ ގޮތުގައި އެއީ މީލާދީ ސަނަތުން 571މ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ. ލޮބުވެރި ރަސޫލާގެ ޢުމުރުފުޅުން ހަތަރު އަހަރުފުޅުން އެކަލޭގެފާނުންގެ މަންމާފުޅުވެސް ޢުމުރުފުޅުން 20 އަހަރުފުޅުގައި މިދުނިޔެ ދޫކުރައްވައިފިއެވެ.

ލޮބުވެރި ރަސޫލާ ބޮޑުފުޅުވުމާއި ކައިވެނިފުޅު ބެއްލެވުން

ލޮބުވެތި ރަސޫލާގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނުންގެ ޒިއްމާ އުފުއްލަވާ އެކަލޭގެފާނު ތަރުބިޔަތު ކުރެއްވީ އެކަލޭގެފާނުންގެ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނެއެވެ. ދެއަހަރުފަހުން އަނެއްކާ ކާފާފުޅުވެސް އަވަހާރަވީއެވެ. ދެން އެއަށްފަހު އެކަލޭގެފާނުން ބެލެހެއްޓެވީ އެކަލޭގެފާނުންގެ ބައްޕާފުޅުގެ އެއްބަނޑު އެއްބަފާފުޅު ބޭބެފުޅު އަބޫޠާލިބުގެފާނެވެ. ލޮބުވެތި ރަސޫލާގެ ޢުމުރުފުޅުން 25 އަހަރުފުޅުގައި ޤުރައިޝު ވަންހައިގެ އެންމެ ޢިއްޒަތްތެރި ބޭކަނބަލެއް ކަމުގައިވާ ޚަދީޖާ ބިންތި ޚުވައިލަދުއާ އިތުރު އެކަލޭގެފާނު ކައިވެނިފުޅު ބެއްލެވިއެވެ. ޚަދީޖަތުގެފާނުންގެ ޢާއިލީ ގަސް ކީރިިތި ރަސޫލާގެ ބައްޕާފުޅު ޢަބްދު ﷲގެފާނާ ގުޅިފައިވަނީ ތިރިން މައްޗަށް ކިލާބުގެ ފުތް ޤުޞައްޔިބުއާއި ހަަމައިންނެވެ.

ރަސޫލުކަން ލިބިވަޑައިގަތުން

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ފަހުގެ ނަބިއްޔާ ވަޑައިގަންނަވާނެ ކަން އިހުގެ ސަމާވީ ފޮތްތަކުގައި ވަނީ ބަޔާން ވެގެންނެވެ. ޔަހޫދީން ތިބީ އެކަމުގެ އިންތިޒާރުގައެވެ. އެކަމަކުވެސް އެކަން ސިއްރު ކޮށްގެންނެވެ. އޭރު ދުނިޔެއޮތީ ވަރަށް ނިކަމެތި ދަރައަކަށް ވެއްޓިފައެވެ. ޢަރަބިންނާއި ޢަޖަމިންގެ ތެރޭގައެވެ. އިޖްތިމާޢީ ގޮތުންނާއި ފިކުރީގެ ގޮތުންނެވެ. ޢަޤީދާގެ ގޮތުންނެވެ. އެއުރެންގެ ތެރޭގައި އޮތީ އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅުމާއި ޤަތުލުކުރުމާއި ބާރުގަދަ މީހާ ގަދަވެގަތުމެވެ. އަދުލު އިންޞާފުގެ ކަންފުޅެއް ނެތެވެ. ބޮޑެތި ހަނގުރާމަތައް ދިގުމުއްދަތަކަށް ހިނގަމުން ދިޔައެވެ. ޝިރުކާރި އިލްޙާދާއި ޚުރާފާތުގެ ކަޅު އަނދިރި ވިލާގަނޑުތަކުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ނިކުންނާނެގޮތެއް ނޭގި އެންމެންތިބީ ގޮތް ހުސްވެފަައެވެ. މިގޮތުން މުޅި ދުނިޔެ އިސްލާހަކަށް އެދިއެދި އޮތްވާ މާތް ﷲ ޢާލަމްތަކަށް ކައުކުރެއްވި ނަބިއްޔާ، ޢަރަބި ޖަޒީރާއަށް ފޮނުއްވަވަން އިރާދަ ކުރަށްވައިފިއެވެ. އެކަމަށް މާތް ﷲ އިޚްތިޔާރު ކުރައްވަވައި ހޮއްވެވީ މުއްޠަލިބު ވަންހަައިން ވަޑައިގެން ހުންނެވި މާތް، މަތިވެރި، ތެދުވެރި، އަމާނާތްތެރި މުޙައްމަދު އިބްނި ޢަބްދު ﷲއެވެ. އެކަލޭގެފާނުންގެ ޢުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަވެ ފުރާފުރިހަމަވެ ވަޑައިގަތުމުން މާތް ﷲގެ ޙަޟުރަތުން ޖިބްރީލުގެފާނު ވަޑައިގެން މިބޮޑު އަމާނާތް އެކަލޭގެފާނާ ޙަވާލު ކުރެއްވިއެވެ. އޭރު އެކަލޭގެފާނު އިންނެވީ ޙިރާ ފަރުބަދައިގައި ގިނިކަންޏާ ރޭ އިޙްޔާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންނެވެ. މިއީ ހަނދުމަހުން ރޯދަ މަހެއްގެ 13 ވިލޭރޭގައެވެ. އެއީ މީލާދީ ސަނަތުން 610މ ވަނަ އަހަރުގެ އޯގަސްޓުމަހެއްގެ ދުވަހެކެވެ. އެންމެ ފުރަތަމަވެސް މަތިވެރި މާތް ﷲ އެކަލޭގެފާނާގެ އަތްޕުޅުން މިދުނިޔެއަށް ހަދިޔާ ކުރެއްވީ އަންނަނިވި ކުރުކުރު ފަސް އާޔަތެވެ. ކީރިތި ޤުރުއާނުގެ ފުރަތަމަ ތަޢުލީމީ ފިލާވަޅެވެ. ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. [اِقْرَأْ بِسْمِ رَبِّكَ الَّذِي خَلَقَ] މާނައީ: ކަލޭ ހައްދަވައި ގެންގުޅުއްވާ އިލާހުގެ އިސްމުފުޅުން ކިޔަވަން ފަށާށެވެ! އެއިލާހުއީ އެންމެހައި ތަކެއްޗެއް އުފެއްދެވި އިލާހެވެ.

މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން މިދުނިޔެއަށް އެއިލާހުގެ ހިދާޔަތާއި ނޫރާނީ އަލިކަން ފެތުރެން ފަށައިފިއެވެ. 23 އަހަރު ވަންދެން ﷲގެ ކަލާމްފުޅު މިބިންމައްޗަށް ބާވައިލެއްވިލެއްވި ހުރެފައި އިލާހީ ވަޙީފުޅު މިދުނިޔެއަށް ތާއަބަދަށް މެދުކެނޑުނީއެވެ. ކީރިތި ރަސޫލާގެ މަސްއޫލިއްޔަތު ފުރިހަމަ ވެއްޖެކަން އަންގަވައި ﷲގެ މިދީން ފުރިހަމަ ވެއްޖެކަން އަންގަވައި އެކަމުގެ ސިއްކަ ޖެއްސެވި އާޔަތް ﷲގެ ޙަޟުރަތުން ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވިއްޖެއެވެ. [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ](އޭ މުސްލިމުންނޭވެ! މިއަދު ތިޔަބައިމީހުންގެދީން ތިޔަބައިމީހުންނަށް އަހުރެން ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އަހުރެންގެ ނިޢުމަތް ތިޔަބައިމީހުންނަށް އަހުރެން ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ދީނެއްގެ ގޮތުގައި، (އެބަހީ ދިރިއުޅުމުގެ ފުރިހަ ނިޒާމެއްގެ ގޮތުގައި) އިސްލާމް ދީނަށް އަހުރެން ރުހިވޮޑިގެންފީމެވެ.)

ޢާލަމްތަކަށް ކައުކުރެއްވި ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމުން މާތް ﷲ އެއިލާހުގެ ޙަޟްރަތަށް އެކަލޭގެފާނު ގެންދަވަން އިރާދަ ކުރައްވައިފިއެވެ. ހިޖުރައިިން 10 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 12ވީ ހޯމަ ދުވަހުގެ ހެނދުންކޮޅު މާތް ﷲ އެއިލާހުގެ އެންމެ ލޮބުވެެތި އަޅާގެ ފުރާނަފުޅު އެއިލާހުގެ ޙަޟުރަތަށް އުފުއްލަވައިފިއެވެ. އިތުރު އެކަލޭގެފާނު މިދުނިޔެއަށް އަލްވަދާޢު ކިއުއްވި ވަގުތު ދޫފުޅުން ވިދާޅުވަމުން ގެންދެވީ މިފަދައިިންނެވެ. [اللَّهُمَّ اغْفِرْ لِي وَاجْعَلْنِي مَعَ الرَّفِيقِ الْأَعْلَى] (އަޅުގެވެރި ރަސްކަލާކޮ! އަޅަށް ފުއްސަވާނދޭވެ! އަޅަށް ސުވަރުގެއިން ނިޢުމަތް ދެއްވައި ތިޔަ އިލާހު މަތިވެރި ކުރައްވާފައިވާ ބޭކަލުންނާއެކު އަޅު ލައްވަވާނދޭވެ!) މިއީ މީލާދީ ސަނަތުން 633 ވަނަ އަހަރުގެ ޖޫން މަހުގެ އެގާރަވަނަ ދުވަހެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތީ އަލްމަދީނަތުލް މުނައްވަރާއަށެވެ. އޭރު އެކަލޭގެފާނުންގެ ޢުމުރުފުޅަކީ 63 އަހަރުފުޅެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ އެކަލޭގެފާނުންގެ ލޮބުވެތި އަނބިކަނބަލުން އުއްމުލް މުއުމިނީނަ ސިއްތިނާ ޢާއިޝާ ދިރިއުޅުއްވި ގަނޑުވަރުގައެވެ. މިއީ މަސްޖިދުއްނަބަވީގެ ޤިބުލައާ ވީކޮޅުން އިރުދެކުނު ފަރާތުގައެވެ. މާތް ﷲ އިތުރު އެކަލޭގެފާނަށް ގިނަގުނަ ސަލާމާއި ޞަލަވާތް ލައްވާށިއެވެ. އާމީން! [اللَّهُمَّ صَلِّ عَلَى مُحَّمَدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَصَلِّ عَلَى مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرِهِ الْغَالُونَ]

މާތްﷲ އެއިލާހުގެ ލޮބުވެތި ނަބިއްޔާ މުޙައްމަދުގެފާނަށާއި އެކަލޭގެފާނުންގެ ނަބަވީ ނަސަބުފުޅާ ގުޅިވަޑައިގެންފައިވާ އެންމެހައި ނަބީބޭކަލުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. ލޮބުވެތި ނަބިއްޔާގެ ވަސީލަތާއި ބަރަކާތުން އަޅަށާއި އަޅުގެ މައިންބަފައިންނަށާއި އަޅުގެ އަހުލު ޢިޔާލުންނަށް އެބޭކަލުންގެ އަރިހުގައި ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް މިންވަރު ކުރަށްވާށިއެވެ. އާމީން!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.