ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާ ކުރަން ޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު
21 މެއި 2020 | ބުރާސްފަތި 20:52ފަތުރުވެރިކަމާ ގުޅުން ހުރި ކޯސްތައް އޮންލައިންކޮށް ހިންގޭނެ


ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީން ކުރުމަށް މީގެ ކުރިން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައިވޭ
ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދީގެން މީހުން ބިނާ ކުރަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން އެންމެ ބޮޑު ހީނަރު ކަމެއް އައިސްފައި އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށެވެ. އަދި މި ދާއިރާ އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ދައިރާއަށް ޚާއްސަކޮށް މީހުން ބިނާ ކުރަން ޖެހޭ ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމާ ގުޅުން ހުރި ކޯސްތައް އޮންލައިންކޮށް ވެސް ހިންގޭނެ ކަމާއި، މިކޯސްތައް ހިންގުމާ މެދު މިހާރު ޚާއްސަ ޕްލޭނެއް ހަދަމުންދާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެގޭ ފަތުރުވެރިކަމުގެ ދާއިރާ ވަނީ ހުއްޓިފަ އެވެ. އެކަމުގެ ސަބަބުން އިގްތިސާދަށް އެތައް ނޭދެވޭ އަސަރެއް ކުރާއިރު، ގިނަ ބައެއް ވަޒީފާތައް ވެސް ވަނީ ގެއްލިފަ އެވެ.
ނަމަވެސް ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅަށް ދާނަމަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބައިނަލްއަގުވާވީ ދަތުރުތަކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައި ވެއެވެ. އަދި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ސާލިހު ވިދާޅުވީ މިކަންކަންކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު ކަނޑައެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.







