ކޮވިޑް-19 ބަލި ފެތުރުމާއި މީހުން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމާއި ހުރި ގުޅުން، ޗައިނާގެ ސައިންސްވެރިން ވަނީ ދިރާސާ ކޮށްފައެވެ. މިއަހަރުގެ ކުރީ ކޮޅު ޗައިނާގެ އެކި ސިޓީތަކަށް ކޮވިޑް-19 ފެތުރުނު ގޮތާއި، އެ ސިޓީތަކަށް މީހުން ދަތުރުފަތުރު ކުރި ގޮތާއި ހުރި ގުޅުން ސައިންސްވެރިން ދިރާސާ ކޮށް އެ ދިރާސާތަކުގެ ނަތީޖާ މިހާރުވަނީ އާއްމު ކޮށްފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން އިން އުފަންވި ކޮރޯނާވައިރަސް ބަލި (ކޮވިޑް-19) ޗައިނާގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ ނުހަނު ހަލުއި ކޮށްނެވެ. އިންސާނުންގެ ފުއްޕާމޭގެ ނިޒާމަށް ޖެހޭ އައު ބައްޔެއް އުޅޭކަން ދެނެގަނެވި، އެ ބަލި ޖައްސާ ވައިރަސް 2020ގެ ޖަނަވަރީ މަހުގެ ކުރީކޮޅު ދެނެގަތުމާ ހަމަ އަށް ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ތަފާތު ފިޔަވަޅު ތައް ޗައިނާ އިން އަޅަމުން ދިޔައެވެ.
މި ގޮތުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޓެސްޓް ކުރުން އިތުރު ކުރުމާއި، ބަލި ޖެހޭ މީހުން އަވަހަށް އެކަހެރި ކުރުމާއި، ބަލި ޖެހޭ މީހުންނާއި ގުޅުން ހުރި މީހުން އަވަހަށް ދެނެގަނެ އެމީހުންވެސް އެކަހެރި ކުރުމުގެ އިތުރުން، މީހުން ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މި ގޮތުން، ބައްޔަށް ޕޮސިޓިވް ވާ މީހުން އިންތިހާ އަށް އިތުރު ވުމާއެކު 23 ޖަނަވަރީ 2020 ގައި ވޫހާން އިން ދަތުރުފަތުރު ކުރުން މަނާ ކުރިއެވެ. ވޫހާންގެ އިތުރުން ހުބެއި ޕްރޮވިންސްގެ 14 ސިޓީއެއްގައި ދަތުރުފަތުރު ކުރުން މަނާ ކުރިއެވެ. އަދި ޗައިނާގެ އެހެން އެތައް ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅިއެވެ.
ތަފާސް ހިސާބުން އެނގޭ ގޮތުގައި، ޗައިނާގައި މާޗް 2020 ގެ ނިޔަލަށް 79،986 މީހުން ކޮވިޑް-19ށް ޕޮސިޓިވް ވިއެވެ. ދިރާސާ އިން އެނގޭ ގޮތުގައި، 23 ޖެނުއަރީ 2020 އާ ހަމަ އަށް ބައްޔަށް ޕޮސިޓިވް ވެގެން (ޕޮސިޓިވްވި 81 އިން ސައްތަ މީހުން) މައިގަނޑު ގޮތެއްގައި ރިޕޯޓު ކޮށްފައިވަނީ ވޫހާން ނިސްބަތްވާ ހުބެއި ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ. އެހެން ސަރަހައްދުތަކުގައި ހަލުއި ކަމާ އެކު ބަލި ފެތުރެން ފެށީ އެ ތާރީޚުގެ ފަހުންނެވެ. ބަލީގެ ފުރަތަމަ ކޮޅު ޗައިނާގެ އެހެން ސިޓީތަކުން ޕޮސިޓިވް ވި މީހުންގެ 57 އިން ސައްތަ އަކީ ވޫހާން އަށް ދަތުރު ކޮށްފައިވާ މީހުންކަން ދިރާސާ އިން ހާމަވެއެވެ. އެހެން ސިޓީތަކުގައި ބަލި ހަލުއިކޮށް ފެތުރެން ފެށިކަން އެނގުނު އިރު، ވޫހާން އަށް ދަތުރު ކުރި ކަން އެނގޭ ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން ޗައިނާގެ އެތައް މިތަނަށް ވަނީ ދަތުރު ކޮށް ފެތުރިފައެވެ. މި ހޯދުން ތަކުން ވޫހާން އަކީ ޗައިނާގެ އެކި ސަރަހައްދުތަކަށް ބަލި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި ސިޓީ ކަން ވަރަށް ސާފުކޮށް ހާމަވެއެވެ.
ވޫހާންގެ ބޯޑަރު ބަންދު ކުރި ތާރީޚް ކަމުގައިވާ ޖަނަވަރީ މަހުގެ 23 ގެ ކުރިއަށް ބަލާއިރު، ވޫހާން އިން އެހެން ސިޓީތަކަށް ދަތުރު ކުރި މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވި މީހުންގެ ކިބައިން ބަލީގެ އަލާމާތް ފެނުމާއި ބަލި ހުރި ކަން ކަށަވަރު ވުމާ ދެމެދު 6.5 ދުވަސް ހޭދަ ވެފައިވެއެވެ. އޭގެ މާނައަކީ، ގައިގައި ބަލި ހުރިކަން ނޭނގި، އަކަމަކު އެމީހުންގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރިގެން ދިއުމަށް ހުޅުވިފައި ދިގު މުއްދަތެއް އޭރު އޮތް ކަމެވެ. މީހުންގެ ދަތުރުފަތުރުގެ ހަރަކާތްތައް ބެލުން ހަރުދަނާ ކުރުމާއެކު، 23 ޖެނުއަރީގެ ފަހުން ދަތުރު ކުރި މީހުންގެ ކިބައިގައި ބަލި ހުރި ކަން ކަށަވަރު ކުރުމަށް ހޭދަވި މުއްދަތު 4.8 ދުވަހަށް ކުރު ކުރެވިގެން ދިޔަކަން ފާހަގަ ވެއެވެ.
ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ނިޝާންތައް ފެނުމާ ދެމެދު ހޭދަވާ މުއްދަތު މި ހޯދުންތަކުގެ ތެރޭގައި (އިންކިއުބޭޝަން މުއްދަތު) ޗައިނާގެ ސައިންސްވެރިން ދެނެގަތެވެ. މި ގޮތުން ބަލީގެ އިންކިއުބޭޝަން މުއްދަތަކީ ގާތްގަނޑަކަށް 5.1 ދުވަސް ކަން ދިރާސާ އިން ހާމަވިއެވެ.
ދިރާސާ ކުރި ޓީމުން ބުނި ގޮތުގައި، ދިރާސާ ކުރުމަށް ބޭނުން ކުރި މައުލޫމާތުގައި ހިމެނޭ މީހުންގެ ތެރެއިން، ހުބެއި ޕްރޮވިންސުގެ ބޭރުން ބައްޔަށް ޕޮސިޓިވް މީހުންގެ ތެރޭގައި ހިމެނޭ 515 މީހުންނަކީ ވޫހާން އަށް ކުރިން ދަތުރު ކުރިކަން އެނގޭ މީހުންނެވެ. އަދި އެއީ 31 ޖެނުއަރީގެ ކުރިން އެމީހުންގެ ކިބައިން ބަލީގެ ނިޝާންތައް ފެނިފައިވާ މީހުންނެވެ. އެއާ ޚިލާފަށް 31 ޖެނުއަރީގެ ފަހުން ބަލީގެ ނިޝާން ހުރި ކަމަށް ފެނުނު މީހުންގެ ތެރެއިން ވޫހާން އާ ގުޅުން ހުރި ކަން ފެނުނު މީހުންގެ އަދަދަކީ އެންމެ 39 އެވެ. 31 ޖެނުއަރީގެ ފަހުން ބަލީގެ ނިޝާން ފެނުނު މީހުންގެ ތެރެއިން ވޫހާން އާ ގުޅުން ހުރި މީހުން އެހާ ބޮޑުތަން މަދުވީ، ދަތުރު ފަތުރު ކުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅު ތަކުގެ ސަބަބުން ކަމަށް ބެލެއެވެ.
އާއްމު ގޮތެއްގައިވެސް ޗައިނާގެ އައު އަހަރުގެ ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރު ކުރާ ދުވަސް ވަރެކެވެ. ވޫހާން އިން ބޭރަށް މީހުން ދަތުރު ކޮށްފައިވާ ގޮތުގެ މައުލޫމާތައް ބަލާއިރު، ޗައިނާގެ އައު އަހަރު ފެށުމުގެ ކުރިން އައި ދުވަސް ތަކުގައި ފުރި މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، ނަމަވެސް އޭގެ ފަހުން ދަށްވަމުން ގޮސް، ދަތުރު ކުރުން އެކީގައި ހުއްޓުނެވެ. ޗައިނާގެ އައު އަހަރު ފެށުމުގެ ދުވަސް އައިއިރު ވޫހާން އޮތީ ބަންދުކޮށްފައެވެ. ސައިންސްވެރިން ދެކޭ ގޮތުގައި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ވީ އެ ދުވަސްވަރާ ދިމާވާ ގޮތައް ވޫހާން ބަންދު ކުރުމުގެ ސަބަބުންނެވެ.
ޗައިނާގެ ދިރާސާ އިން ވަރަށް ސާފުކޮށް ހާމަވާ ގޮތުގައި، ޗައިނާގެ އެހެން ސަރަހައްދު ތަކުގައި ބަލި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ، ބަލީގެ ކުރީ ކޮޅު ވޫހާން އިން އެހެން ސަރަހައްދުތަކަށް މީހުން ދަތުރު ކުރުމެވެ. މި ގޮތުން ވޫހާން ކައިރި ސަރަހައްދުތައް ކަމަށްވާ، ހެނާން އަށް ބެލިޔަސް އަދި ދުރު ހިސާބުތައް ކަމަށްވާ ގުއާންޑޮންގް އަދި ޒީޖިއަންގ ޕްރޮވިންސްގައި ބަލި ފެތުރުނު ގޮތައް ބެލިއަސް މިކަމުގައި އެންމެ ބޮޑު ދައުރެއް އޮތީ ވޫހާންގެ ބޯޑަރު ހުޅުވާލާފައި އޮތުން ކަން ސައިންސްވެރިން ވަނީ ހާމަކޮށްދީފައެވެ.
ދަތުރުފަތުރު ބަންދު ކުރި ފަހުން އެކި ސަރަހައްދު ތަކުގައި ބަލި އަށަގަންނަމުން ދިޔަ މިންވަރާއި ބަލި ފެތުރުނު ހަލުއިކަން ބިނާ ވެފައި އޮތީ، އެތަނެއްގައި ބަލި މެނޭޖް ކުރުމަށް އެޅިފައިވާ ފިޔަވަޅު ތަކެއްގެ މައްޗަށް ކަން ދިރާސާ އިން ހާމަވެއެވެ. އެހެން ނަމަވެސް، ދިރާސާއިން ފެންނަ ގޮތުގައި، އެހެން ޕްރޮވިންސްތަކުގައި، އެންމެ ބޮޑަށް ބަލި ފެތުރިގެން ދިޔަ ދުވަސް ވަރަކީ ޖެނުއަރީ 9ން 22އާ ދެމެދުކަން އެނގެއެވެ. އަދި އެއީ ވޫހާން އިން ދަތުރު ކުރުން މަނާ ކުރުމުގެ ކުރީގެ ދުވަސްތަކެކެވެ. ސައިންސްވެރިންގެ ހޯދުމުން އެނގޭ ގޮތުގައި، އެހެން ސިޓީތަކުގައި އޭރު ބަލި ފެތުރުން ބޮޑުވެގެން ދިއުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ވޫހާން އިން ދަތުރު ކުރުން ހުޅުވާލާފައި އޮތް އޮތުމެވެ. ވޫހާން އިން ދަތުރު ކުރުން ކޮންޓްރޯލް ކުރުމާއެކު، ބަލި ފެތުރިފައިވާ ތަންތާނގައިވެސް ބަލި އަލަށް ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ފާހަގަ ވިއެވެ. ބައްޔަށް ޕޮސިޓިވް ވާ މީހުން ގެ ނިސްބަތް އެންމެ ބޮޑަށް ދަށަށް ދިޔައީވެސް، ދަތުރު ކުރުން ބަންދު ކުރުމުގެ ކުރިން، ވޫހާން އިން އެންމެ ގިނަ މީހުން އައިސް އުޅުނު ސަރަހައްދު ތަކުންނެވެ.
ބަލީގެ ނިޝާންތައް ބައެއް ފަހަރު ނުފެނުމާ އަދި އެ ނިޝާންތައް ފެނުމުގެ ކުރިން އެކަކު ގައިން އަނެކަކު ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮންނާތީވެ، ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަކީ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ދަތި އުނދަގޫ ކަމެކެވެ. މިކަން މިހެން އޮތުމާއެކު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ޗައިނާ އިން ކުރި އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅު އެޅުމެވެ. ޗައިނާގެ ސައިންސްވެރިންގެ ހޯދުން ތަކުން އެނގޭ ގޮތުގައި، ބަލީގެ ކުރީ ކޮޅު ވަކިން ހާއްސަކޮށް، ބަލި އަށަގަނެފައިވާ ސަރައްދު އެނގެން އޮތްނަމަ، އަދި އެއީ ބަލި ފެތުރުމުގެ މައި ތަނެއް ކަމަށް ބެލޭ ނަމަ، ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، އެތަނަކުން ދަތުރުފަތުރު ކުރުން މަނާ ކުރުމެވެ. ނުވަތަ ކޮންޓްރޯލް ކުރުމެވެ. މިކަން މިހެން އޮތް ނަމަވެސް، ދިރާސާ އިން ހާމަވާ ގޮތުގައި، ގިނަ ސަރަހައްދު ތަކަށް ބޮޑަށް ބަލި ފެތުރުމުން ދެން އޭގެ ފަހުން ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭ މާ ބޭނުންތެރި ފިޔަވަޅަކަށް ނުވެއެވެ.
ޗައިނާގެ ތަޖުރިބާ އަށް ބަލާއިރު، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމުގެ އިތުރުން އެޅި ފިޔަވަޅުތަކަކީ ވެސް މި ރޮނގުން ކާމިޔާބު ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެއެވެ. ނަމަވެސް ކޮވިޑް-19 ފެތުރުމާއި ދަތުރުފަތުރު ކުރުމާ ހުރި ގުޅުން ދެނެގަތުމަށް ދިރާސާ ކުރެވިފައިވާ މިންވަރަށް އަދި އެހެން ފިޔަވަޅުތައް ދިރާސާ ކުރެވި ބެލިފައެއް ނެތެވެ.
މިއީ ޝައްކެއްވެސް ނެތް ގޮތުގައި، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދާ އިރު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގައި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާ ދިރާސާއެކެވެ.