ލޮކްޑައުންގެ މިހާލަތުގައި އަސާސީ ޚިދުމަތްތައް ހޯދުމަށް ފުރުސަތު ދެވޭ: މިނިސްޓަރު އިމްރާން
11 މެއި 2020 | ހޯމަ 13:21ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމަށް މަސައްކަތް ކުރެވޭ


ލޮކްޑައުންގެ ހާލަތުގައި ޚާއްސަ ހުއްދައާއެކު ވިޔަފާރި ކުރުމަށް ނުކުމެވޭނެ
މާލެސިޓީ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ވެސް ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމަށް އެކަށީގެންވާ މިންވަރަށް ފުރުސަތު ދެވޭ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދީ ޚިދުމަތްތައް ގާއިމުކޮށްދީ ރައްޔިތުންގެ ދުވަހުގެ ބޭނުންތައް ފުއްދުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ތިން ދުވަހުން އެއްދުވަހުން ވިޔަފާރި ކުރުމަށް ދޫކުރާ ހުއްދަ ގާތްގަނޑަކަށް 28399 ފަރުދަކަށް ދޫކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ 2966 ބިޒްނަސް ޕަރމިޓް ވެސް ދޫކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް ދަތިތަކާއެކު ވެސް ކޮންމެ ދުވަހު ވެސް އަސާސީ ޚިދުމަތްތައް އެކަށީގެންވާ މިންވަރަށް ފުއްދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާން ވަނީ ކޮންމެހެން ބޭރަށް ނުކުންނަ ޖެހިއްޖެ ހާލަތެއްގައި ހުއްދަ ހޯދައިގެން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ނުކުންނަ ވަގުތުތަކުގައި ވެސް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.






