ބިދޭސީން އުޅޭ 24 ތަނެއް 'ކޯޑަން' ކޮށްގެން މިހާރުވެސް ބަލަހައްޓަމުންދޭ: މިނިސްޓަރު އިމްރާން
11 މެއި 2020 | ހޯމަ 12:15ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ


މާލެ ސިޓީގައި ގިނަ އަދަދެއް ބިދޭސީން ތޮށް ޖެހިގެން ދިރިއުޅެމުންދޭ
ބިދޭސީން ދިރިއުޅެމުންދާ 24 ތަނެއް 'ކޯޑަން' ކޮށްގެން މިހާރުވެސް ބަލަހައްޓަމުންދާ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އިންތިޒާމު ކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މި ބަލި ދުނިޔޭގެ ހުރިހާ ތަނެއްގައި ފެތުރެމުންދާއިރު އެންމެ އުދަނގޫ އެއް ކަމަކަށްވަނީ ބިދޭސީ މަސައްކަތްތެރިންގެ 'ކޮމިއުނިޓީ' މެނޭޖް ކުރުން ކަމަށާއި، އެމީހުން ދިރިއުޅޭ ދަތި ޙާލާއި، ތިބޭ ތަންތަނާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހަމަޖެހިފައިވާ ގޮތުން އެފަދަ ކޮމިއުނިޓީއެއްގެ ތެރޭގައި ބަލި ބާރަށް ފަތުރިގެންދާތީވެ، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން އުޅެމުންދާ ތަންތަނުގެ ތެރެއިން 24 ތަނެއް މިހާރުވެސް ކޯޑަންކޮށް ބަލަހައްޓަމުންދާ ކަމަށާއި، އެތަންތަނުގައި ދޮޅު ހާހަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށް އެޅެން ހުރި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އެފަދަ ތަންތަނުން ގެންދެވެން ހުރި މީސްމީހުން މިހާރު ގާއިމު ކުރެވިފައިވާ ފެސިލިޓީތަކަށް ބަދަލު ކުރެވިފައިވާކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ވަނީ ކުރިއަށް އޮތީ ކޮވިޑް-19ގެ 'ޕީކް' ދުވަސްވަރު ކަމަށް ވިދާޅުވެ، ޚާއްޞަ ރައްކާތެރިކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.







