ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން މަޖިލީހުން 300ށް ވުރެ ގިނަ ހުށަހެޅުން ރައީސަށް ހުށަހަޅަނީ
މިހުރިހާ ރިޕޯޓެއްގައި 1500 ސަފްހާ ހިމެނޭ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން
ކޮވިޑް-19 އާ ގުޅިގެން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ތަންފީޒުކުރުމަށް ފަށާފައިވާ ޕްރޮގުރާމްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓުތަކުގައި 300ށް ވުރެ ގިނަ ހުށަހެޅުން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަންކަން މަޖިލީހުގެ 14 ކޮމިޓީއަކުން ދިރާސާކޮށްފައިވާ ކަމަށާއި، މިހާތަނަށް އައިއިރު 2 ކޮމިޓީއެއް ފިޔަވައި އެހެން ހުރިހާ ކޮމިޓީއަކުން މަސައްކަތްކޮށް ނިންމާ ކޮމިޓީ ރިޕޯޓު އެކުލަވާލާފައިވާ ކަމަށެވެ. މިހުރިހާ ރިޕޯޓެއްގައި 1500 ޞަފުޙާ ހިމެނޭކަމަށާއި، ހުރިހާ ރިޕޯޓެއްގައި 300 ށް ވުރެ ގިނަ ހޯދުންތައް އެބަހުރި ކަމަށެވެ. އަދި ހުރިހާ ރިޕޯޓެއްގައި 300ށް ވުރެ ގިނަ ހުށަހެޅުން އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިރިޕޯޓުތަކުގައި މެންބަރުން ތަފުޞީލީ ގޮތަކަށް ހުރިހާ ދާއިރާތަކުގެ ޙާލަތުތައް ދިރާސާކޮށް ލިޔުއްވާފައިވާ ކަމަށެވެ. މިރިޕޯޓުތަކުން މިވަގުތު ރާއްޖޭގައި ދިމާވެފައިވާ މާލީ، އިޖުތިމާޢީ އަދި އިޤުތިޞާދީ ކަންކަން ސާފުކޮށް ފެންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދަތި ޙާލުގައިވެސް މެންބަރުން ހުރިހާ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، ވަކި ވަކި ފަރުދުންނާއި ވާހަކަދައްކައިގެން މަޝްވަރާ ކުރައްވާފައި ވާކަމަށެވެ. އެހެންކަމުން މިރިޕޯޓުތަކުން ސަރުކާރުން ޢަމަލު ކުރަންވީ ގޮތުގެ ތަޞައްވަރެއް މަޖިލީހުން ދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓުތަކުގައި ވަނީ ރައްޔިތުންގެ ވަކީލުން ސަރުކާރު ގާތުގައި ދެން ކަންކުރަންވީ ގޮތްތަކެއްކަން ބަޔާންކޮށްފައި ކަމަށެވެ. އެހެންކަމުން ރިޕޯޓުތައް ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އަށް މިރިޕޯޓުތައް އަރުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހޯދުނު ހޯދުންތައް ވަކިން އެކުލަވާލާނެކަމަށާއި ހުށަހެޅުންތައްވެސް ވަކިން އެކުލަވާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން މިރިޕޯޓުތައް މަޖިލީހުގެ ވެބް ސައިޓްގައި މިހާރު ހުންނާނެކަމަށާއި، އެހެންކަމުން ޢާންމުންވެސް މިރިޕޯޓުތައް ކިޔުއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.







