ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިޔާ މައްސަލައިގެ ޖިނާއީ ތަހުގީގުގެ ބޮޑުބައި ނިމިއްޖެ
30 އެޕްރީލު 2020 | ބުރާސްފަތި 08:24މައްސަލައަށް އެއްވެސް ފަރާތެއް ނުފޫޒެއް ކުރިމައްޗެއް ނުވޭ


ކުރެއްދޫ އައިލެންޑް ރިސޯޓުގެ ސްޓާފުން ދޫކޮށްލާނީ އެންމެން ޓެސްޓު ކުރުމަށްފަހު
ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިޔާ މައްސަލައިގެ ޖިނާޢި ތަޙުޤީޤު ކުރިޔަށްގެންދާއިރު، އޭގެ ބޮޑުބައި ނިމިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލަ ނުފޫޒުން ހުއްޓުވާފައި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ ތަޙުޤީޤު ނުހުއްޓާކަމަށާއި، ތަޙުޤީޤުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ތަޙުޤީޤުގެ ވަރަށް ބޮޑުބައި ފުރިހަމަ ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެއްވެސް ބާވަތެއްގެ ނުފޫޒެއް އޮވެގެން އެއްވެސް ކަހަލަ އެންގުމެއް އަންގައިގެން މައްސަލާގެ ތަޙުޤީޤު ހުއްޓިފައިނުވާކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ މިވަގުތު މައްސަލަތައް ތަޙުޤީޤު ކުރަމުން ދަނީ ޢާންމު ޙާލަތުގައި މަސައްކަތް ކުރާ ގޮތާ ބަލާއިރު ތަންކޮޅެއް ގޮންޖެހުން ބޮޑު ގޮތަކަށް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ފާއިތުވި 14 ވަރަކަށް ދުވަހުގެ ތެރޭގައި ފުލުހުންގެ ޢާންމުގެ މަސައްކަތްތައް ހިންގާ އުޞޫލުން ކަންކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
މިމައްސަލައާ ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިމިގްރޭޝަނަށް ވަނީ ޢަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވާ ނެރުއްވާފައިވާ ކޯޓު ޢަމުރުގައި ބުނެފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވާއިރު، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރިފައިވާ ކަމަށެވެ.
އިތުރު ފަރާތްތަކުގެ ޞިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިލުމުގައި އިޓަލީގެ ފަތުރުވެރިޔާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާ ކުޑަކޮށް ޢަމަލުކޮށް އިހުމާލުވެފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭކަމަށެވެ










