ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 17:52
ޞިއްހީ ޚިދުމަތްތެރިން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތުގައި
ޞިއްހީ ޚިދުމަތްތެރިން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތުގައި
ސައުދީ ގެޒެޓް
ކޮވިޑް-19ގެ ދެވަނަ ބުރެއް އަތުވެދާނެކަމުގެ ބިރު
ކޮވިޑް-19: ވައިރަސްގެ ދެވަނަ ބުރެއް އައިސްދާނެތަ؟
 
ދެވަނަބުރަކުން ސަލާމަތްވުމަށް އާބާދީއެއްގެ އެންމެން ވައިރަސްއަށް ހޭނެންޖެހޭ
 
ދިފާޢުވާނެ ވެކްސިންއެއް ނެތްނަމަ ކޮވިޑް-19 ގެ ދެވަނަ ބުރަކާއި ކުރިމަތިލާންޖެހިދާނެ
 
ވައިރަސް އަލުން ތަޖުރިބާކުރަން ޖެހިދާނެކަމަށް ބެލެވޭ ޤައުމުތަކުގެތެރޭގައި ހިމެނެނި އިރުމަތީ އޭޝިޔާގެ ޤައުމުތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ވަކި ހިއްޕާލާފައިވާއިރު، އެޤައުމެއްގެ ފެންވަރުން ދަނީ ވައިރަސްއާއި ހަނގުރާމަކުރަމުންނެވެ. މިކަމުގައި ދުނިޔޭގެ އަދި ޞަރަޙައްދީ ކަމާއި ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ޤައުމުތަކުން ދަނީ ހޯދަމުންނެވެ. ބައެއް ޤައުމުތަކުން ހަރުކަށި އުޞޫލުތައް ތަންފީޒުކުރަމުންދިޔަނަމަވެސް، ވައިރަސްއިން މިންޖުވުން ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. ގިނަ ޤައުމުތަކުން ޞަރަޙައްދީ އެއްގަމާއި، ކަނޑާއި ވައިގެ އިންތައް ބަންދުކޮށް، އަރާނުފޭބޭ އުޞޫލުތައް ތަންފީޒުކުރުމަށްފަހު މިހާރު ވަނީ ހިންދަމާލާފައެވެ.

ޤައުމުތަކުން ކަމާއި ގުޅުންހުރި އުޞޫލުތައް ތަންފީޒުކުރުމަށް ފަހު ހިންދަމާލައިގެން ތިބި ނަމަވެސް، ޞިއްޙީ ފަންނީ މާހިރުންދަނީ ކޮވިޑް-19 ގެ ދެވަނަ ބުރެއް އައިސްދާނެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ޤައުމުތަކުން ފެންނަ މަންޒަރުތަކައް ރިޢާޔަތްކޮށް ސައެންސްގެ ހޯދުންތަކުގެ އަލީގައި ފަންނީ މާހިރުންނާއި މުފައްކިރުންދަނީ ކޮވިޑް-19 ގެ ދެވަނަ ބުރެއް އައިސްދާނެކަމަށް އަންދާޒާކުރައްވަމުންނެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގެ ޑިރެކްޓަރ ރެޑްފީލްޑް ވިދާޅުވީ އަންނަ ފިނު މޫސުމުގައި އެމެރިކާއަށް ކޮވިޑް-19 ގެ ދެވަނަ ބުރެއް އައިސްދާނެކަމަށް ބެލެވޭކަމަށާއި، ދެވަނަ ފަހަރު އަންނައިރު މިހާރު ތަޙައްމަލުކުރަމުންދާ ވަރަށް ވުރެ ވަރުގަދަޔަށް ބަލި އަންނާނެކަމަށެވެ.

"އަންނަ ފިނި މޫސުމުގައި އެމެރިކާއަށް ވައިރަސްގެ އިތުރުބުރެއް އައިސްދާނެ. އަހަރުން މިހާރު މިތަޙައްމަލުކުރަމުންދާ ޙާލަތައްވުރެ ދަތި އުދަނގޫ ދުވަސްތަކެއް ތަޖުރިބާކުރަން ޖެހިދާނެ"

ކޮވިޑް-19 ގެ ދެވަނަ ބުރެއް އަތުވެދާނެތަ؟

ދިރާސާކުރާ ފަރާތްތަކުން ވަނީ ކޮވިޑް-19 އާއި 1918ގައި ތަޖުރިބާކުރި ސްޕެނިޝް ފްލޫގެ ބަލިމަޑުކަމާއި އަޅާ ކިޔަމުންނެވެ. ސްޕެނިޝް ފްލޫގައި 50 މިލިއަން މީހުން މަރުވާނެކަމަށް އަންދާޒާކުރިއެވެ. ސްޕެނިޝް ފްލޫ އެއްއަހަރުދުވަހުގެ ތެރޭގައި ތިން ބުރަކަށް އައެވެ. އަދި ފުރަތަމަ ފަހަރަށް ވުރެ ދެވަނަ ފަހަރު ނުރައްކާތެރިކަމަށް އޭރުގެ ކިޔެކިޔުންތަކުން އެނގެން އެބައޮތެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޭމްސް ނެއިސްމިތު ވިދާޅުވެފައިވަނީ، ކޮވިޑް-19އިން ދިފާޢުވާނެ ވެކްސިންއެއް އީޖާދު ނުކުރެވޭހާ ހިނދު، ކޮވިޑް-19 ތަކުރާރުކޮށް ތަޖުރިބާކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

"އަޅުގަނޑަށް ވިސްނޭގޮތުގައި، މި ވައިރަސްގެ ނުރައްކާތެރިކަމާއި، އޭގެއިން ލިބެމުންދާ ގެއްލުންތައް ވަކިން ޚާއްޞަކޮށް ވައިރަސް ފެތުރޭ ބާރުމިން އެންމެންނަށްވެސް މިހާރު ވަޒަންކުރެވޭނެ. ވައިރަސްއިން މިފަހަރު މިންޖުނުވެވިއްޖެނަމަ، ދެވަނަ ފަހަރަށް އައުމުގެ ފުރުޞަތު ވަރަށް ބޮޑު"

ދެވަނަ ބުރަކަށް ވައިރަސްއައުން، މިއީ ކިހިނެއްވާ ކަމެއްތަ؟

ބޮޑު ރޯގާއެއް ނުވަތަ ކޮވިޑް-19 ފަދަ ނުރައްކާތެރި ރޯގާއެއް ފެތުރޭއިރު، އާބާދީއެއްގެ ނިޞްބަތުން ގިނަ މީހުން އެވައިރަސްއަކަށް ހޭނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިފަދަ ގޮތަކައް ވައިރަސްއަކަށް ނުވަތަ ރޯގާއަކަށް ހޭނޭނެ ދެގޮތެއް އޮވެއެވެ. މިކަން ކާމިޔާބުކުރެވޭނެ ފުރަތަމަ ގޮތަކީ،މުޅި އާބާދީއަށް އެ ރޯގާ ޖެހުމެވެ. މާނައަކީ ގިނަބަޔަކު ރޯގާގައި މަރުވެގެން ދިއުމެވެ. ދެވަނަ ގޮތަކީ ރޯގާއިން ދިފާޢުވާ ވެކްސިންގެ އެހީގައި ބަލިޖެހުމުގެ ކުރިން އިންފެންޝަންގެ ވަރުދެރަކުރުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިހާރު ދުނިޔޭގައި ތަޖުރިބާކުރަމުންދާ މިދާ ކޮވިޑް-19ގެ ނުރައްކާތެރި ޙާލަތައް ބަލާއިރު،ވައިރަސްއިން ދިފާޢުވާނެ ވެކްސިންއެއް އާންމުންނާއި ހަމަޔަށް ފޯރަން އަދި މަސްތަކެއް ނަގާނެއެވެ. ކޮވިޑް-19 ދިރާސާކުރަމުންދާ ދުނިޔޭގެ ގިނަ ފަންނީ މާހިރުންނާއި ތަޖުރިބާކާރުން އިތިފާޤުވާގޮތުގައި، ޤައުމުތަކުން ތަންފީޒުކުރަމުންދާ "އަރާފޭބުން މަނާކުރުން" އުޞޫލު ތަންފީޒުކުރުން ހުއްޓާލުމާއެކު، ކޮވިޑް-19 އިންފެކްޝަން ތަކުރާރުކޮށް ތަޖުރިބާކުރަން ޖެހިދާނެއެވެ.

ކޮވިޑް-19 ދެވަނަ ފަހަރަށް ތަޖުރިބާކުރުމުގެ ފުރުޞަތު އޮތް ޤައުމުތައް:

ޗައިނާ

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވަނީ މިދިޔަ ހޯމަ ދުވަހު އެޤައުމުގެ ހާބިން ސިޓީއަށް އަރާ ފޭބުން މަނާކޮށްފައެވެ. 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިސިޓީ ބަންދުކުރީ ދެވަނަ ބުރަކަށް ވައިރަސް ފެތުރުމުގެ ބިރު އިހުސާސްވުމުންނެވެ. އެ ސީޓީން 4000 މީހުން ވައިރަސްއަށް ޓެސްޓްކުރިއިރު، 70 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެސިޓީން ފެނުނު އާ ކޭސްތަކަކީ އެމެރިކާގެ ނިއުޔޯކުން އެނބުރި ޤައުމަށް އައި ދަރުވަރެއްގެ ފުށުން ފެތުރުނު ކޭސްތަކެއްކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

ސިންގަޕޫރު

ކޮވިޑް-19 އިން ދިފާޢުވާނެ ވެކްސިންއެއް ނެތި އަދި ވައިރަސްއަށް މުޖުތަމަޢު ނުހޭނި އޮތް ދެވަނަ ޤައުމަކީ ސިންގަޕޫރެވެ. ކުއްލިއަކަށް ދެވަނަ ބުރަކަށް އެޤައުމުގައި ވައިރަސް ފެތުރުމުގެ ފުރުޞަތު އެބައޮތްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ވައިރަސް ސިންގަޕޫރުން ފުރަތަމަ ފެނުނުއިރު، ކޮންޓްރޯލް ކުރެވުނުނަމަވެސް، ފަހުން ބިދޭސީ މަސައްކަތްތެރިން ތިބޭ މަރުކަޒަކުން އެތައްހާސް ބިދޭސީން ވައިރަސްއަށް ޕޮޒިޓިވްވުމާއެކު ސިންގަޕޫރާއި މެދު ފަންނީ މާހިރުންކުރި އުންމީދުވަނި ފަނޑުވެގެންގޮސްފައެވެ. ސިންގަޕޫރުގެ ތަޖުރިބާއިން އެނގުނު އެއްކަމަކީ، ކުދި ބައިބޯ އާބާދީއަކުން ބަލިމަޑުކަމެއް ކޮންޓްރޯލް ކުރެވުނުނަމަވެސް، އަލުން އަމބުރާ އަންނައިރު މާ ބާރުމިނުގައި އަންނާނެކަންކަމަށް ފަންނީ މާހިރުން ބުނެއެވެ.

ދެކުނު ކޮރެއާ

ދެކުނު ކޮރެއާގައި އަލުން ކޮވިޑް-19 އަށް ޓެސްޓްކުރި މީހުންގެ ތެރެއިން އެންމެ ގިނައިން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން ވިހީގެ އަހަރުތައް ގުނަމުންދާ ޒުވާނުންކަމަށް އެޤައުމުގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވެއެވެ. މިއީ އެޤައުމުގައި ދެވަނަ ބުރަކަށް ކޮވިޑް-19 ފެތުރިދާނެކަސމުގެ އަލާމާތެއްކަމަށް ފަންނީ މާހިރުންވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ދެވަނަ ބުރެއް އައުން ހުއްޓުވިދާނެތަ؟

ދުނިޔޭގެ އެކި ޤައުމުތަކުގައި އަރާ ފޭބުން މަނާކޮށް ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވެމުންދާއިރު، ހަމަ މި ފިޔަވަޅުތަކުގެ ސަބަބުން އިޤުތިޞާދު ފުނޑި މުޖުތަމަޢުތައް ވަނީ ޢާންމު ދިރިއުޅުމުން މަހުރޫމުވެފައެވެ. އެކަމަކު ސަރުކާރުތަކައް ދެވަނަ ބުރަކާމެދު ވިސްނާނުލާ މިފިޔަވަޅުތައް ލުއިކޮށްލާނީ ކިހިނެއްބާވައެވެ؟. މިއީ މިހާރު ދުނިޔޭގެ ލީޑަރުންނާއި، ޞިއްޙީ މާހިރުން އެންމެ ކަންބޮޑުވާ އަދި އެންމެ ފުންކޮށް ވިސްނާ ސުވާލެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އަލުން އައިސްދާނެތީ އެކަމަށް އޮތް ހިރާސްތައް ކުޑަކުރަން ބަލާއިރު ގިނަ ޤައުމުތަކަކަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެއި ދެބަނަ ބުރަކުން ސަލާމަތްވެވޭނީ އެމުޖުތަމަޢެއްގައި ބަލިފެތުރޭ ނިޞްބަތް ވަކި މިންވަރަކަށް ދަށްކުރެވިގެން ނުވަތަ ބަލިން ދިފާޢުވާނެ ވެކްސިންއެއް ލިބިގެންނެވެ. ބަލި ފެތުރޭ މީހުންގެ އަދަދު އެބުނާ މިންވަރަކަށް މަދުކުރެވިދާނެއެވެ. އެހެންނަމަވެސް، ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތައް ބަލާއިރު، އެންމެ އަވަހަށްވެސް ވެކްސިން ޑޯޒެއް ލިބޭނެކަމަށް އަންދާޒާ ކުރެވެނީ އަންނަ ސެޕްޓެންބަރުމަހުގައެވެ. އުފައްދާ ޤައުމުތަކައް ބޭނުންކުރުމަށްފަހު ދުނިޔޭގެ ބާޒާރަށް މި ނެރެވޭނީ ނުވަތަ އެހެން ޤައުމުތަކާއި ހިސާބަށް ވެކްސިން ފޯރާނެދުވަހެއް އަންދާޒާކުރަންވެސް ދައްޗެވެ.

އާދައިގެ ބަހުރުވައިން ބުނާނަމަ، ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭއިރު، ބަލިން ފަސޭހަވެފައިވާ މީހުންގެ ނިޞްބަތާއި، އަދި ބައްޔަށް ހޭނިފައިވާ މީހުންގެ ނިޞްބަތައް ބަލާ ދެވަނަ ބުރަށް ބަލިމަޑުކަން އަންނާނެ މިންވަރު ފަންނީ މާހިރުންނަށް ވަޒަންކޮށްލެވޭނެއެވެ. ކެނެޑާ އާއި ހޮލޭންޑުން ހޯދި ހޯދުންތަކައްފަހު އާންމުކޮށްފައިވާ ދިރާސާއިން ދައްކާގޮތުންނަމަ، ވައިރަސްއިން ދިފާއުވާ އެންޓިބޮޑީސް ހުރި މީހުންގެ ނިޞްބަތަކީ %3 އެވެ. ޖަރުމަނުގެ ބައެއް ޞަރަޙައްދުތަކާއި، ފަރަންސޭސި ވިލާތުގައި އެބުނާ އެންޓިބޮޑީސް ހުރި މީހުންގެ ނިޞްބަތަކީ %14 އެވެ.

ހިތާމަޔަކީ އަދިވެސް ކޮވިޑް-19 އިން ދިފާއުވާނެ ވެކްސިންއެއް ނެތުމެވެ. ޤައުމުތަކުން ކިތަންމެ ހިކުމަތްތެރިކަމާއެކު ފިޔަވަޅު އަޅަމުން ދިޔަނަމަވެސް،މިހާރުވެސް ގިނަ ޤައުމުތަކުން ތަހައްމަލުކުރަމުންދަނީ ދަތި އުދަނގޫ ޙާލަތްތަކެވެ. އެންމެ ބޮޑު ތަކުލީފެއް މިދަނޑިވަޅުގައި އުފުލަމުންދަނީ މުސްލިމް އުއްމަތުންނެވެ. ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާކީ ވޭންދެނިވި ގޮތަކަށެވެ. މުޖުމަތަމަޢުތައް އޮތީ ނާޒުކު ޙާލަތްތަކުގައެވެ. ދުޢާއަކީ މިހާރު މިއޮތް ޙާލަތުން އަރައިނުގަނެވިގެން އުޅެނިކޮށް ދެވަނަ ބަލިމަޑުކަމެއް ލައިނުގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
100%
ކޮމެންޓް