ދުނިޔޭގެ އެކިކަންކޮޅުތަކުން 2.5 މިލިޔަނަށްވުރެ ގިނަ މީހުން ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު،މި ނުރައްކާތެރި ވައިރަސް ދުނިޔޭގެ އެކި ޞަރަޙައްދުތަކުގައި ވަކިހިއްޕާލާފައިވާ މިންވަރު ހާމަވެގެންދެއެވެ. ކޮވިޑް-19 ގެ ޑޭޓާތައް ރިއަލްޓައިމްގައި ބަލަހައްޓަމުންދާ ޖޯން ހޮޕކިންސް ޔުނިވަރސިޓީގެ ސެންޓަރ ފޮރ ސިސްޓެމްސް ސައެންސް އެންޑް އިންޖިނިއަރިންގގެ އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާލާއިރު، ދުނިޔޭގައި ކޮވިޑް-19 ގެ ކޭސްއެއް ރިކޯޑުކުރެވިފައިނުވާ 15 ޤައުމުއެބައޮތެވެ. އޭގެތެރޭގައި ހިމެނެނީ އޭޝިޔާގެ 3 ޤައުމާއި، އެފްރިކާ ބައްރުގެ 2 ޤައުމާއި، އޯޝޭނިއާ ބައްރުގެ 10 ޤައުމެވެ.
މީގެތެރެއިން ގިނަ ޤައުމުތަކަކީ ޤުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން އެކަހެރި، އަދި ދަތުރުކުރުމުގައި ދަތި އުނދަގޫ ޤައުމުތަކެވެ. އެހެންނަމަވެސް ރޯގާ ނުފެތުރޭ ޤައުމުތަކުގެތެރޭގައި ވައިރަސް ނުރައްކާ މިންވަރަށް ފެތުރެމުންދާ ޤައުމުތަކާއި އެއްގަމު ޞަރަޙައްދީއިން ޙިއްސާކުރާ ޤައުމުތައް އެބަހުއްޓެވެ. މިސަބަބާހުރެ، ބައިނަލްއަޤުވާމި މުޙައްލިލުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ބުނަމުންދަނީ އެޤައުމުތަކުން އެކަށީގެންވާގޮތުގައި ރިޕޯޓުނުކުރާ ކަމަށެވެ. އެހެންނަމަވެސް ލިބެންހުރި ޑޭޓާތަކައް ބަލާއިރު، މި 15 ޤައުމުން ވައިރަސް އަދި ނުފެންނަކަން ހާމަވެއެވެ.
ކޮވިޑް-19 ނުފެންނަ ޤައުމުތަކުގެ ތަފުޞީލު:
ކޮމޮރޯސް
އެފްރިކާ ބައްރުގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ މިޤައުމަކީ އެންމެ މަދުން މީހުން ދަތުރުކުރާ ޤައުމެވެ. އަހަރެއްގެ މައްޗަށް އެޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދަކީ 36000އެވެ. ބައިނަލްއަޤުވާމީ މިޑީއާތަކުން މުހައްލިލުންނާއި ޙަވާލާދީ ޢާންމުކޮށްފައިވާ ރިޕޯޓުތައް ބުނާގޮތުންނަމަ، ކޮމޮރޯސްއިން ބައިނަލްއަޤުވާމީ އުދުހުންތައް ދުރާލާ ހުއްޓާލުމަކީ ކޮވިޑް-19 އިން އެޤައުމު ސަލަމަތްވާން އެހީއަކަށްވީ ފިޔަވަޅެކެވެ. އެފްރިކާ ބައްރުން އެންމެ ފުރަތަމަ މިޞްރުން ފުރަތަމަ ކޭސް ރިޕޯޓުކުރެވުމާއެކު ކޮމޮރޯސް އިން ވަނީ ބައިނަލްއަޤުވާމީ އުދުހުންތައް މުއްދަތެއް ނެތްގޮތައް މެދުކަނޑާލާފައެވެ.
ކިންގްޑަމް އޮފް ލެސޯތޯ
ދެކުނު އެފްރިކާގެ ފަރުބަދަމަތީ މިޤައުމަކީ، އެބައްރުގެ ޤައުމުތަކުގެ ތެރެއިން އަދި ކޮވިޑް-19 ނުފޯރާ ދެވަނަ ޤައުމެވެ. 2.1 މިލިއަންގެ އާބަދީއެއް އޮންނަ މި ޤައުމު އުފެދިފައިވާ ގޮތުން، ކޯރުތަކާއި، ވާދީތަކާއި، އުސް ފަރުބަދަތަކުން މި ޤައުމު އޮންނަނީ ބައްރުގެ އެހެން ޤައުމުތަކާއި ވަކިވެފައެވެ. އެހެންނަމަވެސް، އަވަށްޓެރި ދެކުނު އެފްރިކާގައި ނުރައްކާތެރި މިންވަރަކަށް ވައިރަސް ފެތުރެމުންދާއިރު، ލެސޯތޯއަށް ވައިރަސް ދަތުރުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް މިހާނަތަށް އެޤައުމުން އެއްވެސް ކޭސްއެއް ރިކޯޑުކުރެވިފައެއް ނުވެއެވެ.
އުތުރު ކޮރެއާ
އިރުމަތީ އޭޝިޔާގެ މި ޤައުމުން ކޮވިޑް-19 އަދި ރިކޯޑުކުރެވިފައި ނުވިޔަސް ބަޔަކު އެހާ ހައިރާނެއް ނުވެއެވެ. ސަބަބަކީ އެޤައުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުތަކާއި ބީރަށްޓެހި އަމިއްލަ އުޞޫލުތަކެއް ގެންގުޅޭ އަމިއްލައަށް އެކަހެރިވެގެން އޮންނަ ޤައުމަކަށްވާތީއެވެ. އުތުރު ކޮރެއާއާއި ޞަރަޙައްދީ އިން ހިއްސާކުރާ ދެކުނު ކޮރެއާއާއި، ޗައިނާއާއި ރަޝިޔާގައި ވައިރަސް ފެތުރިފައިވާއިރު، އުތުރު ކޮރެއާއަށް މިހާތަނަށް އައިއިރު ވައިރަސް ފޯރާފައިނުވާތީ މުހައްލިލުން އެކަމާއި ސުވާލު އުފައްދައެވެ. ބައެއް ފަރާތްތަކުން ބުނަނީ އުތުރު ކޮރެއާއިން ޞައްޙަ މައުލޫމާތު ފޯރުކޮށްނުދޭކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދިރާސާތަކައް ބަލާއިރު އުތުރުކޮރެއާގައި ނޭވާލާ ނިޒާމުގެ ބަލި ފެތުރޭމިންވަރު މައްޗެވެ. އަހަރަކު އެޤައުމުން މަރުވާ މީހުންގެތެރެއިން %11 މީހުންނަކީ މިފަދަ ބަލީގައި މަރުވާމީހުންކަމަށް ދިރާސާތަކުން ދައްކައެވެ. ބައެއް ފަރާތްތަކުން މިސަބަބާހުރެ އުތުރުކޮރެއާއަށް ޝައްކުގެ ނަޒަރަކުން ދެކެއެވެ.
ތަޖިކިސްތާން
ތަޖިކިސްތާނަކީ މެދުތެރޭ އޭޝިޔާގައި އޮންނަ ފަރުބަދަމަތީ ޤައުމެކެވެ. އަފްޣާނިސްތާނާއި، ޗައިނާއާއި،ކިރިގިސްތާނާއި، އުޒްބަކިސްތާނާއެކު ޞަރަޙައްދީއިން ހިއްސާ ކުރާ މި ޤައުމުން މިހާތަނަށް ކޮވިޑް-19 ކޭސްއެއް ފެނިފައެއް ނުވެއެވެ. 9 މިލިއަންގެ އާބާދީއެއް އޮންނަ މި ޤައުމަކީ ފަރުބަދައަށް އެރުމާއި، ހައިކިންގްއަށް މަޤުބޫލު މަންޒިލެކެވެ.ޞަރަޙައްދީ އިން ހިއްސާކުރާ 4 ޤައުމުގައިވެސް ކޮވިޑް-19 ފެތުރިފައިވާތީ، ތަޖިކިސްތާނަށް ކޮވިޑް-19 ނުގޮސް އޮވެދާނެ ކަމާއިމެދު ދިރާސާކުރާ ފަރާތްތަކުން ސުވާލުއުފައްދައެވެ.
ތުރުކުމަނިސްތާން
ތުރުކުމަނިސްތާނަކީ، މެދުތެރޭ އޭޝިޔާގެ ޤައުމެކެވެ. އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ދެޤައުމުކަމަށްވާ އީރާނައި، ޗައިނާއާއި އިންވެގެން އޮތްނަމަވެސް މި ޤައުމުން އަދި އެއްވެސް ކޭސްއެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. މިއީ، ބައިނަލްއަޤުވާމީ މުހައްލިލުންނާއި މުފައްކިރުން ތުހުމަތު ކުރާ އެއް ސަބަބެވެ. އެޤައުމުން ރާއްކަތެރިވުމުގެ ގޮތުން މާ ބޮޑު ފިޔަވަޅެއް ނާޅައެވެ. އެހެންނަމަވެސް އެޤައުމަށް ވައިރަސް ފެތުރިދާނެކަމަށް ބަލާ، އެފަދަ ދަނޑިވަޅެއްގައި ޢަމަލުކުރާނޭގޮތުގެ ޕްލޭއްނެއް އދ އާއި ގުޅިގެން ދަނީ އެކުލަވާލަމުންނެވެ.
ރިޕަބްލިކް އޮފް ކިރިބާސް
ޕެސިފިކް ކަނޑުގެ މެދުތެރޭ ޞަރަޙައްދެއްގައި އޮންނަ ޖަޒީރާ މިޤައުމަކީ 32 އަތޮޅެއްގެ މައްޗަށް އެކުލެވޭ 110000 މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. ގާމަތީ ރަށްތަކެއްގެ ގޮތައް ޤުދުރަތީ ގޮތުން އުފެދިފައިވަ މިޤައުމަކީ ދަތުރުކުރަން އެންމެ އުނދަގޫ ޤައުމުގެ ގޮތުގައި ދިރަސާކުރާ ފަރާތްތަކުން ސިފަކޮށްފައިވެއެވެ. އަހަރެއްގެ މައްޗަށް އެވްރެޖް ކޮށް އެޤައުމަށް ދަތުރުކުރަނީ 6000 މީހުންކަމަށް ރިކޯޑުތަކުން ދައްކައެވެ. ޤުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން އެކަހެރިވެފައި ވުމީ މި ޤައުމު ކޮވިޑް-19 އިން ސަލާމަތްވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މާޝަލް އައިލޭންޑްސް
މާޝަލް އައިލޭންޑަކީވެސް ޕެސިފިކް ކަނޑުގެ މެދުތެރޭގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ހަވާއީއާއި ފިލިޕީންސްއާއި ދެމެދު އޮންނަ މިޤައުމުންވަނީ ފިލިޕީންސްއިން ވައިރަސް ފެނުމާއެކު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އޭގެތެރެއިން އެއް ފިޔަވަޅަކީ ބައިނަލްއަޤުވާމީ އުދުހުންތައް މުއްދަތެއް ނެތްގޮތައް ހުއްޓާލުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނދާތައް މި ޤައުމުން ފެންނަން ހުރުމާއެކު، ދުނިޔޭގެ ތާރީޚު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި މިއީ ވަރަށް މަޤުބޫލު މަންޒިލެކެވެ. ފަތުރުވެރިންގެ މެދުގައިވެސް އެހާމެ މަޤުބޫލު ފީނުމުގެ މަންޒިލެކެވެ. އެޤައުމު ވައިރަސްއިން ސަލާމަތް ވެފައިވަނީ ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ފެޑެރޭޓެޑް ސްޓޭޓްސް އޮފް މެސެޑޯނިއާ
ޕެސިފިކް ކަނޑުގެ ހުޅަނގު ޞަރަޙައްދުގައި އޮންނަ މި ޤައުމު އުފެދިފައި އޮންނަނީ 607 ޖަޒީރާ ޤައުމެއްގެ މައްޗަށެވެ. އާޘާރީ އަދި ޤަދީމީ ގިނަ ބިނާތައް މިޤައުމުގައި ހުރުމަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެޤައުމު މަޤުބޫލުވުމުގެ މައިގަނޑު އެއް ސަބަބެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަހަރަކު އެތައް ސަތޭކަ މީހުން މި ޤައުމަށް ދަތުރުކުރެއެވެ. ކޮވިޑް-19 ޗައިނާގައި ފެތުރެން ފެށި ފަހުންވެސް އެޤައުމުން ދަތުރުކުރުމަކަށް ހުރަހެއް ނާޅައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެޤައުމުން ކޮވިޑް-19ގެ ކޭސްއެއް ފެނިފައެއް ނުވެއެވެ.
ނައޫރޫ
ނައޫރޫއަކީ އޯޝޭނިއާ ޞަރަޙައްދުގެ ކުޑަ ކުޑަ ޤައުމެކެވެ. އޮސްޓްރޭލިޔާގެ އިރު އުތުރުން އޮންނަ މިޤައުމުގެ އާބާދީއަކީ އެންމެ 10000އެވެ. ރާއްޖެއާއި ދާދި އެއްގޮތަކަށް ސާފު ގޮޑުދޮށްތަކާއި، މުރަކައިގެ ފަރުތަކާއި،ކަނޑުއަޑީގެ ރީތި ދިރުންތައް އެޤައުމުގައި ހުއްޓަސް، އެޤައުމަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދަތުރުކުރަނީ 200 ފަތުރުވެރިންކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން އެޤައުމަށް ކޮވިޑް-19 ނުފޯރާ ވާހަކަ ދެއްކިއަސް ގިނަ ބަޔަކު އެހާ އަޖައިބެއް ނުވެއެވެ. އެޤައުމުގައި ހުންނަނީ އެންމެ ހޮސްޕިޓަލެކެވެ. ވައިރަސް އެޤައުމަށް ފޯރައިފިނަމަ ފަރުވާ ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަމަށް މުހައްލިލުން ބުނެއެވެ.
ޕަލާއު
ޕަލާއުއަކީވެސް އޯޝޭނިއާގެ ޤައުމެކެވެ. ޕެސިފިކް ކަނޑުގެ ހުޅަނގު ޞަރަޙައްދުގައި އޮންނަ މި ޖަޒީރާ ޤައުމަކީ ވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. އެހެންކަމުން ފެބްރުއަރީމަހުން ފެށިގެން އެޤައުމުންވަނީ ޗައިނާއާއި، މަކާއޯއާއި ހޮންގކޮންގގެ ރައްޔިތުން އެޤައުމަށް އެރުން މަނާކޮށްފައެވެ.
ސަމޯއާ
ސަމޯއާއަކީވެސް އޯޝޭނިއާ ޞަރަޙައްދުގެ ކުޑަކުޑަ ޖަޒީރާ ޤައުމެކެވެ. 1،98،413 މީހުންގެ އާބާދީއެއް އޮންނަ މި ޤައުމުން ކޮވިޑް-19 ގެ ކޭސް އެއް އަދި ރިކޯޑުކުރެވިފައި ނުވިނަމަވެސް، އެޤައުމުގައި ވަނީ ކުއްލި ޙާލަތުގެ ޢަމުރު އިއުލާނުކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ ވައިގެ އުދުހުންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ސޮލަމަން އައިލޭންޑްސް
ސޮލަމަން އައިލޭންޑްސް އަކީވެސް އޯޝޭނިއާ ޞަރަޙައްދުގެ ޤައުމެކެވެ. ޕެސިފިކް ކަނދުގެ ދެކުނުގައި އޮންނަ ޖަޒީރާ މި ޤައުމަކީވެސް ފަތުރުވެރިންގެ މެދުގައި، ވަކިން ޚާއްޞަކޮށް ފީނާމީހުންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެހެންކަމުން އެޤައުމުންވެސް އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ފަތުރުވެރިން އައުން މުއްދަތެއް ނެތްގޮތައް މެދުކަނޑާލުމެވެ.
ޓޮންގާ
ޓޮންގާއަކީވެސް އޯޝޭނިއާ ޞަރަހައްދުގެ ޤައުމެކެވެ. ޕެސިފިކް ކަނޑުގެ ދެކުނު ޞަރަޙައްދުގައި އޮންނަ މި ޤައުމަކީ ހުދު ގޮނޑުދޮށްތަކާއި، ފުން ވިލުތަކާއި، މުރަކަ ބަގީޗާތަކުގެ ރީތިކަން ލިބިގެންވާ ޖަޒީރާ ޤައުމެކެވެ. 170އަށް ވުރެ ގިނަ ރަށްތައް އޮންނައިރު މީގެތެރެއިން ގިނަ ރަށްތަކަކީ ފަޅުރަށްތަކެވެ. ނުވަތަ އިންސާނުން އާބާދުނުވާ ރަށްތަކެވެ. އެޤައުމުންވެސް ވަނީ ބޯޑަރުތައް ބަންދުކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކަރފިއު އިޢުލާނު ކޮށްފައެވެ. ރައްކާތެރިކަމުގެ ގޮތުން އެޅި މިފިޔަވަޅުތަކަކީ އެޤައުމު ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވި ސަބަބުތަކުގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޓުވާލޫ
ޓުވާލޫއަކީވެސް އޯޝޭނިއާ ޞަރަޙައްދުގެ ޤައުމެކެވެ. 9 ރަށެއްގެ މައްޗަށް އުފެދިފައިވާ މި ޤައުމަކީ ޤުދުރަތީ ރީތިކަން ލިބިގެންވާ ޤައުމެކެވެ. އެހެންނަމަވެސް ދަތުރުފަތުރުގެ އުނދަގުލާހުރެ އެޤައުމަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ޒިޔާރަތްކުރަނީ 2000 މީހުންނެވެ. އެހެންނަމަވެސް ފަތުރުވެރިކަމަކީ އެޤައުމުގެ ދައުލަތަށް ޢާމްދަނީ ވަންނަ މައި އެއް ވަޞީލަތެވެ. ކޮވިޑް-19 އާއި ދެކޮޅަށް މާ ގިނަ ފިޔަވަޅުތަކެއް އަޅާފައި ނުވިނަމަވެސް އަދި ކޮވިޑް-19 ގެ ކޭސްއެއް ރިކޯޑުކުރެވިފައެއް ނުވެއެވެ.
ވެނުއާޓޫ
ވެނުއާޓޫ އަކީވެސް އޯޝޭނިއާ ޞަރަޙައްދުގެ ޤައުމެކެވެ. ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ މި ޤައުމަކީވެސް ޖަޒީރާ ޤައުމެކެވެ. 80 ރަށެއްގެ މައްޗަށް އުފެދިފައިވާ މި ޤައުމަކީ ސްކޫބާ ޑައިވަރުންގެ މަންޒިލެކެވެ. އަދި ބޮޑު ހަނގުރާމައިގެ ހަނދާތައް މި ޤައުމުގައި ހުރުން މިއީ ގިނަ ބައެއްގެ ސަމާލުކަން އެޤައުމަށް ހުއްޓިފައިވާ މައިގަނޑު އެއް ސަބަބެވެ. ހަތަރު ލައްކަ އާއި ގާތްކުރާ އަދަދެއްގެ އާބާދީއެއް އޮންނަ މި ޤައުމުންވެސް އަދި ކޮވިޑް-19 ގެ ކޭސްއެއް ރިކޯޑު ކުރެވިފައި ނުވިނަމަވެސް އެޤައުމުން ވަނީ ވައިރަސްއާއި ކުރިމަތިލުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ.