ރައްޔިތުން ސަލާމަތްތެރިކުރުމަށް ދިވެހި ސިފައިން ވެވެން އޮތް ގުރުބާނީއެއްވާނެ: ޝަމާލް
21 އެޕްރީލު 2020 | އަންގާރަ 06:59ގައުމީ ދިފާއީ ބާރުގެ 128 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވި


ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ދިވެހި ސިފައިން ވެވެން އޮތް ގުރުބާނީއެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ގައުމީ ދިފާއީ ބާރުގެ 128 ވަނަ އަހަރީ ދުވަހުގެ އެންމެހައި ތަހުނިޔާ ހެޔޮ އެދުންތައް އަރިސްކުރައްވާ ދެއްވި ޚާއްސަ ޙިތާބުގައި ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރާ މިދަނޑިވަޅަކީ މުޅި ދުނިޔެއަށް ވެސް ރާއްޖެއަށް ވެސް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށެވެ.
ކޮވިޑް-19ގެ ވަބާއާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ ސިފައިން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ކަމަށާއި، ސިފައިން ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް ގިނަ މަސައްކަތްތަކެއް ގައުމާ ރައްޔިތުންނަށްޓަކައި ކުރަމުންދާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
ޝަމާލް ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާއިރު، ގިނަ ސިފައިން މިމަސައްކަތުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ކަމަށެވެ.
އެގޮތުން ފީލްޑް ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައާ، ބަލި މީހުން ޓްރާސްޕޯޓު ކުރުމަށާއި، ފެސިލިޓީތައް މެނޭޖްކުރުމަށާއި، ފެސިލިޓީތައް ތައްޔާރުކުރުމަށާއި، އަދި ހަމައެހެންމެ މިކަހަލަ ކިތަންމެ މަސައްކަތެއް ގައި ސިފައިން މިގެންދަނީ ހަރަކާތްތެރިވަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޮޕަރޭޝަން ލޮޖިސްޓްކްސްގެ އިތުރުން ގިނަ މަސައްކަތްތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.








