ކޮވިޑް-19 ދުނިޔޭގެ 2.2 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެ ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު ލައްކައަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މިހާތަނަށް ވެކްސިނެއް, ބޭހެއްވެސް ހޯދިފައިނުވާ މިވައިރަސް އިން ސަލާމަތްވުމަށް ގައުމު ތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން ސައިންޓުންސްޓުން އަންނަނީ މިވައިރަސް އަށް ވެކްސިނެއް ނުވަތަ ބޭހެއް ނަމަވެސް ހޯދުމަށް ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ.
މި ވައިރަސް އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތަށް އެންމެ ފަހުން އިތުރުވެގެން މިދިޔައީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީގެ ސައިންސްވެރިންނެވެ.
އޮކްސްޕޯރޑް ޔުނިވަރސިޓީގެ މިޓީމުން ބުނެފައިވަނީ ވައިރަސް އާ ދެކޮޅަށް އުފައްދާ ވެކްސިން ތަޖުރިބާ ކުރުމަށް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.
އޮކްސްފޯޑުގެ ސައިންސްވެރިންނަށް މިވެކްސިން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމާއި އަދި މިވެކްސިނަށް އޮތް ޑިމާންޑްގެ ބޮޑުކަމުން ތަޖުރިބާ ކުރުމުގެ މަރުހަލާ ނުނިމެނީސް ގިނަ އަދަދަކަށް މިވެކްސިން އުފެއްދުމަށް ވަނީ ނިންމާފަ އެވެ.
އޮކްސްފޯރޑް ޔުނިވަރސިޓީގެ ޖެއްނަރ އިންސްޓިޓިޔުޓްގެ ޑިރެކްޓަރ ޕްރޮފެސަރ އެޑްރިއަން ހިލް ވިދާޅުވާ ގޮތުން ދުނިޔެ މިހާރު މިއޮތް ހާލަތުން ވެކްސިނެއް އުފެއްދުމަށް އާއްމުކޮށް ކުރިއަށް ގެންދަން ޖެހޭ މަރުހަލާތަކަށް ކުރިއަށް ގެންދާނެ ވަގުތެއް ނެތެވެ.
ވެކްސިން ގިނަ އަދަދަކަށް އާއްމުކޮށް އުފައްދާނީ ވެކްސިން ކާމިޔާބުވޭތޯ ބެލުމަށްފަހުގައި ކަމަށް ވީނަމަވެސް އެހާ ގިނަ ދުވަސްތަކަކަށް ދުނިޔެއަށް ބަލަން ނޯވެވޭނެ ކަމަށް ޕްރޮފެސަރ ހިލް ވިދާޅުވި އެވެ. އެހެންކަމުން އަޖުމަ ބެލުމަށް ހޭދަވާ ވަގުތު ނިމެންދެން މަޑުކުރެވެން ނެތް ކަމަށް ޕްރޮފެސަރ ފާހަގަކުރެއްވި އެވެ.
މިހާރު ވެކްސިން ޓެސްޓް ކުރުމުގެ ކަންކަން ކުރަމުންދާއިރު އަހަރުމެން އެބަޖެހޭ ވެކްސިން އުފައްދަން. އެކަމަކު އެކަމަކީ ރިސްކު އެކުލެވޭ ކަމެއް. އެއީ ވެކްސިން ފެއިލް ވެއްޖެ ކަމަށްވާނަމަ އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެކްސިނެއް. އެހެންނަމަވެސް އުންމީދު މިކުރަނީ ސެޕްޓެމްބަރ މަސް އަންނަންވާއިރު ވެކްސިންގެ މިލިއަނެއްހާ ޑޯޒް ތައްޔާރުކުރެވޭނެ ކަމަށް.ޕްރޮފެސަރ އެޑްރިއަން ހިލް![]()
އެއީ ގިނަ އަދަދެއްކަމަށާއި ނަމަވެސް އެއީ ނުވާނެ ކަމެއް ނޫންކަމަށް ޕްރޮފެސަރ ހިލް ވިދާޅުވި އެވެ.
އޮކްސްފޯޑުގެ މި ޓީމުން ބުނާގޮތުން ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތެވެ.
އަދި މިހާރުގެ ޓެސްޓްތައް ކާމިޔާބު ވެއްޖެނަމަ އަހަރު ނިމޭއިރު ސަތޭކަ މިލިއަނެއްހާ ޑޯޒް ތައްޔާރު ކުރެވޭނެ ކަމަށް އެޓީމުން ބުނެއެވެ.
އޮކްސްފޯޑުގެ ސައިންސްވެރިން މިވެކްސިން އުފައްދާފައިވަނީ ރާމާމަކުނު އާއިލާގެ ވައްތަރެއް ކަމުގައވާ ޗިމްޕަންޒީގެ ހަށިގަނޑުން ފެންނަ އިންސާނުންނަށް ގެއްލުމެއް ނުލިބޭ ވައިރަސް އަކަށް ކޮރޯނާވައިރަސް ގެ ބައެއް ލައިގެންނެވެ. މިގޮތަށް މޮޑިފައިކޮށްފައިވާ ވައިރަސް ތަކުން މީގެކުރިންވެސް ވަނީ އިންސާނީ ދިފާޢީ ނިޒާމުގެ ބާރު ވައިރަހާ ދެކޮޅަށް ވަރުގަދަ ކުރުމަށް ބޭނުންކޮށްފަ އެވެ.
މިހާރުވެސް އިނގިރޭސިވިލާތުގެ ތިން ކުންފުންޏަކާއި ބޭރު އެހެން ކުންފުނިތަކާއެކުވެސް ވެކްސިން ހެދުމަށް ވިޔަފާރީގެ އެއްބަސްވުންތައް ހަދާފައިވާ ކަމަށް އޮކްސްފޯރޑް ޓީމުން ބުނެއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން އެކުލަވާލާފައިވާ ވެކްސިން ޓާސްކު ފޯހުން ވަނީ 2.2 މިލިއަން ޕައުންޑް މިވެކްސިންގެ ކްލިނިކަލް ޓްރެއިލްތައް ކުރިޔަށް ގެންދިޔުމަށް ދީފަ އެވެ. އެއީ މިވެކްސިން އުފެއްދުން އަވަސްކުރުމުގެ ގޮތުންނެވެ.
މީގެއިތުރުން ލަންޑަންގައި ހުންނަ އިމްޕީރިއަލް ކޮލެޖުންވެސް އަންނަނީ އެގައުމުގެ ސަރުކާރުން ޚަރަދު ކޮށްގެން ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް ވެކްސިން ސަޕްލައި ކުރުމަށް އެއްވެސް އެއްބަސްވުމެއް ނަހަދާކަމަށް ވެއެވެ.
އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރ ސަރ ޕެޓްރިކް ވަލާާންސް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް އެކިތަންތަނުން ކުރިނަމަވެސް ހުރިހާ ޕްރޮޖެކްޓްތައް އެއީ ވެކްސިން ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ޕްރޮޖެކްޓުތައް ނޫންކަމަށެވެ.
ވެކްސިން އުފެއްދުމުގެ މަސައްކަތް ހުރިހާ އެންމެންވެސް ކުރަނީ އެ ކާމިޔާބުވާނެ ކަމުގެ ބޮޑު އުންމީދަކާއެކު ނަމަވެސް އެ ކާމިޔާބުނުވެދާނެ ކަމަށެވެ.
އެހެންކަމުން ތައްޔާރު ވަމުންދަނީ ވެކްސިން އެއް ކާމިޔާބުކަމާއެކު އުފެއްދޭއިރަށް އެ ހޯދުމަށް ކަމަށް ވަލާންްސް ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި މިހާރުވެސް 70 އަށް ވުރެ ގިނަ އެކްސްޕެރިމެންޓް ވެކްސިންއެއް އުފެއްދުމަށް އަންނަނީ ކުރަމުންނެވެ.
އެމެރިކާގައި ދެ ވެކްސިނެއް އަދި ޗައިނާގައި އުފެއްދި ވެކްސިނެއް މިހާރު އަންނަނީ ޓެސްޓް ކުރަމުންނެވެ.
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް 18 މަސްދުވަސް ހޭދަވާނެކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި އެއީ ދުނިޔޭގައި އުފައްދާފައި ހުރި އެހެން ވެކްސިންތަކާއި އަޅާބަލާއިރު ކުރު މުއްދަތެއް ކަމަށްވެސް ބައެއް ސައިންޓިސްޓުން ބުނެއެވެ.