ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 10:52
ކޮރޯނާވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން - ސީ.އެން.އެން
ކޮރޯނާވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުން - ސީ.އެން.އެން
ސީ.އެން.އެން
ކޮވިޑް-19
ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ "ހަނގުރާމަ" އިޢުލާނުކޮށް،" ހޮސްޕިޓަލު މަނަވަރު" ތައް، ކުއްލި ޙާލަތުގައި!
 
ރައީސް ޓްރަމްޕު ސިފަކުރަނީ މިއީ "އެންމެން އެކުގައި ވާ ޤުރުބާނީއެއް" ގެ ގޮތުގައި

ނޫސްވެރިއެއްގެ ސުވާލެއްގެ ޖަވާބުގައި، އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަޕަށް "ކޮވިޑް19" ސިފަކުރެއްވީ، "ވޯރ" (ހަނގުރާމަ) އެއްގެ، ގޮތުގައެވެ. އަދި މި ޙާލަތުގައި ޚުދު އެމަނިކުފާނަކީ "ވޯޓައިމް ޕްރެޒިޑެންޓު" ކަމަށް، އަމިއްލަ ފުޅަށް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕުގެ އިބާރާތުން ދަންނަވާނަމަ، މިއީ "ލޮލަށް ނުފެންނަ ދުޝްމަނަކާ ކުރަންޖެހިފައިވި ހަނގުރާމަ" އެކެވެ. އެއީ އިންވިޒިބަލް އެނެމީއަކާ ކުރެވޭ ހަނގުރާމަ އެކެވެ.

ސުވާލަކީ، ނިއުކްލިއަރގެ އިތުރުން ޒަމާނީ ހަތިޔާރުގެ އެންމެ ޤާބިލް އެމެރިކާއަށް، އިންވިޒިބަލް އެނަމީއާ ކުރިމަތިލާން ތައްޔާރު ހެއްޔެވެ؟ ގޯހުންގޯހަށް ހާލަތު ބަދަލުވެއްޖެ ހިނދެއްގައި ބޭނުންވާނެ، އިމަރޖެންސީ އެނދާ، ވެންޓިލޭޓަރާއި، ޕްރޮޓެކްޓިވް އިކްއިޕްމަންޓުގެ ގޮތުން، މިހިނދަށް އޮތް ޤާބިލް ކަމަކީ ކޮބައި ހެއްޔެވެ؟

ރައީސް ޓްރަމްޕް "އެ ސިފަކުރެއްވި ލޮލަށް ނުފެންނަ ދުޝްމަން" އެމެރިކާއަށްވެސް އަރައިފިއެވެ! އިއްޔެގެ ނިޔަލަށް 11432 ރައްޔިތެއްގެ ހަށިގަނޑަށް، ލޮލަށް ނުފެންނަ މި ދުޝްމަން ވަދެއްޖެއެވެ. އެ ދުޝްމަނާ ހަނގުރާމަ ކުރުމުގެ ތެރޭގައި 171 ރައްޔިތަކު އެމެރިކާއިން މަރުވެއްޖެއެވެ. އިއްޔެ އެކަނިވެސް 2173 ރައްޔިތުންގެ އެތެރެހައްޓަށް، ޓްރަމްޕް ސިފަކުރެއްވި "އިންވިޒިބަލް އެނަމީ" ވަނެވެ. އެހެން ކަމާއެކު، ކުއްލި ޙާލަތު އިޢުލާންވެ، އެންމެ ފައުން ކެނެޑާއާއި އެމެރިކާ އިންވެފައިވާ ބޯޑަރުވެސް ތަޅުލެއްވިއެވެ.

ލޮލަށް ނުފެންނަ ދުޝްމަން ޙަމަލާދޭ، އެމެރިކާގެ ރައްޔިތުންނަށް ލިބޭ އެކިވަރުގެ ހާނީއްކަ ތަކަށް ފަރުވާދޭން، މިހާރުވަނީ، "ނޭވީ ހޮސްޕިޓަލް ޝިޕް" ގެ ކަނޑުމަތީ ދެ ހަސްފަތާލު މަނަވަރު، ޚިދުމަތަށް ނެރެން ޓްރަމްޕު އަމުރު ކުރައްވާފައެވެ. މީގެ އެއް މަނަވަރު ނިވްޔޯކް އައްސޭރިއަށް ދާއިރު، އަނެއް މަނަވަރު ގެންދެވެނީ ގައުމުގެ ހުޅަނދުފަރާތު އައްސޭރިއަށެވެ.

ހަނގުރާމަ އެއްގެ ގޮތުގައި ރައީސް ޓްރަމްޕު ސިފަ ކުރައްވާފައިވާ، މި ހަނގުރާމައަކީ، މީގެކުރިން އެމެރިކާ ކުރިމަތިލާ ހަނގުރާމަތަކާ މުޅިން ތަފާތު ހަނގުރާމަ އެކެވެ. ޖެޓްފައިޓަރާއި، ބައްރުން ބައްރަށް ފޮނުވޭ މިސައިލާއި، ޚާއްސަކޮށް މިސައިލް ހުއްޓުވާ ޒާތުގެ ހަތިޔާރުގެ އިތުރަށް، ނިއުކުލިއަ ހަތިޔާރުގެ ބޭނުން ހިފެން އޮތް ހަނގުރާމައެއް ނޫނެވެ.

ޓްރަމް ސިފަކުރެއްވި، ކޮވިޑް19ގެ ހަނގުރާމަ އިޢުލާންވީ ވަގުތު، ގައުމުގެ ސިއްޙީ އިދާރާތައް ކަންބޮޑުވެފައި ވަނީ، ކުއްލި ޙާލަތަށް ބޭނުންވާ "ރެސްޕިރޭޓަރ" އާއި ރައްކާތެރި ކަމަށް އަޅާ ހެދުމާއި، ފޭސް މާސްކު، މިވަގުތަށް ބޭނުންވާ ވަރަށް، ފައްލަވަ ކުރެވިފައި ނެތުމުގެ ކަންބޮޑު ވުމެވެ.

އެކަން ވަނީ ސީ.އެން.އެން. އިން ގެނެސްދިން ޕްރޮގްރާމު ތަކުގައި ވާހަކަ ދެއްކި ސިއްޙީ މާހިރުންނާއި، ގަވަރުނަރުންވެސް، ފާހަގަ ކޮށްފައެވެ. ބައެއް ގަވަރުނަރުން އެމީހުންގެ ސަހަރަށް ބޭނުންވާ އަތް ސާފުކުރާފުޅި ތައްޔާރު ކުރުމުގެ މަސައްކަތް، ސަހަރުގެ އިސް ނެގުމެއްގެ ގޮތުގައި ފަށައިފިއެވެ. އަނެއްކޮޅުން މި ޙައްސާސް ވަގުތުގައި ހުރިހާ ސަހަރު ތަކެއްގެ ގަވަރުނަރުންނާއި ރައީސްއާއި ނައިބު ރައީސް، މިކަމުގައި ވަނީ އަތުގުޅާލައި ގައުމުގެ ދިފާޢަށް ނިކުންނަވާފައެވެ. ރައީސް ޓްރަމްޕު ވިދާޅުވި ފަދައިން "އެންމެން އެކުގައި ވާ ޤުރުބާނީއެއް" ގެ ގޮތުގައެވެ.

އެމެރިކާގެ "ސެންޓަރ ފޯރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް" (ސީ.ޑީ.ސީ) އަކީ، ސިއްޙީރޮނގުން ބަލާއިރު، ދުނިޔޭގެ ފެންވަރުގައި ހުރި އެންމެ ވަރުގަދަ އެއް މަރުކަޒެވެ.

އެހެން ނަމަވެސް 2011ގެ ފަހުން، އެމެރިކާއަކަށް، މި ނޫނީ "ޕަބްލިކް ހެލްތް އިމަރޖެންސީ" އެއް ތަޖުރިބާ ކުރާކަށް ނުޖެހެއެވެ. އެންމެ ގާތުން ފެންނާން އޮތީ، އިޓަލީން އެ ފެންނަ ފިތް ކަނޑައިގެންދާ ހިތާމައާއި ކަންބޮޑުވުމެވެ. ބިރުވެރި މަންޒަރެވެ. އެމަންޒަރުން ވަކީންބޮޑަށް ހިތްދަތި ކުރުވަނީ، މަރުވެފައިވާ ޤަބުރު ތަކުގެ ސަންދޯއްތައް، ޖަނާޒާގެ ކިއުގައި އަތުރާލެވިފައިވާ ދިގު ސަފުންނެވެ.

އެތައް ގަޑީއިރެއްގެ އިންތިޒާރަށްފަހު ނޫނީ، އެއިން ސަންދޯކަކަށް، ޖަނާޒާއަށް ޖާގައެއް ނުލިބެއެވެ. ޢަމްދުން އެފަދަ ވަގުތެއްގައި، ޢާއިލާގެ މީހަކަށް ޙާޒިރެއްވެސް ނުވެވެއެވެ. ބައެއް މީހުން އަސަރާއެކު، ސޯޝަލްމީޑިއާގައި ބުނެފައިވަނީ، ފޮޓޯއަކުން ނޫނީ ވީޑިއޯ ކޯލަކުން ނޫނީ، މަންޒަރުވެސް ލޮލަށް ނުފެނުނު ވާހަކައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - އޭއެފްޕީ

އިރާނާއި އިޓަލީން އެ ފެންނަ، ހިފެހެއްޓުމެއްނެތް ކަރުނައިގެ މަންޒަރު، އެގޮތުގައި ފެންނަމުން ދާއިރު، އެމެރިކާވެސް އެ ވަނީ ޚާއްސަ ހާލަތު އިޢުލާނު ކޮށްފައެވެ.

ލޮލަށް ނުފެންނަ ދުޝްމަންގެ ގޮތުގައި ސިފަކޮށްފައިވާ، "ކޮވިޑް19" ވައިރަސް ފެތުރުން ކޮންޓްރޯލުނުވެ އަތުންދޫވެއްޖެ ނަމަ، ބޭނުންވާނެ އައި.ސީ.ޔޫ އެނދުގެ މިންވަރާ، ނޭވާލައްވަން ބޭނުންވާނެ މެޝިންގެ ޢަދަދާއި، ހޮސްޕިޓަލް އެނދުގެ އަދަދު، ސީ.ޑީ.ސީން މިހާރު ވަނީ އަންދާޒާ ކޮށްފައެވެ.

ހަމަ އެހެންމެ ގައުމުގެ އާބާދީގެ 40 އިންސައްތައަށް، މި ވައިރަހުގެ އަސަރު ކޮށްފިނަމަ، އެއީ ކިހާ ރައްޔިތުންނެއްކަން ވަނީ ދެނެގެންފައެވެ. އަދި މިފަދަ ޢަދަދެއްގެ ބަލިމީހުންނާއި ކުރިމަތިލާއިރު، އަޅާނެ ރައްކާތެރި ކަމުގެ ހެދުމާ، މިފަދަ ބާވަތް ތަކުގެ މިންވަރުވެސް އޮތީ އަންދާޒާ ކޮށްފައެވެ. އަދި އެފަދަ ހާލަތަކަށް ތައްޔާރުވާއިރު، މިހާރުން މިހާރަށް ހޮސްޕިޓަލް ތަކުން ސަމާލުކަން ދޭންވީ ކަންކަން ވަނީ ދެނެގެންފައެވެ.

އެމެރިކާގެ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީގެ ޕަބްލިކް ހެލްތު ޕްރޮފެސަރ ޑރ.ލީނާ ވެންގ ދެކެލައްވާ ގޮތުގައި، ނުރައްކާތެރި ހާލަތަކަށް ބަދަލުވެގެން ދާހިނދު، ގާތްގަނޑަކަށް 2 ލައްކަ އިންޓެންސިވް ކެއަރ އެނދު، ބޭނުންވާނެއެވެ. މިހާރު ހޮސްޕިޓާ ތަކުގައި ހުރި މިފަދަ އެނދުތައް، ތަފާތު ބަލިތަކުގެ މީހުން ބޭނުން ހިފައިފާއޮތް މިންވަރަށް ބަލާނަމަ، ނުރައްކާތެރި ހާލަތަކަށް ބޭނުންވާނެ އަދަދެއް އަދިއެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ކަނޑުމަތީ ހޮސްޕިޓަލު މަނަވަރުތައް ތައްޔާރީ ޙާލަތަށް ގެނެވުމަކީ، މިކަމަށް ލިބޭނެ ބޮޑު ލުޔެކެވެ.

ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ފަހަރަކު ގައުމަކަށް އަރަމުން މިދަނީ، އެތައް ބައެއްގެ ފުރާނަޔާ ހަށިގަނޑު ދެތަން ކުރުވަމުންނެވެ. އެތައް ބަޔަކު ކުޑަކަކޫ ޖައްސުވަމުންނެވެ. ގައުމުތައް ސިއްސުވަމުންނެވެ. މި ރާޅުގެއަޑަށް ރައްޔިތުން ގޭގެއަށްވަދެ، ދޮރުތައް ތަޅުލަމުންނެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި 110 ގައުމެއްގެ ސްކޫލްތައް، މިދިޔަ ބުދަ ދުވަހާއި ހަމައަށް މިވަނީ ބަންދުކޮށްފައެވެ.

ދުނިޔޭގެ ހޭލަމޭލަކަން ހުއްޓުމާ ހަމައިން، އެތައް އެއަރލައިން ތަކެއް ހުއްޓި، އެއަރޕޯޓުތައް މިވަނީ ބަންދުވެފައެވެ. ދުނިޔޭގެ އިގްތިސާދީ ގަޑީގެ ކަށި ހުއްޓިއްޖެއެވެ. ހަމަ އެހެންމެ ކުޅިވަރުތަކުގެ ގަޑީގެ ކަށިވެސް މިވަނީ ހުއްޓިފައެވެ. އިޖުތިމާޢީ ބައްދަލުވުން ތަކަށް ނިމުންއައިސް، "ސޯޝަލް ޑިސްޓެންސް"ގެ އަޑު މިވަނީ، ދުނިޔޭގައި ވަކި ހިއްޕާލައިފައެވެ. އިޖުތިމާޢީ ވިއުގައިގައި، އެންމެ ހިނގާ ހޭޝްޓެގަކީ "ސްޓޭ ހޯމް" އެވެ.

މިޙާލަތު، ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމު އެމެރިކާއާ ކުރިމަތި ވީހިނދު، ރައީސް ޓްރަމްޕް ވެސް، އެ ދެއްވަނީ، އެންމެ ފަގީރު އެންމެ ކުޑަ ގައުމުންވެސް ދެމުންދާ އިރުޝާދެވެ. ރައްޔިތުންނޭވެ! މިއީ އެންމެން ގައުމާ ރައްޔިތުންގެ ދިފާޢުގައި އަތުގުޅާލައި ގުރުބާންވާންވީ ވަގުތެވެ! ގިނަގިނައިން އަތް ދޮންނާށެވެ! ކޮންމެ މީހަކުމެ ޢާންމު ބައްދަލުވުންތަކުން އެކަހެރިވެ، ގޭގައި ތިބޭށެވެ.

ލޮލަށް ނުފެންނަ ދުޝަމަނާ ދެކޮޅަށް މިކުރާ ހަނގުރާމައިގައި، މި ދޭ ނަސޭޙަތް އަޑު އަހާށެވެ. މިއަޑު ނާހާނަމަ، އެކަކަށްވެސް ސަލާމަތެއް ނެތެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
18%
9%
41%
9%
18%
5%
ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 16:23
މަ
މިލިޔުން އަސްލު ވަރަށް މޮޅު??????