މިހާލަތުގައި އިތުރު ސްޓޫޑަންޓް ލޯނު ސްކީމެއް ހުޅުވާލާފިނަމަ، އެއީ ޒިންމާދާރު ކުޑަ އަމަލެއް!
14 އެޕްރީލު 2020 | އަންގާރަ 07:43އިގްތިސާދަށް ވަރަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން
ކޮވިޑް-19ގެ މިޙާލަތުގައި މިއަހަރު އިތުރު ސްޓޫޑަންޓް ލޯނު ސްކީމެއް ހުޅުވާލާފިނަމަ، އެއީ ޒިންމާދާރު ކުޑަ ޢަމަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ކޮވިޑް-19ގެ މިޙާލަތުގައި ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށާއި، ޓޫރިޒަމް ގާތްގަނޑަށް ހުއްޓިފައިވާކަމަށެވެ. އަދި ބޭރުގެ ފައިސާ ހުއްޓުމަކަށް އައިސްފައިވާއިރު، އެކަމުގެ އަސަރު ކުރާނެ ކަމަށް ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އިތުރު ސްޓޫޑަންޓް ލޯން ސްކީމެއް ތަޢާރަފުކުރަން ނިންމައިފިނަމަ އެއީ ވަރަށް ޒިންމާދާރު ކުޑަ ޢަމަލެއް ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ސްޓޫޑަންޓް ލޯންގެ ސްކީމަށް އަލިއަޅުއްވާލައްވާ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ލޯނު ކަންތައްތައް ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަޤުޞަދަކީ މިފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށާއި، ރާއްޖޭގެ އިޤުތިޞާދުން ކުޑަށްކޮ ވެސް ތަންދޭ ކަމަށްވާނަމަ ދޫކުރުމަށް ނިންމާފައިވާ މިލޯން ސްކީމަށް ބަދަލު ގެންނާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ޤައުމު ކުރިއަށްދާނީ ދިވެހިން ބިނާކޮށް ތަމްރީނުކޮށްގެން ކަމަށާއި، ފަންނުވެރި ދަރިންތަކައް އެފުރުޞަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
އެގޮތުން 550 ސްޓޫޑަންޓް ލޯންގެ ސްކީމަށް ހުށަހަޅާފައިވާ ފޯމްތައް ޗެކްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ އެމަރުޙަލާ ނިމުމުން އިތުރު ގޮތެއް ސަރުކާރުން ނިންމާނަމަ އެކަން އިޢުލާނު ކުރާނެކަމަށެވެ.







