ކ. މާލެ
|
11 އޭޕްރިލް 2020 | ހޮނިހިރު 14:02
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ޔޫރޯ އަންނަ އަހަރުވެސް ބާއްވާނީ 12 ސިޓީއެއްގައި
ކޮވިޑް-19 އާ ގުޅިގެން ޔޫރޯ ވަނީ އަންނަ އަހަރަށް ފަސްކޮށްފައި

އަންނަ އަހަރަށް ފަސްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލު ނުގެނެސް، މިހާރުވެސް ރާވާފައި އޮތް ގޮތަށް ތަފާތު 12 ގައުމެއްގެ 12 ސިޓީއެއްގައި މުބާރާތް ކުރިއަށް ގެންދިޔުމަށް ޔުއެފާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރިއިރު، ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ޔުއެފާއިން މިހާރު ވަނީ މި މުބާރާތް އަންނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.

އެހެން މުބާރާތްތަކާ ޚިލާފަށް މި މުބާރާތް ބޭއްވުމަށް ޔުއެފާއިން ނިންމާފައި އޮތީ ޔޫރަޕްގެ ތަފާތު 12 ގައުމެއްގެ 12 ސިޓީއެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާގެ ވިސްނުން ހުރީ އަންނަ އަހަރުގެ މުބާރާތުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނުގެނެސް، މިހާރުވެސް ރާވާފައި އޮތް ގޮތަށް މުބާރާތް ކުރިއަށް ގެންދިޔުމަށެވެ.

މިއަހަރުގެ މުބާރާތް ތަފާތު 12 ސިޓީއެއްގައި ކުރިއަށްގެންދަން ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބާތް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

މީގެ ކުރިން ޔުއެފާއިން ރާވާފައި އޮތީ މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުމަށެވެ. އަދި ސެމީ ފައިނަލް މެޗުތަކާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ޔޫރޯ އަންނަ އަހަރަށް ފަސްކުރީ މިހާރު މެދު ކަނޑާލާފައިވާ ލީގުތަކުގެ ކުޅުން، ހޫނު މޫސުމުގައި ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޔުއެފާއިން މީގެ ކުރިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް