ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ވެކްސިން އެއް އީޖާދު ކުރުމުގައި އެމެރިކާގެ ސައިންސްވެރިން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ޕިޓްސްބާރގްގެ ސްކޫލް އޮފް މެޑިސިން ގައި ޓެސްޓް ކުރަމުންދާ ވެކްސިން ބޭނުން ކުރުމުން ކޮރޯނާވައިރަސް އިން ދިފާއު ވުމަށް ބޭނުންވާ މިންވަރަށް އެންޓިބޮޑީޒް އުފައްދާ ކަން ދިރާސާތަކުން ހާމަވެފައިވާ ކަމަށް، މި ދިރާސާގައި ބައިވެރިވި ސައިންސްވެރިންނާ ހަވާލާދީ ބުރާސްފަތި ދުވަހު ރޮއިޓާސް އިން ބުނެފިއެވެ.
ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި މީދަލަށް މި ވެކްސިން ދިނުމުން ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި، އެކަށީގެންވާ އަދަދަކަށް ކޮރޯނާވައިރަސް އިން ދިފާއު ކޮށްދޭ އެންޓިބޮޑީޒް މީދަލުގެ ހަށިގަނޑުގައި އުފައްދާފައިވާކަން ވަނީ ހަމާވެފައެވެ.
ދިރާސާ ކުރި ސައިންސްވެރިން މިހާރު ގެންދަނީ، ވެކްސިންގެ ދެން އޮތް މަރުހަލާ ކަމުގައިވާ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓް ކުރަން ފެށުމުގެ ކުރިން، އެމެރިކާގެ ފުޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަން އިން ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސައިންސްވެރިންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން، ޓެސްޓް ކުރުމުގެ ގޮތުން އިންސާނުންނަށް މި ވެކްސިން ދިނުމަށް ދެތިން މަސް ނަގާނެއެވެ.
ނޮވެލް ކޮރޯނާވައިރަސް އިން ދިފާއު ވުމަށް ވެކްސިނެއް ހޯދުމުގެ ރޭހުގައި އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ފުރަތަމަ ޓެސްޓު ކުރީ ހުސްވި މަހުގެ ތެރޭގައި އެމެރިކާގެ ސިއާޓަލްގެ ސައިންސްވެރިންނެވެ.
ސިއާޓަލްގެ ސައިންސްވެރިން ވަނީ ޖަނަވާރުގެ ހަށިގަނޑުގައި ޓެސްޓް ކުރުމުގެ މަރުހަލާ ދޫކޮށްލުމަށްފަހު ސީދާ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓް ކުރަން ފަށާފައެވެ.
ކޮވިޑް-19 އަށް ތަފާތު ވެކްސިންތައް ސައިންސްވެރިން ތަހުލީލު ކުރަމުން ގެންދިޔަ ނަމަވެސް، ޕިޓްސްބާގްގެ ސައިންސްވެރިންގެ ދިރާސާ ވެގެން ގޮސްފައިވަނީ، ކޮވިޑް-19 ގެ ވެކްސިނުން ނުކުތް ނަތީޖާ އެނގޭ ގޮތައް ފުރަތަމަ ފަހަރަށް ޝާއިއު ކުރި ދިރާސާއަށެވެ. ކޮވިޑް-19 އަށް ވެކްސިނެއް އީޖާދު ކުރުމުގައި، ޕިޓްސްބާގް ޔުނިވަރސީޓީގެ ސައިންޓިސްވެރިން ވަނީ ކުރިން ދުނިޔޭގައި ފެތުރުނު ކޮރޯނާވައިރަސްގެ ބާވަތްތައް ކަމުގައިވާ ސާސް އާއި މާސް އަށް އެ ޔުނިވަރސިޓީގައި ކޮށްފައިވާ ދިރާސާތަކުގެ ބޭނުން ހިފައިފައެވެ.
ޕިޓްސްބާގް ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ސާޖަރީ، އެންޑްރިއާ ގެމްބޯޓޯ އާ ހަވާލާދީ އިނގިރޭސިވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވަނީ، ކުރިން ދިރާސާ ކުރެވުނު ކޮރޯނާވައިރަސްގެ ބާވަތްތަކާއި، މިހާރު ދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާވައިރަސް އާ އެއްގޮތް ސިފަތަކެއް ހުރުމާއެކު، ކުރިން ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ނޮވެލްކޮރޯނާ ވައިރަސް އަށް ހަމަލާ ދޭންވީ ގޮތް ސާފުކޮށް މިހާރު އެނގޭ ކަމަށެވެ.
ޕިޓްސްބާގުން އުފައްދަން މަސައްކަތް ކުރާ ވެކްސިން އަށް ދީފައިވާ ނަމަކީ ޕިޓްސްބާގް ކޮރޯނާވައިރަސް ވެކްސިން ނުވަތަ "ޕިޓްކޮވްވެކް" އެވެ. ވެކްސިންގައި ކޮވިޑް-19 ގެ ދިފާއު އުފެއްދުމަށް ބޭނުން ކުރަނީ ލެބޯޓަރީގައި އުފައްދާފައިވާ ވައިރަލް ޕްރޮޓީން އެކެވެ.
ވެކްސިން ހަށިގަނޑުގެ ތެރެއަށް ފޮނުވާލުމަށް މި ޓީމުން އީޖާދުކޮށްފައިވަނީ، ހަންގަނޑުގައި ތަތްކޮށްލާ އިނގިލިކުރި ސައިޒްގެ ކުޑަކުޑަ ޕެޗެކެވެ. މި ފެޗްގައި ހުންނަނީ ވަރަށް ކުދިކުދި ކަށި (މައިކްރޯ ނީޑްލް) ތަކެކެވެ. ވެކްސިން ހަށިގަނޑުގެ ތެރެއަށް ދަނީ މި ކަށިތަކުގެ ޒަރީއާއިން ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ދިރާސާގެ އެއް ބައިވެރިއެއް ކަމަށްވާ، ޕްރޮފެސަރ ލުއީ ފާލޯ އާ ހަވާލާދީ ދި އިންޑިޕެންޑެންޓު ނޫހުގައިވާ ގޮތުގައި، މިއިން ޕެޗެއްގައި 400 މައިކްރޯ ނީޑްލްސް ހިމެނިފައި ވިޔަސް ހަންގަނޑުގައި ތަތްކޮށްލާއިރު ތަދެއް އިހްސާސެއް ނުވާނެއެވެ. ހަންގަނޑުގައި ޕެޗް ތަތްކޮށްލުމުން، ކަށިތައް ހަންގަނޑުގެ ތެރެއަށް ވަދެގެން ގޮސް ގިރޭނެ ކަމަށްވެސް ސައިންޓިސްޓުންގެ ޓީމާ ހަވާލާދީ މިނޫހުގައި ބުނެފައިވެއެވެ.

ސައިންސްވެރިންނާ ހަވާލާދީ އިންޑިޕެންޑެންޓުގައި ބުނެފައިވަނީ، މި ވެކްސިނަކީ އާއްމުކޮށް އިމާރާތްތަކުގެ އެތެރޭގެ ފިނިހޫނުމިނުގައި ބެހެއްޓޭނެ އެއްޗެއް ކަމަށްވުމާއެކު، އެއްތަނުން އަނެއްތަނަށް އުފުލުމާއި، ރައްކާ ކުރުމުގައި ފިނިކުރާ ނިޒާމެއް ބޭނުމެއް ނުވާނެ ކަމަށެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މީދަލުގައި ވެކްސިން ޕެޗް ތަތްކޮށްލުމުން ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި، ކޮވިޑް-19 އަށް ހަމަލާދޭ އެންޓިބޮޑީޒް ގިނަ އަދަދަކަށް މީދަލުގައި ހަށިގަނޑުގައި އުފެދިފައިވާކަން މިހާތަނަށް ކުރެވިފައިވާ ދިރާސާއިން ފެނުނު ކަމުގައި ވިޔަސް، ނަތީޖާ އެ ގޮތައް ނުކުންނަކަން ޔަގީން ކުރުމަށް މިއީ ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ޖެހޭނެ ދިރާސާއެކެވެ.
ޕްރޮފެސަރ ފާލޯ އާ ހަވާލާދީ ދި އިންޑިޕެންޓުގައި ބުނެފައިވަނީ، އާއްމު ގޮތެއްގައި، އަލަށް އުފައްދާ ވެކްސިނެއް ބަލި ޖެހިފައިވާ މީހުންނަށް ދިނުމާ ހަމައަށް އަހަރެއްހާ ދުވަސް ހޭދަވާނެއެވެ. އެހެން ނަމަވެސް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތަކީ ދުވަހަކުވެސް މީގެ ކުރިން ކުރިމަތިވި ފަދަ ހާލަތަކަށް ނުވުމާއެކު، ވެކްސިން ތައްޔާރު ކުރުމުގެ މަރުހަލާ އަހަރަކަށް ވުރެ ކުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަނުން އަލަށް އުފައްދާ ވެކްސިން އަށް ހުއްދަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނެސް ކޮރޯނާ ވައިރަސް އާ ގުޅިގެން މިހާރު ވަނީ ހުއްދަ ދިނުމުގެ މުއްދަތު ކުރިއަށް ވުރެ ކުރުކޮށްފައެވެ.
އޮސްޓްރޭލިއާގެ ސައިންޓިސްޓުންގެ ޓީމަކުން ކޮވިޑް-19 އަށް ތައްޔާރު ކުރަމުންދާ ވެކްސިނެއް ޖަނަވާރުގައި ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ބުރާސްފަތި ދުވަހު މީޑިއާ ރިޕޯޓުތަކުގައި ހާމަކޮށްފައިވެއެވެ. އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް އޮކްސްފޯޑުގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފައިވަނީ، އެ ޓީމުން ދިރާސާ ކުރަމުންދާ ވެކްސިން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަންފެށޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ޗައިނާގައިވެސް ވަނީ ކޮވިޑް-19 އަށް އިންސާނުންގެ ހަށިގަނޑުގައި ވެކްސިން އެއް ޓެސްޓް ކުރަން ފަށާފައެވެ.