ކ. މާލެ
|
23 މާރޗް 2020 | ހޯމަ 17:36
ކުޑަކުދިން ބަރުދަން ބެއްލެވުމާއި،ރަނގަޅުކާނާގެ މައުލޫމާތު ދެއްވަނީ
ކުޑަކުދިން ބަރުދަން ބެއްލެވުމާއި،ރަނގަޅުކާނާގެ މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ޞިއްޙީ ޚިދުމަތްތެރިންގެ ދަައުރު
އެންމެ ފުރިހަމަ ސިއްހަތުގައި ފެންނަ އަދުގެޖީލު ބިނާކުރަން، މުޙައްމަދު ސަޢީދުގެ މަތިވެރި ގުރުބާނީ!
 
އިސްކޮޅާއި ބަރުދަން ބެލުމުގެ އިތުރުން، ވެކްސިން ޕްރޮގްރާމުވެސް ހިންގި
 
ގާތުން ކިރުދިނުން 6 މަސްވަންދެއް، މެދުކަނޑާނުލައި ކުރިއަށް ގެންދަން، އިރުޝާދު ދެވުނު
 
އޭރު މަސައްކަތް ކުރަމުން ގެންދެވީ ހެލްތު އެސިސްޓެންޓެއްގެ ގޮތުގައި

އެ ކުދީންގެ ވެއްޓަކީ ދިވެހިރާއްޖެއެވެ. އެއީ ތުއްތު ކުދިން ތަކެކެވެ. އެ ތިބީ 1970 ގެތެރޭގައެވެ. ޒަމާނީ ދިވެހިރާއްޖެ އަކަށް، އަލި ވިލުމުގެ އުންމީދީ ދޯދިތަކެއްގެ ހިޔަލުގައެވެ. ފަނޑުފަނޑު ގޮތެއްގައި، އެ ދޯދިތައް ފެންނާން އޮތް، ރަށްފުށުގެ އަތިރިމަތީގައެވެ. އެނދުން ތެދުވި ގޮތަށް ގޮސް، ޤަޟާޙާޖާ ކުރުމުގައެވެ!

މި ސިފަކުރާ ޖީލުގެ ކުޑަކުދީންގެ ބަނޑު އެހާމެ ސިނގެވެ. ދުޅަހެޔޮ ސިއްޙަތެއް ލިބިފައި ނުވީތީ، ގައިގެ ކަށިތައް އެހުރީ ހާމައަށް ފެންނާށެވެ. އަތްފައި އެހާމެ އަނަރޫފައެވެ. ބޯ ވެސް އެހާމެ ބޮޑެވެ. ހިނގައިފައި ދާއިރު، ފައިކޮޅުން ވާގި ދޫވަމުން އަންނަ ކުދީންކޮޅެއްކަން އެނގެއެވެ.

މި ޢަލާމާތް ތަކުގެ ތެރެއިން ފާއްދާލަމުން އެދާ، އަނެއް މަންޒަރަކީ ދޮންފޫޑު ކަމެވެ. އެނީމިއާވެ. ފޮއްސި އެވެ. ސުވާލަކީ، އެހެން އެކަން ވުމަށް، މެދުވެރިވެފައި އެ އޮތީ، ކީއްވެ؟ ކޮން ކަމެއް، މި ގައުމުގައި، ގޯސްވެފައި ވީތީ ހެއްޔެވެ؟

އެއީ ކޮވިޑު19 ގެ ބިރުވެރި ކަމުގައި، މި އޮތް މިއަދުގެ ޖީލުގެ ދަރިން، ލޯތްބާއި، ފަޚުރާއެކު، މިއަދު "މަންމާ" އޭ! ނުވަތަ "ބައްޕާ" އޭ! ބުނެ މުޚާތަބުކުރާ، އަހަރެމެންގެ މައިންބަފައިންގެ ޅަފަތުގެ ދުވަސްވަރެވެ! މި އިޝާރަތްކުރާ ޖީލު ނޭވާލީ " ކާޑުބަލި" ޢާންމު ވެފައި އޮތް، ދިވެހިރާއްޖެ އަކަށެވެ.

ކިއުންތެރިއާ އަށާއި އެހުންތެރިއާއަށް، ކިޔައިދެމުން މިގެންދާ ޒަމާން ދުއް، ތުއްތު ކުދިންގެ ކިބައިން، ފެންނާން އޮތް އަނަރޫފަކަން، މިއަދު ހިތް މައްޗަށް ގެންނަ ހިނދު، ލޮލުގެ ކުރަވިތައް ތެންމާލާނެކަން ކަށަވަރެވެ. އެހެން ނަމަވެސް، އެފަދަ އަސަރެއް ހިތަށް ވެރިވާން ފަށާނީ، މި ޙަގީގީ މަންޒަރު ދުއް މީހަކަށް ތާއެވެ. ސުވާލަކީ، އެ ކަރުނަ ހިއްކައިދިނީ، ކޮން ބައެއްގެ ކިހާބޮޑު ގުރުބާނީއަކުން ހެއްޔެވެ؟

އަޅުގަނޑު ސިފަކޮށްދެވޭތޯ މަސައްކަތް ކުރަމުން މިގެންދާ، މަންޒަރުގެ ތެރެއިން، ފަނޑުފަނޑު ގޮތެއްގައި ފެންނާންހުރީ، އެ ބޭފުޅެއްގެ މަތިވެރި ގުރުބާނީން، ނިއުޓްރިޝަނުން މަޙުރޫމްވެ، ކާޑުބައްޔަށް ހުށަހެޅިފައި އޮތް ދިވެހިރާއްޖެއިން، އެ ޙާލަތު ބަދަލު ކޮށްލެއްވި މޭސްތިރިއާ އެވެ! ނަމަވެސް ކިޔައިދެމުން މި އަންނަ މަންޒަރުގައި، އޭނާ ސިފަކުރާނަމަ، އެއީ އޭރު އެންމެ 17 އަހަރުގެ ކުއްޖެކެވެ. މަސައްކަތް ކުރަމުން އެ ގެންދަނީ، އައްޑޫ އަތޮޅު ގަމުގައި އިނގިރޭސިން ހިންގަމުންދިޔަ ހަސްފަތާލުގައެވެ.

މި ދެންނެވި ޒުވާނާ އޭރު މަސައްކަތް ކުރަމުން ގެންދަނީ ހެލްތް އެސިސްޓެންޓެއްގެ ގޮތުގައެވެ. އިނގިރޭސި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ. ބައެއް ފަހަރު، އައިވީ ގުޅައިދިނުމުގައެވެ. އަނެއްބައި ފަހަރު އެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިތިބި ބަލިމީހުންގެ ވޯޑު ބެލެހެއްޓުމުގައެވެ. އެހެން ކޮންމެވެސް ވަގުތެއްގައި ނަމަ، ބޭސް އަޅައި ދިނުންފަދަ ކޮންމެވެސް ޚިދުމަތެއްގައެވެ. އޭނާއަކީ އިނގިރޭސިން އައްޑޫ އަތޮޅުން މި ފަންނުގައި ތަމްރީން ކުރި ބާރަވަރަކަށް ޒުވާން ކުދީންގެ ތެރެއިން ހިމެނޭ އެކެކެވެ.

ކޮންމެއަކަސް މި ދަންނަވާ ޒުވާނާ، އެ ޚިދުމަތުގައި ހުއްޓައި، އައްޑޫ ގަމުން އިނގިރޭސިން ފައިބައިފިއެވެ. ހަސްފަތާލާއި އެތާނގައި ހުރިނަމަ ހުރި މެޝިންތަކާއި، ބޭހާއި، އެންމެންހާ ސާމާނު ދޫކޮށްފައެވެ. އެހިނދު އޭރު އޮތް ސަރުކާރުން، އެ ހަސްފަތާލުގައި ހުރި ސާމާނުތައް، މާލެއަށް ގެންދަވައިފިއެވެ. އެހިނދު އޭނާ އެހުރީ އިންސާނީ ޚިދުމަތް ދޭނެ ގޮތަކާއިމެދު ފިކުރާވެފައެވެ! ދެން އޮތީ ކޮން މާދަމާއެއްތޯ ސުވާލު އުފެދިފައެވެ!

ދުވަސްވަރަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެލްތް އެސިސްޓެންޓުން ތަމްރީނު ކުރަންފެށި ދުވަސްވަރެވެ. އޭރު ފުރަތަމަ ބެޗު ނިމެމުން ދަނީއެވެ. ފުރަތަމަ އެކުލަވައިލި މުގައްރަރާ އެއްގޮތަށެވެ.

އިނގިރޭސިން އައްޑޫން ފޭބުމާއެކު، އެ ހޮސްޕިޓަލުގައި ތަމްރީނު ވެގެން ޚިދުމަތުގައި ތިބި ޒުވާނުންތިބީ އަތް ބަންދުވެފައެވެ. އެހެން ތިއްބައި އެކުދީންނަށް ލިބެނީ، އޭރުގެ ހެލްތް މިނިސްޓަރ މޫމިނާ ޙަލީމްގެ މެސެޖެކެވެ. އެ މެސެޖުގައި ބުނެފައިވަނީ، އެކުދީން މާލެއަށް ބަދަލުވާނަމަ، ވަޒީފާ ދެއްވާނެ ކަމެވެ!

މި ލިބުނު މެސެޖާއެކު، މިދެންނެވި ޒުވާނާ، އީކުއޭޓަރ ހުރަސްކުރީ މާލެ އައުމަށެވެ. ގައުމަށް އޭނާއަށް ކޮށްދެވިދާނެ ޚިދުމަތަކަށެވެ. މާލެ އައުމާއެކު، އޭރު ކިޔަވައި ދެމުންދިޔަ މުގައްރަރާ ގުޅޭ ޓެސްޓެއް، އޭނާއަށްވެސް ދިނެވެ. ހިންގަމުން އެދާ ކޯހުގައި ކިއެވުމުގެ ބަދަލުގައެވެ. ކޮންމެއަކަސް މި ދެވުނު ޓެސްޓުން އޭނާ ފާސްވުމުން، އޭނާއަށް ލިބުނީ " ހެލްތް އެސިސްޓެންޓް ގްރޭޑް1" ގެ ވަޒީފާގެ ޗިޓެވެ. އެހިނދު، އޭނާ އެ، އެނބުރެނީ ދިވެހިރާއްޖޭގައި އޭރު އޮތް، އެންމެ ބޮޑު ކަންބޮޑުވުމާ ދިމާއަށެވެ. ނިއުޓްރިޝަންގެ ހޭލުންތެރިކަން މުޅި ގައުމުގައި އުފައްދައި، ކާޑުބަލި ނައްތާލައި، ދުޅަހެޔޮ ޖީލެއް، މި ބިމުގައި ހެދިބޮޑުވާން ބޭނުންނަމަ، އެކަމުގައި އޭރު އޮތް ގޮންޖެހުމަށެވެ. ނުވަތަ ޗެލެންޖަށެވެ!

ކިއުންތެރިޔާ ނޭވާ ހިފަހައްޓައި ލެއްވި ސުވާލަކީ، އެއީ ތަފްސީލީ ގޮތެއްގައި ކިއައިދޭނަމަ، ކާކު ހެއްޔެވެ؟ އެ ޒުވާނާ މި ލިއުމުން "ކަޝްފު" ވާނީ ކޮން ހިސާބަކުން ހެއްޔެވެ؟ އެއީ ކާކުތޯއެވެ؟ އެހެން ކަމުން، ދިވެހިރާއްޖޭގައި އޮތް، ނިއުޓްރިޝަންގެ ހޭލުންތެރިކަން އުފައްދަން، އޭރު އެ އޮތް ގޮންޖެހުމާ ކުރިމަތިލީ ޒުވާނާ، މިހައިތަނުން ތިލަކޮށްދޭން މި ފަށަނީއެވެ!

އިނގިރޭސި ވިލާތުގެ ލިވަރޕޫލުގެ ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖިނުން، ކޮމިއުނިޓީ ހެލްތުގެ ދާއިރާއިން މާސްޓަރސް ހައްދަވައިފައިވާ އަލްފާޟިލް މުޙައްމަދު ސަޢީދު، ޔުނެސެފްގައި 13 އަހަރު، ނިއުޓްރިޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި ޚިދުމަތް ކުރެއްވީ، ރާއްޖޭގެ ޕަބްލިކް ހެލްތުގައި، ނިއުޓްރިޝަނާބެހޭ އެންމެ އިސް މަޤާމު، ފުރުއްވުމަށް ފަހު އެވެ.

ކޮލެރާއާއި ޝިގެއްލާގެ ދުވަސްވަރުގެ އިތުރުން، އެތައް އަތޮޅެއްގައިވެސް ހެލްތް އެސިސްޓެންޓެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ސަޢީދު، ޕަބްލިކް ހެލްތުގައި، ހުންނަވައިގެން ރާއްޖޭގައި ނިއުޓްރިޝަނާބެހޭ ހޭލުންތެރިކަން، އުފައްދަވަމުން ގެންދެވި ގޮތް، ސަޢީދު، ވިދާޅުވެ ދެއްވަމުން ގެންދެވީ، ރީތި ވާހަކަ އެއްގެ ގޮތުގައެވެ.

މަންޒަރުތައް ސިފަކޮށް ދެއްވަމުންނެވެ. ޙަގީގަތުގައިވެސް އެއީ ރީތި ވާހަކަ އެކެވެ. ވާހަކައިން ސިފަވެގެން ދިޔައީ 1970ގެ ތެރޭގައި ފެންނާން ތިބި، ދިވެހިރާއްޖޭގެ ތުއްތު ކުދީންނެވެ. އެއީ، މި ޖީލުގައި މި ތިއްބެވި ބޭފުޅުންގެ މައިންބަފައިންނެވެ. އެހެންކަމުން، މިވާހަކަ އަޅުގަނޑުމެންގެ ހިތްތަކާ ކިހައި، ކުޅެލާނެ ހެއްޔެވެ؟

މުޙައްމަދު ސަޢީދު، ވިދާޅުވި ގޮތުގައި، އޭރު ޕަބްލިކު ހެލްތުގައި ތިއްބެވީ ޑރ. ޢަބްދުއްސައްތާރު ޔޫސުފާއި ޑރ. އައިމިނަތު ޖަމީލުފަދަ، ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރުންނެވެ. ސަޢީދު ، މަސައްކަތަކީ، ނިއުޓްރިޝަނާބެހޭ ހޭލުންތެރިކަން ޤައުމުގައި އުފެއްދުމެވެ. މި ދެންނެވި ބޭފުޅުންގެ އިރުޝާދާއެކުގައެވެ. މި ގޮތުން ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ފެށީ، ފުރަތަމަވެސް ފެށީ މޯބައިލް ޓީމުތަކުގެ ދަތުރު ތަކެވެ.

މި ދަތުރުތަކުގައި ރައްޔިތުން ނިއުޓްރިޝަނަށް ހޭލުންތެރިކަން އުފެއްދެވީ، ޢަމަލީ ގޮތުން، އެކަން ދައްކައިގެން އަދި ދައްކައިވެސް ދީގެންނެވެ. އިންޖީނު އުނދުން ހިފައިގެން ގޮސް، ފުރަތަމަވެސް މައިންބަފައިން އެއްކުރީއެވެ. ކުއްޖާގެ ސިއްޙަތަށް ފައިދާހުރި ކާނާއަކީ، މިއޭ ބުނެ، ރާއްޖެއިން ލިބެންހުރި ބާވަތްތައް، އެންމެ ފުރަތަމަ ދައްކައި ދިނިއްޔެވެ. އެއަށްފަހު އެ ބާވަތްތައް ބޭނުން ކޮށްގެން، ކާތަކެތި ތައްޔާރު ކުރާނެ ގޮތް ދައްކައިދީ، ކިޔައިދިނީއެވެ. ކިޔައިދިނީ އެތަކެތި އެމީހުންގެ ކުރިމަތީގައި ކައްކައިގެންނެވެ. އަދި ކެއްކި ތަކެތި ކާންވެސް ދީގެންނެވެ.

ކެއުމުގައި ބޭނުން ކުރެވިދާނެ އެންމެ ރަނގަޅު ޑައިޓަކީ މިއީއޭ ބުނެ، ކެއްކީ، މުރަނގަފަތާއި، މަހާއި، ހަނޑުލާއި، އަދި ފުށާއި، ކާށިކިރާއި މިފަދަ ބާވަތްތަކުން ތައްޔާރު ކުރެވިދާނެ ކާނާއެވެ. މުރަނގަފަތް ހިމެނީ، އެއީ ރާއްޖެއިން ލިބެންހުރި އެންމެ ރަނގަޅު ފަތަށް ވީތީއެވެ. އަދި އޭގައި، ވިޓަމިންއޭ އާއި، ވިޓަމިން ސީ އާއި،ކެލްސިއަމްގެ އިތުރުން ދަނގަނޑުގެ މާއްދާވެސް އެކުލެވޭ އެއްޗަކަށް ވީމައެވެ.

މިދެންނެވި ކާނާގެ ތެރޭގައި، ރާއްޖެއިން ލިބެންހުރި މޭވާގެ ބާވަތްތައްވެސް ހިމެނުމުގެ ހޭލުންތެރިކަން އުފައްދަމުން ގެންދިޔައީ، ޚާއްސަ ގޮތެއްގައި ގާތުން ކިރުދިނުން 6 މަސްވަންދެއް، މެދުކަނޑާނުލައި ކުރިއަށް ގެންދަން، އިރުޝާދު ދެމުންނެވެ. އޭގެ ފަހުންވެސް ގާތުން ކިރު ދިނުމާއެކު، އިރުޝާދު ދެވުނު ޑައެޓާ އެއްގޮތަށް، ވެށީގެ ތެރެއިން ލިބެންހުރި، ތަރުކާރީއާއި މަސް ހިމަނައިގެން، ކުއްޖާއަށް "ބޭބީފުޑު" ދޭން، އިރުޝާދު ދެވުނެވެ.

އޭރު މޯބައިލް ޓީމު ތަކުގައި، އިސްކޮށް ތިއްބަވާ ހެލްތު ވޯކަރުން، މެދުވެރިކޮށް، މި ހޭލުންތެރިކަން އުފައްދަމުން ގެންދިޔައިރު، އިސްކޮޅާއި ބަރުދަން ބެލުމުގެ އިތުރުން، ވެކްސިން ޕްރޮގްރާމުވެސް ގެންދިޔައީ ހިންގަމުންނެވެ. ވެކްސިން ކާޑެއް ކޮންމެ ބެލެނިވެރިއަކަށް ދީގެން، ބަރާބަރަށް މޮނިޓަރ ކުރަމުންނެވެ. އޭރު ކުއްޖާ ސްކޫލަށް ވަދެވޭނީ އެ ކާޑު ދެއްކުމުންނެވެ. އެހެން ކަމުން މިކަމަށް ބެލެނިވެރިން އިންތިހާއަށް ސަމާލުކަން ދިނެވެ.

އެދުވަސްވަރަކީ، ޔުނެސެފާއި ޑަބްލިއު އެޗް އޯގެ އެހީގައި، ރާއްޖެއަށް ހިލޭ ވެކްސިން ލިބެމުންދިޔަ ދުވަސްވަރެވެ. އެހެންކަމުން، ވެކްސިން ކަވަރޭޖު 95 އިންސައްތައަށް ގެންދެވުނެވެ. މިކަންކަމުގެ ނަތީޖާއަކަށްވީ، ހަތަރުފަސް އަހަރެއްގެ ތެރޭގައި، ރާއްޖެއިން ކާޑުބަލީގެ އިތުރުން، ގައިންގަޔަށް އަރާ ބަލިތައް ނައްތާލެވުމެވެ! ނިއުޓްރިޝަންގެ ހޭލުންތެރިކަން ގައުމުގައި އުފެއްދުމެވެ. ދުޅަހެޔޮ ޖީލެއް ދިވެހި ބިމުގައި ހެދިބޮޑުވާނެ އާ ޒަމާނެއް އުފަން ވުމެވެ.

މިއަދުގެ ޖީލަކީ، ނުވަތަ މިއަދުގެ ދިވެހީންނަކީ، ރީތި ހަށިތަކެއްގެވެރި ބައެކެވެ. ދިވެހީންގެ ސޫރަ މިއަދު ފެންނާން މިއޮތީ "ގޯލްޑަންރޭޝިއޯ"ގައެވެ. މިއީ އިއްޔެ އެ ދެވުނު ވެކްސިންތަކާއި، އުފެއްދި ނިއުޓްރިޝަނާބެހޭ ހޭލުންތެރިކަމުގެ ނަތީޖާއެވެ. އެހެންކަމުން، މިއަދު " ރިޓަޔަރމަންޓު"ގެ ހަޔާތުގައި ހުންނެވި ނަމަވެސް، ސިއްޙީ ޚިދުމަތުގައި، މުޙަންމަދު ސަޢީދު، ހޭދަކުރެއްވި 48 އަހަރުގެ ޙަޔާތަކީ، އެ ޙަޔާތެއްގެ އުފާ، ހަމައެކަނި އޭނާއަށް ލިބިލެއްވި އެއްޗެއް ނޫނެވެ. އެއީ ދިވެހި ގައުމަށްވެސް ލިބިދިން އުފަލެކެވެ! ހިނިތުންވުމެކެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
24 މާރޗް 2020 | އަންގާރަ 11:10
ހައިޝަމް
މަޢުލޫމާތުގައި އޮޅުންތަކެއް އެބަހުރި. ގަމުން އިނގިރޭސީން ފޭބި ދުވަސްވަރު ހެލްތް އެސިސްޓެންޓުން ރާއްޖޭގައި މަސައްކަތް ކުރޭ. އެހެންވީމާ، މިއާރޓިކަލްގައި ހެލްތް އެސިސްޓެންޓު ކޯހުގެ ފުރަތަމަ ބެޗް ނިމެނީއޭ ލިއުމަކީ ވަރަށް ބޮޑު އޮޅުމެއް. ޢޭރު ނިމެމުންދަނީ ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ފުރަތަމަ ބެޗް. އަނެއް ކަމަކީ ޑރ.އާމިނަތު ޖަމީލު އެދުވަސްވަރު ޕަބްލިކް ހެލްތްގައި ނޫޅުއްވާނެ. އެކަމަނާ އޭރު ހުންނަވާނީ އެލައިޑް ހެލްތް ސާރވިސަސް ޓްރެއިނިން ސެންޓަރ ހިންގަވަން. ކުރިން ފާހަގަ ކުރެވުނު ކޮމިއުނިޓީ ހެލްތް ވޯކަރުން ތަމްރީނުކުރަން ފެއްޓެވީ އެކަމަނާގެ ބެއްލެވުމުގެ ދަށުން.
24 މާރޗް 2020 | އަންގާރަ 02:30
ނިއުޒާ
ހާދަ ރީތި މީހެކޭ