ކ. މާލެ
|
23 މާރޗް 2020 | ހޯމަ 19:15
ޕާކިސްތާނުގައި ކޮވިޑް-19ގައި މަރުވި މީހަކު ހޮސްޕިޓަަލަށް ގެންދަނީ
ޕާކިސްތާނުގައި ކޮވިޑް-19ގައި މަރުވި މީހަކު ހޮސްޕިޓަަލަށް ގެންދަނީ
ޕީޓީއައި
ކޮވިޑް-19
ކޮވިޑް-19: ޕާކިސްތާނުގެ ފުރަތަމަ މަރުންވެސް އެޤައުމުގެ ނާޒުކުކަން ހާމަވެގެން ހިނގައްޖެ
 
ހާލަތު ގޯސްވެ ހޮސްޕިޓަލަށް ދިއުމުންވެސް ކަރަންޓީންނުކޮށް ގެއަށް ފޮނުވާލި
 
އެއަރޕޯޓުންވެސް ފަރުވާ ކުޑަކޮށްލާފައި ދޫކޮށްލީ
 
ސާދަތު ޚާނަށް ވައިރަސް ޖެހުނީ އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީގައި ހުއްޓާ

އުމުރުން 50 އަހަރުގެ ސާދަތު ޚާން އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު އެންބުރި ޤައުމަށް އައީ މި ހިނގާ މާރޗު މަހުގެ ނުވަވަނަ ދުވަހުއެވެ. އޭނާ އެނބުރި އައުމުން އޭނާގެ އަވަށުގެ މީހުން އޭނާގެ އުފަލުގައި ބައިވެރިވިއެވެ. ދެހާހަށް ވުރެ ގިނަ މީހުން އެކުވެގެން އޭނާއަށް މަރުޙަބާކީ ބޮޑު ޖާފަތަކުންނެވެ. އެކަމާއި އޭނާ ހުރީ އުފަލުން ފޮޅިފައެވެ.

ޙާލަތު ބަދަލުވެގެން ދިޔައީ އޭގެ 10 ދުވަސް ފަހުންނެވެ. މާރޗު މަރުގެ 18 ވަނަ ދުވަހުއެވެ. ޕާކިސްތާނުގެ ހުޅަނގުއުތުރު ސިޓީއެއްކަމަށް މަރްދާންގެ އައިސޮލޭޝަން ފެސިލީޓީއެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ސާދަތުގެ ޞިއްޙީ ހާލަތު ގޯސްވެ، ދުނިޔެއާއި އަލްވަދާޢުކިޔަން ޖެހުނީއެވެ. އޭނާގެ ހަށިގަނަޑުގައި ކޮވިޑް-19 ހުރިކަން ކަށަވަރުވީ ދުވަހަކީ އޭނާ މި ދުނިޔެއަށް ނާވާލީ އެންމެފަހުދުވަހެވެ.

ސާދަތު ޚާންއަކީ 220 މިލިއަންގެ އާބާދީއެއް އޮންނަ ޕާކިސްތާނުން ކޮވިޑް-19 ގައި މަރުވި ފުރަތަމަ މީހާއެވެ. ދުނިޔޭގައި ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުން އަންނައިރު، މިހާތަނަށް353,331މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު،15,408މީހުން ވަނީ ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައެވެ.

ޕާކިސްތާނަށް ނަޒަރު ހިންގާލާއިރު، 803 މީހުންނަށް މި ވައިރަސްޖެހި 6 މީހުން ވަނީ މިވައިރަސްގައި ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރެއިން 4 މީހުން މަރުވީ މި ހަފުތާތެރޭގައެވެ. ވައިރަސްއަށް ޕޮޒިޓިވްވީ ގިނަ މީހުންނަކީ އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ޒިޔާރަތްކުރުމަށްފަހު އެނބުރި އައި މީހުންކަން ފާހަގަކޮށްލެވެއެވެ. ޕާކިސްތާނުގައި ހަލުވިމިނެއްގައި ވައިރަސް ފެތުރެމުންދާއިރު ސިދާގޮތުންނާއި ނުސީދާގޮތުން އެޤައުމުގެ އާބާދީގެ ގިނަ ބަޔަކަށްދަނީ މީގެ އަސަރުކުރަމުންނެވެ. އެތައްހާސް ބަޔަކު މިހާރު ކަންބޮޑުވެ ނުވަތަ ނުތަނަވަސްކަމެއްގެ ތެރޭގައި ތިބީ، އެޤައުމުގެ ޞިއްޙީ ނިޒާމުގެ ބަލިކަށިކަމުންނެވެ. ވައިރަސްއަށް ތަހުލީލުކުރުމުގެ އިންތިޒާމު ދޯދިޔާކަަމުންނެވެ. އެންމެ މީހެއްގެ ލޭގެ ސާމްޕަލް ތަހުލީލުކޮށް ވައިރަސް ޖެހުނުކަން ކަށަވަރުކުރުމާއި ދޭތެރޭގައި އެތައް ދުވަހެއް ނަގަމުންދާތީ، ވައިރަސްގެ ނުރައްކާ އެންމެންނަށްވެސް ތަޞައްވަރުކުރެވެއެވެ. އެންމެން ބިރު ގަންނަނީ ވައިރަށް އަތްނުފޯރާ ހިސާބަށް ގޮސް ގިނަ ބަޔަކު މީގެ ޝިކާރައަކަށް ވެދާނެތީއެވެ.

ޞިއްޙި ދާއިރާގެ މުފައްކިރުންނާއި މިކަންކަން ގާތުން ބަލަމުންދާ މުރާސިލުން ބުނާ ގޮތުގައި، ޕާކިސްތާނުގެ މައްސަލަ މިހާގޯސްވެގެން މިދިޔައީ، އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމުގައި ޕާކިސްތާނު ސަރުކާރު ފޭލިވުމުގެ ސަބަބުންނެވެ. އަދި މިފަދަ ނުރައްކާތެރި ވައިރަސްއަކަށް ޕާކިސްތާނުގެ ކަމާއިބެހޭ އިސް މަސްއޫލުވެރިން ފުރިހަމަޔަށް ތައްޔާރުވެފައި ނެތުމުންނެވެ. ޕާކިސްތާނުވަނީ ކަރަންޓީން ފެސިލިޓީސްތަކައް ޖެހިފައެވެ. ކަރަންޓީންކުރާނެ މީހުން ބައިތިއްބާނެ ތަނެއް ނެތެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބޯޓަރީތައް ވެސް އެޤައުމުގައި އެހާމެ މަދެވެ. މީގެ ސަބަބުން ވައިރަސްއިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތައް ވަނީ ހިޔަނި އެޅިފައެވެ.

ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ތިބި އެޤައުމުގެ ސިންދް ޕްރޮވިންސްގައި ހާލަތު އަދި މާގޯހެވެ. އެ ޕްރޮވިންސްގެ އިންޑަސް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް ފޮރ އިންފެކްޝަސް ޑިޒީޒްގެ އިސް ވެރިޔާ ޑރ. ނަސީމް ޞަލާޙުއްދީން ވިދާޅުވީ، އެ ޕްރޮވިންސްގައި ފަރުވާދޭން ބަލާއިރު، އެކަށީގެންވާ އާލާތްތައް ހުރި ހޮސްޕިޓަލްތައް މަދުކަމަށެވެ. އަދި ގިނަ ހޮސްޕިޓަލްތައް މިހާރު ފުރި ބަނޑުންވެގެން އާންމުންނަށް ބަންދުކޮށްފައިވާ ކަމަށެވެ. އެ ޕްރޮވިންސްގައި ވައިރަސްއަށް ޝައްކުކުރެވޭ މީހުން ނިޞްބަތުން ގިނައެވެ. އެހެންނަމަވެސް، އެންމެ ކުޑަމިނުން ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ ގޮތެއް ނެތް ތާނަގައި ޓެސްޓުކުރެވޭނެ ގޮތެއްވެސް ނެތެވެ.

މިހާރު އަހަރުމެން ކިތަންމެ ފިޔަވަޅެއް އެޅިނަމަވެސް ކުރެވޭނެކަމެއް ނެތް. ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާންޖެހިދާނެ. ބަލިމަޑުކަމެއް ފެތުރިއްޖެނަމަ އެމީހުންނަށް ފަރުވާދެވޭނެ އާލާތްތަކެއް ނެތް. ކޮންމެ ދިމާއަކުން އުނދަގުލާއި ކުރިމަތިލާންޖެހޭ ޙާލަތްތައް ދިމާވާނީ. ކުރިޔާލާ ބޯޑަރ ކޮންޓްރޯލްކޮށް ކަރަންޓީން ފިޔަވަޅުތައް ވަރުގަދަކުރިނަމަ، މިދުވަސް ކުރިމަތި ނުވީސްކަން ހަމަގައިމު. ދުރާލާ ފިޔަވަޅު ނޭޅީމަައި ކަންކަން އަތުން ބީވެ މިހާރު މިއޮތީ ބޮއްސުން ލާފަ.
ޑރ. ނަސީމް ޞަލާޙުއްދީން /އިންޑަސް ހޮސްޕިޓަލް/ޕާކިސްތާން

ރޮއިޓަރސްއިން މިދިޔަ ހަފުތާގައިކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕާކިސްތާނުގެ ޞިއްޙަތާއި ބެހޭ ވަޒީރު، ޒަފަރް މިރުޒާ ވިދާޅުވީ، އެޤައުމުގައި ކަރަންޓީން ފެސިލިޓީސްތައް ޤާއިމުކުރެވިފައި ހުރީ އެންމެ އެކަށީގެންވާ ފެންވަރެެއްގައި ނޫންކަމަށެވެ. އަދި އިތުރަށް ކުރި ސުވާލުަތަކައް ޖަވާބުދާރީވާން ދެކޮޅު ހެއްދެވިއެވެ. ޕާކިސްތާނުން ކޮވިޑް-19 އަށް ތައްޔާރުވެފައިވާ މިންވަރާއި ބެހޭގޮތުން ޕާކިސްތާނުގެ ނޫސްވެރިންނާއި، ބޭރު ޤައުމުގެ މީޑިއާތަކުން ކުރިމަތިކުރުވާ ސުވާލުތަކައް ޕާކިސްތާނު ސަރުކާރުގެ އިސް މަސްއޫލުވެރިން ދެނީ ބީރު ކަންފަތެކެވެ. މިހާރު ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ސިންދް ޕްރޮވިންސާއި ޚައިބަރް ޕަޚްތުންޚަވާގެ ޞިއްޙީ އިސް މަސްއޫލުވެރިން ހަނު ތިބުން މީގެ ހެއްކަކަށް ފުދެއެވެ.

ރޮއިޓަރސްއިން ވަނީ ކޮވިޑް-19 ގައި އެންމެ ފުރަތަމަ މަރުވި ސާދަތު ޚާންގެ ކޭސްގައި ޙަރަކާތްތެރިވި 3 ޑޮކްޓަރަކާއި ސުވާލުކޮށްފައެވެ. އަދި ޚާން ނިޞްބަތްވާ އަަވަށުގެ އޭނާއާއި ގާތްގުޅުމެއް އޮންނަ 4 މީހަކާއި ރޮއިޓަރސްގެ ޓީމުން ވާހަކަ ދެއްކިއެވެ. އެމީހުން ވަނީ ސާދަތު ޚާންގެ އުމުރުގެ ފަހުގެ ދުވަސްތައް ގުނަމުން ދިޔަ ގޮތުގެ ތަފުޞީލު ރޮއިޓަސްގެ ޓީމާއި ޙިއްސާކޮށްފައެވެ. އެއެންމެގެ ވާހަކައިގެންވެސް ޞަރީހަވީ އެއްކަމަކީ ސާދަތު ޚާން ވައިރަސްއަށް ފަރުވާ ނުލިބި ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހުނީ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ދޯދިޔާކަމާއި ޞިއްޙީ ޚިދުމަތް ދޭތަންތަން ހީނަރު ކަމުންކަމެވެ.

ކޮވިޑް-19 ގައި ޕާކިސްތާނުން އެންމެ ފުރަތަމަ މަރުވީ މީހާ ސާސަތު ޚާން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔައީ ފެބްރުއަރީ މަހުގެތެރޭގައެވެ. އޭރު ޕާކިސްތާނު ސަރުކާރުން އެޤައުމުގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން މަނަލެއް ނުކުރެއެވެ. އަދި ސާދަތު އެނބުރި ޤައުމަށް އައީވެސް ޕާކިސްތާނުން ކޮވިޑް-19 އާއި ގުޅިގެން އެޤައުމަށް އެތެރެވުން މަނާނުކޮށް އޮތްވައެެވެ. ސާދަތު ސައުދީ އަރަބިއްޔާގައި 3 ހަފުތާ ހޭދަކުރިކަން ރޮއިޓަރސްގެ ހޯދުންތަކުން އިނގެއެވެ.

ސާދަތު ޕާކިސްތާނަށް މާރޗް މަހުގެ 8 ވަނަ ދުވަހު އެނބުރި އައިއިރުވެސް އޭނާގެ ބަލިހާލަތު ގޯސްކަމަށް އޭނާގެ ގާތް ދެމީހަކު ބުންޏެވެ. ސައުދީ އަރަބިއްޔާގެ ޖިއްދާއިން ފުރައިގެން ޕާކިސްތާނުގެ ޕެޝާވަރުން އިންޓަރނޭޝަނަލް އެއަރޕޯޓަށް އޭނާ އައީވެސް އިތުރުފަރާތެއްގެ އެހީތެރިކަމާއެކުގައި ކަމަށްވެސް އެމީހުން ބުންޏެވެ. އޭނާގެ ޞިއްޙީ ޙާލަތު އެހާ ގޯސް އިރުވެސް އެއަރޕޯޓުން ފޯރމެއް ފުރާ، އާދައިގެ މަތިން އޭނާ ސްކްރީންކުރުމަށް ފަހު ގެއަށް ފޮނުވާލީކަމަށްވެސް އެމީހުން ބުންޏެވެ. އެއަަރޕޯޓުގެ އޮފިޝަލުން ބުނީ ސާދަތު އޭނާގެ ބަލިޙާލަތު ނުބުނެ އޭނާއަށް އެމަރުޙަލާވެސް ކަޑައްތު ކުރެވުނީސް ކަމަށެވެ. އެހާވެސް ކަންކަން ރޭވިފައި އޮތް ގޮތް ދޯދިޔާކަން އެއަރޕޯޓްގެ އޮފިޝަލްވެސް ފާހަގަކުރިއެވެ.

ފަހުން ސާދަތު ޓެސްޓްކޮށް އޭނާގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޮޒިޓިވްވުން، އޭނާއާއެކު އެއް ފްލައިޓަުން ދަތުުރުކުރި މީހުން ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކުން ފެށިއެވެ. އެހެންނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. އެ ފްލައިޓުން ދަތުރުކުރި ގިނަ މީހުން ވަނީ އެކި ޙައިޞިއްޔަތުތަކުން ގިނަ ބަޔަކާއި ދިމާވެފައެވެ. އަދި ޒަރޫރީ އެކި ބޭނުންތަކުގައި، އެކި ތަންތަނަށް ޒިޔާރަތްކޮށްފައެވެ.

ސާދަތު ޚާން ކެއްސާ، ހުން އައިސް، ނޭވާލަން އުދަނގޫވެގެން އެންމެ ފުރަތަމަ ދެއްކީ އޭނާގެ ގެއާއި އެންމެ ކައިރީގައި އިން ހޮސްޕިޓަލަކަށެވެ. އަދި އެ އަލާމާތްތަކަކީ ކޮވިޑް-19 ގެ އަލާމާތްތައް ކަމަށް ވުމާއެކު، ޝައްކުކުރެވޭ ކޭސްއެއްގެ ގޮތުގައި ބަލާ، ލޭގެ ސާމްޕަލް ނަގާ ޓެސްޓުކުރަން ފޮނުވިއެވެ. ސާމްޕަލް ފޮނުވީ ވެރިރަށް އިސްލާމް އާބާދަށެވެ. އެހާހިސާބުންވެސް ޑޮކްޓަރުން އޭނާ ކަރަންޓީން ކުރަން މަސައްކަތް ކުރި ކަމެއް ޔަޤީން މަސްދަރަކުން އިނގޭކައްނެތެވެ. ސާފުވާ ކަމަކީ އޭނާ އަނބުރާ ދިޔައީ ގެއަށް ކަމަށެވެ. އޭނާއާއެކު ގޭގައި، އަނބިމީހާއާއި 5 ދަރިންނާއި، 2 ދަނބިދަރިންނާއި، 4 ކާފަ ކުދިން ދިރިއުޅެއެވެ.

ކަންވެގެންދިޔައީ ވަރަށް ހިތްދަތިގޮތަކަށެވެ. އޭނާގެ ސާމްޕަލް ގެ ނަތީޖާ ވެރިރަށް އިސްލާމް އާބާދުން އޭނާ ޓެސްޓްކުރި ހޮސްޕިޓަަލަށް ލިބުނު ދުވަހަކީ އޭނާ މަރުވި ދުވަހެވެ. ޓެސްޓުގެ މާބޮޑު ބޭނުމެއް ނުހިފުނެވެ. ދުނިޔެއާއި ވަކިވެގެން ދިޔައީ ޓެސްޓުގެ ނަތީޖާ ލިބިގެން އޭނާއަށް އައިސޮލޭޝަންގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށިތާ މާގިނައިރެއް ނުވެއެވެ.

މި ޙާދިސާގެ ސަބަބުން މިހާރު އޭނާގެ އާއިލާއާއި އޭނާގެ އަވަށުގެ އެންމެން ތިބީ ނާމާން ބިރުވެރިކަމެއްގެ ތެރޭގައެވެ. ސަބަބަކީ ސާދަތު ޚާންއަށް މަރުޙަބާ ކިޔަން ބޭއްވި ޖާފަތުގައި ބައިވެރިވި 2،000 އަށް ވުރެގިނަ މީހުން ކޮވިޑް-19 އަށް ހުށަހެޅުމެވެ. ޚުދު ސާދަތު ޚާންއަކީވެސް އޭނާގެ އަވަށުގައި ވަރަށް މަޤުބޫލު ޑޮކްޓަރެކެވެ. އޭނާ އަމިއްލައަށް ކްލިނިކެއްވެސް ހިންގައެވެ. އޭނާއަށް އެހާ ދުވަހު ހިފަހައްޓާލެވުނީވެސް އޭނާއަކީ ޑޮކްޓަރެއްކަމުގައިވތީ އަމިއްލަ ދިފާއަށް ކުރާނެ ކަންތައް ޚުދު އަމިއްލައަށް އިނގޭތީކަމަށް އޭނާގެ އަވަށުގެ މީހުން ލަފާކުރެއެވެ.

ސާދަތު އުމްރާއިން އެނބުރި އައިފަހުން ކްލިނިކްގައި ޚިދުމަތެއް ނުދެއެވެ. އޭނާ އަމިއްލައަށް ގޭގައި ކަރަންޓީންގައި އޮތް ދުވަސްވަރު، އެ ކްލިނިކް ހިންގީ އޭނާގެ ދަރިންނެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅު އޭރު އޭނާއާއެކު ވަގުތ ހޭދަކުރުމަށްފަހު، އަނބުރާ ކްލިނިކަށް ގޮސް ވަރަށް ގިނަ މީހުންނަށް ކްލިނިކްގައި ފަރުވާދެމުންދިޔަކަން އިނގެއެވެ. އެހެންކަމުން ކްލިނިކަށް ފަރުވާ ހޯދަމުން ދިޔަ އެންމެންވެސް މިހާރު ވަނީ "ޑައިރެކްޓް ކޮންޓެކްޓް" އަށް ވެފައެވެ.

ސާދަތު ޚާންގެ މިކޭސްގެ ސަބަބުން އޭނާގެ މުޅި އަވަށުގެ ރައްޔިތުން މިހާރު ތިބީ ހާސްކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެއަވަށުގެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން މިހާރު ތިބޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން ޓެސްޓުކުރަންވެސް ދެކޮޅު ހަަދައެވެ. އެއަވަށުގެ ޞިއްހީ އެހީތެރިން އާންމުންނަށް ނަޞޭހަތްތެރިވި ނަމަވެސް ގިނަ ބަޔަކު ދަނީ މައުލޫމާތު ހިއްސާކުރަން ދެކޮޅުހަދަމުންނެވެ. މިކަމާއި ގުޅިގެން އެއަވަށުގެ އާއްމު އިދާރާތަކުން ދޭ ބައެއް ޚިދުމަތްތައް މިހާރުވަނީ މެދުކަނޑާލާފައެވެ. ޞިއްޙީ އެހީތެރިން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއްކަމަކީ އެއަވަށުގެ ހޮސްޕިޓަލްތަކުގައި، ކޮވިޑް-19 އަށް އެއަވަށުގައި ޓެސްޓު ހެދެން ނެތުމާއި، ފަރުވާ ދިނުމަށް ބޭނުންވާ ފަންނީ އާލާތަތައް ނެތުމާއި، ފަރުވާދޭނެ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމެވެ.

މިހާރު އަވަށް އެއްކޮށް "ލޮކްޑައުން" ނުވަތަ އަރާ ނުފޭބޭ ގޮތް ވަނީ ހަދާފައެވެ. އަދި 7،000 މީހުން ދިރިއުޅޭ މަންގާ އަވަށުގައި، އެންމެން އެއްތަނަކަށް އެއްކޮށް ކަރަންޓީން ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ޓެސްޓުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް ޚަބަރުލިބެއެވެ. މިހާރު އެ ޒޯންގައި ތިބި މީހުން ޓެސްޓުކުރަން މައި ސަރުކާރުން ޓެސްޓް ކިޓްތައް ފޮނުވާފައިވާކަމަށް ޚަބަރު ލިބެއެވެ. މަންގާ އަވަށުގެ މީހުން ބުނާ ގޮތުގައި، ކަރަންޓީން ފެސިލިޓީއެއް ޤާއިމުކުރިނަމަވެސް، ކަމާއި ބެހޭ އޮފިޝަލުން އަޅައެއް ނުލައެވެ. ކަންކަން ބަލަން ވާވަރަށް ނުބަލައެވެ. އެތާނގައި ތިބި ޞިއްޙި އެހީތެރިން ބުނަނީ އެންމެން ޓެސްޓްކުރެވޭ މިންވަރަށް ޓެސްޓް ކިޓްތައް ނެތުމުން، އިސްކަންދޭނީ ކޮންބައެއްކަން ކަނޑައަޅަން ދަތިކަމަށެވެ. އެހެންކަމުން މިވަގުތު ޓެސްޓްކުރަނީ އަލާމާތްތައް އެންމެ ބޮޑުހެން ހީވާ މީހުންކަމަށެވެ.

ޕާކިސްތާނުން ވައިރަސްގައި މަރުވި ސާދަތު ޚާންގެ އާއިލާގެ 4 މީހެއްގެ ގައިން ވައިރަސްގެ އަލާމާތް ފެނިގެން ޓެސްތްކުރި އިރު 4 މީހުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. އެހެންނަމަވެސް އެމީހުން ވީނުވީއެއް ނޭނގި ފިލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ފިލީ ބިންގަރާހެއްގައެވެ.

މިއީ ޕާކިސްތާނުގެ ރަށްފުށުގެ ވާހަކައެކެވެ. ޕާކިސްތާނުގެ ރަށްފުށު ޞަރަހައްދުގެ ގިނަ ޞަރަޙައްދުތަކުގައި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމެއް ނޯވެއެވެ. ބައެއް ކްލިނިކްގައި ފަރުވާދެމުންދަނީ ކަމަށް އެކަށީގެންވާ މިންވަރަށް ތަމްރީނުލިބިފައިނެތް އާދައިގެ ޞިއްޙީ އެހީތެރިންނެވެ. ގިނަ މީހުން އަރިދަފުސް ރޯގާ، އަދި ހުމާއި ގައިގައި ރިއްސުން ފަދަ ބަލިތަކައް ބޭސް ގަންނަނީ ޑޮކްތަރެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ޑިސްޕެންސަރީއަށް ގޮސް ބޭސް ގަނަގެންނެވެ. މިއީ ޙާލަތު އޮތް ގޮތެވެ.

ކޮވިޑް-19 ގެ ވަބާ ޕާކިސްތާނުގައި ފެތުރެމުންދާއިރު، ރަށް ފުށުގެ އެންމެ މީހަކަށް ޖެހުނަސް ދުވަސް ދިޔައީއެވެ. ސާދަތު ޚާންގެ ވާހަކަ މީގެ ހެއްކަކަށް ފުދެއެވެ. ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުގެ ފަރުވާ ކުޑަކަމުންނާއި، ބަލަން ވާވަރަށް ކަންކަން ނުބެލުމުގެ ސަބަބުން، އެންމެ މީހެއްގެ ފުށުން އެތައް ހާސް ބަޔަކަށް މިއަދު މިވަނީ މިނުރައްކާތެރި ވައިރަސްގެ ޝިކާރައަކަށް ވެފައެވެ. މީގެއިން މިންޖުވާނީ ކިތަންމީހުންކަން އަންދާޒާކޮށްލަންވެސް ދައްޗެވެ.

ސާދަތުގެ މަރުގެ މިކޭސްގެ ސަބަބުން ޕާކިސްތާނުގެ ނާޒުކު ޙާލަތު ކިތަންމެވަރަަކަށް ވެސް ފަހުމް ވެއެވެ. ދުއާއަކީ ޕާކިސްތާނުގެ ރަށްފުށުގެ ރައްޔިތުން މިކަމުން މިންޖުވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
67%
0%
0%
0%
ކޮމެންޓް