ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 17:09
ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ
ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ
ފޭސްބުކް
ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ
ކުރުނބާފެން، އައިވީގެ ގޮތުގާދީގެން، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރި ޙަފީޒާގެ ވާހަކަ
 
" ކޮވިޑް 19ގެ" ޚިދުމަތަށް، ހިލޭ ސާބަހަށް ނިކުންނަވަން ތައްޔާރަށް ހުންނެވި ކަން ފޭސްބުކްގައި ލިޔުއްވި
 
ޙަފީޒާއަށް ކޮލެރާގެ ބޭސް ލިބުނުތާ، މަހެއްހާ ދުވަހުގެ ތެރޭގައި ހައްދުންމަތިން އޭނާ ކޮލެރާ ކޮންޓްރޯލު ކުރި
 
ރާއްޖޭގައި ކޮލެރާ އުޅޭކަން، ރޭޑިއޯއިން އިޢުލާން ކުރިއިރު، ޙަފިޒާ ހުންނެވީ، ކޮލެރާއިން އަތޮޅެއް ސަލާމަތްކުރި މަސައްކަތް ނިންމާ، އަތް ދޮންނަން!

ވަގުތަކީ، ހައްދުންމަތީ، މާބައިދޫގައި ކޮލެރާ ފެތުރެމުންދިޔަ ޚުތޫރަތްތެރި ދަނޑިވަޅެވެ. ސަރުކާރުން އެ އަތޮޅަށް ފޮނުއްވާފައިހުރީ، ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ އެވެ. އޭރު އޭނާ އަތުގައި އޮތީ، އެންމެ ނުވަ އައިވީއެވެ.

ރާސްލާފައި އެ ފުޅިތައް ހުސްވެއްޖެއެވެ! މީހުންތައް މަރުވާން ފަށައިފިއެވެ. ދޭނެ ބޭހެއް ހެދޭނެ ގޮތެއް ނެތެވެ. މަރުވާ އެންމެންހެން މިމަރުވަނީ، ޑީހައިޑުރޭޓު ވެގެންނެވެ. ހޮޑު މަނާކުރާނެ ބޭހެއް ނެތުމުން، ފެން ފޮދެއްވެސް ޖެއްސޭކަށް ނެތެވެ. މިއީ ޢުމުރުން 20 އަހަރުގެ ޒުވާން ޙަފީޒާ ގޮތް ހުސްވި ވަގުތެވެ. ހަތަރު އުދަރެސް ފެނުޖެހުނު ވަގުތެވެ.

ކުއްލިއަކަށް އޭނާގެ ވިސްނުމަށް އައީ، ކުރުނބާފެން، އައިވީ އަށް ދިނުމަށެވެ. އެގޮތުން ކުރުނބާ ފެން އައި.ވީ އަށް ދިނީ ސީދާ ކުރުނބަޔާ އައި.ވީ ސެޓް ގުޅައިގެންނެވެ. މިކަމުގައި އޮތް ރިސްކުވެސް އެހާމެ ބޮޑެވެ. ނާރުގެ ތެރެއިން އެދާ ކުރުނބާ ފެނާއެކު، ހެވާކޮޅެއް ލޭ ހޮޅިތެރެއަށް ހިނގައްޖެނަމަ، ކްލޮޓެއް އުފެދި ސްޓްރޯކެއް ޖެހި، މީހާ މަރުވުމަކީ ގާތް ކަމެކެވެ. އެހެން ކަމުން، މި ކަންކަމަށް ސަމާލުވެ، ވަރަށް ފަރުވާތެރިކަމާއެކުލަސްލަހުން ފުރަތަމަ މީހާގެ ނާރުގެ ތެރެއަށް ކުރުނބާފެން ފޮނުވަންފެށީ، އޭނާ ޑީހައިޑްރޭޓުވެ މަރަށް ތެޅިތެޅި އޮއްވައެވެ.

އިސައިހިތަކުމެ، ބަލިމީހާ ލޯ ހުޅުވައިލިއެވެ. ހަފީޒާ އަޖުމަ ބަލަމުން އެދާ ފަރުވާއިން ފުރަތަމަ ފުރާނަ ސަލާމަތް ކުރެވުނީއެވެ. އޭރު ދެންވެސް އެނދުމަތިވެފައި އެތިބީ، އެއް ހާލެއްގައި ތިބި މީހުންނެވެ. ކޮންމެ ފުރާނައެއްވެސް ސަލާމަތްކުރުން އޭނާއަށް މުހިންމެވެ.

ކުރުނބާ ފެނުންވެސް ގާތްގަނޑަކަށް ލިބެނީ އައި.ވީ އަކުންވެސް ލިބޭނެ މާއްދާ ތަކެވެ. ޕޮޓޭސިއަމާއި، މެގްނޭޒިއަމާއި، ސޯޑިއަމްފަދަ މާއްދާ ތަކެވެ. އެހެންކަމުން، ދެން ފެންނާންފެށީ، "ކުރުނބާއައިވީ" ކަށިތައް، ބަލި މީހުންގެ ނާރުތަކަށް، ގުޅަމުން އެ ގެންދާ މަންޒަރެވެ. އެއާއެކު، ޑީހައިޑްރޭޓުވެ، މަރުގެ ތުންފަތް މަތީގައި ތިބި މީހުންނަށް ދިރުން ލިބޭން ފެށިއެވެ.

ޙަފީޒާއަށް، ބޭހާ އައިވީ ލިބުނީ، މިގޮތަށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރިފަހުންނެވެ. ފޮނުވަންވީ ކޮން ބޭސްތަކެއްތޯ؟ އޭރުގެ ޑީ.ޕީ.އެޗުން، އޭނާކުރެން ސުވާލު ކުރެވުނު ވަގުތު އޯޑަރު އެދެނީ، ކޮލެރާއަށް ދޭ ބޭހަށެވެ. "ޓެޓްރަސައިކްލިން" އާއި "އޯއާރުއެސް" އަށެވެ.

މިއީ، ކޮލެރާއޭ ބުނުން އެވަގުތު އޭނާއަށް މަނަލެވެ. އެހެނަސް މާލޭން އޮތީ، އޭނާ އެ އެދިލައްވާ ބޭސް ފޮނުވައިދޭ ގޮތަށެވެ. އެ ބޭސްތައް ފޮނުވުން މަނަލެއް ނޫނެވެ. މަނަލީ ކޮލެރާއޭ އޭނާގެ ދުލުން ބުނުމެވެ.

އޭރަކު މިއީ ކޮލެރާ ރޯގާކަމަށް ސަރުކާރުން އިޢުލާނެއް ނުކުރެއެވެ. އެ ދުވަސްވަރަކީ، ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ކައިރިއެވެ. އެހެން ކަމުން މިފަދަ ޚަބަރެއް ވެގެންދާނީ، ފަތުރުވެރިން، ރާއްޖެއައުން ހުއްޓިދާނެ ފަދަ ޚަބަރަކަށެވެ.

ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ އަދި ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ

އެހެން ނޫނަސް ސާމްޕަލް ނަގައިގެން، ލެބޯޓަރީ ޓެސްޓަކުން އެކަން ކަށަވަރު ކޮށްގެން ނޫނީ، ސަރުކާރަށް، ކޮލެރާ ފެތުރޭ ވާހަކަ އިޢުލާނު ކުރެވޭކަށް ނެތެވެ. އެއި އެކަން ކުރަންޖެހޭނެވެސް ގޮތެވެ.

ޙަފީޒާއަކީ، އިންޑިއާގައި ކިއަވަން ހުންނެވި ދުވަސްވަރު، ކޮލެރާއަކީ ކޮބައިކަން އުނގެނިގެން ހުރި ކަނބަލެކެވެ. އެހެންކަމުން އެނާއަށް މި ބަލީގެ ނިޝާންތަކުން އެހެން ބުނާކަށް ޝައްކެއް ނެތެވެ. ނަމަވެސް އެހެން ބުނަން އެއީ ޑޮކްޓަރެއް ނޫނެވެ. ޖަމާޢަތުގެ ސިއްޙީ އެހީތެރިއެކެވެ. އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ލެބް ޓެސްޓަކާ ނުލައި، އޭނާ އެ ބުނާ ވަހަކަ އިޢުލާނު ކުރެވޭކަށްވެސް ނެތެވެ.

ކޮންމެއަކަސް، އިސައިހިތަކުމެ، ޙަފީޒާ އެދިލެއްވި ހުރިހާ ބޭހެއް ލިބިއްޖެއެވެ. އޭރު މާބައިދުއާ، އިސްދޫކަޅައިދުއާއި މުންޑޫ އަދި ދަނބިދޫގައި، ކޮލެރާފެތުރެމުން ދެއެވެ. ދުވާލެއްގެ މައްޗަށް އެކެއް ދެ މީހަކު މަރުވަމުންވެސް ދިޔައެވެ.

ޙަފީޒާއަށް ކޮލެރާގެ ބޭސް ލިބުނުތާ، މަހެއްހާ ދުވަހުގެ ތެރޭގައި ހައްދުންމަތިން އޭނާ ކޮލެރާ ކޮންޓްރޯލު ކުރިއެވެ. މި މަސައްކަތުން ލިބުނު ކާމިޔާބީގެ ހިނިތުންވުމާއެކު، އޭރު އަތޮޅުވެރިކަން ކުރާރަށް ހިތަދޫއަށް އައިސް އަތޮޅުގޭގެ ކާގެއަށް ވަދެ އަތްދޮވިލިހިނދު، ރާއްޖޭގައި ކޮލެރާ ފެށިއްޖެކަން ރޭޑިއޯއިން ރަސްމީކޮށް އިޢުލާން ކުރަމުން ދިޔައެވެ.

ބ. އަތޮޅުން ނެގި ސާމްޕަލެއް ޓެސްޓު ކުރުމަށްފަހު، ރާއްޖޭގައި ކޮލެރާ ފެތުރޭކަން އެ އިޢުލާން ކުރަނީ 29 މާރޗް ގައެވެ. ޙަފީޒާ ހައްދުންމައްޗަށް ދިޔައީ ފެބްރުވަރީ މަހުގައެވެ. ކޮންމެއަކަސް ރޭޑިއޯއިން އިވެމުން އެދާ އިޢުލާނުގެ އަޑު އައްސަވަމުން ގެންދެވި އަތޮޅުވެރިއާ، ޙަފީޒާއަށް ބައްލަވައި ލައްވައި، ފަޚުރުވެރި ކަމާއެކު، ހިނިތުންވެ ލެއްވިއެވެ. އޭރު ހަފީޒާ އެ ހުންނެވީ، ހައްދުންމަތީގައި ފެތުރެމުންދިޔަ ކޮލެރާ ކޮންޓްރޯލު ކުރައްވައި އަތްދޮންނާށެވެ. މި މަސައްކަތުގައި އޭނާއަށް އެހީތެރިވެ ދެއްވީ ޖަމާއަތުގެ ސިއްޙީ އެހީތެރިޔާ އަޙުމަދު އަލީއެވެ.

ޖަމާޢަތުގެ ސިއްޙީ އެހީތެރިއެއްގެ ގޮތުގައި އަތޮޅުތަކުގައި ޙަފީޒާ ހޭދަކުރެއްވި 23 އަހަރުގެ ތެރޭގައި ވ. އަތޮޅާއި، ޅ. އަތޮޅާއި، ހދ. އަދި ހއ. އަތޮޅުގެ އިތުރުން، ގއ. އަތޮޅާއި، ބ. އަތޮޅާއި، ދ. އަތޮޅުގައި ވެސް، ޚިދުމަތް ކުރެއްވިއެވެ.

ހައްދުންމަތި، ކޮލެރާއިން ކޮންޓްރޯލު ވުމާއެކު، އޭނާއަށް ދެން އެންގެވީ، ގއ. ގައި ފެތުރެމުންދިޔަ ކޮލެރާ ކޮންޓްރޯލުކުރަން ފުރުމަށެވެ. އެހައިތަނުން އޭނާ ގއ. އަދި ގދ. ގައިވެސް، މި ރޯގާ ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފަށްޓަވައި، އެ ސަރަޙައްދުން ކޮލެރާ ކޮންޓްރޯލް ކުރެއްވިއެވެ. އޭރު ބޭހާ އައިވީ އޮތީ އިންތިހާއަށް ފަހިވެފައެވެ. އެހެން ކަމުން މަހެއްގެ ތެރޭގައި އެ ސަރަޙައްދުން އޭނާ ކޮލެރާ ކޮންޓްރޯލް ކުރިއެވެ.

ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ ޙަފީޒާ ޢަލީ

1975ން 1998ގެ ނިއަލަށް، ޙަފީޒާ ގެ ޚިދުމަތުގެ މާޒީގެ ތެރޭގައި، ގައިނީ ޑޮކްޓަރަކު އަދާކުރައްވަން ޖެހޭ ދައުރުވެސް، އަދާކުރެއްވީ އޭނާއެވެ. މަސްތުރަ ނުވެގެން ނޭވާހޮޅިއަށް އެޅިފައިވި އެތައް ސަތޭކަ މައިންނެއްގެ ފުރާނަ ސަލާމަތް ކުރުމުގައެވެ. ވިހަން އުނދަގޫވާ ޙާލަތްތަކުގައި މެނުއަލްކޮށް ކަފާ އަދި ފަހައިގެންނެވެ.

ޚާއްސަ ގޮތެއްގައި "ސްޓްރޯކް" ޖެހުނު އެތައް ބަޔަކަށް ފަރުވާދީ، ފިޒިއޮތޮރަޕީ ދީ، އެމީހުން ކޮޅަށް ޖެއްސެވިއެވެ. އޭނާގެ ޚިދުމަތުގެ ދިގު މާޒީގައި، އިންތިހާ ހިނިތުންވުންތަކާ، ޝުކުރު ލިބެމުން ދިޔައިރު، ހުވަދޫ އަތޮޅު ދިޔަދޫ ކަތީބަކަށް ފަރުވާ ދެއްވަން ފުރުއްވި ދަތުރުގައި، އޮޑި ބަނޑުންޖަހާލައި، އެރޭ ހަތަރުދަމު، ކަނޑުގައި ފަތަފަތާ އޮންނަވަން ޖެހުނު ރޭގެ ހަނދާންތަކަކީ، މިއަދުވެސް، ޙަފީޒާއާއި ވަކިވެފައިވި ހަނދާނެއް ނޫނެވެ. އެހެން ނަމަވެސް އެ ދަތުރުވެސް އެނާ ނިންމަވާލެއްވީ، ދިޔަދުއަށްއަރާ، ކަތީބަށް ފަރުވާ ދެއްވުމަށްފަހު އެވެ.

މިއަދު ހެނދުނު، ޙަފީޒާގެ ފޭސްބުކު ޕޭޖުން، ކޮށްލި، އެންމެ ވަރުގަދަ އިޝާރަތަކީ، "ކޮވިޑް19ގެ" ޚިދުމަތަށް، ހިލޭ ސާބަހަށް ނިކުންނަވަން ތައްޔާރަށް ހުންނެވި ކަމެވެ. އެހިނދު، އެތައް ބައެއްގެ ޝުކުރާ ތަރުޙީބު އޮހިގަތެވެ. ކާމިޔާބު މާޒީގެ ފަސްބައެއް އޮތް ޙަފީޒާ، އަނެއްކާވެސް، ކޮވިޑް19 ގެ ޚިދުމަތަށް ނިކުންނެވިތީއެވެ. އެކަން އޭނާ އިޢުލާން ކުރެއްވީތީއެވެ. ނަމަވެސް މިއަދު އޭނާ އަލުން ކުރުނބާފެނުން އައިވީ ދެއްވާކަށް ނުޖެހުނެއް ކަމަކު، ޙާލަތަކީ ދާދި އެއް ޙާލަތެކެވެ. މިއަދަކުވެސް މި ބައްޔަށް ތައްޔާރު ކޮށްފައިވި ވެކްސިނެއް، ބޭހެއް އަދިއެއް ނެތެވެ. ފަރުވާ ދެވެނީ، ބައްޔާ ގުޅިގެން ދައްކަމުންދާ ކަންކަމަށެވެ.

ސިއްޙަތާބެހޭ ވަޒީރުގެ އިލްތިމާސަށް އިޖާބަ ދެއްވައި، ސިއްޙީ ޚިދުމަތުގެ އިހުރެ ރަންސަފުގައިވި ބޭފުޅުން، ޤައުމީ ޚިދުމަތަށް ނިކުންނަވާކަމީ، "ތިމާ ޤައުމަށް ކޮށްދޭނީ ކޮން ކަމެއްތޯ" އެބޭފުޅުންވެސް އައްސަވާ ހިތްޕުޅުން ތިއްބެވި ކަމުގެ އައުލާ މިސާލެކެވެ. މިއީ ފަރުދީ ޒިންމާ އުފުލައި، އެންމެން އަތުގުޅާލަންވީ ޤައުމީ ވަގުތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
90%
0%
2%
0%
3%
ކޮމެންޓް
18 މާރޗް 2020 | ބުދަ 18:27
ތާހިރު
ހަފީޒާ އެމްޑީޕީއަށް ހައްދެއްނެތް މިންވަރަށް ސަޕޯޓްކުރާއިރު ދ.އަޮޅު ހޮސްޕިޓަލަށް 50އ ފުރުމުގެ މުނާސަބަތުގައި އެމްޑީޕީ ސައުކާރުން އޭނައަށް ދައުވަތު ނުދިނީ އޭނާ ދ އަތޮޅަށާއި މުޅިރާއްޖެއަށް ސިއްޙީ ދާއިރާއިން ކޮށްދީފައިވާ ޚިދުމަތް ފާހަގަކުރަންތޯ؟
17 މާރޗް 2020 | އަންގާރަ 23:24
އއ އަބްދާހި
ޝުކުރަން. ޢަޅުގަނޑަކީ ފަރުވާ އިން ސަލާމަތްވި 4 އަހަރުގެ ކުޑަ ކު އްޖެ އް.
17 މާރޗް 2020 | އަންގާރަ 19:47
ޢާނޯލް
ކުޑަހުވަދޫގެ ފަޚުރުވެރި ދަރި އެއއ އް
17 މާރޗް 2020 | އަންގާރަ 19:20
ކުޑަހުވަދޫ
ފަޚުރުވެރި ކުޑަހުވަދޫ ދަރިއެއް.
17 މާރޗް 2020 | އަންގާރަ 18:41
ކަމަނަ
ޢޭނަ ކައިރީ އަަަހާބަލަ އޭނަ މޮޅެތި ގޮތްގޮތް ހަދަން ހަދައިގެން ކިތައްމީހުންނަށް އެކިކަހަލަގެ އަނިޔާ ލިބި ފަ ވޭތޯ....
17 މާރޗް 2020 | އަންގާރަ 17:55
ފަ އިސަލް
އުފަލުން ފެންކަޅި ވެ އްޖެ.... ތިޔަ އީ ފިސާރި ކަނބަލުން ނަކީ....
17 މާރޗް 2020 | އަންގާރަ 17:55
ފަ އިސަލް
އުފަލުން ފެންކަޅި ވެ އްޖެ.... ތިޔަ އީ ފިސާރި ކަނބަލުން ނަކީ....
17 މާރޗް 2020 | އަންގާރަ 17:34
އިބްރާހިމް
ކޮލަރާޖެހިގެން ސަލާމަތްވި މީހުންގެތެރޭގަ އަޅުގަނޑުގެ ބައްޕަވެސް ހިމެނޭ. ޝުކުރިއްޔާ ޙަފީޒާ